3/1/2024

ރައްޔިތު އެންމެނަށް ފަތަން ދަސްކޮށްދީގެން ދައުލަތުގެ ޚަރަދު ކުޑަކުރުން

ދައުލަތުގެ މާލީ ޙާލަތާމެދު ކަންބޮޑުނުވާ ހަމަ އެކަކުވެސް ނެތެވެ. ދައުލަތަށް ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑެވެ. ބަޖެޓު ޑެފިސިޓުވެ، ދަރަނި ބޮޑެވެ. ދަރަނި ދައްކަންޖެހޭ ދުވަސް އެހެރަގެން އަންނަނީއެވެ. މިހާރުން މިހާރަށް ޚަރަދު ކުޑަކުރަންޖެހެއެވެ. އެވާހަކަ، މިއަހަރު ފެށުނީއްސުރެ މާލީ ވަޒީރު އަންނަނީ ދައްކަވަމުންނެވެ. ހަމަ އެއާއެކު، ސަރުކާރުން ބޮޑެތި މަޝްރޫޢުތައް އިޢުލާންވެސް ކުރައްވައެވެ. އެއީ ސިޔާސީ ކަމެއް ކަމަށް ބަލައިގެން، އެކަމުގެ ތެރެއަކަށް އަޅުގަނޑު ނުވަންނާނަމެވެ.

 

ދައުލަތުގެ ޚަރަދު ކުޑަކުރާނެ ގޮތަކާމެދު އަޅުގަނޑުވެސް އޮތީ ވިސްނަންޖެހިފައެވެ. މިވިސްނުމުގެ ތެރެއިން، ޕީޖީ އޮފީހުގެ ބަޖެޓުން މަދުވެގެން ދިހަ ވަރަކަށް މިލިއަން ރުފިޔާ މިއަހަރު ސަލާމަތްކޮށް، ޚަރަދު ކުޑަކުރެވޭތޯ މިދަނީ ބަލަމުންނެވެ. އެކަން ކުރާގޮތް ފަހުގެ ލިޔުމެއްގައި ހިއްސާ ކުރާނަމެވެ. އެކަން އަޅުގަނޑުމެން މިކުރަނީ ކޮންމެ އަހަރަކުވެސް ޚަރަދު ކުޑަވަމުންދާނެ ފަދަ ދެމެހެއްޓެނިވި ގޮތަކަށެވެ.

 

ޚަރަދުކުދަކުރުމުގެ ދާއިރާއަށް ވިސްނުން ދޫކޮށްލުމުން އެންމެ ފުރަތަމަ ދެނެގަންނަން ޖެހުނީ ދެމެހެއްޓެނިވި ގޮތަކަށް ޚަރަދު ކުޑަކުރާނީ ކިހިނެތްތޯއެވެ. އެގޮތަކީ، އެއްކަމަކަށް ކުރާ ޚަރަދަކުން، އެހެން އެތައް ކަމަކަށްކުރާނެ ޚަރަދު ކުޑަވާނެ ގޮތަކަށް ޚަރަދު ކުރުމެވެ. މިވަގުތު ކުރާ ޚަރަދަކީ، ވަށާޖެހޭ ގޮތަށް، މުސްތަޤުބަލުގައި ޚަރަދު ކުޑަކުރުމަށް ކުރާ ޚަރަދަކަށް ހެދުމެވެ.

 

ޤައުމެއްގެ ޙަޔާތުގައި، އެފަދަ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ދުޅަހެޔޮ ޞިއްޙަތެއްގައި މީހުން ބޭތިއްބުމަށްކުރާ އިންވެސްޓްމަންޓެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް، ކަސްރަތުކުރަން ދަސްކޮށްދޭންޖެހެއެވެ. ކަސްރަތުކުރުމާއި މިންހެޔޮ ކެއުމެއް ކެއުމާއި އެކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަންޖެހެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، ގައިން ގަޔަށް ނާރާ ބަލިތަކުން މީހުން ސަލާމަތްވެ، ހޮސްޕިޓަލާއި ބޭސްފަރުވާއާއި އާސަންދައިގެ ޚަރަދު ކުޑަވެއެވެ. ދުޅަހެޔޮ އާބާދީއެއް އޮތުމުގެ މާނައަކީ، ކިޔަވާ ކުދިންގެ ޞިއްޙަތު ރަނގަޅުވުމެވެ. އެކުދިންގެ ޞިއްޙަތު ރަނގަޅުނަމަ، ދާދި އަވަހަށް، އިޤްޠިޞާދީ މަސައްކަތުގައި ޝާމިލުވާނެ އާބާދީ އިތުރުވާނެއެވެ. އޭގެ ސީދާ ނަތީޖާ ރާއްޖޭގެ އިޤްޠިޞާދު މެދުވެރިކޮށް ބަޖެޓަށް ކުރާނެއެވެ. އެއްކޮށް ވަށާޖެހުނީއެވެ. 

