2/6/2026

އަނިޔާކުރާ މީހާ ބަލަހައްޓާ މަރުކަޒު

އިންސާނީ މުޖްތަމަޢުތަކުގައި، ތަފާތު މިޒާޖުގެ ތަފާތު ވިސްނުމުގެ މީހުން އެއްކޮށްއުޅޭއިރު، އިޖުތިމާޢީ މައްސަލަތައް އުފެދުމަކީ ނުވެނުދާނެ ކަމެކެވެ. އެފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް، އިޖުތިމާޢީ ޚިދުމަތްތެރިންނާއި ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން އަބަދުމެ މަސައްކަތްކުރެއެވެ. ރާއްޖޭގެ ޙާލަތުގައި، ގެވެށި އަނިޔާއަކީ ބޮޑު އިޖުތިމާޢީ މައްސަލައެކެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނެއް (2012 ގައި ހަދައިގެން) ތަންފީޒުކުރާތާ މިއީ 14 ވަނަ އަހަރެވެ.


ރާއްޖޭގެ ޑިމޮގްރެފިކް އެންޑް ފިޒިކަލް ސާވޭ (2019 ގައި ހަދައި، 2022 ގައި ނެރުނު) އިން ދައްކާ ގޮތުން، ރާއްޖޭގެ އާބާދީގެ އަންހެނުންގެ ތެރެއިން 15-49 އަހަރާ ދެމެދުގެ 17 ޕަސެންޓު މީހުންނަށް ގެވެށި އަނިޔާ ކުރިމަތިވެފައިވެއެވެ. އޭގެ ތެރެއިން 11 ޕަސެންޓު މީހުންނަށް ކުރިމަތިވި އަނިޔާގައި ޖިންސީ ކުލައެއް ޖެހިފައިވާކަމަށްވެއެވެ. ވީމާ، މިއީ ދިވެހިރާއްޖޭގައި އަންހެނުންނަށް ކުރިމަތިވެފައި އޮތް ކުޑަ ނޫން މައްސަލައެއްކަން އެނގެއެވެ. މިމައްސަލަ ޙައްލުކުރަން ސަރުކާރުތަކުން ކުރާ މަސައްކަތުގެ ތެރެއިން، 2022 ވަނަ އަހަރު، އޭޑީބީގެ 116 މިލިއަން ރުފިޔާގެ އެހީގެ ދަށުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބަން ހުޅުމާލެ އާއި ރ. އުނގޫފާރާއި އައްޑޫގައި ހާއްސަ މަރުކަޒުތަކެއް ހަދާން ނިންމާފައިވެއެވެ. އެކަމަށްޓަކައި ހުޅުމާލެއިން ކަނޑައެޅި ބިން، އެޗްޑީސީއިން އޭރުގެ ޖެންޑަރ މިނިސްޓްރީއާ ޙަވާލުކުރީ 18 އޮގަސްޓު 2022 ގައެވެ. އެ މަރުކަޒު ހަދަނީ އަނިޔާ ލިބޭ މީހާ އަށް ފަރުވާދެވޭނެ ވަސީލަތްތަކާ ވެސް އެކުގައި ކަމަށާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ގާނޫނީ އެހީތެރިކަމާ އެކު ކައުންސިލިންގެ ހިދުމަތް ވެސް އެ މަރުކަޒުން ލިބޭނެ ގޮތަށްކަމަށް އޭރު އެޗުޑީސީއިން އިޢުލާނުކޮށްފައިވެއެވެ. އެއީ 2022 އެވެ. ފައިސާއާއި ބިން އޮތީ ހަމަޖެހިފައެވެ.


