6/8/2024

ކުޅިވަރު ޖަމްޢިއްޔާތައް ޒިންމާދާރު ކުރުވުން -1

ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ. ކުޅިވަރު ކުޅިވަރަކަށް ހަދަނީ، ކުޅިވަރަކީ ކުޅިވަރެއް ނޫންކަން ނުދަންނަ މީހުންނެވެ. ކުޅިވަރަކީ ކުޅިވަރެއް ނޫންކަން ކަށަވަރުވަނީ، ދުނިޔޭގެ އެންމެ ބޮޑު ޖަމްޢިއްޔާއަކީ ކުޅިވަރު ޖަމްޢިއްޔާއަކަށް ވީމައެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްޢިއްޔާ، ފީފާގެ މެންބަރު ޤައުމުތަކުގެ ޢަދަދަކީ 211 އެވެ. މިއީ، އދ (ޔުނައިޓެޑް ނޭޝަންސް) ގެ މެމްބަރު ޤައުމުތަކުގެ ޢަދަދަށްވުރެ 18 ޤައުމު އިތުރު ޢަދަދެކެވެ. އދ ގެ 2024 ވަނަ އަހަރުގެ ބަޖެޓަކީ 3.59 ބިލިއަން ޑޮލަރެވެ. މީގެ 2 އަހަރު ކުރިން، 2022 ގައި، ފީފާގެ ބަޖެޓަކީ 5.80 ބިލިއަން ޑޮލަރެވެ. ކުޅިވަރުގެ އެންމެ ބޮޑު މުބާރާތް، ޓޯކިޔޯ އޮލިމްޕިކްސް 2020 އިން 7.6 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. ވީމާ، ދުނިޔޭގެ ފެންވަރުގައި، ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ. ދިވެހިރާއްޖޭގައިވެސް ކުޅިވަރަކީ ކުޅިވަރެއް ނޫންކަމަށް ބަލަން ފަށަން ޖެހެއެވެ.

 

ދިވެހިރާއްޖޭގައި، ކުޅިވަރާބެހޭ ޚާއްޞަ މިނިސްޓްރީއެއް އުފެއްދިފަހުން، ކުޅިވަރަށް ޚާއްޞަކޮށް މަސައްކަތްތަކެއް ކުރާތަން އެބަ ފެނެއެވެ. އެކަމުގައި އަދިވެސް ހަރުދަނާ ކުރެވިދާނެ ކަންކަން އަޅުގަނޑަށް ފެންނާތީ، އޭގެ ބައެއް ކަންކަން މި ލިޔުމުގައި ހިމަނާލާނަމެވެ. އަޅުގަނޑުގެ ދާއިރާއަކީ، ކުޅިވަރާއި ޤާނޫނާއި ޕޮލިސީއެވެ. މި ތިން ދާއިރާ ގުޅޭ ހިސާބުގައި ހުންނަ ފަލްސަފީ އަދި ޢަމަލީ ކަންކަމެވެ.

 

ކުޅިވަރު ޖަމްޢިއްޔާތަކުގެ މިނިވަންކަން – ސިޔާސީ މަޤާމަކުން އިންތިޚާބީ މަޤާމަކަށް

ދިވެހިރާއްޖޭގައި ކުޅިވަރު ޖަމްޢިއްޔާތައް "މިނިވަން" ކުރުމުގެ ތާރީޚަކީ، ޝައުޤުވެރި ތާރީޚެވެ. މި މަޒުމޫނުގެ ބޭނުމަށް، އެ ތާރީޚުން ބައެއް ލިޔެލާނަމެވެ. ކުޅިވަރު ޖަމްޢިއްޔާތައް، 2008 ގެ ކުރިން ހިންގަމުން އައީ، ސަރުކާރުން ޢައްޔަންކުރި މީހުންނެވެ. އެއީ ސަރުކާރުގެ ސިޔާސީ މަޤާމެކެވެ. ސިޔާސީ މަޤާމެއްކަން ކަށަވަރުވަނީ، 1 މެއި 2008 ގައި، ޤާނޫނީ ގޮތުން އުފެދުނު ސިވިލް ސަރވިސްގެ މަޤާމުތަކުގެ ތެރޭގައި ކުޅިވަރު ޖަމްޢިއްޔާތަކުގެ ވެރިން ނުހިމެނޭތީއެވެ. ވީމާ، އޭރު، ޖަމްޢިއްޔާތަކުގެ ވެރިންނަކީ، ކުޅިވަރަށް ކޮންމެހެން ޚިދުމަތެއް ކުރުމުގެ ޝައުޤެއް އޮވެގެން، ނުވަތަ އެ ކުޅިވަރެއްގައި ޝާމިލުވާ ބައެއްގެ ރުހުމާއި ތާއީދު އޮވެގެން ތިބި ބައެއް ނޫނެވެ.

