2/4/2022

އެފައިސާ މިފައިސާ

4 ފެބްރުވަރީ 2022 . ހުކުރު


ދިވެހި ބަހުގެ ބައިތަކާބެހޭ ގޮތުން ބަހުގެ ޢިލްމުވެރިން އެކި ގޮތްގޮތަށް ވާހަކަ ދައްކަވައެވެ. އަޅުގަނޑުގެ މިއަދުގެ މައުޟޫޢަކީ ނަންއިތުރެވެ. ނަންއިތުރަކީ ދިވެހި ބަހުގެ ބައެއްކަމާމެދަކު އެއްވެސް މީހަކު ދެބަހެއް ނުވެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރެފައިވާ 'ދިވެހި ބަހުގެ ގަވާއިދު 4، 3، 2، 1' ގެ 8 ވަނަ ޞަފްޙާގައި އޮތީ؛


"ނަންއިތުރަކީ، ނަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ.
މިސާލު، ރީތި މަންޒަރެއް، ހަރުދަނާ މީހެއް، ކުޑަ ކުއްޖެއް، ބޭނުންތެރި ފޮތެއް.
މި މިސާލު ތަކުގައި، "މަންޒަރެއް"، "މީހެއް"، "ކުއްޖެއް" "ފޮތެއް" މިއިން ކޮންމެ ލަފްޡަކީ ނަމެކެވެ. އެނަންތަކަށް އިތުރު ސިފަތަކެއް ނުވަތަ އިތުރު ބަޔާންތަކެއް ގެނެސްދެނީ، ރީތި، ހަރުދަނާ، ކުޑަ، ބޭނުންތެރި، މި ބަސްތަކެވެ. ވީމާ، މިއިން ކޮންމެ ބަހަކީ ނަންއިތުރެކެވެ."

 

އިންސާނުންގެ ދިރިއުޅުމުގައާއި، ޤާނޫނީ ދާއިރާގައި، ބަހާއި ބަހުގެ ހަމަތަކާއި، ބަސް ބޭނުންކުރާ ގޮތަކީ، އެކަމުގެ މައްޗަށް ގިނަ ކަންތައްތަކެއް ތަރުތީބުވެގެން އަންނަ ކަންކަމެވެ. ވަކިން ޚާއްޞަކޮށް ނަންއިތުރަކީ، ނަންއިތުރު އޮންނަ ޖުމްލައިގައި އޮންނަ ޢިބާރާތަށް އެތައް ބަދަލުތަކެއް ގެނުވާވެސް އެއްޗެކެވެ. ނަންއިތުރު ވަކިކުރަން އެނގުމަކީ މުހިންމު ހުނަރެކެވެ.

މިސާލަކަށް، "ފަސް އަތްގަނޑުލީ ގޮނޑި" އޭ ބުނުމުން، އެތަނުގައި އޮތް ނަންއިތުރު ނިސްބަތްވަނީ ގޮނޑިއަށްތޯ ނުވަތަ އަތްގަނޑަށްތޯ ނިންމާ ގޮތެއްގެ މައްޗަށް މުޅި ޢިބާރާތުގެ މާނަ ބަދަލުވެއެވެ. އަތްގަނޑުލީ ފަސްގޮނޑިތޯ ނުވަތަ ފަސް އަތްގަނޑު ލާފަ ހުރި އެންމެ ގޮނޑިއެއްތޯ؟


