5/19/2024

ލަދަކީވެސް މާތްﷲ ދެއްވި ނިޢުމަތެކެވެ.

މާތްﷲ އިންސާނުން އުފެއްދެވިއެވެ. އިންސާނުން މާތްކުރެއްވިއެވެ. އިންސާނުންނަށް ނިޢުމަތް ދެއްވިއެވެ. ނަޙުލު ސޫރަތުގެ 18 ވަނަ އާޔަތުގައި އޮތީ، وَإِن تَعُدُّواْ އަދި ތިޔަބައިމީހުން ޢަދަދުކޮށް، ގުނަން އުޅުނަސްވެހޭ، نِعۡمَةَ ٱللَّهِ މާތްﷲ ގެ ނިޢުމަތްތައް، لَا تُحۡصُوهَآۗ ގުނައި ޢަދަދުނުކުރެވޭނެތޭވޭ އެވެ. މާތްﷲ އިންސާނުންނަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި، އަތުން ހިފޭ، އިޙުސާސްކުރެވޭ ނިޢުމަތްތަކާއި، ފެންނަން ނުހުންނަ، އަތުން ނުހިފޭ، އިންސާނާގެ އިޙުސާސްތައް ހިމެނެއެވެ. އޭގެ ތެރޭގައި، ރުޅިއާއި، ލޯތްބާއި، ލަދު ޙަޔާތް ހުރުމާއި ނުހުރުމަކީވެސް މާތްﷲ އިންސާނުންނަށް ދެއްވި ތަނަވަސް ނިޢުމަތްތަކެވެ. އެ ނިޢުމަތްތައް ބޭނުންކުރުމުގައި، ތިމާ ކުރާ ކަމަކާމެދު ޤިޔާމަތްދުވަހުން ސުވާލު ކުރެއްވޭނެއެވެ.

 

ރަސޫލުﷲ (ޞ) ގެ (ސުނަން އިބް މާޖާ، 4181، އަލްބާނީ ޞައްޙަ ކުރައްވާފައިވާ) ޙަދީޘެއްގައި އޮވެއެވެ. ކޮންމެ ދީނެއްގެވެސް އަސާސީ ސިފައެއްވެއެވެ. އިސްލާމް ދީނުގެ އަސާސީ ސިފައަކީ ލަދު ޙަޔާތެވެ.


ދިވެހި ބަހުގެ ރަދީފުގައި "ލަދު" މާނަކޮށްފައި އޮތީ "ތިމާއަށް ހުތުރުނަމެއް ބަދުނާމެއް ލިބިދާނެތީ މީހުންނަށް އެނގެން ބޭނުންވާ ކަންތަކާމެދު އިޙްސާސްވާ އިޙްސާސްވުމަ" ށެވެ. ލަދު ޙަޔާތް ކުޑަވުމަކީ "ކަންކަމާ މެދު ލަދުގަންނަ ގޮތް ނެތުމެ" ވެ. ލަދާއި ޙަޔާތާ ގުޅުވައި، އެކުވި ބަހެއްގެ ގޮތުގައި ލަދުޙަޔާތަކީވެސް ބަހެކެވެ. ލަދާއި ޙަޔާތާ ގުޅުވައި އެކުވިނަން ހަދާފައިވާ ސަބަބެއް ރަދީފަކުން ސާފެއް ނުވެއެވެ.

 

"ޙަޔާތް" މިއީ ޢަރަބި ބަހުގެ ލަފްޒެކެވެ. ދިވެހި ބަހަށް ގެނެސްފައި އޮތީ ޢަރަބި ބަހުގެވެސް މާނައިގައެވެ. ޙަޔާތަކީ ދިރިހުރުމެވެ. ނަމަވެސް، ޢަރަބި ބަހުގައި ޙަޔާތް މިބަހުގެ ލަފްޒީ މާނައާއި ލަދުގެ މާނައާ އެއްކޮށް ވިސްނުމުން، ލަދުޙަޔާތުގެ މާނަ ސާފުވެއެވެ. ލަދާއި ޙަޔާތާ އެއްކޮށްލައިގެން އެކުވިނަމެއްގެ ގޮތުގައި އޮތުމުން ދޭހަވާ މާނައަކީ، ލަދެއް ނެތްނަމަ، ޙަޔާތެއް، ދިރިހުރުމެއް، އުޅުމެއް ނެތީއެވެ. ދިރިހުރުމާއި އުޅުންތެރިކަން ގުޅިފައި އޮތީ ލަދު ހުރި/ނެތް މިންވަރެއްގެ މައްޗަށެވެ.