އޭގެ 3 އަހަރު ފަހުން، 29 ޑިސެމްބަރ 2025 ދުވަހު، މިހާރުގެ ޖެންޑަރ މިނިސްޓަރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މުޖުތައުގެ ތެރޭގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ ތެރެއިން އަންހެނުންނަށް ފުރައްސާރަ ކުރުމުގެ ކަންކަން ބޮޑުވެގެން ގޮސްފައިވާ ކަމަށާއި، އެކަން ޙައްލުކުރުން "އައްޑޫ ސިޓީ ހިތަދޫގައި އެ ތަން އެޅުމުގެ މަސައްކަތް ފެށޭ ހިސާބަށް އެ ވަނީ ގޮސްފައި. ހުޅުމާލޭގައި އެފަދަ ތަނެއް އިމާރާތް ކުރުމަށް ބަޔަކު ހޯދަން މިހާރު ވަނީ އިއުލާނު ކޮށްފައި. އެތަނުގެ މަސައްކަތް ފެށުމާއެކު ރ. އުނގޫފާރުގައި ވެސް ވަގުތީ ހިޔާ އެއް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ. އެހެންވީމަ ރާއްޖޭގެ ތިން ހިސާބެއްގައި ޑޮމެސްޓިކް ވައިލެންސް ޝެލްޓާސް ގާއިމް ކުރަނީ،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނޫސްވެރިންނަށް މިމައްސަލައިގެ ފަސްފަހަތް އެނގިވަޑައިގެންފައި ނެތުމުން، 3 އަހަރުތެރޭ އެ ޕްރޮޖެކްޓު ނުފެށި އޮތް ސަބަބާބެހޭގޮތުން ސުވާލެއް ކުރެވިފައި އޮތް ކަމަކަށް ނުފެނެއެވެ.

އަޅުގަނޑުގެ މި މަޒްމޫނުގެ ބޭނުމަކީ ސަރުކާރުގެ ހިންގުމުގައި ހުރި ލަސްކަމުގެ ވާހަކަ ދެއްކުމެއް ނޫނެވެ. 116 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، އަނިޔާލިބޭ މީހުންނަށް ވަގުތީ ރައްކާތެރިކަން ދިނުމަށް އަޅާ ހިޔާތަކުގެ ބަދަލުގައި، އަދި އެ ސެންޓަރުތައް ހިންގުމަށް މަހުންމަހަށް ކުރަންޖެހޭ އިތުރު އެތައް އެތައް މިލިއަން ރުފިޔާގެ ޚަރަދުގެ ބަދަލުގައި، އެއަށްވުރެ ޚަރަދުކުޑަ، މިރާއްޖޭގެ މާޙައުލާގުޅޭ، ޤާނޫނީ ގޮތުން ޓެސްޓުކުރެވިފައިވާ އެހެން ޙައްލެއް ހުށަހެޅުމެވެ. އެއީ އަނިޔާކުރާ މީހާ ބަލަހައްޓާ މަރުކަޒު ހެދުމެވެ.

 

