6/23/2024

މަސައްކަތާބެހޭ ޚިޔާލު ބޮކި 3 – ރަސްމީ ހެދުން

ވަޒީފާގެ މާޙައުލުގައި، މުވައްޒަފާއި ވަޒީފާދޭ މީހާއާ އޮތް ގުޅުމަކީ، މުވައްޒަފު ފޯރުކޮށްދޭ ޚިދުމަތަކަށް ވަޒީފާދޭ މީހާ މުޤާބިލުގައި އަގެއް ދެއްކުމެވެ. ބައެއްފަހަރު އެ އަގަކީ ފައިސާއެވެ. އަނެއްބައި ފަހަރު އެހެން ކޮންމެވެސް ޚިދުމަތެކެވެ. ކޮންމެ ޙާލަތެއްގައި ވިޔަސް، އެއީ ދެފަރާތުން އަގުހުރި އެއްޗެއް ބަދަލުކުރާ މުޢާމަލާތެކެވެ.

 

އަޅުގަނޑާއި ދައުލަތާ ދެމެދު އޮތް އެއްބަސްވުމަކީވެސް އެކަހަލަ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަޅުގަނޑު ޢައްޔަންކުރީ އަޅުގަނޑުގެ މަސައްކަތަށް އުޖޫރައެއްވެސް ހަމަޖެއްސުމަށްފަހުއެވެ. އަޅުގަނޑު ވަޒީފާއަށް ކުރިމަތިލީ، އެ އުޖޫރައިގެ މުޤާބިލުގައި އަޅުގަނޑުގެ ވަގުތާއި، މަސައްކަތާއި، ވިސްނުމާއި، ތަޖުރިބާއާއި، ތަޢުލީމު ބޭނުންކޮށްގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނީ ޒިންމާތައް އަދާކުރުމަށް އެއްބަސްވެގެންނެވެ. އެކަން ކުރެވޭނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެގެން، ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތަކަށް އަބަދުމެ އަހުލުވެރިވެ ހުރެގެން ކަމަށްވާތީ، އެކަންކަން ކުރުމަށް އެއްބަސްވީމެވެ. މުޢާމަލާތަކީ އެއީއެވެ.

 

މިމަސައްކަތަށް އަޅުގަނޑު ކުފޫ ހަމަވޭތޯ ރައްޔިތުންގެ މަޖިލީހުން ކުރި އިންޓަވިއުގައި، އަޅުގަނޑު ހެދުން އަޅާނެ ގޮތާބެހޭ ގޮތުން، ނުވަތަ އަޅުގަނޑު ހުންނަ ގޮތާބެހޭ ގޮތުން ސުވާލެއް ނުކުރައްވައެވެ. އަޅުގަނޑު ކުރިމަތިލީ މޮޑެއްޔެއްގެ މަޤާމަކަށް ނޫނެވެ. އަޅުގަނޑަށް ވަޒީފާ ދިނީ އެކަންކަމަށް ބަލައިގެނެއް ނޫނެވެ. އަޅުގަނޑަށްވުރެ ރީތި، ޒުވާން، ބަނިޔާދަން މީހުން މި މަޤާމަށް ކުރިމަތިލިވެސްމެއެވެ.

 

ރައްޔިތުންގެ މަޖިލީހުން އަޅުގަނޑު އަތުން ބޭނުންވަނީ، އަޅުގަނޑުގެ ތަޢުލީމާއި، ތަޖުރިބާއާއި، ޢިލްމާއި، ވިސްނުމާއި، ފިކުރާއި، ވަގުތެވެ. އަޅުގަނޑު ހުންނަ ގޮތެއް، އަޅާ ހެދުމެއް ނޫނެވެ. ވީމާ، އަޅުގަނޑުގެ އަމާޒަކަށްވާންވާނީ، އަޅުގަނޑަށް ވަޒީފާ ދިން މައިގަނޑު ކަންތައް، އަޅުގަނޑުގެ ޤާބިލުކަން ތަންދިން އެންމެ މަތީ ފެންވަރަކަށް ނެރެވޭތޯ ބެލުމެވެ. ވަޒީފާގެ މައިގަނޑު ނަތީޖާ ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރަންޖެހޭނެއެވެ. އެކަން ކުރެވެނީ، އަޅުގަނޑު ސޫޓަކާއި ބޫޓަކަށް އަރައިގެން ހުރެގެންތޯ، ނުވަތަ ގަމީހަކާއި ޓައީއެއް އަޅައިގެންތޯ، ނުވަތަ ޓައީ ނާޅައި ހުރެގެންތޯ ނިންމުމަކީ އަޅުގަނޑުގެ ކަމެކެވެ.

