2/4/2025
އަޅުގަނޑު މިހާރު މަސައްކަތްކުރާ ފަތުރުވެރިކަމުގެ ދާއިރާ ބިނާވެފައި އޮތީ ޚިދުމަތްދިނުމުގެ މައްޗަށެވެ. މިދާއިރާގައި އުޅެ، ކަންކަމާމެދު ވިސްނާ، ފިކުރުކޮށް ހަދާ ވަރަކަށް، ތަފާތު ޚިޔާލާއި ވިސްނުންތައް ސިކުނޑިއަށް އަރައި ފައިބަމުންދެއެވެ. މިއަދު މިކުރެވުނު ޚިޔާލަކީ، ސަރުކާރާއި ޢާންމު ވިޔަފާރީގައި ޚިދުމަތްދިނުމުގެ ސަޤާފަތާބެހޭ ޚިޔާލެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، ނިސްބަތުން 'ނުކިޔަވާ' ތިބި ބަޔަކު، ފަތުރުވެރިންނަށްދޭ ޚިދުމަތާއި 'އޯލެވެލާއި އޭލެވެލުން ދުނިޔޭގެ އެއް ވަނައިގައި ފާސްވެ، ކިޔަވައިގެން' ސަރުކާރުގެ ވަޒީފާގައި އުޅޭ ބޮޑެތި ނަންނަން ކިޔާ މީހުން، ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރާބެހޭ ޚިޔާލެކެވެ.
ފޮޓޯގައި އެތިބީ ކާނި ހޮޓެލްސްގެ އެފް.އެން.ބީ ގައި މަސައްކަތްކުރާ ޝަވަލް އާއި ޖުސިކާއެވެ. ދެ ވެއިޓަރުންނެވެ. މިދެމީހުންނަކީވެސް މާ މަތީ ފެންވަރަކަށް ކިޔަވައިގެން ތިބި ބައެއް ނޫނެވެ. ޑިގްރީއެއް ހަމަ ގައިމުވެސް ނެތެވެ. ނަމަވެސް، ތަރުބިއްޔަތާއި، މަސައްކަތުގެ އަޚްލާޤާއި ވައްޓަފާޅި، ސަތޭކައިން ސަތޭކައެވެ. ދުނިޔޭގެ އެތަން މިތަނުން އަންނަ ގެސްޓުން، އެނބުރި ޤައުމަށް ދިއުމަށްފަހު، ވަގުތު ހޯދައިގެން، މިދެމީހުންނާބެހޭ ގޮތުން ވެބްސައިޓުތަކުގައި ރިވިއު ލިޔެފައި ހުންނަނީ މާގިނައިންނެވެ. މިދެމީހުންގެ ހިތްހެޔޮކަމާއި، ޚިދުމަތުގެ ފުރިހަމަކަމާއި، އޯގާތެރިކަމާއި ޕްރޮފެޝަނަލް ވާހަކައެވެ. 'ނުކިޔަވާ' ތިބި ބަޔަކަށް ތަޢުރީފުކޮށްފައެވެ. މި ރަށުން އެ ފަތުރުވެރިންނާ އެތައް އެތައް ބަޔަކާ ދިމާވިޔަސް، މި ދެމީހުންގެ ވާހަކަ ހަނދާންކޮށްގެން އެ ލިޔަނީ ގައިމު ކަމެއް ވީމައެވެ. އެއީ މި ކުންފުނީގެ ދެ ތަރިންނެވެ.
