12/7/2022

ޖުރިމަނާ ނުދައްކާ މައްސަލަ ކޯޓަށް ހުށަހެޅުން - އިޚްތިޔާރެއް ނެތް!

މިހާރު ބޭނުންކުރާ ޤާނޫނުލްޢުޤޫބާތަކީ، 2014 ވަނަ އަހަރު ފާސްކުރައްވައި، 2015 ގައި ޢަމަލުކުރަން ފަށާފައިވާ، ޒަމާނާގުޅޭ ޤާނޫނުލްޢުޤޫބާތެކެވެ. ކުރީގެ ޤާނޫނު ކަމުނުގޮސްގެން ބަދަލުކުރީ، އެޤާނޫނުގެ ދަށުން ހުރި އަދަބުތަކަކީ އެކަށީގެންވާ އަދަބުތަކެއްކަމަށް ނުވާތީއާއި، އެޤާނޫނު ލިޔުނު ގޮތުގެ ތާރީޚީ ޙަޤީޤަތްތަކަށް މިހާރު ބަދަލުވެފައިވާތީއެވެ. 1968 ގެ ޤާނޫނެއް، މިޒަމާނަށް ނުފެތޭތީއެވެ. މިގޮތުން، އަލަށް ފާސްކުރި ޤާނޫނުލްޢުޤޫބާތުގައި ތަފާތު އަދަބުތަކެއް ތަޢާރަފުކޮށް، ކުރީގައި ހުރި އަދަބުތަކުގެ ތެރެއިން މިޒަމާނަށް އެކަށީގެންނުވާ އަދަބުތައް އުވާލާފައިވެއެވެ. މިލިޔުމުގައި ބަލައިލާނީ، މިހާރު ޤާނޫނުގައި އޮތް ޖޫރިމަނާގެ އަދަބުގެ އަޞްލު ޠަބީޢަތަށާއި، ޖޫރިމަނާގެ ފައިސާ ނުދެއްކީމާ ވާނެގޮތްކަމަށް ޤާނޫނާއި ގަވާއިދުގައި އޮތް ގޮތަށެވެ.

 

ޤާނޫނުލްޢުޤޫބާތުގައި ތަފާތު އަދަބުތައް

ޤާނޫނުލްޢުޤޫބާތުގައި އަދަބާބެހޭ ހުރިހާ ވާހަކައެއް އޮތީ އެޤާނޫނުގެ ތިންވަނަ ބައި (ކަނޑައެޅޭނެ އަދަބުގެ މިންވަރު) ބަޔާންކުރާ ބައިގައެވެ. އެބައިގައި އޮތް ގޮތުން، އަޞްލު އަދަބަކީ އަބަދުވެސް ޖަލު އަދަބެވެ. އަދަބުގެ މިންވަރު ދެނެގަންނާނީ އެޤާނޫނުގެ 1002 ވަނަ މާއްދާ (ކަނޑައެޅޭ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު) އަށް ބަލައިގެންނެވެ. އެތާވަލުގައި އެއޮތީ އަޞްލު އަދަބެވެ. އޭގައި އޮތީ ހަމައެކަނި ޖަލު އަދަބުގެ ވާހަކައެވެ.

 

އަޞްލަކީ ޖަލު އަދަބުކަމަށް ކަނޑައެޅުމަށްފަހު، އެޤާނޫނުގެ 1005 ވަނަ މާއްދާ (އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު) ގައި، ޖަލު އަދަބު، އެހެން އަދަބުތަކަށް ބަދަލުކުރެވޭގޮތާއި މިންވަރުތައް ކިޔައިދީފައިވެއެވެ. ޖަލު އަދަބު ފިޔަވައި، ޤާނޫނު ދަންނަ އަދަބުތަކަކީ، ގޭ ބަންދުކުރުމާއި، މުޖްތަމަޢަށް ޚިދުމަތްކުރުމާއި، ޖޫރިމަނާއާއި، އުޅޭނޫޅޭގޮތް ބެލުމާއި ޕްރޮބޭޝަނެވެ. އަޞްލު އަދަބަކީ ޖަލު އަދަބުކަމަށް ކަނޑައެޅުމަށްފަހު، 1005 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަފާތު އަދަބުތަކަށް އެގޮތް މިގޮތް (މިކްސް އެންޑް މެޗް) ހެދުމުގެ ބާރު ފަނޑިޔާރަށް ލިބެނީ، ޤާނޫނުގެ 1004 ވަނަ މާއްދާ (ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި ބުނާ މިންވަރުގެ އަދަބެއް، ހުއްދަ ކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން ކަނޑައެޅިދާނެ ޙާލަތްތައް) ގައެވެ.