 

ނަމަވެސް، އޮފީސް ތަމްސީލުކުރަންޖެހޭ ތަންތަނުގައި، ޤާނޫނަކުން ނުވަތަ އާދަކާދައިން ވަކި ގޮތަކަށް ލާޒިމުކުރާނަމަ، އެކަމެއް އެގޮތަކަށް ކުރުމަކީ އަޅުގަނޑު ކުރަންޖެހޭނެ ކަމެކެވެ. މިސާލަކަށް، ކޯޓަށް ޙާޟިރުވާއިރު ވަކި ގޮތަކަށް ހެދުން އެޅުމަށް ކޯޓުން ލާޒިމުކުރެއެވެ. އެ ޙާލަތުގައި ޕީޖީ އޮފީސް ތަމްސީލުކުރާއިރު އެ ގޮތަށް ހެދުން އަޅަންޖެހޭނެއެވެ. ރަސްމީ ހައިސިއްޔަތުން މީހުންނާ ބައްދަލުކުރާއިރު، އޮފީހުގެ ހައިބަތާއި ޤަދަރަށް އުނިކަން ނާންނާނޭހެން ހެދުން އެޅުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެއީވެސް ވަޒީފާގެ ބައެކެވެ.

 

ސަރުކާރު މުވައްޒަފުން ވަކި ގޮތަކަށް ހެދުން އެޅުމަށް އެންމެ ފުރަތަމަ އަމުރު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް ނާޞިރު، އެމަނިކުފާނުން ވެރިކަމަށް އިންތިޚާބުވިތާ ފަސްވަނައަށް ވީ (16 ނޮވެމްބަރ 1968) ގައި ނެރުއްވި ސިޓީއެއްގައެވެ. އެސިޓީގައި، 100 ރުފިޔާއިން ފެށިގެން މަތީގެ މުސާރަލިބޭ ފިރިހެނުންގެ ހެދުމަކީ، މުންޑުގެ ބަދަލުގައި ފަޓްލޫނު ނުވަތަ ފަޓުލޫނު ބުރިއާއި ފައިންވާން ކަމުގައި ހަމަޖެއްސިއެވެ. އަންހެނުންގެ ހެދުމަކީ ސާޅީ، ޕާކިސްތާން ހެދުން، ނުވަތަ ކުރުހެދުން އަދި ފައިވާން ކަމުގައި ހަމަޖެއްސެވިއެވެ.

 

1968 ވަނަ އަހަރަކީ ސަރުކާރުގެ ހިންގުމުގެ ދާއިރާގެ މުހިންމު ދެ ޤާނޫނެއްވެސް ފާސްކުރި އަހަރެކެވެ. ޤާނޫނު ނަންބަރު 68/1ޖ (އޮފިޝަލް ކަންތައް ޗެޕްޓަރ 1) އާއި ޤާނޫނު ނަންބަރު 68/2ޖ (އޮފިޝަލް ކަންތައް ޗެޕްޓަރ 2) އަށް ޢަމަލުކުރަން ފެށީ 11 ނޮވެމްބަރ 1968 ގައެވެ. މި ދެ ޤާނޫނުގައި، ސަރުކާރު ހިންގުމުގެ އުޞޫލުތައް ލިޔެފައިވެއެވެ. ރަސްމީ ލިޔުމެއްގައި ސޮއިކުރާނަމަ، އެ ސޮއި އޮންނަންވާނީ ޢަރަބި ނުވަތަ ދިވެހި އަކުރުންކަމަށްވެސް ޤާނޫނުގައި ލިޔެފައި އެބައޮތެވެ.


