11/29/2023
ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމަން އަމާންކަން ޤާއިމުކޮށްދީ، މީހުންގެ އަސާސީ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މައިގަނޑު ޒިންމާ އޮންނަނީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކަށެވެ. ޖިނާއީ މައްސަލަ ތަޙްޤީޤުކުރުމުގެ ބާރު އޮތީ، ތަޙްޤީޤީ އިދާރާތަކަށެވެ. މައިގަނޑު ގޮތެއްގައި ފުލުހުންނަށެވެ. ޖިނާއީ ޢަދުލުގެ ނިޒާމު ތަރުތީބު ކުރެވިފައި އޮތް ގޮތުން، ފުލުހުން ތަޙްޤީޤުކުރާ މައްސަލަތަކުގެ ހެކި ވަޒަންކޮށް، ދަޢުވާކުރުމުގެ އެންމެހައި ކަމެއް އޮތީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ. ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ތަފާތު ގުޅުމެކެވެ. ޚިޔާލުތަފާތުވުމުގެ ތެރެއިންވެސް، ނަތީޖާ ހޯދައިދޭ، ނިކަން ތަހުޒީބު ގުޅުމެކެވެ.
ކުރިން ޢަމަލުކުރި 1998 ގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާ (އެންމެމަތީ ވެރިޔާ) ގައި އޮތީ، ފުލުހުންގެ އެންމެ މަތީ ވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާކަމަށެވެ. ފުލުހުންނާގުޅޭ އެނޫން ވާހަކައެއް އެ ޤާނޫނުއަސާސީއަކު ނެތެވެ. ފުލުހުންނާބެހޭ ޤާނޫނެއްވެސް 2008 ގެ ކުރިއަކުން ނެތެވެ. މިހާރު ޢަމަލުކުރާ 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީގައި އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ، ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރެއިންވެސް ޖިނާއީ ޢަދުލުގެ ނިޒާމާގުޅޭ ކަންކަން ހަރުދަނާކުރުމެވެ. އެއީ، ޤާނޫނުއަސާސީ އެކުލަވާލުމުގައި އޮތް ތާރީޚީ ޙަޤީޤަތްތަކާވެސް ގުޅުން އޮތް ކަމެކެވެ. 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއާއެކު ޖިނާއީ ޢަދުލުގެ ނިޒާމަށް އައި އިންޤިލާބީ ބަދަލުގައި، ފުލުހުންގެ މަސައްކަތަކީ "ސަލާމަތީ ޚިދުމަތެއް" ކަމަށް ކަނޑައެޅުނެވެ. "ސަލާމަތީ ބާރެއް" ނޫނެވެ. ޚިދުމަތެކެވެ. މިލަފުޒު ޤާނޫނުއަސާސީގައި ގެނެސްފައި އޮތީ އޮޅިގެންކަމަށް ބަލައިގެނެއް ނުވާނެއެވެ. ޤާނޫނުއަސާސީގެ 236 ވަނަ މާއްދާ (ސަލާމަތީ ޚިދުމަތްތައް ޤާއިމްކުރުން) ގައި އޮތީ، "ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމްކޮށްފައި އޮންނަންވާނެ" ކަމަށެވެ.
ފުލުހުންނާބެހޭ ދެ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވެއެވެ. އެއީ، 5 އޮގަސްޓު 2008 ދުވަހު ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އާއި 27 މާރިޗު 2021 ގައި ޢަމަލުކުރަންފެށި ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އެވެ. ދެވަނަ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ހަމަ އެ ދުވަހު، ފުރަތަމަ ޤާނޫނުގެ ބާރު ކެނޑިއްޖެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލަކީވެސް ޤާނޫނުއަސާސީން އުފެއްދި މަޤާމެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލަކީ، ދިވެހިރާއްޖޭގައި ޖިނާއީ ދަޢުވާތަކާބެހޭ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސް މީހާގެ ގޮތުގައި ދުސްތޫރީ ބާރުތަކަކާއެކު އުފެއްދި މަޤާމެކެވެ. ޤާނޫނުއަސާސީގެ 223 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބާރުތައް) ގެ ތެރޭގައި، ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ މީހެއްގެ މައްޗަށް ދައުވާއުފުލުމުގެ ބާރާއި ހުށަހަޅާފައި އޮތް ދަޢުވާއެއް އެއްވެސް ސަބަބަކާހުރެ އަނބުރާ ގެނައުމުގެ ބާރު ލިބެއެވެ. މީގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި ހިންގާ ތަޙުޤީޤުތައް ހިންގަނީ ރަނގަޅަށްތޯ ބެލުމަކީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ދުސްތޫރީ ޒިންމާއެކެވެ. މިބާރުތަކުގެ ތެރޭގައި، ޖިނާއީ މައްސަލައެއްގައި ތަޙްޤީޤެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ، ތަޙްޤީޤެއް ހިންގުމަށް އަމުރުކުރުމުގެ ބާރުވެސް ހިމެނެއެވެ.
