3/4/2022

ކުޅިވަރުގެ ރޫޙު


ޤުދުރަތީ ގޮތުން އިންސާނާއަކީ އެއްވެސް ކަމެއް ދަންނަ މީހެއް ނޫނެވެ. އޭނާ އުފަންވާއިރު، ހުންނަނީ "ފިޠުރަތުގެ ސާފު" ކަމުގައެވެ. އޭނާއެކޭ، އައު ސްމާރޓް ފޯނެކޭ އެއްވަރެވެ. އެފޯނު

'ސްމާރޓު' ވާ މިންވަރު ކަނޑައަޅަނީ އެއަށް އަޅާ އެޕުތަކުންނެވެ. ފޯނު، ފޯނެއްގެ ގޮތުގައި ސްމާރޓީއެއް ނޫނެވެ. ސްމާރޓް ވުމުގެ ޤާބިލުކަން އޮތީއެވެ. އިންސާނުންވެސް ހަމަ އެފަދައެވެ.

 

އިންސާނުންނަކީ އުފެދުމުގައި އެއްކަމެއްވެސް އެނގޭ ބައެއް ނޫނެވެ. ހުރިހާ ކަމަކީވެސް ދަސްކުރަންޖެހޭ ކަންކަމެވެ. ހިނގާބިނގާވެ އުޅުމާއި، ވާހަކަ ދެއްކުމާއި، މީހުންނާ މުޢާމަލާތު ކުރުމާއި، ކިޔަމަންތެރިވުމާއި، މިހުރިހާ ކަމެކެވެ. މިކަންކަން ފަށަނީ ޕްރީސްކޫލް މަރްޙަލާގައެވެ. ފުރަތަމަ ހަފްތާގައި އޮންނަނީ މައިންބަފައިންނާ ވަކިން ކުލާސް ރޫމެއްގައި ގަޑިއެއްހައިއިރު އުޅެން ދަސްކޮށްދިނުމެވެ. އެހަފްތާގައި ހުރިހާ ކުދިންހެން ރޮއެވެ. ދެވަނަ ހަފްތާގައި އެކަމަށް ކުދިން ފަރިތަވެއެވެ. ދެން އޮންނާނީ ދަބަސް ބަހައްޓަން ދަސްކޮށްދިނުމެވެ. އޭގެ ފަހުން ބޫޓު ވަކި ތަނެއްގައި ބެހެއްޓުމެވެ. މިހާރު އަޅުގަނޑުމެން ވިސްނުމަކާ ނުލައި މިކުރާ ގާތްގަނޑަކަށް ހުރިހާ ކަމަކީވެސް، ޕްރީ ސްކޫލް ޓީޗަރުންނާއި މައިންބަފައިން ދަސްކޮށްދީފައިވާ ކަންކަމެވެ.

 

ކުޅިވަރަކީ އިންސާނުން ކަންކަން ދަސްކުރާ އެންމެ މުހިންމު 'ޔުނިވަރސިޓީ' އެވެ. ކުޅިވަރުގެ ތެރެއިން ކަންކަން ދަސްކޮށްދިނުމަށް، އެކަމާބެހޭ ފަންނީ މީހުން ބޮޑެތި ދިރާސާތައް ކޮށްފައި އެބަހުއްޓެވެ. މިދިރާސާތަކުގެ އަލީގައި، ކުދިން ކުޅިވަރަށް ނެރޭނެ ގޮތްތައް ތަރުތީބުކޮށްފައިވެއެވެ. މިތަރުތީބުތަކާ އެއްގޮތަށް ޢުމުރު ނުދިޔަސް، ކުޅިވަރު ކުޅެން ދަސްވާނީ، މިމަރްޙަލާތަކުގައި ދަސްވާންޖެހޭކަމަށް އޮތް ކަންކަން ދަސްވެގެންނެވެ.

