2/26/2022

ދުވުންތެރިއަކަށްވާނީ ކިހިނެތް؟

26 ފެބްރުވަރީ، 2022 . ހޮނިހިރު


ވޭތުވެދިޔަ ދެހަފްތާއެއްގައި ދުވަހު، ރާއްޖޭގެ ދިގު ދުވުމުގެ ޙަޔާތުގައި މުހިންމު ދެކަމެއް ހިނގައިފިއެވެ. 15 ފެބްރުވަރީ 2022 ދުވަހުގެރޭ، ޓީ.އެފް.ޖީއިން އެކުންފުނީގެ ކަލަންޑަރު އިޢުލާނުކުރިއެވެ. އޭގެ ފަހުން، 19 ފެބްރުވަރީ 2022 ދުވަހު، ރާއްޖޭގެ ދިގު ދުވުމުގެ އަންހެން ޗެމްޕިއަން، މަރިޔަމް ޢަބްދުލްކަރީމް، އަންހެނުންގެ 10، 15 އަދި 20 ކިލޯމީޓަރުގެ ރެކޯޑާއެކު، ހާފް މެރަތަން ރެކޯޑުވެސް މުގުރާލައި، 1 ގަޑިއިރާ 30 މިނިޓު 51 ސިކުންތުން ދުވިއެވެ. އެ ސްޕީޑަކީ، މާލެ ވަށައި 4 ބުރު، ކޮންމެ ބުރެއް، 23 މިނިޓަށްވުރެ ބާރަށް ދުވެގެން ދުވެވޭނެ ވަރެކެވެ. މަރީއަކީ އާދަޔާ ޚިލާފަށް ހިތްވަރުގަދަ، ކުޅަދާނަ ދުވުންތެރިއެކެވެ. މަރީއާ އެއްކޮށް ތަމްރީން ހަދަން ލިބުމަކީ އަޅުގަނޑު ވަރަށް ފަޚުރުވެރިވާ ކަމެކެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތުކުރުމަކީ ކުރަންޖެހޭ ކަމެއްކަމާމެދަކު އެއްވެސް މީހަކު މިހާރަކު ސުވާލެއް ނުއުފައްދައެވެ. ސުވާލު އުފެދެނީ، އޮޅުން އަރަނީ، ހިތްވަރު ކުރަންޖެހެނީ، އެއާދަ އަށަގަންނަވާނެ ގޮތަކާމެދުއެވެ. މިކަމުގައި، އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ އޮތް ގޮތް، މިލިޔުމުގައި ހިއްސާ ކޮށްލާނަމެވެ.


ކަސްރަތަށް ދުވުން

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް، އެންމެ ފަސޭހަ އެއް ކަސްރަތަކީ ހިނގުމާއި ދުވުމެވެ. ހަށިގަނޑަށް އިންތިހާއަށް ފައިދާވާ، ހިތުގެ ހިނގުން ރަނގަޅުވެ، ޚަރަދުކުޑަ، (މިސާލަކަށް ފެތުމާ ޚިލާފަށް) އެންމެންނަށްވެސް އާ ހުނަރެއް ދަސްކުރަން ނުޖެހި، ފަސޭހައިން، ކޮންމެ ފެންވަރެއްގެ މީހަކަށްވެސް، ކޮންމެ ތަނެއްގައިވެސް ކުރެވޭ ކަމެކެވެ. ދުވާ ޓްރެކުގައާއި ޖިމްގައާއި ގޭގައި މެސިނު މަތީގައިވެސް ކުރެވޭނެ ކަމެކެވެ. ދުވުމުގެ އާދަ އަށަގެންނެވުމަށްޓަކައި ދެކަމެއް ފުރިހަމަވާންޖެހޭކަމަށް އަޅުގަނޑަށް ފެނެއެވެ. ފުރަތަމަ ކަމަކީ، ދުވުންތެރިއަކަށް ވުމެވެ. ދެވަނަ ކަމަކީ، ޓާގެޓެއް އޮތުމެވެ.