 

2008 ވަނަ އަހަރުގެ ސިޔާސީ ބަދަލުތަކާއެކު ކުޅިވަރު ޖަމްޢިއްޔާތަކަކީވެސް އިންތިޚާބު ކުރާ ވެރިން ހިންގާ ތަނަކަށް ބަދަލުކުރަން އޭރުގެ ސަރުކާރުން ނިންމެވިއެވެ. އެ ސަރުކާރަކީ، ފެހި ޤާނޫނުއަސާސީގެ ދަށުން އުފެދުނު ފުރަތަމަ ޑިމޮކްރަޓިކް ސަރުކާރަށްވާތީ، އެ ނިންމުމަކީވެސް އޭގެ ޒާތުގައި ހައިރާންވާންޖެހޭ ނިންމުމެއް ނޫނެވެ.

 

ކުޅިވަރު ޖަމްޢިއްޔާތައް "މިނިވަން" ވުމުގެ މަފްހޫމަކީ މިބަދަލާއެކު އުފެދުނު މަފްހޫމެވެ. ނަމަވެސް، މިނިވަންކަމުގެ މާނައެއް، ކުޅިވަރު ޖަމްޢިއްޔާތަކަކަށްވެސް ސަރުކާރަކަށްވެސް ވިސްނޭކަމަކަށް ނުފެނެއެވެ. ބައެއް ކުޅިވަރު ޖަމްޢިއްޔާތަކުން ދެކެނީ، ސަރުކާރަކަށް އެ ޖަމްޢިއްޔާތަކުގެ މައްޗަށް ބަހެއް ނުބުނެވޭނެ ކަމަށެވެ. އެކަމަށް ބާރުދޭން، އެ ކުޅިވަރުތައް ނިސްބަވްތާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާކަމަށް ބުނެ، ބައެއް ވާހަކަތައްވެސް ދައްކައެވެ. ނަމަވެސް ޙަޤީޤަތަކީ އެއެއް ނޫނެވެ.

 

ކުޅިވަރަށް ސަރުކާރުން ކުރާ ޚަރަދާއި އޭގެ ނަތީޖާ

2024 ވަނަ އަހަރު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ ބަޖެޓަކީ 472،459،807 ރުފިޔާއެވެ. ހަތަރުސަތޭކަ ހަތްދިހަ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. އޭގެ ތެރެއިން 122،168،312 ރުފިޔާ (25.85%) އަކީ ކުޅިވަރު ކުޅޭ ތަންތަނަށް ކުރާ ޚަރަދު ހިމެނޭގޮތަށް، ހަމައެކަނި ކުޅިވަރާގުޅޭ ކަންކަމަށް ސަރުކާރުން ކުރާ ޚަރަދެވެ. މިސާލަކަށް، ހަމައެކަނި ކުޅިވަރު އެކުވެނީގެ ޚަރަދުތަކަށް 3.12 މިލިއަން ރުފިޔާ އެބަ ޚަރަދުކުރެއެވެ. މީގެ އިތުރުން، ޤައުމީ ކުޅިވަރު ޖަމްޢިއްޔާތަކަށް ސަރުކާރުން އޮފީހަކާއި ވަކި ޢަދަދަކަށް މުވައްޒަފުން ހަމަޖައްސައިދެއެވެ. ޖަމްޢިއްޔާ ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދު ކުރެއެވެ. ރާއްޖޭގައި، އަދި ޚާއްޞަކޮށް މާލޭގައި އެންމެ އަގު ބޮޑީ ބިމެވެ. ނަމަވެސް، ކުޅިވަރު ކުޅޭ ބިންތަކަށް ސަރުކާރުން ކުއްޔެއް ނުނަގައެވެ. ކުޅިވަރުކުޅޭ ތަންތަން ފަތިހާއި ރޭގަނޑަށް ދިއްލާ އަލިކުރަނީ ސަރުކާރުގެ ޚަރަދުގައެވެ. ކުނިހަކާ ސާފުކޮށް ބަލަހައްޓައި، މަރާމާތުކޮށް ހަދަނީ ސަރުކާރުންނެވެ. ކުޅިވަރު ކުޅެން ދޫކޮށްފައި ހުރި ބިންތަކާއި އެސޯސިއޭޝަންގެ އޮފީސް ޢިމާރާތްކުރަން ދީފައިވާ ބިމަކީ ހިލޭ ދީފައިވާ، ރައްޔިތުންގެ ބިންބިމެވެ. މިހުރިހާ ޚަރަދެއްގެ ބަދަލުގައި، ސަރުކާރުން ބޭނުންވާ ކަންކަން ނުކުރެވޭނަމަ، ސަރުކާރުގެ މެނިފެސްޓޯ (ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ، ރައްޔިތުންގެ ތާއީދު އޮތް ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން، ކުޅިވަރު ޖަމްޢިއްޔާތަކުން ނުކުރާނަމަ) މިދެންނެވި 122 މިލިއަން ރުފިޔާ ޚަރަދުކުރި ގޮތާބެހޭ ގޮތުން ސަރުކާރުން ޖަވާބުދާރީވާންޖެހޭނެއެވެ.