ވަކި މީހަކީ އަނިޔާލިބުނު މީހެއްކަމަށް ދައުލަތުން ބެލުމުގެ ޤާނޫނީ ނަތީޖާއަކީ، އޭނާއަކީ އެކަމުގައި ކުށެއް ނުކުރާ މީހެއްކަމަށް ދައުލަތުން ޤަބޫލުކުރުމެވެ. އެ ސަބަބަށްޓަކައި އޭނާއަށް ޙިމާޔަތާއި ރައްކާތެރިކަން ދޭންޖެހެނީއެވެ. ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، އަނިޔާ ލިބޭ މީހުން ވަކި ތަނަކަށް ގެންގޮސް، ވަގުތީ ހިޔާވަހިކަން ދިނުމުގެ މާނައަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް އިތުރަށް އަނިޔާ ދިނުމެވެ. ރީވިކްޓިމައިޒްކުރުމެވެ. އޭނާގެ ފުށުން ކުށެއް ނުފެންނަނީސް، އޭނާއަށް އަނިޔާ ލިބުނުކަމަށްޓަކައި، އޭނާ ދިރިއުޅޭ ޢާންމު މާޙައުލުން "އުފުރާލައިގެން" ގެންގޮސް، އޭނާ ވަކި ތަނެއްގައި ބަހައްޓައި، އޭނާ ދުށުން ޢާންމުވެފައިވާ މީހުންނާއި ތަންތަނާއި ރަޙްމަތްތެރިންނާ، އޭނާގެ ޓީވީއާއި ކުޅޭ އެއްޗެއްސާއި، ސިޓިންގރޫމާއި ކޮޓަރިއާއި، އޭނާގެ އެނދާއި ބެޑްޝީޓާ، މިހެންގޮސް، އޭނާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހައި، އޭނާ އުޅޭ މާޙައުލުން ދުރަށް ގެންދިއުމުގައި އޮތީ ކޮން އިންޞާފެއްތޯއެވެ؟ އޭނާއަށް އަނިޔާ ލިބުނީތީ، އަނިޔާ ކުރި މީހާ ހުރި ތަނުގައި ބަހައްޓާފައި، އަނިޔާލިބުނު މީހާ މުޅިން އެކަހެރިކުރުމަކީ ކޮން އިންޞާފެއްތޯއެވެ؟ 'އުފުރާލަންވީ' އަނިޔާ ކުރި މީހާ ނޫންތޯއެވެ؟

އަޅުގަނޑަށްވެސް އެނގެއެވެ. އިޖްތިމާޢީ ދާއިރާގެ ބައިނަލްއަޤްވާމީ ލިޔުންތަކާއި ރެކޮމެންޑޭޝަންތަކުގައި 'ވިކްޓިމް ޝެލްޓަރ' އަކީ ވަރަށް ހިނގާ ބަސްމަގެކެވެ. މޮޅުކަމަށް ފެންނަ މީހުން ދައްކާ ހިތްވާވެސް ވާހަކައެކެވެ. އެވާހަކަތައް އަޑުއަހައިގެން އަޅުގަނޑުމެންވެސް އެކަހަލަ ރީތި ބަސްތައް ކިޔަމެވެ. ނަމަވެސް، ދިވެހިރާއްޖެފަދަ ޖަޒީރާ ޤައުމެއްގެ އިޖުތިމާޢީ ޙާލަތުތަކަށް ބަލާއިރު، 'ވިކްޓިމް ޝެލްޓަރު' ހަދައިގެން، އެކަމުން ޙަޤީޤީ ތަސައްލީއެއް ނުލިބި، އެކަމަށް ހިނގާ ޚަރަދުބޮޑުވެ، އެކަންވެސް ދެމެހެއްޓެނިވި ގޮތަކަށް ނުކުރެވުމަކީ، ދިވެހިރާއްޖޭގެ މުޖްތަމަޢާއި އަނިޔާލިބޭ މީހާގެ ޙަޔާތް އިތުރަށް ބާއްޖަވެރިވާ ކަމެއް ނޫނެވެ. އަޅުގަނޑުމެން މި އުޅެނީ ބުޅާ ފެސިލިޓީއެއް ހަދައިގެން، 100 އެއްހައި ބުޅާ ގެންގުޅެން އަހަރަކު 11 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހިގެންނެވެ. ވީމާ، ވިކްޓިމް ޝެލްޓަރެއްގެ ޚަރަދު ހުންނާނެ މިންވަރު ވިސްނާވަޑައިގަންނަވާށެވެ.

