7/25/2023

ވަޒީފާދެވޭ ޢުމުރާމެދު އޮތް އޮޅުން – 18 އަހަރު ނުވިޔަސް ވަޒީފާ ދެވޭނެ!

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ހެދޭނީ، އެމީހުންގައި ހަރުދަނާ އަޚްލާޤެއް އަށަގަންނުވައިގެންނެވެ. އެމީހުންނީ ޒިންމާދާރު ބަޔަކަށް ހަދައިގެންނެވެ. އަޅުގަނޑުގެ މަސައްކަތުގެ ގޮތުން، ކުށްކުރާ ޒުވާން ކުދިންގެ ކަންކަން ސަމާލުކަމަށް އާދެއެވެ. ޢުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގައި، އެކުގައި އުޅޭ ރަޙްމަތްތެރިންގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބުތަކާ ހުރެ، ކުށް ކުރެވޭތަން އާދެއެވެ. ކުށުގެ ދުރުހެލިވެ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް އައުމަށްޓަކައި، އެކުދިންނަށް ރަނގަޅު ސަޕޯޓް ސިސްޓަމެއް ބޭނުންވެއެވެ.

 

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން، ޢުމުރުން 16 އަހަރުގައި އޯލެވެލް އިމްތިޙާނު ހަދަންޖެހެއެވެ. އޭ ލެވެލްއަށް ކިޔަވާނަމަ، ޢުމުރުން 18 އަހަރު ވާންދެން ކިޔަވަންޖެހެއެވެ. ނަމަވެސް، ކޮންމެ ކުއްޖަކީ ކިޔެވުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާނޭ ކުއްޖަކަށް ނުވެދާނެއެވެ. ބައެއް ކުދިންނަކީ ވޮކޭޝަނަލް ދާއިރާތަކުން، ނުވަތަ ޢަމަލީ މަސައްކަތުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާނޭ ކުދިންނެވެ.

 

ކޮންމެވެސް ސަބަބަކާހުރެ، ދިވެހިރާއްޖޭގައި، ޢުމުރުން 18 އަހަރު ނުވަނީސް ވަޒީފާއެއް ނުދެވޭނެކަމަށް ވިސްނިފައި އޮވެއެވެ. މި ވިސްނުން ބިނާކުރާ ޤާނޫނީ އަސާސަކީ ކޮބައިތޯ ބެލިއިރު، ޢުމުރުގެ ހަނިކަމެއް ގެނުވާ ޤާނޫނެއް އަޅުގަނޑަކަށް ނުފެނުނެވެ.

 

އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ޙައްޤަކީ، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން، ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤެކެވެ. ޤާނޫނުއަސާސީގައި، ވަޒީފާއަދާކުރުމުގެ ޙައްޤު ލިބޭ ޢުމުރެއް ކަނޑައަޅާފައި ނުވާތީ، މިއީ ޢުމުރަކާ ގުޅުވޭ ޙައްޤެއް ނޫނެވެ. މިޙައްޤު ހަނިކުރާނަމަ، ހަނިކުރެވޭނީ އެކަމަށްޓަކައި ފާސްކުރާ ޤާނޫނަކުންނެވެ. އެފަދަ ޤާނޫނެއްގެ ގޮތުގައި ފެންނާން އޮތީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެވެ.

 

ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާ (ކުޑަކުދިން ލައްވާ މަސައްކަތްނުކުރުވުން) ގައި އޮތީ، ޢުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު ލައްވާ މަސައްކަތެއް ކުރުވައިގެން ނުވާނެކަމަށެވެ. ނަމަވެސް، އެ އުޞޫލަށް އިސްތިސްނާއެއް އޮވެއެވެ. އެއީ، 16 އަހަރު ނުވިޔަސްވެސް، އެކުއްޖާގެ ރުހުމާއެކު، ޢާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ބައިވެރިކުރުވުމެވެ. 18 އަހަރެއްގެ ވާހަކައެއް ނެތެވެ.

