11/5/2022

އޮކްޓޯބަރު މަހުގެ މަސްރިޕޯޓު ދިރާސާކުރުން

އަޅުގަނޑަކީ ގަވާއިދުން ރޭޑިއޯ އަޑުއަހާ މީހަކީމެވެ. ރޭޑިއޯއިން، ކުރީގައި އެންމެ އަޑުއަހާ ހިތްވާ އެއް ޕްރޮގްރާމަކީ، ދުވަހުގެ މަސްރިޕޯޓެވެ. އެއީ ކޮންމެ ރެއަކުވެސް، ރޭގަނޑު 7 ގެ ޚަބަރުގެ ފަހުން އަންނަ ރިޕޯޓެކެވެ. ކޮންމެ ދުވަހަކު، ކޮންމެ ރަށަކުން މަހަށް ފުރި ދޯނީގެ ޢަދަދާއި ބޭނިމަހުގެ ޢަދަދު ރިޕޯޓުގައި ކިޔައެވެ. މިކަންކަން މިމަގުން ހިންގަނީ ކޮން ބޭނުމެއްގައިކަމެއް އޭރަކު ނޭނގެއެވެ. ނަމަވެސް، މަސްވެރިންގެ ދުވަހު، އެންމެ ގިނަ ދުވަހު މަހަށްފުރި ދޯންޏަށް އިނާމުދޭތީ، މިތަފާސް ހިސާބުގެ އިތުރު ބޭނުމެއް އޮތްކަމަށް ވިސްނެއެވެ. އިޤްޠިޞާދީ އަދި މެނޭޖްމަންޓުގެ ބޭނުމަށް، މިމަޢުލޫމާތު އެއްކޮށް، ދިރާސާކުރުމުގެ މުހިންމުކަން ވިސްނެންފެށީ އަދި މާފަހުންނެވެ.

 

ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައްވެސް ކުރެވޭ މިންވަރާއި، ކާމިޔާބު ނުވަތަ ނާކާމިޔާބު ވާ މިންވަރު އެނގޭނީ، މަސްރިޕޯޓު ގޮތަށް، ކޮންމެ ދުވަހަކު ހިނގާ ކޮންމެ ކަމެއް ބަލައިގެންނެވެ. މިފަހަރު މި ގެނެސްދެނީ، އޮކްޓޯބަރ މަހުގެ މަސްރިޕޯޓުގެ ޚުލާޞާ ދިރާސާއެކެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން، ކޮންމެ މަހެއްގެ މަސްރިޕޯޓު، ޕީޖީ އޮފީހުގެ ވެބްސައިޓުގައި މިދަނީ ޝާއިޢުކުރަމުންނެވެ. މަސް ރިޕޯޓު ބަލައި، ދިރާސާކުރާ މީހަކަށް އޭގެން ޢިބުރަތެއް ލިބޭނެކަމަށް ބަލައިގެންނެވެ.

 

އަޅުގަނޑުގެ މައިގަނޑު މަސައްކަތަކީ މަސްރިޕޯޓު ބަލައި ދިރާސާކުރުމެވެ. ކޮންމެ މަހެއްގެ ރިޕޯޓު ފުންކޮށް ދިރާސާކުރުމުން، އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭ ކަންކަމާއި، އިތުރަށް މަސައްކަތްކުރަންޖެހޭ ދާއިރާތައް ސާފުވެއެވެ. މިހާރު ރަނގަޅަށް ކުރެވޭ ކަންކަމާއި، އިތުރު ބަދަލުތައް ގެންނަންޖެހޭ ދާއިރާތައް އެނގެއެވެ. ކުށުގެ މާޙައުލަށް އަންނަ ބަދަލުތަކާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ހިންގުން ކުރިއަށްދާގޮތްވެސް އެނގެއެވެ.

