4/7/2022

ޖިނާއީ އިޖުރާއާތާއި ވަގުތު ގުނުން

ވ. ތިނަދޫ ރެޑްހައުސް އަޙްމަދު މޫސާ މުޙައްމަދުގެ މައްޗާށް ޚިޔާނާތްތެރިވުމުގެ 42 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެކޯޓުން އެމައްސަލަ ގެންދަވަނީ ބައްލަވަމުންނެވެ. އެމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ 2021/HC-B12/75 ޤަޟިއްޔާއިން އަޙްމަދު މޫސާ މުޙައްމަދު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވެއެވެ. ހައިކޯޓުގެ އެ އަމުރު އެގޮތަށް އޮއްވާ، 20 މާރިޗު 2022 ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖަޢާ އަޑުއެހުމުގައި އަޙްމަދު މޫސާ މުޙައްމަދު ޝަރުޠުތަކަކާއެކު ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ސަޢީދު އަމުރު ކުރައްވައިފިއެވެ. މިމައްސަލައިގައި، ހައިކޯޓާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި، ބަންދާމެދު ޢަމަލުކުރަންވީ ގޮތް ސާފުކޮށް އޮއްވާމެ އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމަކީ އަޅުގަނޑު ޙައިރާންވި ކަމެއް ނޫނެވެ.

 

މިމައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން، ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އިއްޔެގެ ވަގުތެއްގައި، ހައިކޯޓުން އެމައްސަލައިގައި ނިންމެވީ، އެމައްސަލަ ހުށަހެޅިފައި އޮތީ، ޤާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކަމަށްނުވާތީ، އެމައްސަލަ ބަލައިގަނެ ހިންގޭން ނެތް ކަމަށެވެ.

 

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި އޮންނަނީ؛

މިމާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރްޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެއެވެ. މިހެންނެވެ.

 

ހައިކޯޓުން ވިދާޅުވަނީ؛

1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި، ގަޑިއިރުން ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައި ހުރި ކަންކަމުގައި 'ގަޑި' ގުނާނެ ގޮތް ޤާނޫނުގައި ނެތް ކަމަށެވެ.

2. މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގައިވެސް، ގަޑި ގުނާނެ ގޮތް ބަޔާންކޮށްފައި ނުވާކަމަށެވެ.

3. މިޙާލަތުގައި، ގަޑި ގުނުމަށް ހައިކޯޓުން އެޅުއްވި ހަމައަކީ، މީހުން ބަންދުކޮށްފައި، 24 (ސައުވީސް ގަޑިއިރު) ތެރޭ ފަނޑިޔާރެއް ކުރިމައްޗަށް ހާޒިރުކުރަން، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ 58 ވަނަ މާއްދާގައި ލާޒިމުކޮށްފައިވާތީ، އެ ސައުވީސް ގަޑިއިރު ގުނަނީ، ހައްޔަރުކުރާ ވަގުތުން ފެށިގެން ދެމިގެން ދާގޮތަށް ކަމަށްވާތީ، އެ ސައުވީސް ގަޑިއިރާއި، އިސްތިއުނާފު ކުރަން އޮތް ސާޅީސް އަށް ގަޑިއިރާ ޤިޔާސް ކުރުން ކަމަށެވެ.

4. ވީމާ، ޕީޖީ އޮފީހުން އިސްތިއުނާފުކުރި އަމުރު އިސްތިއުނާފު ކުރަން އޮތް 48 ގަޑިއިރު ގުނާނީ، އިސްތިއުނާފުކުރާ އަމުރު ކްރިމިނަލް ކޯޓުން ނެރުނު ހިނދުކޮޅުން ފެށިގެން، ރޭގަނޑާއި ދުވާލާއެކު، 48 ގަޑިއިރު ހަމަކުރާ ގޮތަށް ކަމަށެވެ.

5. އެގޮތަށް ގަޑި ގުނުމުގެ ނަތީޖާއަކީ، ޕީޖީ އޮފީހުން ހުށަހެޅި މައްސަލަ، 48 ގަޑިއިރު ތެރޭގައި ހުށަހެޅިފައި ނެތުންކަމަށާއި، އެސަބަބަށްޓަކައި މައްސަލަ ބަލައިގަނެ، ކުރިއަށް ގެންދެވެން ނެތްކަމަށެވެ.