 

މިކަމާބެހޭ ގޮތުން ހަދާފައި އޮތް، ގަވާއިދު ނަންބަރު 2020/R-70 (ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ ޢާންމު ގަވާއިދު) ގެ 10 ވަނަ މާއްދާއަށް ގެނެސްފައި އޮތް އިޞްލާޙު އޮތް ގޮތުން، ކުޑަކުދިން ލައްވާ ކުރުވާ މަސައްކަތް ދެބަޔަކަށް ބެހެއެވެ. އެއީ، އެއްގޮތަކަށްވެސް ކުރުވުން މަނާ މަސައްކަތާއި، ސުޕަވައިޒަރެއް ހުރެގެން މެނުވީ ކުރުވުން މަނާ މަސައްކަތްތަކެވެ.

 

އެއްގޮތަކަށްވެސް ކުރުވުން މަނާ 7 ބާވަތެއްގެ މަސައްކަތެއް ވެއެވެ. އެއީ، ނުރައްކާތެރި ކެމިކަލާއި ގޮވާތަކެއްޗާބެހޭ މަސައްކަތާއި، ތެލާއި ޕެޓްރޯލުގެ ބައެއް މަސައްކަތާއި، ސިނގިރޭޓާއި ދުންފަތް ވިއްކުމުގެ މަސައްކަތާއި، ބަނދަރުތަކުގައި ހެވީ މެޝިނަރީ ހިންގުމާގުޅޭ މަސައްކަތާއި، ސަފާރީތަކާއި ޔޮޓުފަހަރުގައި ކުރާ މަސައްކަތާއި، ކޮންސްޓްރަކްޝަންގެ ރޭނުމާއި ސިމެންތި ޖެހުން ފިޔަވައި އެހެނިހެން މަސައްކަތާއި، ޤާނޫނުގައި ނުވަތަ އިސްލާމް ދީނުމުގައި މަނާކޮށްފައިވާ ކޮންމެ ކަމެކެވެ.

 

ސުޕަވައިޒަރަކާއެކު 7 ބާވަތެއްގެ މަސައްކަތެއް ކުރުވުން ހުއްދައެވެ. އެއީ، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތާއި، ގަރާޖާއި ވޯކްޝޮޕާއި ކާޕެންޓްރީގައި ކުރާ މަސައްކަތާއި، ދަތުރުފަތުރުކުރުމުގެ ޚިދުމަތެއްގެ ޢަމަލީ މަސައްކަތާއި، މެކަނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތުގެ ތެރެއިން 2 ހަފްތާއަށްވުރެ ދިގު ނުވާނޭހެން ކަނޑުމަތީގައި ހޭދަވާ މަސައްކަތާއި، ބަނދަރުތަކުގައި ކުރާ އިދާރީ އަދި ޓެކްނިކަލް މަސައްކަތާއި، ކާނާއެއްގެ ފުޑް ޕްރޮސެސިން މަރުޙަލާތަކުގައި ހިމެނޭ މަސައްކަތާއި ދިރޭއެއްޗެއް ގެންގުޅެ އާލާކުރުމުގެ މަސައްކަތެވެ.

 

މިބާވަތުގެ މަސައްކަތެއް، ކުޑަކުއްޖަކު ލައްވާ ކުރުވުމުގެ ކުރިން، އެކުއްޖާގެ ބެލެނިވެރިޔާއާއި ވަޒީފާދޭ ފަރާތާއެކު އެއްބަސްވުމެއް ހަދާފައި އޮންނަންވާނެކަމަށާއި، އެ އެއްބަސްވުމުގައި ހިމެނެންވާނެ ކަންކަން، މިދެންނެވި ގަވާއިދުގައި އެބައޮތެވެ.

 

ދެން އޮތީ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އެވެ. އެ ޤާނޫނުގައި އަދި އަމުދުން ޢުމުރެއްގެ ވާހަކައެއް ނުވެސް ނެތެވެ. ވީމާ، ޢުމުރުން 16 އަހަރު ފުރުމުން، ރަސްމީ މަސައްކަތުގެ ދާއިރާގައި (ޚާއްޞަކޮށް ސިވިލް ސަރވިސްގެ) ވަޒީފާ ލިބުމަކީ، އެކުއްޖާގެ އަސާސީ ޙައްޤެކެވެ. އެޙައްޤު ޤާނޫނަކުން ހަނިނުކުރާހާ ހިނދަކު، އެކުއްޖާއަށް ވަޒީފާއަށް ކުރިމަތިލައި، ވާދަކޮށްގެން، 'މެރިޓުން' ވަޒީފާއަށް ހޮވުމުގެ އަސާސީ ޙައްޤު ދެމިއޮންނާނެއެވެ. މެރިޓުން ވަޒީފާއަށް މީހުން ނެގުމަކީ، ސިވިލް ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގައި، ސިވިލް ސަރވިސްއަށް މީހުން ނެގުމުގައި ބަލަންޖެހޭ އަސާސީ މިންގަނޑުކަމަށް ލިޔެފައި އޮތް ފުރަތަމަ، އަދި އެންމެ އަސާސީ މިންގަނޑެވެ.