 

އިންސާނަކު އެންމެ ފުރަތަމަ ލަދުގަތްކަމަށް ފެންނަން އޮތީ އާދަމްގެ ދެކަނބަލުންގެ ވާހަކައިގައެވެ. އަޢުރާފު ސޫރަތުގެ 22 ވަނަ އާޔަތުގައި އޮތީ، فَدَلَّىٰهُمَا އެ ޝައިޠާނާ، އެ ދެ ކަނބަލުން ހަލާކުގެ ތެރެއަށ ވައްޓާލިއޭ، بِغُرُورٍۢ މަކަރުވެރިކަމުގެ ބޭނުންކޮށްގެން فَلَمَّا ذَاقَا ދެންފަހެ އެ ދެކަނބަލުން، ރަހަ ބެއްލެވި ހިނދު، ٱلشَّجَرَةَ އެ ގަހުން، بَدَتْ ފައުޅުވެއްޖެއޭ، لَهُمَا އެ ދެ ކަނބަލުންނަށް، سَوْءَٰتُهُمَا އެ ދެކަނބަލުންގެ ޢައުރަ، وَطَفِقَا އެހިނދު އެ ދެކަނބަލުން އަވަސްވެގަތޭ، يَخْصِفَانِ عَلَيْهِمَا ޢައުރަ ނިވައިކުރެއްވުމަށް، مِن وَرَقِ ٱلْجَنَّةِ ސުވަރުގޭގެ ފަތްތަކުން، މިހެންނެވެ. އެ ހާދިސާގެ ކުރިން އާދަމްގެފާނުންގެ ދެކަނބަލުން އުޅުއްވީ ޢައުރު ނިވައިކުރައްވައިގެން ކަމަށް ނުވެފައި، މި ހާދިސާއާ ގުޅިގެން، ޢައުރަ ނިވައި ކުރެއްވުމުގެ އިޙުސާސެއް ކުރެވުމުން، ފާފަ ކުރެވުމަކީ ތިމާގެ ޢައުރަ ކަޝްފުވެ، ލަދު އިޙްސާސް ކުރެވޭފަދަ ކަމެއްގެ ގޮތުގައި އިންސާނުންގެ ޠަބީޢަތު މާތްﷲ ލެއްވިކަން އެނގެއެވެ. އެއީ، ކުށެއް ނުކުރެވެނީސް ޢައުރަ ނިވައިކުރުމުގެ އިޙުސާސެއް އާދަމްގެފާނުންގެ ދެކަނބަލުންނަކަށް ކުރެވިފައި އޮތްކަމަށް ނުދައްކާތީއެވެ.


މޫސާގެފާނުންގެ ވާހަކަ ކީރިތި ޤުރުއާނުގެ ޤަޞަޞް ސޫރަތުގައި ގެނެސްފައި އޮތްއިރު، އެކަލޭގެފާނުން، މަދުޔަނުގެ ދެ އަންހެނަކަށް ފެން ނަންގަވައި ދެއްވި ވާހަކައެއް އޮވެއެވެ. އެއާގުޅިގެން، فَجَآءَتْهُ إِحْدَىٰهُمَا ދެންފަހެ، އެ ދެ އަންހެނުންކުރެ އެކަކު އައޭ، تَمْشِى عَلَى ٱسْتِحْيَآءٍۢ ލަދުރަކިކަމާއެކު ހިނގާފައި، قَالَتْ އައިސް ބުންޏޭ، إِنَّ أَبِى يَدْعُوكَ ތިމަންނާގެ ބައްޕަ، ކަލޭގެފާނުންނަށް އެބަ ގޮވާލައްވަތޭ، لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ތިމަންނާމެނަށް ފެން ނަންގަވައިދެއްވިކަމުގެ އުޖޫރައެއް ދެއްވުމުގެ ގޮތުން، މިހެންނެވެ. މި އާޔަތް ކިޔަވާއިރު، ހުއްޓުމަށްފަހު އަލުން ފަށާ ތަނެއްގެ ގޮތުން، ލަދުރަކިކަން ނިސްބަތްވަނީ އަންހެންމީހާގެ ހިނގުމަށްތޯ ނުވަތަ ވާހަކަދެއްކުމަށްތޯ ސާފުވާނެއެވެ. މިއިން ކޮންމެ ގޮތެއް ވީ ނަމަވެސް، ލަދުރަކިކަމަކީ ރަނގަޅު ސިފައެއްކަން މި އާޔަތުން ދޭހަވެއެވެ.