2008 ވަނަ އަހަރުގެ ފުލުހުންގެ ޤާނޫނު ފާސްކުރީ، ޤާނޫނުއަސާސީ ފާސްކުރުމުގެ އެއްދުވަސްކުރިންނެވެ. ވީމާ، ޤާނޫނުއަސާސީއާއެކު ފުލުހުންގެ ޢަމަލީ ގޮތުން މަސައްކަތަށް އަންނާނެ ބަދަލުތަކަކަށް ވިސްނާލެވިފައި އޮތްކަމަކަށް ނުފެނެއެވެ. މިސާލަކަށް، ޤާނޫނުއަސާސީގައި، ތަޙްޤީޤުތައް ހިނގަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ އޮތް ޕްރޮސިކިއުޓަރ ޖެނެރަލްއާއި ފުލުހުންނާ ދެމެދު އޮންނާނެ ގުޅުމާބެހޭ އެއްވެސް ވާހަކައެއް ފުލުހުންގެ ޤާނޫނަކު ނެތެވެ. ވީމާ، ފުލުހުންނާއި ޕީޖީ އޮފީހާ ދެމެދު އޮތް ގުޅުމަކީ، އެދުވަސްވަރަކު މަޤާމުތަކުގައި ތިބި ބަޔަކު ބޭއްވި ގޮތަކަށް އޮތް ގުޅުމެކެވެ. އަޅުގަނޑު އަމާޒަކަށްވީ، މިކަން ބަދަލުކޮށް، ފުލުހުންނާ ޕީޖީ އޮފީހާ ދެމެދު އޮންނަ ގުޅުމަކީ ހަރުދަނާ، ދެފުށް ފެންނަ، ޕްރޮފެޝަނަލް ގުޅުމަކަށް ހެދުމެވެ. މީހުންގެ މައްޗަށް ބަރޯސާނުވެ، ނިޒާމަކަށް ބަރޯސާވާ ގުޅުމަކަށް ހެދުމެވެ.
ޕްރޮސިކިއުޓަރުންނަކީ ތަޙްޤީޤުކުރުމުގެ ހުނަރު ހުންނަ ބައެއް ނޫނެވެ. ނަމަވެސް، އަޅުގަނޑު މަޤާމާ ޙަވާލުވިއިރު، ކޮންމެވެސް ވަރަކަށް ތަޙްޤީޤު ހިންގުމަށްފަހު، ޕްރޮސިކިއުޓަރުންނާ މަޝްވަރާކުރުމަށް ފުލުހުން ގެންނަވާ މަރްޙަލާގައި ތަޙްޤީޤު ގެންދަންވީ ގޮތާބެހޭ ގޮތުން ޕްރޮސިކިއުޓަރުންގެ ދައުރު ވަރަށް ބޮޑެވެ. ތަޙްޤީޤުގައި ޕްރޮސިކިއުޓަރުންގެ ދައުރު ބޮޑުވާތީ، ފުލުހުންވެސް މަސައްކަތަށް ފަރުވާކުޑަވުމުގެ ފުރުޞަތު އޮތެވެ. މިދެކަމަކީވެސް ދެމެހެއްޓެނިވި ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނުނެވެ. ތަޙްޤީޤުގެ ޒިންމާ އުފުލަންވާނީ ފުލުހުންނެވެ. ދަޢުވާކުރުމުގެ ޒިންމާ ޕްރޮސިކިއުޓަރަށެވެ.