 

ގެވެށި އަނިޔާގެ ކޮންމެ ކަމަކީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށް ޖަލަށްލާންޖެހޭފަދަ ކަމަކަށް ބައެއްފަހަރު ނުވެއެވެ. ވީމާ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އޭނާ ބަންދުކުރުމަކީ ކޮންމެ ފަހަރަކު ކުރެވޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން، ގެވެށި އަނިޔާގެ ޙާލަތުގައި، އަނިޔާލިބޭ މީހާގެ ހަމައެކަނި ބޭނުމަކީ ގެވެށި ގުޅުން (ނުވަތަ ކާވެނި) ރޫޅާލުމެއްވެސް ނޫނެވެ. އަނިޔާލިބޭ މީހާ ބޭނުންވަނީ އަނިޔާކުރި މީހާ 'ރަނގަޅުވެގެން' އަންނާށެވެ. ރިހެބިލިޓޭޓް ވާށެވެ. ކާވެންޏެއް ރޫޅާލުމަކީ އަދި މާ ފަހުގެ ކަމެކެވެ. އެހެން ޙައްލުތަކެއް ނުލިބިއްޖެނަމަ އެކަނި ކުރަން އޮންނަ ކަމެކެވެ. އެ ދެމީހުން އެއްކޮށް އުޅެނީ އެއްކޮށް އުޅެން ބޭނުންވާފަދަ ކަންތައްތަކެއް ހުރީތީއެވެ. ދެމީހުންގެ މެދުގައި ކޮންމެވެސް އިރެއްގައި އިޙްސާންތެރިކަމަކާއި ލޯބި އޮތީތީއެވެ. އަދިވެސް އެ ލޯބި އޮވެދާނެއެވެ. އަނިޔާއާހެދި މިވަގުތު ފެންނަން ނެތީއެވެ. ވަރިއާބެހޭ އާޔަތްތަކުގެ ފަހަތަށް، ކީރިތި ޤުރުއާނުގައި، ބަޤަރާ ސޫރަތުގެ 237 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَلَا تَنسَوُا۟ ٱلْفَضْلَ بَيْنَكُمْ ۚ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ މާނައަކީ، ތިޔަބައި މީހުންގެ މެދުގައި، އެކަކު އަނެކެއްގެ މައްޗަށް އޮތް/އޮންނަންޖެހޭ އިޙްސާންތެރިވުން ތިޔަބައި މީހުން ހަނދާން ނައްތައިނުލާށޭވެއެވެ. ހަމަކަށަވަރުން ﷲއީ ތިޔަބައިމީހުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.