ޢާންމު ބަހުރުވައިގައި ދެން ދިމާވާ ކަމަކީ ބޭކާރު ގޮތުގައި (ނަންއިތުރު ހިމެނޭ ގޮތުން) ބަސް ބޭނުންކުރުމެވެ. މިސާލަކަށް، މީހަކު ދެކެ ލޯބިވާނަމަ، އެކި ދަރަޖަތަކަށް ލޯބިވެވެއެވެ. އާދައިގެ ވަރަށް ލޯބިވާނަމަ ބުނާނީ ލޯބިވާކަމަށެވެ. އެއަށްވުރެ ބޮޑަށް ނަމަ، "ވަރަށް ލޯބިވާ" ކަމަށެވެ. ނަމަވެސް، ހަމަ ކޮންމެ ފަހަރަކު "ވަރަށް ލޯބި" ވާނަމަ، އާދައިގެ ވަރަކަށް ލޯބިވާ ޙާލަތެއް ނާންނާނެއެވެ. ނަންއިތުރު ބޭނުންކުރުމުގައި ސަމާލުވާންޖެހެނީ، ނަންއިތުރުން، އެމީހަކާމެދު ތިމާ ދެކޭ ގޮތާއި އިޙުސާސްވާގޮތް ކިޔައިދެވޭތީއެވެ. ހަމަ އެގޮތަށް، ރީތި މަލާއި، ވަރަށް ރީތި މަލެވެ. މީރުވަސްދުވާ މަލާއި ވަރަށް މީރުވަސްދުވާ މަލެވެ.

 

ޤާނޫނީ ދާއިރާގައި، ނަންއިތުރަށް ޚާއްޞަ މަޤާމެއް ދެވެއެވެ. ޤާނޫނުތަކުގައި ނަންއިތުރު ގެނެސްފައި ހުރެއެވެ. ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި އޮތީ، "ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވެފައިވާ މީހަކަށް ރަސްމީ ގޮތުން މުޚާޠަބުކުރުމުގައި، އެމީހެއްގެ ނަމުގެ ކުރިއަށް "ރައީސް" މި ލަޤަބު ބޭނުންކުރެވިދާނެ" ކަމަށެވެ. ކޮން ރައީސެއްތޯ؟ ރައީސް މައުމޫން، ރައީސް ނަޝީދު އަދި ރައީސް ޔާމީނެވެ. ކޮންމެ ކޮންމެ މައުމޫނެއް ނޫނެވެ. ރައީސް މައުމޫނެވެ. ހަމަ އެގޮތަށް، ޤާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު) ގެ 10 ވަނަ މާއްދާއިން ބާރު ލިބިގެން، ނިޝާން ޣާޒީގެ ޢިއްޒަތް ލިބިފައިވާ މީހުންގެ ނަމުގެ ކުރިއަށް ނަންއިތުރެއްގެ ގޮތުގައި "އަލްޣާޒީ" ބޭނުންކުރެވިދާނެކަމަށް އޮވެއެވެ.

 

ޢާންމު ބަހުރުވައިގައި، ލޯބިވާ މީހާއާއި ވަރަށް ލޯބިވާ މީހާއާ ތަފާތު ކުރުމަށް ނަންއިތުރު ބޭނުންކުރަމުން ޢަމަލީ ތަފާތެއް (މިކަމާ އަޅުގަނޑު މުޅިއަކުން އެއްބަހެއްނޫނެވެ،) ނުފެނުނަސް، ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކާއި ޤާނޫނުގައި ތަކުގައި ހުންނަ ނަންއިތުރުގެ ސަބަބުން ޤާނޫނީ ޒިންމާ އުފުލަންޖެހޭތަން އާދެއެވެ.

 

މިސާލަކަށް، ވަކި ފައިސާއެއް ވަކި ތަނެއްގައި ރައްކާކުރުމަށް މީހަކު އެއްބަސްވާ ޙާލަތެއްގައި، އެއްބަސްވުމުގައި އެފައިސާގެ ވާހަކަ ގެނެސްފައި އޮތްއިރު، އެފައިސާއަކީ މިވެނި ތަނަކުން، މިވެނި މީހަކު އަތުން ލިބުނު މިވެނި ޢަދަދެއްގެ ފައިސާކަމަށް، ނަންއިތުރެއްގެ ޒަރީޢާއިން ވަކިކޮށް ޚާއްޞަ ކޮށްފައިވާނަމަ، ހަމަ ކޮންމެ ފައިސާއެއް ރައްކާކުރުމަކުން ނުފުދޭނެއެވެ. އެފައިސާއަކީ ހަމަ ކޮންމެ ކޮންމެ ފައިސާއެއް ނޫނެވެ. އެފައިސާއަކީ، ނަންއިތުރުގައި ކިޔައިދީފައި އޮތް ވަކި ޚާއްޞަ ފައިސާއެވެ.

