7/31/2023

ކުށުގެ ރެކޯޑެއް އޮވެގެން ވަޒީފާ ނުލިބުން: ބަދަލުކުރަން ޖެހޭ ސިޔާސަތެއް

އިންސާނުންނަކީ ކުށްކުރެވޭ ބައެކެވެ. މިއީ އިންސާނީ ޠަބީޢަތެވެ. މީހަކު ކުށެއް ކުރުމުން، ޖިނާއީ ޢަދުލުގެ ނިޒާމުން ފިޔަވަޅު އަޅަންޖެހެނީ، އޭނާއަށް ކުށެއް ކުރެވުމުގެ އިޙްސާސް ކުރުވުމަށާއި، މީގެ ފަހުން ކުށުން ދުރުވެ، (ރިހެބިލިޓޭޓްވެގެން) އަނބުރާ މުޖްތަމަޢަށް އައުމަށް ބާރު އެޅުމަށެވެ. ޖިނާއީ ޢަދުލުގެ ނިޒާމު ބައްޓަންވާންވާނީ މިދެކަންތައްމެ ފުރިހަމަކުރެވޭ ގޮތަށެވެ. ކުށްކުރާ މީހުން އަނބުރާ މުޖްތަމަޢަށް ނުގެނެވޭނަމަ، އޭގެ ސަބަބުން މެދުވެރިވާ އިޖްތިމާޢީ މައްސަލަތައް އަދި މާގިނަ ވާނެއެވެ.

 

އަޅުގަނޑުގެ މަސައްކަތުގެ ގޮތުން، ކުށްކުރާ މީހުންނާ ބައްދަލުވެ ވާހަކަ ދައްކާ ހަދަން ލިބެއެވެ. ޒުވާން ކުދިންނަށް ގިނައިން ކުށް ކުރެވިފައި ހުންނަނީ، އެކުގައި އުޅޭ ރަޙްމަތްތެރިންގެ ސަބަބުން، "ޕިއަރ ޕްރެޝަރ"ގެ ތެރެއިންނެވެ. މިއީ، މިކަމާބެހޭ ޢިލްމީ ދިރާސާތަކުންވެސް ދައްކާ ކަމެކެވެ. ކުށް ކުރާ ކުދިން، ވަކި ޢުމުރެއް ފަހަނަ އެޅުމުން، އަމިއްލައަށް ކުށުން ދުރުހެލިވެ، ރަނގަޅު މީހެއްގެ ގޮތުގައި އުޅެން ބޭނުންވެ، އެކަން ޙާޞިލުވެސް ކުރެއެވެ. ކުރީގެ ނުބައި ރަޙްމަތްތެރިން ދޫކޮށްލައެވެ. އަމިއްލަ ދިރިއުޅުމެއް ފަށައި، ޢާއިލާއާ އޮތް ގުޅުން ރަނގަޅުކޮށް، ވަޒީފާއެއް ހޯދައި، ރަނގަޅު މީހެއްގެ ގޮތުގައި އުޅެއެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ، ނަވާރަ-ވިހި އަހަރުގައި ތަފާތު ކުށް ކޮށްފައިތިބި މީހުންނެވެ. ނަޞީބު ކަންދިމާކުރި ގޮތުން، ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އެކަން އައިސްފައިނެތީއެވެ.

 

ކުށުގެ ރެކޯޑެއް އޮތުމުން ވަޒީފާ ނުލިބުން – ހަމަނުޖެހޭ، އިޖްތިމާޢީ ގޮތުން ގެއްލުންބޮޑު ސިޔާސަތެއް

ކުށުގެ މާޙައުލުން ދުރުވާން މަސައްކަތް ކުރާ މީހަކަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ، ރަނގަޅު ސަޕޯޓް ސިސްޓަމެއް އޮތުމެވެ. އަޅާލާނެ ޢާއިލާއަކާއި ރަޙްމަތްތެރިންނާއި، އަމިއްލަ ފައިމައްޗަށް ތެދުވާން އެހީތެރިވާނެ ވަޒީފާއެއް ނުވަތަ އާމްދަނީ ލިބޭނެ ގޮތެއް އޮތުމެވެ.

 

ބައެއް ފަހަރު، މީހުންނަށް ކުރެވޭ ކުށުގެ ސަބަބުން، އޭނާގެ ޢާއިލާގެ މީހުންގެ ނަފުރަތު ލިބޭގޮތްވެއެވެ. މިސާލަކަށް، މަސްތުވާތަކެތީގައި ޖެހިގެން، މައިންބަފައިންގެ މުދަލުން ވައްކަންކުރެވިފައި އޮތްނަމަ، ޢާއިލާގެ ފަރާތުން ސަޕޯޓް ނުލިބޭ ފަހަރު އާދެއެވެ. ބައެއް ފަހަރު ކުށްކުރެވެނީ ނުބައި ރަޙްމަތްތެރިންގެ ސަބަބުންނެވެ. ކުށުން ދުރުވާން ޢާއިލާގެ ސަޕޯޓު ނުލިބޭ ޙާލަތުގައި ދާން އޮތީ އެއްކަލަ ނުބައި ރަޙްމަތްތެރިންގެ ގާތަށެވެ. އެމީހުންގެ ފަރާތުން ގޮސް ވަދެވެނީ އަނެއްކާވެސް ކުށުގެ މާޙައުލުގެ ތެރެއަށެވެ. ދެން އޮތީ ވަޒީފާއެވެ.