 

21 ފެބްރުވަރީ 2024 ދުވަހު، މިނިސްޓްރީ އޮފް ސްޕޯޓްސް، ރެކްރިއޭޝަން އެންޑް ފިޓްނަސްގައި އޮތް ޙަފްލާއެއްގައި، އދ.ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކުރުމަށް އާރްޑީސީ* އާއި ހަވާލުކޮށްފައިވެއެވެ. ހަ މަސްދުވަހުގެ ތެރޭގައި (21 އޮގަސްޓް 2024 އަށް) ނިންމަންޖެހޭ އެ ޕްރޮޖެކްޓުގެ އަގަކީ 4،900،741.92 (ހަތަރު މިލިއަން ނުވަ ލައްކަ ހަތް ސަތޭކަ ސާޅީސް އެއް ރުފިޔާ ނުވަދިހަ ލާރި) އެވެ. ކުނބުރުދޫގެ އާބާދީއަކީ 236 ފިރިހެނުންނާއި 245 އަންހެނުންނާއެކު 481 އެވެ. ފުޓުބޯޅަ ކުޅޭ މީހުންގެ އާބާދީއަކީ ފިރިހެނުންގެ 90% މީހުން ކަމަށް ބެލިނަމަ، 4.9 މިލިއަން ރުފިޔާގެ ބޯޅަދަނޑު ބޭނުންކުރާނީ 212 މީހުން (ބޮލަކަށް 23،116.70 ރުފިޔާ) ނެވެ. ބޯޅަ ދަނޑު ބޭނުންނުކުރާނެ 268 މީހުން އުޅޭނެއެވެ. ފުޓުބޯޅަ ދަނޑަކީ އަބަދުވެސް މަރާމާތަށް ބޭނުންވާނެ ތަނަކަށްވާނެތީ، މިއީ އަބަދުވެސް މަރާމާތުކުރަންޖެހޭ، އިތުރު ޚަރަދު ހިނގާނެ ތަނެކެވެ. 


ދެމެހެއްޓެނިވި ގޮތަކަށް ޚަރަދުކުރުމަކީ، 4.9 މިލިއަން ރުފިޔާގެ ބަދަލުގައި، އޭގެ ފަސްބައިކުޅަ އެއްބައި (1 މިލިއަން ރުފިޔާއަށް)، މުޅި ކުނބުރުދޫގެ ހުރިހާ ރައްޔިތުންނަށް، ތިން މަސްދުވަހުގެ ކަސްރަތު ޕްރޮގްރާމެއް ހިންގުމެވެ. މިޕްރޮގްރާމުގައި ހުރިހާ ރައްޔިތުންނަށް ފަތަން ދަސްކޮށްދޭނެއެވެ. ހިނގުމާއި މޫދުކުޅިވަރާއި، މިންހެޔޮ ކާނާ ކެއުމާއި އެކަންކަން ދާއިމީ ގޮތެއްގައި ކޮށްކޮށް ތިބޭނޭ ގޮތުގެ ތަމްރީން ދޭނީއެވެ. ރައްޔިތު އެންމެން ކަސްރަތުކުރަންވީ ގޮތާއި މިންވަރުވެސް މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ތަފްޞީލުކޮށް ކިޔައިދީފައިވެއެވެ. މިއީ އަލަށް އުފައްދަންޖެހޭ މިންގަނޑުތަކެއްވެސް ނޫނެވެ. އެމިންގަނޑުތަކަށް ކަސްރަތުކުރާނަމަ، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެ، ހޮސްޕިޓަލުތަކަށާއި އާސަންދައަށްކުރާ ޚަރަދު ކުޑަވެ، އިޤްޠިޞާދީ މަސައްކަތަށް ނުކުންނަ މީހުން ގިނަވެ، ބަޖެޓަށް ފައިދާވާން ފަށާނެއެވެ. ފުޓުބޯޅަ ދަނޑާ ޚިލާފަށް، ފެތުމަކީ އިތުރު ވަޞީލަތެއް ބޭނުންވާނެ ކުޅިވަރެއް ނޫނެވެ. ރާއްޖޭގެ 99.7% އަކީ މޫދެވެ.

