9/3/2022

އިސްލާމީ ޝަރީޢަތުގައި، މަގުމަތިން ޤާނޫނު ތަންފީޒުކުރުން ހުއްދައެއް ނޫން

އިންޞާފު ޤާއިމުކުރުމުގެ ޒިންމާއަކީ، ދައުލަތުން، ޤާނޫނު ތަންފީޒުކުރާ މީހުންނާ މަތިކޮށްފައިވާ ޒިންމާއެކެވެ. އެމީހަކަށް އިންޞާފުކަމަށް ޤަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި، ޤާނޫނީ ގޮތުންނާއި ދީނީ ގޮތުން ބޮޑުވެގެންވާ މަނާކަމެކެވެ.

 

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބިނާވެފައި އޮތީ، އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ. ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަމަށް ލިޔެފައިވެއެވެ. ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެކަމަށްވެސް އޮވެއެވެ. ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި، ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް އޮވެއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނަކީ އިސްލާމްދީނާ ޚިލާފު ޤާނޫނެއްނަމަ، އެޤާނޫނު ބާޠިލުކުރާން ހިނގާންޖެހޭ މަގުވެސް ޤާނޫނުގައި އެބައޮތެވެ. އެމަގުން ގޮސް، އެޤާނޫނަކީ އިސްލާމްދީނާ ޚިލާފު ޤާނޫނެއްކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު، ރައްޔިތުންނަށް އޮތީ ޤާނޫނުގައިވާ ގޮތުގެ މަތިން އުޅުމެވެ.

 

ދުނިޔަވީ އެކި ކަންކަމަށް ޤާނޫނު ހެދުމަކީ، އިސްލާމްދީން ހުއްދަކުރާ ކަމެކެވެ. އަލް އިމާމް ޝާފިޢީގެ ރައުޔުގައި، މަޞާލިޙު މުރްސަލާ (ޢާންމު މަޞްލަޙަތު ރައްކާތެރިކުރުމުގެ) ބާބުގެ ދަށުން، ތަފާތު އެކި ކަންކަމަށް ޤާނޫނު ހަދައި، ތަންފީޒުކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް އޮވެއެވެ. މިއީ، އިސްލާމީ އެތައް ޤައުމެއްގައި ޒަމާންތަކެއް ވަންދެން ކުރަމުންވެސް އަންނަ ކަމެކެވެ.

ޤާނޫނު ތަންފީޒުކުރާ މީހާ ތަންފީޒުކުރަންޖެހެނީ، ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ޤާނޫނަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތް ޤާނޫނެއްކަމަށް ބަލައިގެންނެވެ. ޤާނޫނު ތަންފީޒުކުރަންޖެހޭ ހަމަ ކޮންމެ ފަހަރަކު، އެ ޤާނޫނަކީ ރަނގަޅު ޤާނޫނެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު ރަނގަޅު ނޫންނަމަ، ކޯޓުން އެކަމަށް ގޮތެއް ނިންމާނެއެވެ.

 

އިސްލާމީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ވަކި ހަމަތަކެއް، އުޞޫލުތަކެއް ބަޔާންކޮށްފައިވެއެވެ. އިސްލާމްދީނުގެ ހަމައަކީ ހަމައެކަނި ނަތީޖާއެއް ޙާޞިލުކުރުމެއް ނޫނެވެ. ނަތީޖާއަށް ވާޞިލުވި ގޮތަކީވެސް މުހިންމު ކަމެކެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި، ގެއެއްގައި ބަޔަކު ފާޙިޝް ޢަމަލެއް ހިންގާކަމުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެން، އެގޭ ވެރިފަރާތުގެ ހުއްދަ ނެތި، އެގެއަށް ވެންނެވިކަމަށް ވެއެވެ. އެވަގުތު، ކުށްކުރާން ތިބި މީހުން، ކުށްކުރުން މަތީގައި ތިއްބާ ފެނިވަޑައިގަތެވެ. އެވަގުތު، ތުހުމަތު ކުރެވުނު މީހާ، ޢުމަރުގެފާނާ މުޚާޠަބުކޮށް، ކަލޭގެފާނު މިގެއަށް ތިޔަ ވެންނެވީ، މިގޭ ވެރިފަރާތުގެ ހުއްދަ ނެތިނޫންތޯ އެއްސެވިއެވެ. ހަމައެއާއެކު، ޢުމަރުގެފާނު އެގެއިން ނުކުމެގެން ވަޑައިގެންނެވީއެވެ. ކުށްކުރާ މަންޒަރު ފެނިވަޑައިގެންފައިވެސް، އަދަބެއް ދެވެން ނެތީ، ޢުމަރުގެފާނަށް އިޖުރާއަތު ފުރިހަމަ ކުރެވިފައި ނެތުމުންނެވެ.