 

މިދެންނެވި ކަންތައް މިގޮތަށް އޮތީތީ، ކުޅިވަރު ޖަމްޢިއްޔާތަކުގެ ބަޖެޓުގައި އޮންނަންވާނީ، ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާއާއި، ސަރުކާރުން ދޭ (in-kind contribution) އެހެނިހެން އެހީތަކާއި ބޭރުގެ އިދާރާތަކުން ލިބޭ އެހީތައް ހިމަނައިގެން އޮންނަ ބަޖެޓެކެވެ. ބެޑްމިންޓަން ކޯޓު ދިއްލަންކުރާ ޚަރަދަކީ، ބެޑްމިންޓަން އެސޯސިއޭޝަނަށް ސަރުކާރުން ދޭ "ފައިސާ"އެވެ. އެ ފައިސާ، އެސޯސިއޭޝަންގެ ބަޖެޓުން ފެނި، އޭގެން ނެރެވުނު ނަތީޖާވެސް އެނގެންވާނެއެވެ.

 

ކުޅިވަރު ޖަމްޢިއްޔާތައް ޤާނޫނީ ގޮތުން މިނިވަނެވެ. ނަމަވެސް، އޭގެ މާނައަކީ ސަރުކާރުން ކުރާ ޚަރަދާ އެއްވަރުގެ ބަދަލެއް ނުދޭނަމޭ ބުނުމެއް ނޫނެވެ. ފައިސާ ދޭނަމަ، އެފައިސާއިން ނެރެދޭންޖެހޭ ނަތީޖާއެއް އޮންނާނެއެވެ. އެއީ މިނިވަންކަން ގެއްލުމެއް ނޫނެވެ. 'މިނިވަން' ކަން އެ ގޮތަށް ބޭނުންވާނަމަ، ކުޅިވަރުކުޅެން ދޫކޮށްފައި ހުރި ބިންތަކަށް މާކެޓް ރޭޓުގައި ކުލިވެސް ވާނީ ދައްކާށެވެ.

 

ސަރުކާރުން ޖަމްޢިއްޔާއަށް ޚަރަދުކުރާނަމަ، ސަރުކާރުގެ ސިޔާސަތުތަކުގައި ހުރި މައިގަނޑު ކަންކަން ކުރަން ކުޅިވަރު ޖަމްޢިއްޔާތަކަށް އެންގުމަކީ ސަރުކާރަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެކެވެ. ކުރަންޖެހޭވެސް ކަމެކެވެ. މިސާލަކަށް، ސަރުކާރުގެ ސިޔާސަތަކީ، މޫދު ކުޅިވަރަށް އިންވެސްޓްކޮށް، ކުޑަކުދިން ފެތުމާއި މޫދު ކުޅިވަރުގެ ތެރެއަށް ވެއްދުން ކަމަށްވާނަމަ، ޤައުމީ ދިގު ފެތުމުގެ މުބާރާތް ބާއްވާނީ ފަސްއަހަރުން އެއްއަހަރު ނޫންކަމަށް ސަރުކާރަށް ބުނެވޭނެއެވެ. އަހަރަކު އެއްފަހަރު އެ މުބާރާތް ނުބާއްވާނަމަ، ސަރުކާރުން ދޭ ފައިސާ ކަނޑާލަންވާނެއެވެ.