ހައިކޯޓުގެ ނިންމެވުން ރަނގަޅުނުވާ ސަބަބު

ހައިކޯޓުގެ މިނިންމެވުން ބިނާކުރެއްވި ޤާނޫނީ އަސާސްތައް ކަމުނުދާތީ، މިނިންމެވުން ރަނގަޅުކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. މިކަން ޝަރަޙަކުރުމަށްޓަކައި، ގަވާއިދު ނަންބަރު

2021-SC-REG-01 (ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 169 ވަނަ މާއްދާ (މުއްދަތު ގުނާނެ ގޮތް) ގެ (ހ) ގައި އޮތް އެއްޗެއް ކިޔައިލަންޖެހެއެވެ. އެމާއްދާގައި އޮތީ؛ "ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ

މުއްދަތު ހަމަވާ ދުވަހަކާއި އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިނަމައެވެ." މިހެންނެވެ.


މާނައަކީ، 48 ގަޑިއިރު ގުނާނީ، ކޯޓުން އަމުރު ނެރުނު ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެދެމެދަށް ބަންދު ދުވަހެއް އަތުވެއްޖެނަމަ، އެދުވަސްވެސް ނުލައެވެ. އަޅުގަނޑުމެން ކުރިމަތީގައި އޮތް މައްސަލައިގެ މުއްދަތުތަކަށް ބަލާއިރު؛

20 މާރިޗު 2022 . ފުރަތަމަ މަރްޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަސް . ނުގުނާ ދުވަހެއް

21 މާރިޗު 2022 . ފުރަތަމަ ދުވަސް . ގުނާ ދުވަހެއް

22 މާރިޗު 2022 . ދެވަނަ ދުވަސް . ގުނާ ދުވަހެއް

23 މާރިޗު 2022 . އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަސް . ނުގުނާ ދުވަހެއް


އަޅުގަނޑުމެން ކުރިމަތީގައި އޮތް މައްސަލައިގައި، ޕީޖީ އޮފީހުން، އިސްތިއުނާފު މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 23 މާރިޗު 2022 ދުވަހުއެވެ. އެދުވަހަކީ، ސުޕްރީމް ކޯޓުގެ ގަވާއިދު އޮތް ގޮތުން، މުއްދަތުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ.


 

މިމާއްދާގައި ޙަވާލާދޭ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއަކީ ކޮން މާއްދާއެއްތޯއާއި، އޭގައި އޮތީ ކޮން ވާހަކައެއްތޯ ބަލާއިރު، އެއީ އިސްތިއުނާފުކުރުމާބެހޭ މާއްދާއެވެ. ފުލުހުންގެ ބަންދަށް މީހަކު ލައިގެން 24 ގަޑިއިރުތެރޭގައި ކޯޓަށް ހާޒިރުކުރާ ވާހަކައޮތް މާއްދާއެއް ނޫނެވެ.


ވީމާ، މުއްދަތު ގުނާނެ ގޮތް ޤާނޫނުގައި ނެތްކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫނެވެ. އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތެވެ. އެއީ، ދުވަހުންކަމަށް ވިޔަސް، ގަޑިއިރުން ކަމަށް ވިޔަސް، އިސްތިއުނާފާގުޅޭ ކަންކަމުގައި މުއްދަތު ގުނާނީ ކުރިން ދެންނެވި ގަވާއިދުގައި އޮތް ގޮތަށް، ދަށު ކޯޓުން ނިންމި ދުވަހާއި، އިސްތިއުނާފުގެ މުއްދަތު ހަމަވާ ދުވަހާ ނުލައެވެ.


އެގަވާއިދުގައި، މުއްދަތު ގުނާއިރު، ނުގުނާނެ ދުވަސްތައް ލިޔުއްވިއިރު، ޤާނޫނުގައި، ބައެއް އިސްތިއުނާފުގެ މައްސަލަތަކުގައި 48 ގަޑިއިރު، އަނެއްބައި މައްސަލަތަކުގައި 10 ދުވަސް އޮތްކަން، ގަވާއިދު ލިޔުއްވި، ސުޕްރީމް ކޯޓަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ވީމާ، މިއީ، އަތްދަށުން ގޮސްފައި އޮތް ކަމެއްކަމަކަށް ބެލޭކަށްވެސް ނެތެވެ.