 

އިސްލާމީ ތާރީޚުގެ އެހެން ޞަފްޙާއެކެވެ. އިސްލާމީ ލަޝްކަރު، ނަޞާރާއިންގެ ރަށެއް ފަތަޙަކުރިއެވެ. ނަމަވެސް، އިސްލާމީ ލަޝްކަރު އެހަނގުރާމައިގައި ޢަމަލުކުރި ގޮތާމެދު، އެރަށުގެ ނަޞާރާ ފާދިރީން ހިތްހަމަނުޖެހި، އެމައްސަލަ ބައްލަވައި ދެއްވުން އެދި، ލަޝްކަރުގެ އަމީރަށް ހުށަހެޅުއްވިއެވެ. އެމައްސަލަ ބެއްލެވުމަށް، ޝަރީޢަތެއް ބޭއްވިއެވެ. އެޝަރީޢަތުގައި ފަނޑިޔާރަކަށް ހުންނެވީ މުސްލިމުންގެ މީހެކެވެ. އެމައްސަލަ ބަލައި، މުސްލިމުންގެ ލަޝްކަރު ޢަމަލުކުރި ގޮތް ޙަޤީޤަތުގައިވެސް ރަނގަޅު ނޫންކަމަށް ނިންމަވައި، ލަޝްކަރު ވަގުތުން އެރަށުން ނުކުތުމަށް އެންގެވިއެވެ. މިއެންގެވުމާއެކު، މުސްލިމުންގެ ލަޝްކަރު އެރަށުން ނުކުތެވެ. (މުސްލިމުންގެ ޢަދުލް އިންޞާފުގެ ފުރިހަމަކަން ފެނި، އެރަށުގެ މީހުން އިސްލާމްވިއެވެ.) މިއީ، އިސްލާމްދީންގައި ޢަމަލުކުރަން އޮތް ގޮތެވެ.

 

އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގައި އޮތީ، يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ އޭ އީމާންވެއްޖެ މީސްތަކުންނޭވޭ، كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖތިޔަބައިމީހުން ﷲއަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމައަށް ޤާއިމުކުރާ، އަދި ޢަދުލުއަށް ހެކިދޭ ބަޔަކު ކަމުގައިވާށޭވޭ. وَلَا يَجْرِمَنَّكُمْ އަދި ބާރުއަޅާކަމެއް ކަމުގައި ނަހަދާށޭ، شَنَـَٔانُ قَوْمٍ ބަޔަކު މީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް، عَلَىٰٓ أَلَّا تَعْدِلُوا۟ އެއީ އެބައިމީހުނަށް ޢަދުލުވެރި ނުވުމުގެ މައްޗަށް. ٱعْدِلُوا۟ ތިޔަބައިމީހުން ޢަދުލުވެރިވާށޭ! هُوَ أَقْرَبُ لِلتَّقْوَىٰ ۖ އެގޮތް، ތަޤުވާވެރިކަމާ ގާތްކަން ބޮޑޭ ، وَٱتَّقُوا۟ ٱللَّهَ އަދި ތިޔަބައިމީހުން ތަޤުވާވެރިވާށޭ، إِنَّ ٱللَّهَ خَبِيرٌۢ ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެއޭ، بِمَا تَعْمَلُونَ ތިޔަބައިމީހުން ކުރާ އެންމެހައި ޢަމަލުތައް.