 

ރަސޫލުﷲ (ޞ) އަކީ ލަދުރަކި ބޭފުޅެއްކަންވެސް ޤުރުއާނުން ސާފުވެއެވެ. އަޙްޒާބު ސޫރަތުގެ 53 ވަނަ އާޔަތުގައި އޮތީ، يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ އޭ އީމާންވެއްޖެ މީސްތަކުންނޭވޭ، لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ ތިޔަބައިމީހުން ރަސޫލުﷲ (ޞ) ގެ ގެކޮޅަށް ނުވައްނާށޭވޭ، إِلَّآ أَن يُؤْذَنَ لَكُمْ ތިޔަބައިމީހުންނަށް އިޒުނަ ދެވިގެން إِلَىٰ طَعَامٍ އޮތް ކެއުމަކަށް މެނުވީ، غَيْرَ نَـٰظِرِينَ إِنَىٰهُ އެ ކެއުމަށް ތައްޔާރުނުވާހައި ހިނދަކު، وَلَـٰكِنْ إِذَا دُعِيتُمْ ނަމަވެސް ތިޔަބައިމީހުންނަށް ދައުވަތު ލިބިއްޖެނަމަ، فَٱدْخُلُو ފަހެ ތިޔަބައިމީހުން ވަންނާށޭވޭ، فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ އަދި ތިޔަބައިމީހުން ކައި އަވަދިވެއްޖެނަމަ، ނުކުމެގެންދާށޭވޭ، وَلَا مُسْتَـْٔنِسِينَ لِحَدِيثٍ މުނިފޫހިފިލުވަން ވާހަކަ ދައްކަން ނުތިބޭށޭވޭ، إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ އެކަން އެކަލޭގެފާނަނަށް ތުރާފުޅުވިޔޭ، فَيَسْتَحْىِۦ އަދި އެކަލޭގެފާނުން ލަދުފުޅު ގަތޭ، މިހެންނެވެ. މިއާޔަތުގައި އެކަލޭގެފާނުން ލަދުފުޅުން، ތުރާފުޅުވީ ވާހަކަ ވިދާޅުވާކަށް ނުކުރެނުކަން އެނގެއެވެ.


 އިންސާނުންނާއި ޖަނަވާރުން ތަފާތުކުރާ ހަމައެކަނި ކަމަކީ ބަސްބަހުން މޮށިއުޅުމެއް ނޫނެވެ. ލަދު ޙަޔާތަކީވެސް އިންސާނުންނާއި ޖަނަވާރުން ތަފާތުކޮށްދޭ ސިފައެކެވެ. އިންސާނުންނަށް އެއްކޮށް އެއް މުޖުތަމަޢެއްގައި އުޅެވެނީ ލަދުޙަޔާތުގެ ކޮންމެވެސް މިންވަރެއް ހުންނާތީއެވެ. މުޖްތަމަޢެއްގެ ގޮތުގައި އިންތިޒާމުވެގެން ހިނގާއިރު، މީހުންގެ އުޅުންތައް ތަރުތީބުކުރަން ޤާނޫނު ލިޔެވިދާނެއެވެ. ނަމަވެސް، ލަދުޙަޔާތެއް އިންސާނާގައި ނެތްނަމަ، ޤާނޫނަށް އިޙްތިރާމުކުރުމުގެ ސަޤާފަތެއް އާލާއެއް ނުކުރެވޭނެއެވެ. ލަދުރަކިކަން ނެތުމުގެ ނަތީޖާއަކަށްވާނީ، ޙަޔާތެއް ނެތުމެވެ. ސަޤާފަތެއް ނެތުމެވެ. ލަދަކީވެސް މާތްﷲ ދެއްވާ ނިޢުމަތެކެވެ.


Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author