ދުވުންތެރިއަކަށް ވާނެގޮތް

ދުވުންތެރިންގެ ތިބެނީ ދެ ވައްތަރެކެވެ. ފުރަތަމަ ވައްތަރަކީ، ކަސްރަތު ކުރަމުން، ދުވަމުން، ފިޓުވަމުން ގޮސް، އެމީހަކު އަމިއްލައަށް ޤަބޫލުކުރާ މިންގަނޑަކަށް ދުވެވުމުން، "ތިމަންނާއަކީ ދުވުންތެރިއެއް" ކަމަށް ޤަބޫލުކުރާ ބައެކެވެ. މިގޮތް އިޚްތިޔާރުކުރާ 'ދުވުންތެރިން'ނަށް ދިމާވާ މައްސަލައަކީ، ދުވަހަކުވެސް ތިމާ 'ޤަބޫލުކުރާ ފެންވަރަށް' ނުދެވުމެވެ. އިންސާނީ ޠަބީޢަތު ހުންނަ ގޮތުން، އެމީހާގެ އަމިއްލަ ޤާބިލުކަން، ސިކުނޑިން ވަޒަން ކުރެވެނީ، ހަށިގަނޑުގެ ޤާބިލްކަން ހުރި ވަރަށްވުރެ %30 ވަރު މަތިންނެވެ. ވީމާ، އެހިސާބަށް ދިއުމަށް ދުވަސް ނަގައެވެ. އެނަގާ ދުވަސްތަކުގެ ތެރޭގައި ދުވުމުގެ މަތިން ފޫހިވާގޮތް ވެއެވެ.

 

ދެވަނަ ވައްތަރަކީ، ފެށުނީއްސުރެ ތިމާއަކީ "ދުވުންތެރިއެއް" ކަމަށް ބަލައި، އެމައިންޑްސެޓް ގެންގުޅޭ މީހުންނެވެ. މިއީ އަޅުގަނޑުވެސް ބުރަވާ ގޮތެވެ. އެކި މީހުން ދުވާނީ (ހިނގާނީ) އެކި ސްޕީޑުގައެވެ. ފިޓްނަސްއަކީ އަބަދު އެއްވަރެއްގައި ހުންނަ އެއްޗެއްވެސް ނޫނެވެ. ކޮވިޑުން ރަނގަޅުވެ ނުކުމެ ދުވާއިރު، ކުރިން ދުވި ވަރަށް ދާން ދެތިން މަސް ނަގާކަން އަމިއްލަ ތަޖުރިބާއިން އަޅުގަނޑަށް އެނގެއެވެ. ޗުއްޓީއަކަށްފަހު، ދެތިން ކިލޯ ހަށިގަނޑުން ބަރުވީމާ، ދުވުމަށް އަސަރު ކުރެއެވެ. ފިޓު އިރާއި އެހާ ފިޓު ނޫން އިރުވެސް، އެމީހަކީ ދުވުންތެރިއެކެވެ. އެމީހާ އުޅޭނީވެސް ދުވުންތެރިން އުޅޭ ގޮތަށެވެ. މި މައިންޑްސެޓުގައި ކަސްރަތު ކުރާ މީހުންނަށް، ދެމެހެއްޓެނިވި ގޮތެއްގައި، ދިގު މުއްދަތަކަށް ކަސްރަތުގައި ދެމިހުރެވޭކަމަށް އަޅުގަނޑަށް ތަޖުރިބާ ކުރެވިފައިވެއެވެ.

 

