3/12/2022

މަރުވި ސަބަބު ހޯދުން

12 މާރިޗު 2022 . ހޮނިހިރު.


މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން އަޑުއެހީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ލޯބިވާ، ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ބަޔަކު، ކުއްލި ގޮތަކަށް ނިޔާވި ޚަބަރުތަކެކެވެ. ބައެއް މީހުން ނިޔާވީ، ބަލިވެ އުޅުމަށްފަހުއެވެ. އަނެއްބަޔަކު، އެކަހަލަ އެއްވެސް ބައްޔަކާ ނުލައެވެ. މީގެ ތެރޭގައި، ގަވާއިދުން ދުވަންދާތީ، މަގުމަތިން ބައްދަލުވާ މީހަކުވެސް ހިމެނެއެވެ.

 

މިޚަބަރާއެކު ދެން ފެނުނީ، އެމީހުންގެ މަރުގެ ސަބަބު ހޯދުމަށް މީހުން ސުވާލުކުރާން ފެށިތަނެވެ. މިސުވާލަކީ، ހަމަ ކޮންމެ މީހެއްގެ ހިތަށްވެސް އެރުން އެކަށީގެންވާ ސުވާލެކެވެ. ބައެއްފަހަރު ޖަވާބުވެސް ލިބެއެވެ. އަނެއްބައި ފަހަރު ޖަވާބު ނުލިބެއެވެ. ޙަޤީޤީ ސުވާލަކީ، އެސުވާލުގެ ޖަވާބު ލިބުމުން ތަފާތުވަނީ ވަކި ކޮން ކަމެއްތޯއެވެ. އިންސާނީ ހޯދާ ބެލުމުގެ ފިޠުރަތަށް ތަސައްލީއެއް ހޯދައިދިނުން ފިޔަވައި، އެސުވާލުގެ ޖަވާބުން ލިބެނީ ވަކި ކޮން ފައިދާއެއްތޯއެވެ.

 

ހަމަ ކޮންމެ ނަފްސަކުވެސް މަރުގެ ރަހަ ދެކޭނެކަމަށާއި، އެއަށްފަހު އެނބުރި ﷲ ޙަޟުރަތަށް ރުޖޫޢަވާނެކަމަށް، ޢަންކަބޫތު ސޫރަތުގެ 56 ވަނަ އާޔަތުގައި އޮވެއެވެ. އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރާ އެންމެ އަސާސީ އެއް ކަމަކީ މަރުވާނެކަމާއި، އޭގެ ފަހުން ދިރުއްވޭނެކަމާއި ޤިޔާމަތްދުވަހެއް ވާނެކަމާއި، އެދުވަހުން އަޅުގަނޑުމެން ކުޅަ ޢަމަލުތަކާބެހޭ ގޮތުން ސުވާލު ކުރެއްވޭނެކަމެވެ. އެއަށްފަހު، އެމީހެއް ކުޅަ ކަންތައްތަކެއްގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެކަމެވެ. ސުވަރުގެއާއި ނަރަކައެވެ.

 

ޤުރުއާނުގައި، ހަނގުރާމައިގެ ވާހަކައަކާ ޖެހިގެން އޮތް އާޔަތުގައި އޮތީ، "އުސްވެގެންވާ ގަދަގަދަ ކިއްލާތަކެއްގެ ތެރޭގައި ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ. ... ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެ ކަމަކީވެސް، ﷲގެ ޙަޟްރަތުން އަންނަ ކަމެކެވެ." (ނިސާ ސޫރަތުގެ 78 ވަނަ އާޔަތް).

 

އިންސާނުންނަށް ފުރާނަ ދެއްވައި، ފުރާނަ ހިއްޕަވަނީ މާތްﷲއެވެ. އެކަން ކުރައްވަން އެކަލާނގެ ވަކި ސަބަބެއް އެއްވެސް މީހަކަށް ދޭކަށް ނުޖެހެއެވެ. ފެންނަން އޮންނަ ސަބަބަކާ ލައިގެންވެސް، ސަބަބަކާ ނުލައިވެސް، މަރު ހިއްޕެވުމަކީ އެކަލާގެ ޚާލިޞް ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

 

ވަކި މީހަކު ނިޔާވުމުން، އެމީހާ ނިޔާވީ ހާދަ އަވަހަށޭ ނުވަތަ ހާދަ ކުއްލިއަކަށޭ ހިތަށް އެރުމަކީ، ވަކި ޢުމުރަކަށް ނުވަތަ ވަކި ގޮތަކަށް މީހަކު މަރުވާންޖެހޭނެކަމަށް ތިމާއަށް ޤަބޫލުކުރެވިފައި އޮތްކަން ދޭހަކޮށްދޭ ކަމެކެވެ. މަރުވާނެ ގޮތާބެހޭ ނުވަތަ ޢުމުރާބެހޭ އެކްސްޕެކްޓޭޝަނެއް އޮތްކަން ދޭހަކޮށްދޭ ކަމެކެވެ. ފަލްސަފީ ގޮތުން ބަލާއިރު، އެއީ ހަމަޖެހޭ އެކްސްޕެކްޓޭޝަނެއް ނޫނެވެ. މަރުވާނެ އިރެއް، މަރުވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ.