 

އޮކްޓޯބަރު މަހު، ޑްރަގް ކޯޓު ފިޔަވައި، އެންމެ ގިނަ މައްސަލަ ނިންމެވީ ކްރިމިނަލް ކޯޓުންނާއި މާލެ އަތޮޅުގެ ކޯޓުތަކުންނެވެ. އެއީ 48 މީހެއްގެ މައްސަލައެވެ. އޭގެ ތެރެއިން 43 މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 90% ކާމިޔާބުގެ ރޭޓެއް ހިފެހެއްޓުނެވެ. 3 މީހެއްގެ (6%) މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމެވިއެވެ. މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް 2 މައްސަލައެއްގައި ނިންމެވިއެވެ. އެ 2 މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ދެން އެންމެ ގިނަ މައްސަލަ ނިންމެވީ ހދ އަތޮޅުންނެވެ. އެއަތޮޅުން ނިންމެވި 15 މައްސަލައިގެ ތެރެއިން 9 މީހެއްގެ މައްސަލަ ސާބިތުވިއެވެ. ސާބިތުނުވީ 7 މީހެއްގެ މައްޗަށެވެ. ސާބިތުނުވި މައްސަލަތަކުގެ ދައުވާ ކޯޓަށް ހުށަހެޅިފައިވާ އަހަރުތަކަށް ބެލިއިރު އޮތީ، 2009، 2012، 2018 އަދި 2019 ގެ އެއް މައްސަލައާއި، 2020 ގެ ދެ މައްސަލައާއި 2021 ގެ އެއް މައްސަލައެވެ. މިހުރިހާ މައްސަލައެއްވެސް ސާބިތުނުވެފައި އޮތީ ހެކިންގެ ހެކިބަސް ނުލިބިގެންނެވެ. ހެކިންގެ ހެކިބަސް ނުލިބުމާ، މައްސަލަ ނުނިމި ގިނަ ދުވަސްވުމާ ގުޅުމެއްވާކަން، ތަފާސް ހިސާބުތަކުން ސާފުކޮށް ދައްކައެވެ. އެންމެ ގިނަ މައްސަލަ ކޯޓުތަކުން ނިންމެވީ އޮކްޓޯބަރު މަހުގެ 3 ވަނަ ހަފްތާގައި 56 މައްސަލައެވެ.

 



މައްސަލަ ހުށަހެޅި އަހަރާއި ސާބިތުވުމާއި ނުވުމުގެ ހުރި ގުޅުން ތިރީގައިމިވާ ތާވަލުން ފެނިވަޑައިގަންނަވާނެއެވެ. 2022 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ މައްސަލަތައް ކާމިޔާބުވާ ޕަސެންޓޭޖު އެހުރީ 80% އާ ގާތުގައެވެ. ނަމަވެސް، އޭގެ ކުރީގެ އަހަރު ތަކުގައި ހުށަހަޅާފައިވާ މައްސަލަތައް ނިންމެވުން ލަސްވާ ވަރަކަށް، ކޮންސިސްޓަންސީ ގެއްލެއެވެ. އޮކްޓޯބަރު މަހު ސާބިތުވާކަމަށް ނިންމެވި މައްސަލަތައް ނިންމަވަން، އެވްރެޖްކޮށް 553 ދުވަސް ނެގިއެވެ. ސާބިތުނުވާކަމަށް ނިންމެވި މައްސަލަތައް ނިންމަވަން ނެގީ 870 ދުވަހެވެ.

 