ދުވުންތެރިއަކަށް ވުމަށްޓަކައި، ތިމާއަކީ ދުވާ މީހެއްކަމަށް ޤަބޫލުކުރަންޖެހެއެވެ. ދުވުމާއި ކަސްރަތު ކުރުމަކީ، ތިމާގެ އައިޑެންޓިޓީއާ ގުޅޭ ކަމެކެވެ. ލައިފްސްޓައިލްގެ ބައެކެވެ. ހެނދުނު ދުވާ މީހަކު ނަމަ، ހެނދުނު ހޭލުން އެއީ ސުވާލެއް އޮތް ކަމެއް ނޫން ގޮތަށެވެ. ދުވުމަކީ، ހެނދުނު ހޭލައިގެން މޫނުދޮވެ، ދަތް އުނގުޅުން ކަހަލަ ކަމެކެވެ. އެކަން ނުކޮށްފިނަމަ، ހަށިގަނޑުން ބައެއް މަދުވާހެން ހީވާކަހަލަ ކަމެކެވެ. ދުވާމީހަކު ވަކި ވަރަކަށް ދުވާކަށް ނުޖެހެއެވެ. ކޮންމެ ދުވަހަކު ދުވާކަށްވެސް ނުޖެހެއެވެ. ގަޑިއެއްގެއިރު، ނުވަތަ 10 މިނިޓު ނުހުއްޓި ދުވެވޭ މީހާވެސް، ނުވަތަ ދުވާ ޓްރެކް ވަށާ އެންމެ ބުރެއް ޖެހޭ މީހާއަކީވެސް ދުވުންތެރިއެކެވެ.


ޓާގެޓެއް އޮތުން

ދެމެހެއްޓެނިވި ގޮތެއްގައި ކަސްރަތު ކުރުމަށްޓަކައި، ވަކި އަމާޒެއް އޮންނަންޖެހެއެވެ. އެކި މީހުންގެ، އެކި ދުވަސްވަރު ހުންނާނީ އެކި އަމާޒެވެ. އެކި ޓާގެޓެވެ. އެކި ގޯލެވެ. ބައެއް ފަހަރު ބަރުދަން ލުއިކުރުމެވެ. އަނެއްބައި ފަހަރު، ބަނޑު ހިންދުމެވެ. އަނެއް ބައި ފަހަރު ބާރަށް ދުވުމެވެ. ނުވަތަ ގިނައިރު ދުވުމެވެ. އަބަދުވެސް، ކުޑަކުޑަކޮށް އުނދަގޫ ޓާގެޓެއް އޮތުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، އެއްގޮތަކަށް ނުކުރެވޭ ވަރު ކަމަކަށް ވެގެން ނުވާނެއެވެ.

މިސާލަކަށް، އަޅުގަނޑުގެ ޓާގެޓަކީ ރާއްޖޭގެ ދިގު ދުވުމުގެ ރެކޯޑެއް ހެދުންކަމަށް ބަލައިގެން މަސައްކަތް ކުރުމަކީ ހެއްވާ ކަމެކެވެ. އަޅުގަނޑު ކަސްރަތުކުރުމުގެ މަޤްޞަދަކީވެސް އެއެއް ނޫނެވެ. އަޅުގަނޑުގެ ހަށިގަނޑު ހުރީ އެގޮތަށް އުފެދެފައެއް ނޫނެވެ. ޢާއިލީ ގުޅުންތަކާއި، ވަޒީފާއާއި ވަގުތާއި ހުނަރުވެސް އެކަމަކަށް ތަނެއް ނުދެއެވެ. އެކަހަލަ ގޯލަކަށް މަސައްކަތް ކުރުން ވާނީ ފޫނެއް ފަޔަކަށް ފެން ފުރުމަށެވެ.


ޓީ.އެފް.ޖީގެ ރޭސް ކަލަންޑަރު

ޓީ.އެފް.ޖީ ރޭސް ކަލަންޑަރަކީ، ހުރިހާ ފެންވަރެއްގެ ދިވެހި ދުވުންތެރިންވެސް އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ރޭސްތަކެއް ހިމެނޭ ކަލަންޑަރެކެވެ. ކޮވިޑުގައި، އެއްވެސް އަމާޒެއް ނެތި ދުވި ދުވުން ދޫކޮށްލައި، މުޅި އަހަރަށް ބަހާލައިގެން ޓާގެޓު ކަނޑައެޅުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ޓީ.އެފް.ޖީ ކަލަންޑަރުގައި ހުރި ހުރިހާ ރޭހެއްގައި އަޅުގަނޑު، އިރާދަކުރެއްވިއްޔާ ދުވާނަމެވެ. އަލަށް ދުވަން ފަށާ މީހުންވެސް، ފުރަތަމަ ކުރަންވީ ކަމަކީ، މިއިން ރޭހަކަށް ރަޖިސްޓަރީ ކުރަންވީއެވެ. ތަމްރީނު ހަދައި، ރޭސް ނިންމާނެ ގޮތަކާމެދު ވިސްނާނީ ފަހުންނެވެ. އެކަމަށް ބޭނުންވާ ތަމްރީނުތައް، ފޯރުކޮށްދޭ ދުވާ ކުލަބުތަކާއި ކޯޗުން އެބަތިއްބެވެ.


