9/27/2023

މަޢުލޫމާތު ހާމަކުރުން އައު އުސްމިންތަކަކަށް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދޭ އިދާރާއެކެވެ. އެ ޚިދުމަތަކީ، އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށްދިނުމެވެ. މިޚިދުމަތް ފޯރުކޮށްދެވެނީ ގިނަ ބައެއްގެ ބައިވެރިވުމާވެސް އެކުއެވެ. ތަޙްޤީޤުކުރާ އިދާރާތަކާއި، ވިކްޓިމް ސަޕޯޓް ސަރވިސްތަކާއި، ޝަރުޢީ ކޯޓުތަކާއި ޙުކުމް ތަންފީޒުކުރާ އިދާރާތަކާ އެކުވެގެން، އަމާން މުޖަތަމަޢެއްގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއެވެ.


ބަޔަކަށް ޚިދުމަތެއް ފޯރުކޮށްދޭނަމަ، ދެކަމެއް ފުރިހަމަވާންޖެހެއެވެ. އެ ޚިދުމަތް ލިބޭ މީހާ (ޕީޖީ އޮފީހުގެ ޙާލަތުގައި، ރައްޔިތުން) އަށް، އެޚިދުމަތް ފޯރުކޮށްދޭ ގޮތާބެހޭ މަޢުލޫމާތު ލިބިފައި އޮންނަންޖެހެއެވެ. މިއޮފީހުން ނިންމާ ނިންމުންތަކާއި، އެނިންމުން ނިންމި ސަބަބާއި، އެކަމުގެ ނަތީޖާތައް ހާމަކޮށް ފެންނާން އޮންނަންވާނެއެވެ. ދެވަނަ ކަމަކީ، އެއްކޮށް މަސައްކަތްކުރާ އެހެން އިދާރާތަކަށް، އެކުގައި މަސައްކަތްކުރަން ލުއި ފަސޭހަވުމެވެ. ފުލުހުންނަށާއި ތަޙްޤީޤީ އިދާރާތަކަށާއި ޝަރްޢީ ކޯޓުތަކަށް، ޕީޖީ އޮފީހާ ގުޅިގެން ކުރަންޖެހޭ ކަންކަން ފަސޭހަކޮށްދިނުމެވެ. 


މިއޮފީހުން ކުރާ މަސައްކަތްތައް، ނޫސްވެރިން މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށްދިނުމަށް، މީޑިއާއަށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފުކޮށްފީމެވެ. މިވެބްސައިޓުގައި އަންނަނިވި ބައިތައް ހިމެނޭނެއެވެ.


ޚަބަރުފީތާ: ޕީޖީ އޮފީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އުޅުމުގެ ބަދަލުގައި، މިއޮފީހުން ބުނަން ބޭނުންވާ ވާހަކަތައް، ޚަބަރު ފީތާގައި ޝާއިޢުކުރާނެއެވެ. ޚަބަރު ފީތާގެ ލިންކު އެކި ތަންތަނުގައި ޙިއްސާ ކުރެވޭގޮތަށް ހަމަޖެހިފައި ހުންނާނެއެވެ. މީގެ ބޭނުމަކީ، މިއޮފީހުން ބުނާ އެއްޗެއްގެ އަޞްލު މަޞްދަރު، މިއޮފީހުން ކޮންޓްރޯލްކުރާ ޕްލެޓްފޯމެއްގައި، ޢާންމުންނަށް ފެންނާނޭހެން ބޭއްވުމެވެ. ބަހާއި މާނަފުރޮޅުމުގެ ޝިކާރައަކަށް ޕީޖީ އޮފީސް ނުވުމެވެ. 