 

ސަރުކާރުގެ، ރައްޔިތުންގެ ފައިސާ ކުޅިވަރު ޖަމްޢިއްޔާތަކުން ޚަރަދުކުރާނަމަ، އެއީ ދައުލަތުގެ ފައިސާކަމަށްވާތީ، ޢަމަލުކުރަންޖެހޭ ޤާނޫނީ ހަމަތަކެއް ހުރެއެވެ. މާލިއްޔަތު ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާއި، އެ އުޞޫލުތަކަށް ޢަމަލުނުކުރާނަމަ، ފާރަވެރިވާ އިދާރާތައް ހުރެއެވެ. އެންޓިކޮރަޕްޝަން ކޮމިޝަނާއި، ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓާއި، ދިވެހި ފުލުހުންގެ ޚިދުމަތެވެ. ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާނަމަ، އެ އިދާރާތަކުން އެމައްސަލައެއް ބަލާނެއެވެ. އެކަން ކުރަނީ ސަރުކާރުގެ މުވައްޒަފެއްތޯ، "މިނިވަން" ޖަމްޢިއްޔާއެއްގެ ރައީސްތޯއެއް އެ ތަނަކުން ނުބަލާނެއެވެ. ބަލަނީ ކާކުގެ ފައިސާއެއްތޯއެވެ. ރައްޔިތުންގެ ފައިސާނަމަ، އެ ފައިސާ ޚަރަދުކުރާނެ ހަމަތަކެއް ހުންނާނެއެވެ. އެ ހަމަތަކާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 

ކުޅިވަރު ޖަމްޢިއްޔާއަށްދޭ ފައިސާ ބޭނުން ގޮތަކަށް ޚަރަދުކޮށްފައި، ތިމަންނާއަކީ 'މިނިވަން' މީހެއްކަމަށާއި، ތިމަންނާއަކީ "އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭ މީހެއް ނޫންކަމަށް" ބުނެ ދިފާޢެއް ނުނެގޭކަމާއި، އެހެން ބުނެގެން ފަރެއް ނުޖެއްސޭނެކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2024/HC-B12/21,22,23 (މޫސާ ނާޝިދު ވ ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާއިން ސާފުވެއެވެ. އެހެން ނޫނަސް، ޖަމްޢިއްޔާ ޖަވާބުދާރީ ކުރުވިފައި، ޖަމްޢިއްޔާ ތަމްސީލުކުރާ ރައީސް ޖަވާބުދާރީ ނުކުރުވޭނެކަމަށް ބުނުމަކީ ހެއްވާ ވާހަކައެވެ. ފައިސާ ދިން މީހާ ޖަވާބުދާރީ ކުރުވާފައި، ފައިސާ ލިބުނު މީހާ ޖަވާބުދާރީ ނުކުރުވޭނެކަމަކަށް ނުބުނެވޭނެއެވެ.

 

މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2023/SC-A/15 (ޕްރޮސިކިއުޓަރ ޖެނެރަލް ވ މުޙައްމަދު ޝިފާޢު) މައްސަލައިގައި، 'ދައުލަތުގެ މުވައްޒަފުން' ގެ ތެރޭގައި ޤާނޫނުން އުފައްދާ އެކިއެކި މުއައްސަސާތަކުގެ މީހުން ހިމެނޭކަމަށް ލިޔެފައި އޮވެއެވެ. ކުޅިވަރު ޖަމްޢިއްޔާތަކުން ފަޚުރުވެރިވާ "ޤާނޫނީ ޙައިސިއްޔަތު" އާ އެއްކޮށް، ފައިސާ ޚަރަދުކުރާ ގޮތާމެދު ޖަވާބުދާރީވުމުގެ ޒިންމާއެއް އޮންނާނެކަން ޤަބޫލުކުރަންޖެހެއެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author