މިދަންނަވާލެވުނީ، ހަމައެކަނި ކޯޓުތަކުން ނިންމެވި މައްސަލަތަކުގެ ރިޕޯޓެވެ. ދެން އޮތީ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްޞީލެވެ. އޮކްޓޯބަރު މަހު، 167 މައްސަލައެއްގައި، 317 ދަޢުވާ ފޯމަކުން، 225 މީހެއްގެ މައްޗަށް، 16 އަތޮޅެއްގެ ކޯޓުތަކަށް ހުށަހަޅާފައިވެއެވެ. ދައުވާލިބުނު މީހުންގެ އެވްރެޖް ޢުމުރަކީ 31 އަހަރެވެ. އެންމެ ގިނަ މައްސަލަ ހުށަހެޅިފައި އޮތް ފަސް ކޯޓަކީ، ކްރިމިނަލް ކޯޓު (112)، ޑްރަގް ކޯޓަށް (69)، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު (22)، އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓު (13)، އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓު (8) އެވެ. ހަމައެކަނި އޮކްޓޯބަރު މަހު ޕީޖީ އޮފީހަށް ބަލައިގަތް މައްސަލަތައް، ކޯޓަށް ހުށަހެޅުމުގެ ހުރިހާ މަރްޙަލާއެއްގައި ހޭދަވެފައިވަނީ 7 ދުވަހުވެ. ޤާނޫނުން ލިބިދެނީ ޢާންމު ޙާލަތުގައި 10 ދުވަހުވެ. ފުލުހުންނާއެކު އެންމެ ފަހުގެ މަޝްވަރާތައް ކުރުމާއި، މައްސަލަ ކޯޓަށް ހުށަހެޅުމާ ދެމެދު ހިނގާފައި އޮތީ، އެވްރެޖްކޮށް 25 ދުވަހެވެ.

 

މިމަހު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ 79.5% (252 ދަޢުވާ) އަކީ މިއަހަރުގެ ހާދިސާތަކާ ގުޅޭ ދައުވާތަކެވެ. 2021 ވަނަ އަހަރުގެ 34 ޙާދިސާ (10.73%) އަކާއި، 2020 ވަނަ އަހަރުގެ 12 ޙާދިސާ (3.79%) އެވެ.

 

އޮކްޓޯބަރު މަހު އެންމެ ގިނައިން ހުށަހެޅިފައިވާ ފަސް ބާވަތުގެ މައްސަލަތަކަކީ، މަސްތުވާތަކެއްޗާގުޅޭ އެކިއެކި ދައުވާތަކާއި (47 މީހުން)، ޓެރަރިޒަމާ ގުޅޭ ދައުވާތައް (14 މީހުން) އެންޓި ޓޯޗަރގެ ޢަމަލުތަކާ ގުޅުންހުރި ދައުވާ (10 މީހުން) އާއި ފުލުހުން ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާ (15 މީހުން) ނެވެ.

 

ދައުވާކުރާ މައްސަލަތަކުގެ މަސްރިޕޯޓު މުހިންމުވަނީ ކީއްވެގެންތޯ ސުވާލު އުފެދިދާނެއެވެ. އެމަޢުލޫމާތު މުހިންމުވަނީ، ކުށް މަދުކުރަން ކުރާ މަސައްކަތާއި ޕޮލިސީ ހެދުމުގެ މަސައްކަތުގައެވެ. މިސާލަކަށް، އޮކްޓޯބަރު މަހު، މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި (ފަރުވާގެ ފުރުޞަތު ލިބިދިނުމަށްޓަކައި) ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ، ކެނަބިސް ބޭނުންކުރިކަމަށް ތުހުމަތުކުރެވުނު 43 މީހުންގެ އެވްރެޖް ޢުމުރަކީ 28 އަހަރެވެ. ނަމަވެސް، ޑައިމޯފިން ބޭނުންކުރިކަމަށް ތުހުމަތު ކުރެވިގެން ދައުވާ ކުރެވުނު 37 މީހުންގެ އެވްރެޖް ޢުމުރަކީ 36 އަހަރެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވިގެން ދައުވާ ކުރެވުނު 7 މީހުންގެ އެވްރެޖް ޢުމުރަކީ 40 އަހަރެވެ. ޒިނޭކުރިކަމަށް ތުހުމަތު ކުރެވިގެން ދައުވާކުރި 7 މީހުންގެ އެވްރެޖް ޢުމުރަކީ 30 އަހަރެވެ. ވީމާ، ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތައް، މިދެންނެވި ޢުމުރުފުރާތަކަށް ބަހައިގެން ތަރުތީބުކުރުމުގެ ބޭނުންތެރިކަމެއް އޮވެދާނެއެވެ. މުޅި އަހަރު ދުވަހުގެ މަސްރިޕޯޓުތައް ދިރާސާކުރުމުން، މިއަށްވުރެ އަދި މާ ސާފު މަންޒަރެއް ފެންނާނެއެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author