 

ރާއްޖޭގައި ނުލިޔެ އޮތް 'ގަވާއިދަކީ'، ކުށުގެ ރެކޯޑެއް އޮތްނަމަ ވަޒީފާއެއް ނުލިބުމެވެ. އަދި އަމުދުން، ދައުލަތުގެ ސިޔާސަތުތައް އޮތް ގޮތުން، ކުށުގެ ރެކޯޑެއް އޮތްނަމަ ވަޒީފާއެއް ނުދެއެވެ. މިއީ، ކިހާވަރެއްގެ ޤާނޫނީ ބުރަދަނެއް އޮތްކަމެއްތޯ އަޅުގަނޑު ބަލައިލީމެވެ. އަމިއްލަ މީހުންގެ ވަޒީފާގެ ކަންކަމުގައި ދައްކާނެ ވާހަކައެއް ނެތެވެ. ވަކި ޝަރުޠެއް ފުރިހަމަނުވާނަމަ ވަޒީފާ ދޭންވާނެކަމަކަށް ޤާނޫނީ ގޮތަކުން ނުބުނެވޭނެއެވެ. ދެން އޮތީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކެވެ.


ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާ (ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް) ގައި، ކުށުގެ ރެކޯޑެއް އޮވެގެން ވަޒީފާ ނުލިބުމާބެހޭ ގޮތުން އޮތީ ތިން ޙާލަތެކެވެ. އެއީ؛

1.    ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކުށެއް ކުރިކަން ސާބިތުވެ، ޙުކުމެއް ކުރެވިފައިވާ މީހެއްނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމް ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 3 އަހަރު ދުވަސްވެފައިވުން؛ އަދި

2.    ޓެރަރިސްޓް ޖަމާޢަތަކަށް ނިސްބަތްވާ މީހަކަށްވުން؛ އަދި

3.    ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް، ކުޑަކުދިންނާ މުޢާމަލާތުކުރަންޖެހޭ ވަޒީފާއެއް ނުދިނުން؛ މިއެވެ.

މާނައަކީ، މިތިން ޙާލަތަށް ނުފެތޭނަމަ، އަޞްލަކީ، އެމީހަކަށް، ވަޒީފާއަށް ވާދަކޮށްގެން، 'މެރިޓުން' ވަޒީފާ ލިބުމަކީ އަސާސީ ޙައްޤެއްކަމެވެ.

 

ނަމަވެސް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ނުވެސް ނެތް ވާހަކަތަކެއް ސިވިލް ސަރވިސް ގަވާއިދު 2014 ގެ 69 ވަނަ މާއްދާ (ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ޢައްޔަން ނުކުރެވޭ ކުށްތަކާއި ޢައްޔަން ނުކުރެވޭ މުއްދަތު) ބަޔާންކޮށްފައިވެއެވެ. ޤާނޫނުގައި، ކުށެއް ސާބިތުވެގެން ވަޒީފާ ނުލިބޭން އޮތީ 3 އަހަރެވެ. ނަމަވެސް، ގަވާއިދުގައި (ޤާނޫނުން ނުލިބޭ ބާރެއް ބޭނުންކޮށްގެން) 5 އަހަރަށް މުއްދަތު ދަމާލާފައިވެއެވެ. ހަމަ އެގޮތަށް، ޖިނާއީ ބޮޑު ކުށާ ގުޅިގެންވެސް، ޤާނޫނުގައި އޮތް 3 އަހަރު، ފަސް އަހަރަށް ގަވާއިދުން އޮތީ ދަމާލާފައެވެ.

 

ދެން އޮތީ އެ މާއްދާގެ (ނ) އެވެ. މިއީ އެންމެ ނުރައްކާތެރި އެއް މާއްދާއެވެ. އެމާއްދާގައި އޮތީ "ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތުން އެ ކުށަކާ އެ ވަޒީފާއާ ހުރި ގުޅުމަށް ރިޢާޔަތްކޮށް މީހާގެ އަޚްލާޤީ މިންގަނޑާއި ޤައުމީ ސަލާމަތާގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ މީހެއް ކަމުގައި ނުވާނަމަ، އެ މީހަކަށް ސިވިލް ސަރވިސްގެ ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ" ކަމަށެވެ. މިއީވެސް، ޤާނޫނުގައި އޮތް ވާހަކައެއް ނޫނެވެ. މިހިސާބުން، ކޮންމެ ކުށެއްގެ ތުހުމަތު ކުރެވުނަސް، ޤާނޫނުންވެސް ނުލިބޭ އިޚްތިޔާރެއް، ގަވާއިދުން ކޮމިޝަނަށް އެބަ ލިބެއެވެ.