ޢާންމު ޝައުޤު: މުޖްތަމަޢުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ އަދި ޢާންމު ރައްޔިތުންގެ މެދުގައި ޚާއްޞަ ޝައުޤެއް އުފެދިފައިވާ މައްސަލަތަކުގައި، އެމައްސަލައެއް މިއޮފީހަށް ލިބުނު ތާރީޚާއި، ކޯޓަށް ހުށަހެޅި ތާރީޚާއި، ކުރާ ދައުވާއާއި ދައުވާ ކުރާ ސަބަބާއި އެމައްސަލައިގެ ޝަރީޢަތްތައް ތާވަލުކުރަމުންދާގޮތް އެނގޭނޭހެން، ހުރިހާ މަޢުލޫމާތެއް "ޢާންމު ޝައުޤު" ޕޭޖުގައި ޝާއިޢުކުރަމުންދާނެއެވެ.


ޢުންޞުރު: މިއޮފީހުގެ ނިއުސްލެޓަރގެ ހުރިހާ ނުސްޚާތަކެއް، އެއްތަނަކުން ފެންނާން ހުންނާނެއެވެ.


ނޫސްބަޔާން: އެކި ކަންކަމުގައި ނެރޭ ނޫސްބަޔާންތައް ފެންނަން ހުންނާނެއެވެ.


ފޮޓޯ ގެލަރީ: އެކި މުނާސަބަތުތަކުގައި ނަގާ ފޮޓޯތައް ވެބްސައިޓުގައި ހުންނާނެއެވެ.


"ޕީޖީއާއެކު 12 މިނިޓް": ޕީޖީ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑާ ގުޅިގެން ކުރިއަށްގެންދާ "ޕީޖީއާއެކު 12 މިނިޓް" ޕްރޮގްރާމްގެ ހުރިހާ ރެކޯޑިންގެއްވެސް ވެބްސައިޓަށް އަޅަމުން ގެންދާނަމެވެ.

 

މީގެ އިތުރުން، ޕީޖީ އޮފީހުގެ އޮންލައިން ޚިދުމަތަށް ލޮގްއިން ކުރެއްވުމުން، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ނުވަތަ އެމީހަކަށް އަނިޔާލިބުނު މައްސަލައިގެ ހުރިހާ މަޢުލޫމާތެއްވެސް އެމީހަކަށް ފެންނަން ހުންނާނެއެވެ. އެމައްސަލައިގެ ތެރެއިން ޕީޖީ އޮފީހަށް، ރައްކާތެރިކަމާއި އިތުބާރާއެކު އަވަހަށް ސިޓީ ފޮނުއްވޭނެ އިންތިޒާމުވެސް ހުންނާނީ ހަމަޖެހިފައެވެ.

 

މިހުރިހާ ކަމެއްގެ ބޭނުމަކީ، ޖިނާއީ ޢަދުލުގެ ނިޒާމާމެދު ޢާންމުންގެ އިތުބާރު އިތުރުކުރުމެވެ. ނިޒާމުގެ ހާމަކަން އިތުރުކުރުމެވެ. ރައްޔިތުންނަށް ފޯރުކޮށްދޭ މިޚިދުމަތް، ފޯރުކޮށްދޭގޮތް ރައްޔިތުންނަށް ދެއްކުމެވެ. ކިޔައިދިނުމެވެ. މިއޮފީހުގެ ޚިދުމަތް، އާދަޔާ ޚިލާފަށް ރަނގަޅު، ދުނިޔޭގެ ފެންވަރެއްގައި ފޯރުކޮށްދިނުމެވެ. މިއޮފީހުގެ މަސައްކަތުގައި، މީހެއްގެ ޒާތީ މަޢުލޫމާތެއް ނުވަތަ ޤާނޫނަކުން ހާމަނުކުރަން ކަނޑައަޅައިފައިވާކަމެއް ފިޔަވައި، ސިއްރުކުރާނެ ކަމެއް ނޯންނާނެއެވެ.


______

ނޯޓް: މިލިޔުމަކީ، ޕީޖީ އޮފީހުގެ ނިއުސްލެޓަރ، "ޢުންޞުރު" ގެ 4 ވަނަ ޢަދަދުގައި ޝާއިޢުކުރުމަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ. ހަނދާނާއި ތާރީޚަށްޓަކައި މިތަނުގައި ނަކަލުކުރީއެވެ. އަޞްލު ލިޔުމުގެ ލިންކު މިއޮތީއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author