 

މީހަކު ކުރާކަމަށް ތިމާއަށް ޤަބޫލުކުރެވޭ، ނުވަތަ މީހަކު ތުހުމަތުކުރާ ކަމެއްގެ ސަބަބުން، އެމީހަކު ދެކެ ތިމާ އަންނަ ރުޅިއަކީ، ނުވަތަ ކުރާ ނަފްރަތަކީ، ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކުން ބޭރުން މީހުންނާމެދު ޢަމަލުކުރުން ދީނީ ގޮތުންވެސް، ޤާނޫނީ ގޮތުންވެސް ހުއްދަކުރާ ކަމެއް ނޫނެވެ. މިކަން މިގޮތަށް ހަމަޖެހިފައިވަނީ އެތައް އެތައް މަޞްލަޙަތެއް ޙިމާޔަތް ކުރުމަށެވެ. މިސާލަކަށް، ބަޔަކު މީހުން، ވަކި މިވެނި މީހަކީ ވަގެއްކަމަށް ބުނެ، އެމީހަކަށް އަނިޔާކުރަން ގޮވާލަފާނެއެވެ. އޭނާއަކީ ވަގެއްތޯ ނުވަތަ ނޫންތޯ ބެލުން، އިސްލާމީ ދައުލަތެއްގައި އޮތީ ޤާނޫނީ ނިޒާމާ މަތިކޮށްފައެވެ. އެކަން ހަމަޖެހިފައި އޮންނަ ގޮތަށް ނުބަލައި، ތުހުމަތުކުރެވޭ މީހާގައި ތަޅައި އަނިޔާ ކުރުމަކީ، ދީނީ ގޮތުން މަނާ ކަމެއްކަން، މަތީގައިވާ އާޔަތުން ދަލީލު ލިބެއެވެ.


ވަކި ކަމެއް ހިނގީ ވަކި ގޮތަކަށްކަން އެނގުނަސްވެސް، އެކަމަކަށް އަދަބެއް ދެވޭނީ، ޤާނޫނީ ނިޒާމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލިގެންނެވެ. ކުށްކުރާ މީހުންނާމެދު ޢަމަލުކުރާނެ ގޮތް އޮތީ ޤާނޫނުގައި ލިޔެފައެވެ. ހައްޔަރުކުރާނެ ގޮތާއި، ޙާލަތާއި، ހައްޔަރުގައި ބަހައްޓާނެ ގޮތާއި، ޙާލަތާއި، ހެކި ހޯދާނެ ގޮތާއި، ހެކި ހުށަހަޅާނެ ގޮތާއި، ހެކި ވަޒަންކުރާނެ ގޮތާއި، މިހެން ގޮސް، މިކަމާގުޅޭ ހުރިހާ ވާހަކައެއް ޤާނޫނުގައި އެބައޮތެވެ. ޤާނޫނުގައި އޮތް ގޮތަށް ހެކި ނުލިބިއްޖެނަމަ، މީހަކު އަދި ކުށެއް ކުރިއަސްވެސް، ނިޒާމުގެ ތެރެއިން ފިޔަވަޅެއް ނޭޅޭނެއެވެ. މިކަންކަން މިގޮތަށް އޮންނަނީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ކުށް ކުރާމީހުންނަށް އަދަބު ދިނުމަށާއި، ކުށެއް ނުކުރާ މީހުންނަށް އަދަބެއް ނުލިބޭނޭކަން ކަށަވަރު ކުރާށެވެ. މިނިޒާމު ރަނގަޅު ނޫންނަމަ، ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ބަދަލު ގެންނަންވީއެވެ. މަގުމަތިން، މިމައްސަލަ ޙައްލުކުރުމަކީ ހުއްދަކުރެވިގެންވާނެ ކަމެއް ނޫނެވެ. އެއީ، އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ.


ރަސޫލުﷲ (ޞ) ޙަދީޘް ކުރައްވާފައިވެއެވެ. ތިމާގެ އަމިއްލަ ނަފްސަށް ބޭނުންވާ ކަމެއް، ތިމާގެ އަޚާއަށް ލިބުމަށް އެދިއްޖައުމަށްދާންދެން، މީހެއްގެ އީމާންތެރިކަމެއް ފުރިހަމައެއް ނުވެއެވެ. މަތީގައިވާ މައްސަލައިގައި، ނުރަނގަޅު ގޮތެއްގައި ތުހުމަތު ކުރެވުނީ ތިމާ ނުވަތަ ތިމާގެ ޢާއިލާގެ މީހަކާމެދު ކަމަށް ވިސްނާވަޑައިގަންނަވާށެވެ. މިޙާލަތުގައިވެސް، ޢާންމުން އަރައިގަނެ، ތަޅައި، އޮރިޔާންކޮށް، މޫދަށް އެއްލާލައި، ޤާނޫނީ ނިޒާމުން ބޭރުން އަނިޔާކުރުން ހުއްދަވާނެކަމަށް ތިމާއަށް ބެލޭނެތޯ؟

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author