 

ޣައިބުގައިވާ ކަންތައްތަކުގެ ތެރެއިން، ހަމައެކަނި މާތްﷲ ދެނެވޮޑިގެންވާ ޚާއްޞަ 5 ކަމެއްގެ ވާހަކަ ޤުރުއާނުގައި އެބަ އޮތެވެ. އެކަމާބެހޭގޮތުން އޮތް އާޔަތުގައި އޮތީ، "ހަމަކަށަވަރުން، ޤިޔާމަތްވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، ﷲ ޙަޟްރަތުގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފުސެއް މާދަމާ ހޯދައިގަންނާނީ ކޮން ކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެނަފުސެއް މަރުވާނީ ކޮން ބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތައް ރަސްކަލާނގެއެވެ" – (ލުޤްމާން ސޫރަތުގެ 34 ވަނަ އާޔަތް).

 

މިއާޔަތުގައި އޮތް މަރުގެ ވާހަކައިގައި، މަރުވާނެ ތަނެއް ނޭނގޭނެކަމަށް އޮތުމުން، އޭގެ މާނައަކީ، ފަތަން ނޭނގޭ މީހާ ކަނޑަށް ފުއްމާލާށެކޭ ނޫނެވެ. ހަނގުރާމައަކަށް، ތައްޔާރުނުވެ ނުކުންނާށެކޭވެސް ނޫނެވެ. ބަލިވީމާ ބޭސްނުކުރާށެކޭވެސް ނޫނެވެ. އަމިއްލައަށް މަރުވާން މަސައްކަތް ކުރާށެކޭވެސް ނޫނެވެ. އަމިއްލައަށް މަރުވާން އުޅޭ އެތައް ބަޔަކު، މަރުނުވެ ސަލާމަތްވެސް އެބަވޭ ނޫންތޯއެވެ.

 

މިޙަޤީޤަތް އަޅުގަނޑުމެން ޤަބޫލުކުރާތީ، ކޮންމެ ދުވަހަކީވެސް ދުނިޔޭގައި ހުންނާނެ އެންމެ ފަހު ދުވަސްކަމުގައި ދެކެންޖެހެއެވެ. އެދުވަހު ކުރާ ކަމަކީ، ފަހުން ސުވާލެއް ކުރެވުނަސް ޖަވާބުދާރީވެވޭނެ ކަމަކަށް ވާންޖެހެއެވެ. ތިމާ ކުރާ އަޅުކަމާއި ވަޒީފާގެ ކަންކަމުގައި އިޚްލާޞްތެރިވާނީ މިއަދެވެ. ޢާއިލާއާއި ގާތް މީހުންނާއެކު ވަގުތު ހޭދަކުރާނީވެސް މިއަދެވެ. ފަހަށް ރައްކާކުރަން ފައިސާ އެއްކުރާނީވެސް މިއަދެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަސައްކަތްކުރާން ފަށާނީ މިއަދެވެ. މީހުންނަށް ހެޔޮކޮށް ހިތައި، އޯގާތެރިވެ، ލޯބިދީ ހަދާނީވެސް މިއަދެވެ. މިވަގުތެވެ. މިވަގުތުން ފެށިގެންނެވެ.

 

މީހަކު މަރުވި ވާހަކަ އަޑުއިވުމުން، އެ ހަނދާން ކޮށްދެނީ ތިމާގެ އަމިއްލަ މަރުގެ މަތިންނެވެ. އެމީހާ މަރުވި ސަބަބު ހޯދުމަކީ ކިއުރިއޯސިޓީއަށް ތަސައްލީ ލިބޭ ކަމެއްކަމަކު، އެކަމުން އެމީހަކަށް ފައިދާއެއް ނުކުރެއެވެ. މަރުވި މީހާއަށް ފައިދާ ކުރަނީ، އޭނާގެ މައްޗަށް ކުރާ ހެޔޮ ދުޢާއިންނެވެ. ތިމާއަށް އޮތް ޢިބުރަތަކީ މަރަށް ތައްޔާރުވުމެވެ. 


މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ، އަބަދުމެ މަރަށް ތައްޔާރުވެގެން ތިބުމެވެ. ދާދިފަހުން ނިޔާވި އަޅުގަނޑުމެންގެ ލޯބިވާ އަޚުން ތިއްބެވީ އެގޮތަށް ތައްޔާރުވެގެންނެވެ. އެމީހުން، މީހުންނާމެދު ބެހެއްޓި ގާތްކަމާއި ލޯބި، އަޅުގަނޑުމެންގެ ކުރިމަތިން މިއޮތީ ފެންނާށެވެ. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނާ މިވަގުތަށް ވަކިވެދިޔަ އަޚުންނަށް އާޚިރުގެ ހެޔޮ ދަރުމައާއި ސަވާބު މިންވަރު ކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމެވެ. އާމީން!

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author