 

އަޅުގަނޑުވެސް އެއްބަހެވެ. ސިވިލް ސަރިވސްގެ ވިޔަސް، އެނޫން ދައުލަތުގެ އިދާރާއެއްގެ ވިޔަސް، އެމީހަކާ ޙަވާލުކުރެވޭ، އެމީހަކަށް އެވަޒީފާގެ ގޮތުން ލިބޭ މަޢުލޫމާތުގެ ނުރައްކާތެރިކަމުން، އެމީހާގެ ކުށުގެ ރެކޯޑަށް ބެލުމަށްފަހު، ވަކި ކަހަލަ ވަޒީފާތަކެއް، ވަކި ކަހަލަ ކުށުގެ ރެކޯޑެއް ނުވަތަ ތުހުމަތެއް އޮތް މީހަކަށް ނުދިނުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް، ކުދި ކުދި ވައްކަން، ނުވަތަ އޭނާގެ ކުޑައިރު ދިމާވެފައި އޮތް، ލައިސަންސް ނުނަގައި ސައިކަލް ދުއްވުމުގެ މައްސަލައެއް އޮތަތީ، ދައުލަތުގެ އެއްވެސް ވަޒީފާއެއް ނުލިބޭގޮތް ވެއްޖެނަމަ، އެމީހަކު އިޞްލާޙުވާން އޮތް ފުރުޞަތުން މަޙުރޫމް ކުރެވެނީއެވެ.

 

ކުށުގެ މާޙައުލުން ނުކުންނަން މަސައްކަތްކުރާ މީހުންގެ ތެރެއިން، އެހެން ދިމާލަކުން ސަޕޯޓެއް ނުލިބޭ މީހަކަށް، ވަޒީފާއަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. ވަޒީފާއަކީ، އޭނާގެ އަމިއްލަ ނަފުސުގެ އިތުބާރު ރުޖޫޢަކޮށްދޭ ވަޞީލަތެވެ. ތިމާގެ އަމިއްލަވަންތަކަމާއެކު، އެހެން މީހަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވާން ލިބޭ އެހީތެރިކަމެވެ. ލައިފް ލައިނެވެ. އެމީހާގެ ޙަޔާތް އަނބުރާލަން ލިބޭ ފުރުޞަތެކެވެ. އެފުރުޞަތު ޤާނޫނުން ފުޅާކޮށް ދީފައި ވަނިކޮށް، ގަވާއިދަކުން އިތުރަށް ހަނިކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. އިޖްތިމާޢީ ގޮތުން ކޮށްގެންވާނޭ ކަމެއްވެސް ނޫނެވެ.

 

ބައެއް ކަހަލަ ވަޒީފާތައް، ކުށުގެ ވެށިން ނުކުންނަން މަސައްކަތްކުރާ މީހަކަށް ނުދެވުނަސް، އެފަދަ މީހުންނަށް ދެވޭނެ ވަޒީފާތަކެއް ބަލައި، އެ ވަޒީފާތައް އެމީހުންނަށް ދިނުމަކީ، މުޖްތަމަޢުގެ ޙައްޤުގައިވެސް ކުރަންޖެހޭ ކަމެކެވެ. އޭގެ ތެރެއިން ބައެއް މީހުން އެފުރުޞަތުގެ ބޭނުން ހިފާނެއެވެ. އަނެއް ބަޔަކު 'ރިލެޕްސް' ވާނެއެވެ. ނަމަވެސް، ބަޔަކު 'ރިލެޕްސް ވެ' ކުށަށް އަނބުރާ ހިނގައިދާނެއަތީ، އެފުރުޞަތު ހުރިހާ މީހުންނަށް ބަންދުކުރުމަކީ ބުއްދިވެރިން ޢަމަލުކުރާނެ ގޮތެއް ނޫނެވެ.

 

"ގޯސްކޮށް" އުޅޭ މީހުން "ރަނގަޅު" ވާން، އަޅުގަނޑުމެން ބޭނުމެވެ. ޢާއިލާއަށް ޚަރަދުކުރުމާއި، ދަރިން ބެލުމާއި، މައިންބަފައިންނަށް އަޅައިލައިގެން، އަނބުރާ މުޖްތަމަޢަށް އަންނަން އަޅުގަނޑުމެން އުއްމީދުކުރަމެވެ. ކުށުގެ ވެށިން ނުކުންނަން ބޭނުންވާ މީހާވެސް އެ އުއްމީދު އެވަރަށް، ނުވަތަ އެއަށްވުރެ ބޮޑަށް ކުރެއެވެ. ރަނގަޅު މީހެއްގެ ގޮތުގައި އަބުރުވެރިކަމާއެކު މުޖްތަމަޢުގައި އުޅެން ބޭނުމެވެ. ނަމަވެސް، މުޖްތަމަޢުގެ ނިޒާމުތައް އޮތް ގޮތުން، އެންމެ އަސާސީ ވަޒީފާގެ ފުރުޞަތެއްވެސް ނުލިބެއެވެ. އެފުރުޞަތު ނުދީ، އުއްމީދު ކޮށްގެން ލިބޭނެ ނަތީޖާއެއް ނޯންނާނެއެވެ.


----

ފޮޓޯ: މިހާރު ނޫސް

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author