 

ކުނބުރުދޫ ދޫކޮށް މުޅި އަތޮޅަށް ބަލާއިރު، އަރިއަތޮޅު ދެކުނުބުރީގެ އާބާދީއަކީ 2896 ފިރިހެނުންނާއި 3054 އަންހެނުންނާއެކު ޖުމުލަ 5950 އެވެ. މިއާބާދީއަށް އެއްކޮށް، މިދެންނެވި ކަސްރަތު ޕްރޮގްރާމް ހިންގާކަށްވެސް 4.9 މިލިއަން ރުފިޔާއެއް ޚަރަދެއް ނުވާނެއެވެ. ކޮންމެ ރަށެއްގެ ވަށައިގެން ސާފު، ރީތި މޫދެއް އޮވެއެވެ. ކަސްރަތަށް އެއަށްވުރެ ވަކި މޮޅު ކުޅިވަރެއް ނެތެވެ. އާބާދީގެ އެންމެންނަށް، ކޮންމެ ދުވަހަކު ކުރެވޭނެ ކަސްރަތެކެވެ. މޫދުން ލިބޭ ނަފްސާނީ ފަރުވާތައް އަދި އެއްކައިރީގައި ބާއްވާށެވެ. ހަމައެކަނި ޖިސްމާނީ ފައިދާއަށް ބެއްޔަސް، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ކުރިއަރުވާކަށް، މޫދާއި ފެތުން ވަރެއް ނެތެވެ.

 

ސުވާލަކީ، އިޤްޠިޞާދީ މި ދަތި ދަނޑިވަޅުގައި އަޅާނީ ފުޓުބޯޅަ ދަނޑެއްތޯ ނުވަތަ އެއަށްވުރެ ފަސްގުނަ ޚަރަދުކުޑަކޮށް، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކަސްރަތާއި ފެތުމަށް އިންވެސްޓްކުރުންތޯ؟ އެޚަރަދު، މުޅި އަތޮޅަށް ކޮށްގެން ވަށާޖެހޭ އިޤްޠިޞާދީ ފައިދާއެއް ހޯދާނީތޯ؟

 

މިނިސްޓްރީއާއި ސަރުކާރުން ހިތްހަމަ ޖައްސައިދޭން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަމަ، މުޅި އަތޮޅަށް ކަސްރަތު ޕްރޮގްރާމެއް ހިންގުމުން، ދެ މެމްބަރުން ހިތްހަމަ ޖައްސައިދެވެއެވެ. އެއް ގާގަނޑުން ޖަހާ ދެ ދޫނި މަރާލެވުނީއެވެ. ކުނބުރުދޫ ރައްޔިތުންނަށް ބޯޅަ ދަނޑު އަޅައިދޭންވާނެއެވެ. ނަމަވެސް، އެއީ އިޤްޠިޞާދީ ޙާލަތު ރަނގަޅުވެ، 212 މީހުންނަށް 5 މިލިއަން ރުފިޔާ ޚަރަދުކުރާ މިންވަރަށް ޤައުމުގެ ޙާލަތު ތިޔާގިވީމައެވެ. މާލީ ވަޒީރުގެ ސިޓީބިޓީން އެނގެނީ، މިވަގުތު މިއީ އަދި އެޙާލަތު ނޫންކަމެވެ.



___________

* ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ވެބްސައިޓު ބެލިއިރު، އެކޯޕަރޭޝަނުން 26 ޕްރޮޖެކްޓެއް ހިންގާކަމަށް އޮވެއެވެ. އެއިން އެއްވެސް ޕްރޮޖެކްޓެއް އަދި މިހާތަނަށް ނިމިފައިވާކަމަކަށް ވެބްސައިޓަކުން ނުދައްކައެވެ. އޭގެ ތެރޭގައި، ޕްރޮޖެކްޓު ނިންމަންޖެހޭކަމަށް ވެބްސައިޓުގައި އަމިއްލައަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާ ޕްރޮޖެކްޓުތައްވެސް ހިމެނެއެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author