ޢުމުރު: 3-5 --- މަރްޙަލާ: ޙަރަކާތްތެރިވުން --- ޙަރަކާތް: މަޖާކުރުމާއި ސަކަރާތް ޖެހުމުގެ ތެރެއިން އަސާސީ ހުނަރު ދަސްކޮށްދިނުން

ޢުމުރު: 5-8 --- މަރްޙަލާ: އަސާސީ ހުނަރު --- ޙަރަކާތް: އަސާސީ ހުނަރު އިތުރަށް ތަރައްޤީކޮށް ފައްކާކުރުން

 ޢުމުރު: 9-11 --- މަރްޙަލާ: ޓްރެއިންވާން ދަސްކުރުން --- ޙަރަކާތް: ޓްރެއިންގަށް ބޭނުންވާނެ ކަންކަން ދަސްކުރަން.

ކޯޗުކޮށްދެވޭނެ އެތުލީޓަކަށްވާން ދަސްކޮށްދިނުން

 ޢުމުރު: 12-15 --- މަރްޙަލާ: ޓްރެއިންވާން ޓްރެއިން ކުރުން --- ޙަރަކާތް: ޓްރެއިންވުމަކީ އަމާޒެއް ކަމަށް ބަލައިގެން ޓްރެއިންވުން.

ތަމްރީނުގައި ތަރުތީބުތައް އިތުރުވުން

 ޢުމުރު: 15-18 --- މަރްޙަލާ: ވާދަވެރި ޓްރެއިނިންގް ކުރުން --- ޙަރަކާތް: ވާދަވެރިވާން ބޭނުންވާ ތަމްރީނުތައް

 ޢުމުރު: 18-~39 --- މަރްޙަލާ: ވާދަވެރި މުބާރާތްތަކުގައި ބައިވެރިވުން --- ޙަރަކާތް: ވާދަވެރި މުބާރާތްތަކުގައި ވާދަކުރުން

 ޢުމުރު: 40+ --- މަރްޙަލާ: ޙަރަކާތްތެރިކަމާއެކު ކުޅިވަރުގައި ދެމިހުރުން --- ޙަރަކާތް: ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުން


 

މިއިން އެއްވެސް މަރްޙަލާއެއް ފުރިހަމަ ނުކޮށް އަނެއް މަރްޙަލާއަށް ބަދަލުވެއްޖެނަމަ، ނިޒާމު ޚަލަލުވާނެއެވެ. ކޮންމެ މަރްޙަލާއެއްގައި ހުރި ކަންކަމަކީވެސް، އެމަރްޙަލާ ފަހަނައަޅައި ކާމިޔާބުކަމާއެކު ދިއުމަށްޓަކައި ދަސްކުރަންޖެހޭ ހުނަރުތަކެކެވެ. މިސާލަކަށް، 11-9 ޢުމުރު ފުރާގައި ކޯޗުކޮށްދެވޭނެ އެތުލީޓަކަށް ވާން ދަސް ނުވެއްޖެނަމަ، ފަހުގެ މަރްޙަލާއެއްގައި ކިތަންމެ މޮޅު ކޯޗަކާއެކު ތަމްރީނު ހެދިޔަސް، ކާމިޔާބު އެތުލީޓަކަށްވާން ދަތިވާނެއެވެ. ކޯޗުކޮށްދެވޭނެ މީހަކަށް ވުމަކީވެސް، އޭގެ ޒާތުގައި ދަސްކުރަންޖެހޭ ހުނަރެކެވެ. 18-15 އަހަރުގެ މަރްޙަލާގައި ވާދަވެރިކޮށް ޓްރެއިންވާން ދަސްނުވެއްޖެނަމަ، އޭގެ ފަހުގެ މަރްޙަލާގައި މުބާރާތަށް ޓްރެއިންވާކަށް ނޭނގޭނެއެވެ.