ޓައީގެ ތާރީޚް

ޓައީއަކީ 3 (ބީސީ) ވަނަ ޤަރުނުގައި ހަނގުރާމަވެރިން، އެމީހުންގެ ލަނގޮޑި ރައްކާތެރިކުރަން އަޅައި އުޅުނު ފޮތިކޮޅެކެވެ. އެމީހުން ޤަބޫލުކުރި ގޮތުގައި، ލަނގޮޑިއަކީ ހަށިގަނޑުގެ އާރާއި ބާރު ޖަމާވެފައިވާ ތަނެވެ. 1636 ވަނަ އަހަރު، ގްރާންސުގެ ރަސްގެފާނު ލުއިސް 13، އޭނާއަށް ހަނގުރާމައެއް ކޮށްދިނުމަށް ކްރޮއޭޝިއާއިން ގެނައި ކުލީ ސިފައިންގެ މީހުން އަޅައިގެން ތިބި ޓައީ ފެނި، އެޓައީ ރީތިވެގެން، ރަސްގެފާނުގެ އެކި ކަންކަމުގައިވެސް އެ ޓައީ ބޭނުންކުރަން ފެށިއެވެ. ޓައީއަށް ކިޔާ އަނެއް ނަމަކީ ކެރަވެޓްއެވެ. އެއީ، ފްރާންސްބަހުން ކްރޮއޭޝިއާ މީހުންނަށް ކިޔާ ނަމެކެވެ. އެ ނަން އޭގެ ފަހުން އެކި ބަސްބަހަށް ބަދަލުވެގެން ގޮސްފައިވަނީއެވެ. އިނގިރޭސިން ނެކުޓައީއެވެ. މިޞްރު މީހުން، ކެރަވަޓްގެ އަޞްލާ އެއްގޮތަށް، އެއަށް ކިޔީ ކަރަފައްތާއެވެ. ވީމާ، ޓައީގެ އަޞްލަށް ރުޖޫޢަވާއިރު، މި ޒަމާނުގެ ވަޒީފާގެ މާޙައުލުގެ އުފެއްދުންތެރިކަމާއި ޓައީއާ އޮތް ގުޅުމެއް ފެންނާކަށް ނެތެވެ. ޓައީއަކީ، އަޅުގަނޑާއި ދައުލަތާ ދެމެދު އޮތް މުޢާމަލާތުގެ ޖައުހަރީ ކަމެއްކަމަކަށް ނުފެނެއެވެ.

 

ސަރުކާރު މުވައްޒަފުން ގަމީހާއި ފަޓުލޫނު ލައިގެން އޮފީހަށް ދިއުން ލާޒިމުކުރިތާ 55 އަހަރު ފަހުން، މިހާރު އަޅުގަނޑުމެންގެ ތެރޭގައި އޮފީސް ހެދުމުގައި ގޮތުގައި އޮތީ ގަމީހާއި ޓައީއެވެ. މި ބަދަލު އައި ދުވަހެއް، އޭގެ ތާރީޚެއް އަދި ސާފެއް ނުވެއެވެ. ސަރުކާރުގެ ވެރިން، ރަސްމީ ޖަލްސާތަކުގައި ސޫޓުބޫޓު ތުރުކުރައްވަން ފެއްޓެވީ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ކުރީކޮޅުއެވެ. އޭގެ ފަހުން، ސޫޓުބޫޓު އެޅުމުގެ ސަޤާފަތް އުވިގެނެއް ނުދިޔައެވެ.

 

ރަސްމީ ހެދުމެއްގެ ސިފަ، ރަސްމީ ގޮތެއްގައި ކަނޑައެޅިތާ 55 އަހަރު ފަހުން، މުޖްތަމަޢުގެ ދިރިއުޅުމާއި ވައްޓަފާޅިއަށް އައި ބަދަލުތަކާއި، މޫސުމީ ބަދަލުތަކާއި ރާއްޖޭގެ މާޙައުލަށް ބަލައިގެން، ރަސްމީ ހެދުމުގެ މިންގަނޑާމެދު އަލުން ވިސްނަންޖެހެއެވެ. 55 އަހަރު ކުރީގެ ސްޓައިލަކީ، މިޒަމާނުގެ މަސައްކަތްތެރިންނަށް ކަމުދާނެ، ނުވަތަ ފަސޭހަވާނެ ހެދުމެއްކަމަށް، ހަމަ ހުރެފައި ޤަބޫލުކުރުން ވާނީ މޮޔަކަމަކަށެވެ. ސަޤާފަތާއި އުޞޫލުތައް ހިފަހައްޓަންވާނެއެވެ. ނަމަވެސް، އޮފީހުގެ މަސައްކަތުގެ ސީރިއަސްކަމާއި އުފެއްދުންތެރިކަމަށް އަސަރު ނުކުރާނޭހެން، ހެދުން އެޅުމުގެ އުޞޫލުތައް ބަދަލުކުރުމަކީ ކުރެވިދާނެ ކަމެކެވެ. ޤާނޫނުން ނުވަތަ ގަވާއިދުން ލާޒިމުކުރާ ކަމެއް ކުރަންވާނެއެވެ. މުޖްތަމަޢުގެ ޢާންމު މިންގަނޑުތަކާއި އޮފީހުގެ ހައިބަތާއި ޤަދަރު ހިފަހައްޓަންވާނެއެވެ. އެއަށްފަހު، ދެން އަންނަންވާނީ، އެމީހަކާ މަތިކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ފަހިވާނެ ގޮތެކެވެ. މިތަރުތީބުގެ އަލީގައި ރަސްމީ ހެދުން އެޅުމުގެ މިންގަނޑު އަލުން އެކުލަވާލަންޖެހޭކަމަށް އަޅުގަނޑަށް ފެނެއެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author