އަޅުގަނޑުގެ މުއައްސިސްކަމުގައި 2018 ވަނަ އަހަރު ސްވިމް މޯލްޑިވްސްގެ ކިޔާ ޖަމްޢީއްޔާއެއް ރަޖިސްޓަރީކުރީމެވެ. ކޮވިޑަށް މަސައްކަތްތައް މަޑުޖެހުމަށްފަހު، އަލުން ޙަރަކާތްތައް ފެށުމަށް، އެ ޖަމްޢިއްޔާ ޤާނޫނީ ގޮތުން ހަމަ މަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ސާފުކޮށްދެއްވުން އެދި، ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހަށް އީމެއިލެއް ފޮނުވީމެވެ. އޭގެ ފަހުން މިއަދަށް މިއީ 8 ވަނަ މަސައްކަތު ދުވަހެވެ. އަޅުގަނޑު ހޯދަން އެދުނު މަޢުލޫމާތަކީ ހަމައެކަނި ކޮމިޝަނަރު އޮފީހުން ލިބެން ހުންނާނެ މަޢުލޫމާތެވެ. އެކަމާބެހޭ ގޮތުން ހަދަންޖެހޭ އާ ޤާނޫނެއް ގަވާޢިދެއްވެސް އޮތީއެއް ނޫނެވެ. އަޅުގަނޑު ކުރިމަތިކުރި ސުވާލަކީ މުޅިން އަލަށް މީހަކު ކުރާ ކަހަލަ ސުވާލެއްވެސް ނޫނެވެ. ނަމަވެސް، މިއަދާ ހަމައަށް، އަޅުގަނޑު ފޮނުވި އީމެއިލު ލިބުނުކަމެއް، ނުލިބޭކަމެއްވެސް އަންގަވައެއް ނުލައްވައެވެ. އާދައިގެ މަތިން، 'ސަރުކާރުގެ ވެރިއަކަށް' ވެސް ގުޅީމެވެ. ބުރާސްފައްޗަށް ޖަވާބު ދެއްވާނެކަމަށާއި، ޑިރެކްޓަރ ޖެނެރަލްގެ ނަންބަރުވެސް ދެއްވިއެވެ. މިއަދު މިއީ އަންގާރައެވެ. އަދި ޚަބަރެއް ނުވެއެވެ. ސަރުކާރުގެ މުވައްޒަފުން ތިއްބެވީ ކިޔަވައިގެންނެވެ. ނުދެއްވެނީ ޚިދުމަތެވެ.
މިއީ، ދިވެހިންގެ ގޮތެކޭ ބުނެވޭކަށްވެސް ނެތެވެ. ރާއްޖޭގެ މަތީ ފަންތީގެ އެތައް ރިސޯޓެއް ދިވެހިން އެބަ ހިންގައެވެ. ޚިދުމަތްވެސް ދުނިޔޭގެ ފެންވަރެވެ. ސަރުކާރުގެ ތެރޭގައިވެސް ދުނިޔޭގެ ފެންވަރުގެ ޚިދުމަތްދޭ ތަންތަން އެބަހުއްޓެވެ. ޕީޖީ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރަން ނަގަނީ ފަސް މިނިޓެވެ. ޓްރޭޑް މިނިސްޓްރީން ދެއްވާ ކުންފުނި ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް އެއޮށް ހިނގަނީ ދުނިޔޭގެ ފެންވަރުގައެވެ. ހާދަހާ ފަސޭހައެވެ. ފެމިލީ ކޯޓުގެ ކާވެނި ސެކްޝަނުގެ މީހަކު ދުވަހަކުވެސް ގަޑިއެއް ނުޖެހޭނެއެވެ. އެ ސެކްޝަނުގެ މީހަކު ސަލާމް ބުނެގެން، ކޯޓުން ކޮށްދޭންޖެހޭ ކާވެންޏެއް ނުކޮށްދެވިފައެއް ނެތެވެ. އެ ސެކްޝަން އެއްކޮށް އެ ހިނގަނީ ދުނިޔޭގެ ފެންވަރުގައެވެ.
ހަމަ އެކޯޓެވެ. އިސްޤާޟީއަކީ އެކެކެވެ. މުސާރަ ދެނީ ދައުލަތުންނެވެ. ޝަރީޢަތްކުރާ ސެކްޝަންތަކުގައި ފަނޑިޔާރުން އިސްތަށިފުޅުގައި ރިއްސާ، ގައިގާ ރިއްސާ، ހުންފުޅު އައިސްގެން ކޯޓަށް ވަޑައިނުގެންނެވިގެން ޝަރީޢަތްތައް ކެންސަލްވުމަކީ ނުވުމަށްވުރެ، ވުން ގާތްކަމެކެވެ. ކޯޓުގައި މައްސަލަ ލަސްވާ ސަބަބުތަކުގެ ތެރޭގައި ފަނޑިޔާރުގެ އާލާސްކަންފުޅު އެއީ ކެޓަގަރީއެއް ގޮތަށް ލިޔަންޖެހޭ ކަމެކެވެ. އަޅުގަނޑު އެކޯޓަށް، ވަކީލެއްގެ ގޮތުގައި ޙާޟިރުވަނީ އެންމެ މައްސަލައެއްގައެވެ. އަޅުގަނޑު ޙާޟިރުވި ފުރަތަމަ އަޑުއެހުން އޮތީ 19 ނޮވެމްބަރު 2024 ގައެވެ. ދެވަނަ އަޑުއެހުން 28 ނޮވެމްބަރ 2024 ދުވަހު ބޭއްވެވިފަހުން، ދެ މަސްދުވަސް ފާއިތުވެގެން ގޮސް، މިއަދާ ހަމައަށްވެސް މައްސަލައިގެ ޚަބަރެއް ނެތެވެ. އަޑުއެހުމަކަށް ނަގަނީ އެންމެ ތިރީހަކަށް މިނިޓެވެ. އެ ތިރީސް މިނިޓު ލިބޭ ވަރަށްވުރެ ޤާޟީގެ މަސައްކަތްޕުޅު ބުރައެވެ. މަސައްކަތްޕުޅު ބުރައީކަމެއް، އާލާސްކަންފުޅާ ވީ ކަމެއް ނޭނގެއެވެ. ހަމަ އެ ކޯޓުގެ ކާވެނިކޮށްދޭ ސެކްޝަނުން ދިމާނުވާ އެތައް ތަޖުރިބާއެއް، ޝަރީޢަތްކުރާ ސެކްޝަނުތަކުން ކުރިމަތިވެއެވެ.