ވަގުތު ގުނުމާގުޅޭ މި އުޞޫލަކީ، މިހާތަނަށް ޢަމަލުކުރަމުން އައިވެސް އުޞޫލެވެ. މިމައްސަލަ ބެއްލެވި ފަނޑިޔާރުންވެސް، މީގެ ކުރިން އެތައް މައްސަލައެއްގައި، މިހާރު ޢަމަލުކުރަމުންދާ ގޮތަށް މުއްދަތު ގުނާފައިވެސްވެއެވެ. މިމައްސަލައިގައި، ފަނޑިޔާރުންގެ ވިސްނުންފުޅު ތަފާތުވީ ވަކި ޚާއްޞަ ސަބަބެއް، އެ ޤަޟިއްޔާގައި ލިޔުއްވާފައިނުވާތީ، މިމައްސަލަ ޚާއްޞަވީ ގޮތެއް އަދި ނޭނގެއެވެ.


މީގެ އިތުރުން، މިހާރު ޢަމަލުކުރަމުންދާ ގޮތަށް ވަގުތު ގުނައިގެން އެތައް މައްސަލައެއް ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް ބައްލަވައި، ޙުކުމް ކުރައްވާފައިވެސްވެއެވެ. ޚުދު މިމައްސަލައިގައިވެސް، ހަމަ އެގޮތަށް ދުވަސް ގުނައިގެން މައްސަލަ ޝަރްޢީ މަރްޙަލާތަކުގައި، މީގެ ކުރިން ހިންގަވާފައިވެއެވެ.


ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި ގަވާއިދުގައި މުއްދުތައް ތަންފީޒުކުރާ ގޮތަކީވެސް ޢަޖާއިބުވަނިވި ކަމެކެވެ. ޖިނާއީ މައްސަލައެއް ތަޙްޤީޤުކުރުމަށް ފުލުހުންނަށް މުއްދަތުތަކެއް ހުރެއެވެ. މީހަކު ބަންދުކޮށްފައި ހުރިނަމަ، 30 ދުވަހެވެ. ބަންދުން ދޫކޮށްލައިފިނަމަ، 45 ދުވަހެވެ. ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރުކުރެވޭ ގޮތެއްވެސް އޮވެއެވެ. އެގޮތުން އިތުރުކޮށްގެންވެސް، އެ ލިބޭ މުއްދަތެއްގައި ތަޙްޤީޤު ނިންމައި، ޕީޖީ އޮފީހަށް ނުފޮނުއްވިއްޖެނަމަ، އެމައްސަލައެއްގައި ޕީޖީ އޮފީހުން ދަޢުވާއެއް ނުކޮށްދެއްވައެވެ. އެމައްސަލަ އަނބުރާ ފޮނުވާލާނީއެވެ.


ހަމަ އެގޮތަށް، ޕީޖީ އޮފީހަށް މައްސަލަ ލިބޭ ދުވަހުން ފެށިގެން، ދައުވާ ކުރުމަށް ލިބެނީ ވަކި މުއްދަތެކެވެ. އެމުއްދަތުގެ ތެރޭގައި ދައުވާ ނުކުރެވިއްޖެނަމަ، އެމައްސަލަ ޝަރްޢީ ކޯޓަކުން ބަލައެއް ނުގަނެއެވެ. އެއީ ކިތަންމެ ޙައްސާސް، ކިތަންމެ އުނދަގޫ މައްސަލައެއްކަމަށް ވިޔަސްވެހެވެ.


ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި، ކޯޓުތަކުން ކުރައްވަންޖެހިވަޑައިގަންނަވާ ކަންކަން، ނަމަވެސް ...


ދާދި ފަހުން، އަޅުގަނޑުގެ ކުރިމައްޗަށް ގެނައި މައްސަލައެއްގައި، ތުހުމަތު ކުރެވޭ މީހާ، ޝަރީޢަތުގެ މަޖިލީހުގައި ކުށަށް އިޢުތިރާފުވިއެވެ. ޤާނޫނު ބުނާ ގޮތުން، އެޙާލަތުގައި ބާއްވަންޖެހެނީ އަވަސްނިޔާއިން ޙުކުމް ކުރުމުގެ ޝަރީޢަތެކެވެ. އެކަން ކުރަން ޤާނޫނު (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 139 (ށ)) ގައި އޮތް މުއްދަތަކީ 5 ދުވަހެވެ. އެމައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުމެއް ނުބޭއްވި، ޝެޑިއުލްވެސް ނުކުރައްވައި، އަހަރަކަށްވުރެ ގިނަދުވަސްވެއްޖެއެވެ. އެކަމާ، އެމައްސަލައިގައި ތުހުމަތު ކުރެވުނު މީހާ ޝަކުވާ ކުރާތީ، އެމައްސަލަ އަޅުގަނޑު ވާނީ އަނބުރާ ގެނެސްފައެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author