 

ތެދެކެވެ. ފައިސާއަކީ ފައިސާއެވެ. އެފައިސާއަކަސް، އެހެން ފައިސާއަކަސް، ފައިސާއަކީ ފައިސާއެވެ. ނަމަވެސް، އެއްބަސްވުމުގައި އޮތް ނަންއިތުރުގެ ނަތީޖާއަކީ، އެފައިސާއަކީ، ވަކި މިވެނި ދުވަހަކު، ވަކި މިވެނި މީހަކު އަތުން ލިބުނު މިވެނި ޢަދަދެއްގެ ފައިސާއަށްވީއެވެ. އެހިސާބުން، ހަމަ އެދުވަހު، އެމީހާ އަތުން ލިބުނު، އެޢަދަދުގެ ފައިސާގެ ނޫޓުތަކާއި އެފައިސާގެ ނޫޓުތަކުގެ ސީރިއަލް ނަންބަރުތައް ދިމާކޮށްގެން، އެފައިސާ ރައްކާކުރަން އެއޮތީ އެއްބަސްވެފައެވެ. އެކަމަކީ އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް ނޫންނަމަ، ނަންއިތުރެއް ނުގެނައީހެވެ. މިއީ، ނަންއިތުރެއްގެ ސަބަބުން ޤާނޫނީ ޒިންމާއެއް އުފުލަންޖެހިދާނެ ޙާލަތެކެވެ.


ކުށްކޮށްގެން ހޯދާ ފައިސާއާގުޅޭ ކަމެއްގައިނަމަ، ޤާނޫނުގެ މަޤްޞަދަކީ، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ބާޒާރުގައި ދައުރުކުރުން ހުއްޓުވުމެވެ. މަތީގައި ދެންނެވި މިސާލުގައި، ނަންއިތުރެއް ބޭނުންކޮށްގެން، އެފައިސާ ވަކިކޮށް، ޚާއްޞަކޮށްފައި އެއޮތީ މުހިންމު ޤާނޫނީ އަދި އިޤްޠިޞާދީ ނަތީޖާއެއް ނެރުމަށެވެ. ކުށްކޮށްގެން ހޯދި ފައިސާ ބާޒާރުން ނެރުމަށެވެ. ނަންއިތުރު ނެތްނަމަ، ނުވަތަ އެތަނުގައި އޮތީ ވަކި މާނައެއްނެތި ލިޔެފައި އޮތް ނަންއިތުރެއްކަމަށް ބަލައިފިނަމަ، ޤާނޫނުގެ މަޤްޞަދެއް ޙާޞިލެއް ނުވާނެއެވެ. ކުށްކޮށްގެން ހޯދި ފައިސާ ބާޒާރުގައި ދާނީ ދައުރުވަމުންނެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމާބެހޭ ޤާނޫނުތައް ބާރުއަޅަނީ، ޤާނޫނެއްގެ މަޤްޞަދު ގެއްލޭނެ ގޮތަކަށް އެއްވެސް ޢިބާރާތެއް މާނަ ނުކުރުމަށެވެ.

 

ޤާނޫނީ ކަންކަމުގައާއި، އަޅުގަނޑުމެން ޢާންމު ދިރިއުޅުމުގައިވެސް، ނަންއިތުރު ޖެހުމުގައި ސަމާލުވާންޖެހެއެވެ. ކޮންމެހެން ބޭނުންކުރަން ޖެހިގެން ނޫނީ ނަންއިތުރު ބޭނުން ނުކުރަންވީއެވެ. ބޭނުންކުރާނަމަ، އެނަންއިތުރުން އުފައްދާ މާނައިގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނެއެވެ. 


[ފޮޓޯ: މިހާރު ނޫސް]

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author