ދުވުމުގެ އާދަ އަށަގެންނެވުން

ވަރަށް ގިނައިން އަޅުގަނޑާ ކުރިމަތިވާ ސުވާލެކެވެ. ދުވުމުގެ އާދަ އަށަގަންނަވާނީ ކިހިނެތްތޯއެވެ. އަޅުގަނޑު އެކަމާ ވިސްނިއިރު، އަޞްލު އަށަގަންނުވަންވީ އާދައަކީ ދުވުމެއް ނޫނެވެ. ދުވަން ތައްޔާރުވެގެން ނުކުތުމެވެ. ހެދުން އަޅައިގެން، ބޫޓު ނާޑުވާ އައްސައިގެން މަގުމައްޗަށް، ޓްރެކަށް ނުވަތަ މެސިނަށް އެރުމެވެ. މިއާދަ އަށަގެންނެވިއްޖީވިއްޔާ، ދުވުމުގެ އާދަވެސް އަށަގެންނެވޭނެއެވެ. ވިސްނަންވީ، ރާވަންވީ، ތަރުތީބު ކުރަންވީ ދުވަން ނުކުންނާށެވެ. ދުވާކަށް ނޫނެވެ.

އަޅުގަނޑާއި، ވަރަށް ގިނަ ދުވުންތެރިންގެ ތަޖުރިބާއިން އެނގެނީ، ދުވަން ތައްޔާރުވެގެން، އެކަމަށް ވަގުތު ހުސްކޮށްގެން ނުކުމެއްޖިއްޔާ، ކޮންމެވެސް ކަސްރަތެއް ކުރެވޭކަމެވެ. ދުވުންތެރިއަކަށް ވުމުގެ ފުރަތަމަ ހަރުފަތް ގިރާ ކުރެވެއެވެ. މިގޮތަށް މަހެއްހައި ދުވަހު ހިފަހައްޓާލަނިކޮށް، ކާމިޔާބުވެދާނެއެވެ. ހަމަ ގައިމުވެސް، މަހެއް ނިމޭއިރު، އޭގެ އެއް މަސް ކުރިއަށްވުރެ ޞިއްޙަތު ހުންނާނީ ރަނގަޅަށެވެ.


ދުވުމަކީ ދެވިހިފާ ކަމެކެވެ. ސައިންޓިފިކް ބަހުންނަމަ، ދުވީމާ ހަށިގަނޑަށް އެންޑޯފިން ލިބޭތީ، އެންޑޯފިންލިބޭ ވަރަށް ދުވެ ނުލައި، ފަރުނުޖެހެނީއެވެ. ގޭގައި ސޯފާގައި އިންދާ، ނުވަތަ އެނދުގައި އޮއްވާ، ދުވެގެން ލިބޭ އެންޑޯފިނެއް ނުލިބޭނެއެވެ. އެމަގަށް ދެވެން އޮތީ ތައްޔާރުވެގެން ނުކުތީމައެވެ. ދުވަންދާ މީހުންނަށް ބަލާއިރު، ދުވަން ތައްޔާރުވެގެން ގޮސް، ނުދެވެ ނުވަތަ ހިނގައި ނުލައި އަންނަ ދުވަސް ނިކަން މަދުވާނެއެވެ. ތައްޔާރުވެގެން ނުކުމެ، ނުދުވެ، ހިނގާލިއަސްވެސް، މީހާގެ ސިކުނޑި ތާޒާވެ، ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދެއެވެ.


Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author