 

ކުޅިވަރުން ދަސްކޮށްދެނީ ހަމައެކަނި ކުޅިވަރު ކުޅޭކަށް ނޫނެވެ. ކުޅިވަރަކީ އިންސާނާގެ ޙަޔާތުގެ ހުރިހާ ކަމެއްގެ ދަރުސްތައް ލިއްބައިދޭ ކަމެކެވެ. "ކުޅިވަރުގެ ރޫޙާ އެއްގޮތަށް" ކުޅެގެން ބައެއް މީހުންނަށް އިނާމު ލިބޭ އަޑު އަހަމެވެ. އެ 'ރޫޙަކީ' ކޮބައިތޯއެވެ؟

ކުޅިވަރަކީ އޭގެ ޒާތުގައި މޮޅުވާ ޓީމަކާއި ދެރަވާނެ ޓީމެއް އޮންނާނެ ޙަރަކާތެކެވެ. ކުޅިވަރުގެ ތެރެއިން މޮޅުވާށާއި ދަށްވާން ދަސްވެއެވެ. މޮޅުވާން ދަސްވުމުގެ މާނައަކީ، އިޙްތިރާމާއި އިޙްސާންތެރިކަމާއި، އޯގާތެރިކަމާއެކު މޮޅުވާން ދަސްވުމެވެ. ތިމާއާއި ވާދަވެރި އަނެއް މީހާގެ ހުނަރަށް އިޙްތިރާމް ކުރަމުންނެވެ. މޮޅުވުމުގައި، ކުޅިވަރުގެ 'ރޫޙަކީ' މިއެވެ. މޮޅުވާ ކޮންމެ ފަހަރަކީ، ތިމާގެ އީގޯ އިންތިހާއަށް މަތިވެ، އެހެން މީހުންނަށް އިޙްތިރާމް ކުޑަކުރުމަކީ ކުޅިވަރުގެ ރޫޙާ ޚިލާފު ކަމެކެވެ.

 

ކުޅިވަރުގައި ބަލިވާ ފަހަރުވެސް އަންނާނެއެވެ. ކުޅިވަރުގެ 'ރޫޙަކީ" ބަލި ވާ ފަހަރު، އިޙްތިރާމާއި، ޤަދަރުވެރިކަމާއެކު ބަލި ޤަބޫލުކުރުމެވެ. ބަލިވާ ކޮންމެ ފަހަރަކު ދަނޑުގައި ރޯކޮށްލައި، ރެފްރީ ފަހާ ދުވެ، މީހުން ގަޔަށް ވަޅި ޖަހައި، ހަމަނުޖެހުން އުފައްދައި، ޝަރީޢަތަށް މައްސަލަ ހުށަހަޅައިގެން، ވަގުތު ނަގާލުމަކީ ކުޅިވަރުގެ ރޫޙާ ޚިލާފު ކަމެކެވެ. މިމިސާލު، ޒުވާނުންނާއި ސިޔާސީ މަޤާމުތަކާއި ދައުލަތާއި އަމިއްލަ ވިޔަފާރިތައް ހިންގާން ތިބި މީހުންގެ ކަންކަމަށް ބެލުމުންވެސް ސާފުވެއެވެ. ރަނގަޅު ފުޓުބޯޅަ ދަނޑެއް އޮވެ، އެރަށެއްގައި ކުޅިވަރުގެ ސަޤާފަތެއް އޮންނަ ރަށްރަށުގައި، ބަލިވުމުން ބަލި ޤަބޫލުކޮށް، ދެން އަންނަ މެޗަކަށް ނުވަތަ މުބާރާތަކަށް އަލުން ތައްޔާރުވެއެވެ. އޭދަފުށީގައި ސިޔާސީ ކަންކަމުގައި ތަޅައި ފޮޅާ އަޑެއް ނުއިވެއެވެ.

 

ސިޔާސަތު ބައްޓަންކުރުމުގެ މަރްޙަލާގައިވެސް ކުޅިވަރުގެ ދަރުސްތައް މުހިންމު ދައުރެއް އަދާކުރެއެވެ. ކުޅިވަރު ކުޅޭ މީހުންނަށް، އެމީހެއްގެ ބުންވަރާއި ފަންވަރު، ކުޅިވަރުގެ ތެރޭގައި ބަހާލަން ދަސްކޮށްދެއެވެ. 90 މިނިޓުގެ ފުޓުބޯޅަ މެޗަކަށް އަރައި، ފުރަތަމަ ދިހަ މިނިޓު، ހޭބޯ ނާރައި މުޅި ދަނޑުގައި ދެކޮޅަށް ބާރަށް ދުވެ ހަދާނީ ކުޅެން ނުދަންނަ މީހެކެވެ. މެޗުގެ ބާކީ 80 މިނިޓު އަދި އޮތްކަމާއި، މެޗުގައި ކުޅޭނެ ޕްލޭނެއް ކޯޗު ހަމަޖައްސާފައި އޮތްކަމާއި، އެޕްލޭނާ އެއްގޮތަށް ކަންކަން ކުރުމާއި، މިއީ، މަތީގައި އޮތް ތާވަލުގައި އޮތް މަރްޙަލާތަކުގެ ތެރެއިން ދަސްވާ ކަންކަމެވެ.