ވީމާ، އަޅުގަނޑުގެ ހުށަހެޅުމަކީ، ކޮންމެ ރަށެއްގައި ވިކްޓިމް ސެންޓަރުގެ ބަދަލުގައި 'އަނިޔާކުރާ މީހާ ބަލަހައްޓާ މަރުކަޒު' ހެދުމެވެ. އެތަނުގައި ހުންނާނީ (ޚަރަދުކުޑަކޮށް ހަދާފައި ހުރި) އަސާސީ ފެންވަރުގެ ކޮޓަރި ބަރިއެކެވެ. އެކަކަށްވުރެ ގިނަ މީހުންވެސް ކޮޓަރިއެއްގައި ތިބެދާނެއެވެ. އެއީ ޖަލެއް ނޫނެވެ. މިނިވަންކަމާއެކު ވަދެނުކުމެ ހެދޭނެއެވެ. ހަމައެކަނި ތަފާތަކީ އޭނާގެ އަޞްލު ގެއަށް މިވަގުތަށް ނުދެވޭކަމެވެ. އެކަން ޤާނޫނީ ގޮތުން މަނާކުރާނީ، ޤާނޫނުގައި އެކަށައަޅާފައިވާ، ރައްކާތެރިކަމުގެ އަމުރު ނެރުމުގެ އިޖުރާއާތުގެ ތެރެއިންނެވެ. އަނިޔާކުރާ މީހާ، އަނިޔާކުރާ މީހާ ބަލަހައްޓާ މަރުކަޒުގައި ހުންނަ ހުރުމުގައި، އެންގަރ މެނޭޖްމަންޓްފަދަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭނެއެވެ. ފުރިހަމަކުރަންޖެހޭ ޕްރޮގްރާމްވެސް ކަނޑައަޅާނީ ރައްކާތެރިކަމުގެ އަމުރުގެ ތެރެއިންނެވެ. އެ ޕްރޮގްރާމް ހިންގާނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިންނެވެ. އެފަދަ ޕްރޮގްރާމްތައް ހިންގުމުގެ ޤާނޫނީ ބާރު، މިހާރުވެސް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެ އޮތޯރިޓީއަށް އޮވެއެވެ. އަނިޔާކުރާ މީހާ، ޕްރޮގްރާމް ހަދައިގެން ރިހެބިލިޓޭޓްވެގެން އަތުވެއްޖެނަމަ، ކޯޓު އަމުރު އިޞްލާޙުކޮށް، އެމީހާ އަލުން ގެއަށް ބަދަލުވާނީއެވެ. އިޞްލާޙު ނުވެ، ގޮތްދޫނުކޮށް، ޕްރޮގްރާމް ނަހަދައިފިނަމަ، އޭނާ އުޅެންޖެހޭނީ އަނިޔާކުރާ މީހުން ބަލަހައްޓާ މަރުކަޒުގައެވެ. ވަޒީފާއަށްވެސް ދެވޭނެއެވެ. ދަރިންނަށާއި އަނބިންނަށް ޚަރަދުވެސް ކުރަންޖެހޭނެއެވެ. ޕްރޮގްރާމް ފުރިހަމަކޮށް، އޭނާ އިޞްލާޙުވެއްޖެކަން ކޯޓަށް ސާބިތުކޮށްދިނުމުން އަނބުރާ ގެއަށްވެސް ދެވޭނެއެވެ. މިގޮތަށް ހެދުމުން، އަނިޔާކުރާ މީހާ އިޞްލާޙުވާން އިންސެންޓިވްއެއްވެސް އޮންނާނެއެވެ. އަނިޔާލިބޭ މީހުންނަށް އެމީހުންގެ ކުށެއްނެތި އެމީހުންގެ މާޙައުލުން 'އުފުރާލުމުގެ' ސަޤާފަތްވެސް ނިމުމަކަށް އަންނާނެއެވެ. ދައުލަތުން ކުރަންޖެހޭ ޚަރަދުވެސް ކުޑަވާނެއެވެ. މިއީ، މިހާރުވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކަނޑައަޅައިގެން ހިންގާ ރެޖީމާ ދާދި އެއްގޮތް ރެޖީމެކެވެ. އަލަށް މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ޑްރަގް ކޯޓުން ކަނޑައަޅާ ފަރުވާގެ ތެރެއިން އިޞްލާޙުވެގެން މުޖްތަމަޢަށް އަނބުރާ ނުކުންނަން ފުރުޞަތުދީގެން ހިންގާގޮތަށް، އަނިޔާކުރާ މީހުންގެ ޕްރޮގްރާމްވެސް، މިހާރު އޮތް ޤާނޫނީ ނިޒާމުގެ ތެރެއިން އިތުރު ޤާނޫނަކަށް ބަދަލުނުގެނެސް ކުރެވެން އެބައޮތެވެ.

 

މީގެ އިތުރުން، މިހާރު ޕްލޭންކޮށްފައި އޮތް ގޮތަށް، އަނިޔާ ލިބޭ މީހުންނަށް ދޭންޖެހޭ ސައިކޮލޮޖިކަލް އަދި ޞިއްޙީ އެހީތެރިކަން ދޭން ބޭނުންވާ ވަޞީލަތްތައް 'އަނިޔާލިބޭ މީހުންގެ މަރުކަޒު' ގެ ބަދަލުގައި ޤާއިމުކުރާނީ އެރަށެއްގެ ޞިއްޙީ މަރުކަޒުގައެވެ. އޭރުން، އެ ޚިދުމަތްތައްވެސް މާ ފުޅާ ދާއިރާއެއްގައި، މާ ގިނަ މީހުންނަށް ލިބޭނެއެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author