 

ބައެއް ޤާނޫނުތަކުގައި، ބައެއް ބާވަތުގެ ވަޒީފާތަކަށް ޢުމުރުތަކެއް ކަނޑައަޅައިފައިވެއެވެ. މިސާލަކަށް، ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ (ރެކްރޫޓުކުރެވޭ ފުލުހުންގެ ޢާންމު ޝަރުޠު) ގެ (އ) ގައި، މީލާދީ ގޮތުން ޢުމުރުން 18 އަހަރު ފުރިފައިވުން ޝަރުޠުކުރެއެވެ. ވީމާ، ފުލުހުންގެ ވަޒީފާއަށް ވަދެވޭނީ 18 އަހަރު ފުރުމުންނެވެ.

 

ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގައި، ވަޒީފާއަށް ވައްދާނެ ޢުމުރެއް ކަނޑައަޅައިފައެއް ނެތެވެ. ނަމަވެސް، ސިފައިންގެ ވަޒީފާއަށް އެދޭ ފޯމުގައި، ވަޒީފާގެ ޝަރުޠުތަކުގެ ތެރޭގައި ޢުމުރުން 18 އަހަރު ފުރިފައިވުން ލާޒިމުވާކަމަށް އޮވެއެވެ. ސިފައިންގެ ޤާނޫނުގެ 46 ވަނަ މާއްދާ (ގަވާއިދު ހެދުން) ގެ (ށ) ގެ 5 ވަނަ ނަންބަރުގައި ސިފައިންގެ ވަޒީފާއާބެހޭ ގަވާއިދެއް ހަދަންވާނެކަމަށް އޮތް ނަމަވެސް، އެ ގަވާއިދު ސިފައިންގެ ވެބްސައިޓަކުން ފެންނާކަށް ނެތެވެ. ފުޓުބޯޅަ މުބާރާތެއްގެ ސަޕްލިމެންޓެއް އެބައޮތެވެ. ގަވާއިދެއް ނެތެވެ.

 

ޚުލާޞާއަކީ، ޤާނޫނަކުން ޢުމުރެއް ކަނޑައަޅައިފައި ނެތްނަމަ (މިސާލަކަށް ސިވިލް ސަރވިސްގެ ވަޒީފާއަށް) ޢުމުރުން 16 އަހަރު ފުރިހަމަވުމުން ވަޒީފާއަށް ކުރިމަތިލައި، ވަޒީފާ ލިބުމުގެ ޙައްޤު ހަމަ ކޮންމެ ކުއްޖަކަށްމެ (ޤާނޫނީ ގޮތުން) ލިބިގެންވެއެވެ. އެކަން އެމަގަށް ހިނގާންވެސް ޖެހެއެވެ. އަދި، ޚާއްޞަކޮށް، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބައެއް ވަޒީފާތައް، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ބެލުމުގެ ދަށުގައި ތިބޭ، ކުށުގެ މާޙައުލަށް ދިއުމުގެ ރިސްކު ބޮޑު ކުދިންނަށާއި، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން، ކުޑަކުދިންގެ ހިޔާތަކުގައި ތިބޭ ކުދިންނަށް ޚާއްޞަ ކުރެވިފައި އޮންނަންޖެހޭކަމަށް އަޅުގަނޑަށް ފެނެއެވެ. އެއީ، އެކުދިން، ހަރުދަނާ މުވާޠިނުންގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި ސަޕޯޓެއްގެ ގޮތުގައެވެ. ނުރަނގަޅު މަގުން ހިނގައިދާނެ ހަމަ އެންމެ ކުއްޖަކުވެސް، ރަނގަޅު މީހެއްގެ ގޮތުގައި އަނބުރާ ގެނެވިއްޖެނަމަ، މިހުރިހާ މަސައްކަތަކަށް ހޭދަވީ ވަގުތުގެ އަގު އަނބުރާ ލިބުނީއެވެ.



___

ފޮޓޯ: ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author