އަޅުގަނޑުމެން މަޑުމަޑުން އެ ނިޒާމު މިހާރު ބަދަލުކޮށްފީމެވެ. ޖިނާއީ މައްސަލައެއްގެ ތަޙްޤީޤުގައި ޕްރޮސިކިއުޓަރުންގެ ދައުރަކީ ފުލުހުންނަށް ބޭނުންވާ ލަފާ ދިނުމެވެ. ކާމިޔާބުކަމާއެކު މައްސަލައެއް ސާބިތުކުރުމަށް ބޭނުންވާނެ ހެކިތަކާއި ޤަރީނާތަކާއި އެހެކިތައް ހޯދާނެ ގޮތާއި، އެހެކިތަކަކީ ކޯޓަށް ބަލައިގަނެވޭނެ ހެކިތަކެއްކަން ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު ދިނުމެވެ. ތަޙްޤީޤުގައި ބާގަނޑެއް އޮތްނަމަ، އެބާގަނޑެއް ބައްދައިގެން ކުރިއަށްދާނެ ގޮތަކާބެހޭ ޤާނޫނީ ލަފާ ދިނުމެވެ. ފުލުހުންނަށް ތަޙްޤީޤުގައި ދަތިވާ ކަންކަން ޙައްލުކޮށްދިނުމެވެ. މިކަން ކުރުމަށްޓަކައި، ދެފަރާތުން ކުރާ މަޝްވަރާ ލިޔެފައި ފެންނަން ހުންނާނެއެވެ. ތަޙްޤީޤު މަރްޙަލާގައި ފުލުހުންނަށް ކުރެވޭނެ ސުވާލުތަކާއި ޕްރޮސިކިއުޓަރުންނަށް އެސުވާލުތަކަށް ޖަވާބުދެވޭނެ ދާއިރާތައްވެސް ކަނޑައަޅައި، ލިޔެފައިވާނެއެވެ.
ޢަމަލީ ގޮތުން މި ބަދަލުތައް ގެނައުމުގެ އިތުރަށް ޤާނޫނަށްވެސް މިހާރު އެބަދަލު ވަނީ އިތުރުކުރެވިފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތޭރަވަނަ ބާބު ޚާއްޞަ ކުރެވިފައި އޮތީ ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ގުޅުމަށެވެ. އެބާބުގެ 71 ވަނަ މާއްދާ (ތަޙްޤީޤުތައް ހިންގުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު) ގައި އޮތީ، ފުލުހުން ހިންގާފައިވާ ތަޙްޤީޤަކާ ގުޅިގެން ދަޢުވާ އުފުލުމަށް ކޮންމެހެން ބޭނުންވާނެ މަޢުލޫމާތު ބަޔާންކޮށްދިނުމަށް ފުލުހުންނަށް އެންގުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް އޮތްކަމަށެވެ. އެޤާނޫނުގެ 72 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދަށް އެދުން) ގައި، ފުލުހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދަށް އެދޭނަމަ އެދެންވާނީ ލިޔުމަކުން ކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލް އިރުޝާދު ދޭންވާނީވެސް ލިޔުމުންކަމަށް އެބައޮތެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމުން ދޭ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމަކީ ފުލުހުންނަށް ލިބޭ އިޚްތިޔާރެއް ނޫނެވެ. ފުލުހުންގެ މައްޗަށް ޤާނޫނުން ލާޒިމުކަމެކެވެ.
ފުލުހުންގެ މަސައްކަތް ކާމިޔާބުވާން އޮތީ ޕްރޮސިކިއުޓަރުގެ މަސައްކަތް ކާމިޔާބުވެގެންނެވެ. ޕްރޮސިކިއުޓަރުގެ މަސައްކަތްވެސް ކާމިޔާބު ވާންއޮތީ ފުލުހުންގެ މަސައްކަތް ކާމިޔާބުވެގެންނެވެ. ފުލުސް އޮފީހާއި ޕީޖީ އޮފީހުގެ ގުޅުމަކީ ވަކިވެވެން ނެތް ޢާއިލީ ނުވަތަ ލޭގެ ގުޅުމެއްފަދަ ގުޅުމެކެވެ. ދެބަސްވާ، ޚިޔާލު ތަފާތުވާ ކަންކަމާއެކުވެސް، އެކުގައި މަސައްކަތްކޮށް، ނަތީޖާ ނެރެދޭންޖެހޭ ގުޅުމެކެވެ. މިހާތަނަށް ކަންތައް ވެފައި އޮތީވެސް އެހެނެވެ. ޕްރޮސިކިއުޓަރަށް މައްސަލައެއް ކާމިޔާބުވެފައި އޮތްނަމަ އޮތީ، އެމައްސަލައެއްގައި ފުލުހުންގެ މަސައްކަތްވެސް ރަނގަޅަށް ކުރެވިފައި އޮތީތީއެވެ. ވީމާ، ފުލުހުންގެ މަސައްކަތް ހަރުދަނާވުމުގެ ޚާއްޞަ މަޞްލަޙަތެއް ޕްރޮސިކިއުޓަރުގެ އޮންނާނެއެވެ.
___
ނޯޓް: މިއީ، "ދައުރު" ނޫހުގެ އޮޕީނިއަން ބައިގައި އަޅުގަނޑު ލިޔެ، 29 ނޮވެމްބަރ 2023 ދުވަހު ޝާއިޢުކުރި ލިޔުމެކެވެ.
ފޮޓޯ: ދައުރު.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author