 

މިއީ، ރެސްޓޯރޭޓިވް ޖަސްޓިސް ނިޒާމުގެ ސިފައެކެވެ. އެއީ، އަދަބު ދިނުމަކީ މީހާ އިޞްލާޙުވާން ބާރުއަޅާ ކަމަކަށް ހެދުމުގެ މަފްހޫމެކެވެ. އެމަފްހޫމުގެ ދަށުން، ކުށެއް ކުރާ ހަމަ ކޮންމެ މީހަކު ޖަލަށްލުމުގެ ބަދަލުގައި، އެމީހަކު އިޞްލާޙުވާން އެކަށީގެންވާ އެހެން އަދަބެއް ދެވޭނޭ ގޮތަކަށް ޤާނޫނުން ޖާގަ ދެއެވެ. މިސާލަކަށް، އަލަށް ކުށްކުރާ މީހަކު، ޖަލަށްލުމުގެ ބަދަލުގައި އެހެން އަދަބަކަށް ބަދަލުކޮށްދިނުމުން، އެމީހާ ކުށުގެ މާޙައުލުން ދުރުވުމަށް ބާރު އެޅިދާނެކަމަށް ބެލެވޭނަމަ، ފަނޑިޔާރަށް އެކަން އެގޮތަށް ކުރެއްވިދާނެއެވެ.

 

ޤާނޫނުލްޢުޤޫބާތުގައި މިއުޞޫލުތައް ތަޢާރަފު ކުރީ 2015 ވަނަ އަހަރުއެވެ. ނަމަވެސް، އެކަމާބެހޭ ގޮތުން ހަދާންޖެހޭ ގަވާއިދުތައް ހެދިފައި ނެތިގެން، އަދަބު ބަދަލުކުރުމުގެ ކަންތައް އޮތީ އެއްގޮތަކަށްވެސް ނުހިނގައެވެ. ގަވާއިދު ހެދުން ޤާނޫނުން މަތިކޮށްފައި އޮތީ ސުޕްރީމް ކޯޓާއެވެ. މިކަން މިހެން އޮއްވާ، މިހާރުގެ ސުޕްރީމް ކޯޓުން، 1 ޖުލައި 2021 ދުވަހު މިދެންނެވި ގަވާއިދު އެކުލަވާލައްވައި، ޝާއިޢު ކުރެއްވިއެވެ. ނަމަކީ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ. އެއުޞޫލަށް ޢަމަލުކުރަން ފަށާފައިވަނީ ޝާއިޢުކުރިތާ 60 ދުވަސްފަހުން، 29 އޮގަސްޓު 2021 ދުވަހުއެވެ.

 

މިއުޞޫލުގެ 37 ވަނަ މާއްދާ (މަސްހުނިކޮށް އަދަބު ދިނުމާއި، ކުށްވެރިޔާ ކުރި ކުށަށް ރިޢާޔަތްކޮށް އަދަބު ކަނޑައެޅުން) ގައި، އަދަބު ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި، އެކަން ކުރާނެ ގޮތް ކިޔައިދީފައިވެއެވެ. އެކަމުގެ އިޚްތިޔާރު ދީފައި އޮތީ ފަނޑިޔާރަށެވެ.

 

އުޞޫލުގެ 38 ވަނަ މާއްދާ (އަދަބު މުރާޖަޢާކުރުން) ގައި އޮތީ، ޖަލަށްލުމުގެ ބަދަލުގައި ކޯޓުން ކަނޑައަޅާ އަދަބު ތަންފީޒުކުރުމަށް ތަންފީޒީ އިދާރާއަށް ކުށްވެރިޔާ އެއްބާރުލުން ނުދިނުމުގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ، އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ، އަދަބު ތަންފީޒު ނުކުރެވުނުކަމަށް ތަންފީޒު އިދާރާގެ ވެރިޔަކު ނިންމައި، އެ ނިންމުން ނިންމާތާ ފަނަރަ ދުވަހުގެ ތެރޭގައި އެ ނިންމުމާއި އެނިންމުމާ ގުޅުންހުރި އެންމެހާ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެ ކަމަށެވެ.

 

އެލިޔުންތައް ލިބުމުން ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރަންވީ ގޮތް އޮތީ ޖެހިގެން އޮތް އަކުރުގައެވެ. ތަންފީޒު އިދާރާގެ ވެރިމީހާގެ ނިންމުން ލިބޭތާ 30 ދުވަހުގެ ތެރޭގައި، އުޞޫލުގެ ޖަދުވަލް 1 ގައި އޮތް ފޯމު ފުރައި، އެމައްސަލައެއް ނިންމި ކޯޓަށް ހުށަހަޅަންޖެހެނީއެވެ. ކުރާން އުޅޭ ކަމަކީ އަދަބު މުރާޖަޢާކުރުމެވެ. ތަންފީޒު އިދާރާގެ ވެރިޔާގެ ނިންމުން ލިބުމާއެކު، އުޞޫލުގައި އޮތް މުއްދަތުގެ ތެރޭގައި އަދަބު މުރާޖަޢާ ކުރަން ހުށަހެޅުމަކީ، އުޞޫލު އޮތް ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލަށް އިޚްތިޔާރެއް އޮތް ކަމެއް ނޫނެވެ. ކުރާންޖެހޭ ކެމެވެ.