ރެސްޓުއަރަންޓުގެ މެނޫގައި ކެރެޓް ޖޫހެއް ނުހުރެއެވެ. ނަމަވެސް، ޝަވާލުއާއި ޖުސިކާ ގާތު ކެރެޓް ޖޫހެއް ބޭނުންވެގެން ބުނެފިނަމަ، ނުވަތަ އެ ނޫންވެސް މިކްސްއެއް ހަދަން ބުނެފިނަމަ، އެ ބާވަތުގެ ޖޫހެއް ހެދޭނެ ގޮތެއް ހޯދައިގެން ހަދައިދޭނެއެވެ. ކެރެޓާއި ފެނާއި ހަކުރު އެބަހުއްޓެވެ. މިކްސަރަކާއި ޖޫސް ހަދަން އެނގޭ މީހުން އެބަތިއްބެވެ. ވީމާ، ކޮންމެވެސް ގޮތެއް ހޯދޭނެއެވެ. ހަދައިދެވެން ނެތްނަމަ، ދެން ހެދެން އޮތް ގޮތަކީ ކޮބައިކަން ކިޔައިދޭނެއެވެ. މިއީ ކިޔެވުމާއި ނުކިޔެވުމާ ގުޅުންހުރި ކަމެއް ނޫނެވެ. ޚިދުމަތް ދިނުމުގެ މެންޓަލިޓީގައި ތިބޭތީ ވާ ގޮތެކެވެ. ސަރުކާރުގެ ބައެއް އިދާރާތައް ގޮތަށް، "ވީވަރު އެއީ ފުދޭވަރު" މެންޓަލިޓީގައި ތިބެގެން ޙަޤީޤީ ޚިދުމަތެއް ނުދެވޭނެއެވެ.
ޚިދުމަތުގެ ފެންވަރު ގުޅިފައި އޮތީ ހަމައެކަނި މާލޭގެ މަރުކަޒީ ސަރުކާރަކާވެސް ނޫނެވެ. މާފުށީ ކަންސިލަށް ސިޓީއެއް ފޮނުވައިގެން، ހައެއްކަ ފަހަރު ގުޅާ ނުލަނީހެއް ޖަވާބެއް ނުލިބެއެވެ. ނަމަވެސް، މާފުށީގައި ހިނގާ އެތައް އެތައް ވިޔަފާރިއަކުން އެތައް ހާސް ފަތުރުވެރިންނަށް ހާދަހާ ރަނގަޅު ޚިދުމަތެއް އެބަދެއެވެ. އަޅުގަނޑުމެން ހިންގާ ވިޔަފާރި ތަކުގައިވެސް ދިވެހި ސަރުކާރުން ޚިދުމަތްދޭ ގޮތަށް ޚިދުމަތްދޭ ބަޔަކު އުޅެއެވެ. ނުވާނެ ހުރިހާ ގޮތަކާއި، ކަންކަން ލަސްވާނެ ގޮތްތައް ހޯދުމަށް ކުޅަދާނަ މީހުން އުޅެއެވެ. އެކަންކަން ބަދަލުކުރުމަށް އަބަދުމެ މަސައްކަތްކުރަންޖެހެއެވެ. ވީވަރު އެއީ ފުދޭވަރެއް ނޫނެވެ!
______
ނޯޓު: މި ލިޔުން ޝާއިޢުކުރި ފަހުން، ފެމިލީ ކޯޓުގައި އޮތް މައްސަލައާބެހޭ ގޮތުންނާއި ސްޕޯޓްސް ކޮމިޝަނަރު އޮފީހުގައި އޮތް ކަންތަކާ ބެހޭ ގޮތުން އެ ދެ އޮފީހުން ގުޅުއްވައި، އެކަން ކުރިއަށް ގެންދަވާ ވާހަކަ ވިދާޅުވެއްޖެއެވެ. ވީމާ، މިހާރު އެ ދެ ކަންތައްވެސް ހިނގައިގަނެއްޖެއެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author