10 ކިލޯ މީޓަރުގެ ދުވުމެއް ރޭހެއްގެ ފުރަތަމަ ކިލޯ މީޓަރުގައި، ސްޕްރިންޓުކޮށް، އަތުގައި ހުރި ހުރިހާ ފެނެއް ބޮއެ، ގައިގައި ހުރި ހުރިހާ ބުންވަރެއް ދުއްވާލުމަކީ، މުޅިން އަލަށް ދުވާ މީހުން ހަދާނެ ގޯހެކެވެ. އޭނާ، ރޭހުގެ ފަހު ބައި ދާނީ ހިނގާފައެވެ. ހުންނާނީ ވަރުބަލި ވެފައެވެ. ކުޅިވަރު އެނގޭ މީހާ، ފަށާނީ މަޑުންނެވެ. ރޭހުގެ ދިގުމިނާއި، މިރޭހުގައި ކުރިމަތިވާނެ ގޮންޖެހުންތަކާއި، އެގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް އޭނާގެ ސިކުނޑީގައި ހުންނާނެއެވެ. ރޭހުގައި ކަންކުރާނެ ގޮތުގެ ސިޔާސަތު އޭނާ ބައްޓަންކުރާނީ އެކަންކަމަށް ވިސްނައިގެންނެވެ. ދުވުމުގައި، ކުޅިވަރުގެ ރޫޙަކީ އެއެވެ.

 

ރޭހުގެ ފުރަތަމަ މަރްޙަލާގައި، ކިރިޔާ ދާކޮޅެއް ހިއްލާއިރަށް، ސޯޓާއި ޓީޝަރޓު ބަދަލުކޮށް، މަގުމަތީ ހުރި ފިހާރައަކުން އައު އެއްޗެހި ގަނެ، ތިމާގެ އަތުގައި ހުރި ހުރިހާ ފައިސާއަކާއި ވަޞީލަތެއް ހޭދައެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި އޭނާ ބަލާނީ، ރޭހުގެ މެދެއްހައި ހަމައަށް ފުރަތަމަ ހުރި ބުންވަރުގައި ހަމަޖެހިގެން ދިއުމަށެވެ. އެއަށްފަހު، ރޭހުގެ ނިމޭ ހިސާބު ވަޒަންކޮށް، ބާކީ ހުރި ބުންވަރާއި، އަތުގައި ހުރި ފައިސާއާއި، ވަޞީލަތްތަކާއެކު، މީހާ ހަނާނުވެ، ނަމަވެސް، ބާރަށް ގޮސް ރޭސް ނިންމޭނެ ސިޔާސަތެއް ހޯދުމަށެވެ. މިގޮތަށް ދާދިއުމުގައި، ތިމާއާއި، ތިމާގެ ރޭހުގެ ސަބަބުން އަސަރުކުރާ މީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޤްޠިޞާދީ ދުޅަހެޔޮކަން، އާދަޔާ ޚިލާފަށް ގެއްލޭ ކަމެއް ނުކުރާނެއެވެ. އެއާއެކު، ތިމާއާއި ތިމާގެ ގާތް މީހުން މަރުވެ، ހަފުސްވާ ވަރުގެ ކަމެއްވެސް ނުކުރާނެއެވެ. އެދެމެދުގައި ބެލެންސެއް ގެންގުޅޭނެއެވެ. ކުޅިވަރުގެ ރޫޙަކީ މިއީއެވެ.



_____

މި ލިޔުން ފުރަތަމަ ޝާއިޢު ކުރެވުނީ، މެއި 26، 2021 ވީ އަންގާރަ ދުވަހުއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author