 

ޤާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެއަދަބު ތަންފީޒުނުކުރުމެއް ނޫނެވެ. އަދަބު ތަންފީޒުވާކަން ކަށަވަރުކުރާން އޮތް މަގަކީ، ޖޫރިމަނާ ނުދައްކާ މީހުންގެ މައްސަލަތައް މުރާޖަޢާ ކުރަން ހުށަހަޅަންޖެހޭ ގޮތަށް އޮންނަ އޮތުމެވެ. މުރާޖަޢާކުރީމާ ނުކުންނާނެ ނަތީޖާއަކީ، ޖޫރިމަނާގެ އަދަބަށް އެއްބާރުލުން ނުދީ، ޖޫރިމަނާ ނުދައްކާ މީހުން، އަޞްލު އަދަބު ކަމުގައިވާ ޖަލު އަދަބަށް ބަދަލުކުރުމެވެ. ނުވަތަ އެމީހަކާ އެކަށީގެންވާ އެހެން އަދަބަކަށް ބަދަލުކުރުމެވެ. މިހުރިހާ އުޞޫލެއް ހިނގަނީ ހަމައެކަނި ޤާނޫނުލްޢުޤޫބާތުން އަދަބު ކަނޑައަޅައިފައިވާ ކުށްތަކަށެވެ. އެހެން ޤާނޫނުތަކުން، މިސާލަކަށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ނުވަތަ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުވުމުގެ ޤާނޫނު ފަދަ، ޚާއްޞަ ޤާނޫނުތަކުން އަދަބު ކަނޑައަޅާ މައްސަލަތަކަކަށް، ސުޕްރީމް ކޯޓުގެ އުޞޫލުގައި އޮތް އަދަބު ބަދަލުކުރުމުގެ ހަމަތަކެއް ނުހިނގާނެއެވެ.

 

އަދަބު ތަންފީޒުކުރަން ހިނގާނެ މީހާ - ޕްރޮސިކިއުޓަރ ޖެނެރަލްތޯ ނުވަތަ އެޓަރނީ ޖެނެރަލްތޯ؟


ޖިނާއީ ކުށްކުށުގައި ޖޫރިމަނާގެ އަދަބު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ، އަޞްލު އަދަބުގެ ގޮތުގައި ޖޫރިމަނާ ކަނޑައަޅާ ކުށްތަކާއި، އަޞްލު އަދަބަކީ ޖަލު އަދަބުކަމަށް ކަނޑައެޅުމަށްފަހު، ސުޕްރީމް ކޯޓުގެ އުޞޫލާ އެއްގޮތަށް ޖަލު އަދަބުތައް އެހެން އަދަބުތަކަށް ބަދަލުކުރާ ޖޫރިމަނާގެ އަދަބުތަކެވެ. ސުޕްރީމް ކޯޓުގެ އުޞޫލު ހިނގަނީ ދެވަނައަށް މިދެންނެވި ޖޫރިމަނާގެ ބަޔަށެވެ. މިދެބައި ވަކިކޮށް އޮތުމުގެ ނަތީޖާއެއްވެސް އެބައޮތެވެ. އެއީ، ތަންފީޒުކުރަން ހުށަހެޅުމާ ގުޅޭ ތަފާތެކެވެ. އަޞްލު އަދަބަކީ ޖޫރިމަނާއަށްވާ ޙާލަތުގައި، ޖޫރިމަނާ ނުދައްކައިގެން އެފައިސާ ހޯދުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އިޝާރާތަކަށް، ކޯޓަށް ހިންގަވާނީ އެޓަރނީ ޖެނެރަލްއެވެ. ޤާނޫނުލްޢުޤޫބާތުގެ ދަށުން ކަނޑައެޅި އަޞްލު އަދަބަކީ ޖަލު އަދަބަށްވެފައި، ޖަލު އަދަބު، ޖޫރިމަނާއަށް ބަދަލުކުރާ ޙާލަތުގައި، އެފައިސާ ނުދައްކައިގެން ތަންފީޒު އިދާރާގެ ވެރިޔާގެ އިޝާރާތަކަށް، ސުޕްރީމް ކޯޓުގެ އުޞޫލުގައި ބުނާ ފޯމު ފުރައިގެން ކޯޓަށް ހިނގާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.

 

ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްގެން ލުއި ލިބިފައިވާ މީހުންނަށް މިހާރު އޮތް ގޮތަކީ، ކޯޓުން މުރާޖަޢާގެ މައްސަލަ ހިނގައިގަތުމުގެ ކުރިން އަވަހަށް ފައިސާ ދައްކާ ޚަލާޞްކުރުމެވެ. އޭރުން، އަޞްލު ޙުކުމް ކޮށްފައި އޮތް ޖަލު އަދަބަށް ނުގޮސް، ސަލާމަތް ވުމުގެ ފުރުޞަތު އޮންނާނެއެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author