8/26/2022
ޢަދުލު އިންޞާފުގެ މަފްހޫމަކީ، އަޅުގަނޑުމެންގެ ތެރޭގައި އެކި ގޮތްގޮތަށް މާނަކުރެވޭ، ޝައުޤުވެރިކުރަނިވި އެއްޗެކެވެ. އަޅުގަނޑުގެ ރަސްމީ ވަޒީފާއަކީ، އިންޞާފު ޤާއިމުކުރުން ކަމަށްވާތީ، އެކި މީސްމީހުންނަށް އިންޞާފު ލިބިގެން (ނުވަތަ) / ނުލިބިގެން އުޅޭ މައްސަލައަކީ، އަޅުގަނޑު ވަރަށް ވިސްނާ ފިކުރުކުރާ މައްސަލައެކެވެ. އެކަން އެގޮތަށް ދިމާވާ ސަބަބުތައް ދެނެގަނެ، އެކަންކަން ޙައްލުކޮށްދީ، "އިންޞާފު ހޯދައިދިނުމަކީ" އަޅުގަނޑުގެ ހަމައެކަނި މަސައްކަތެވެ.
މިކަމާ އަޅުގަނޑު ވިސްނުމުން ދޭހަވީ، އިންޞާފަކީ ނިސްބީ އެއްޗެއްކަމެވެ. ވަކިވަކި މީހުންނަށް، އެކި ގޮތަށް މާނަކުރެވޭ، އެކި ގޮތަށް ލިބޭ އެއްޗެއްކަމެވެ. އިންޞާފު ލިބުމުގެ އިޙުސާސަކީވެސް ނިސްބީ އެއްޗެކެވެ. އެކި މީހުންނަށް، އެކި ކަންކަމުގައި، އެކި ވަރަށް ކުރެވޭ އިޙްސާސެކެވެ. ވީމާ، އެންމެން ޤަބޫލުކުރާ އިންޞާފަކީ ވަކި މިވެނި އެއްޗެއްކަމަށް ކަނޑައެޅޭކަށް ނެތެވެ.
ޢަދުލު އިންޞާފުގެ މަފްހޫމް ބިނާވާ ކަންކަމުގެ ތެރޭގައި، އެމީހަކަށް ލިބިހުރި ތަރުބިއްޔަތާއި، ތަޢުލީމާއި، ހޭލުންތެރިކަމާއި، ދުނިޔެއަށް ލޯ ހުޅުވިފައިވާ މިންވަރާއި، ޙަޔާތުގައި ކުރެވިފައިވާ ތަޖުރިބާތަކާއި، ދީނީ، ސަޤާފީ، އިޖްތިމާޢީ، ޢާއިލީ ޙާލަތާއި، މިނޫންވެސް ވަރަށް ގިނަ ކަންކަން ހިމެނެއެވެ. އެހެންކަމުން، އެއް ޙާދިސާއެއް ދިމާވާ ދެމީހަކަށް، އެއް ގޮތަށް ޢަމަލުކުރުމުން، އެކަކަށް އެކަމަކީ އިންޞާފަށް ވެފައި، އަނެކާއަށް އެއީ އިންޞާފަކަށް ނުވެ ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އިސްލާމްދީންގެ އަސާސީ ފިކުރު ބިނާވެފައިއޮތީ ޢަދުލު އިންޞާފާއެވެ. "އަލްޙަކަމް" (ޢަދުލު އިންޞާފު ޤާއިމުކުރާ މީހާ) އަކީ މާތްﷲގެ އިސްމުފުޅެކެވެ. ނިސާ ސޫރަތުގެ 135 ވަނަ އާޔަތުގެ މާނައިގައި އޮތީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނީ ޢަދުލް އިންޞާފު ޤާއިމުކުރުމުގައި ދެމިތިބޭ، އަދި ﷲއަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައިވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ".
"އަލްޙަކަމް" އަކީ މާތް ﷲގެ އިސްމުފުޅަކަށްވާތީއާއި، އިންޞާފު ޤާޢިމުވުމުގެ ވަޢުދަކީ، ޤުރުއާނުގެ އެތައް އެތައް އާޔަތެއްގައި ބަޔާންކޮށްފައިވާ ވަޢުދަކަށްވާތީ، އިންޞާފު ޤާއިމުވާނެކަމާމެދަކު، މުއުމިނެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ހިތުގައި ޝައްކެއް ނުހިނގައެވެ. ދުނިޔެ ނިމި، ޤިޔާމަތް ޤާއިމުވެ ނިމޭނީ، އެންމެނަށް ފުރިހަމައަށް، އިންޞާފު ޤާއިމުވެގެންނެވެ. އެއީ މާތްﷲގެ ވަޢުދެކެވެ. މިވަގުތު އޮތް ސުވާލަކީ، އަޅުގަނޑުމެން އިންސާނުންގެ ނިސްބަތުން، އިންޞާފު ޤާއިމުވުމުގެ މާނައާމެދު އޮތް ސުވާލެކެވެ.
ދިވެހިރާއްޖޭގައި އިންޞާފު ޤާއިމުކޮށްދިނުމުގެ ޒިންމާ ޙަވާލުވެފައިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެނެގަންނަންޖެހޭ އަސާސީ ކަމަކީ، އަޅުގަނޑު ޤާއިމުކޮށްދޭންޖެހޭ 'އިންޞާފަ'ކީ ކޮބައިތޯއެވެ. ޤާނޫނީ ނިޒާމުތައް ހަމަޖެހިފައިވާ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން ޤާއިމުކުރަންޖެހޭ އިންޞާފު ލިޔެފައި އޮތީ ޤާނޫނުތަކާއި ގަވާއިދުތަކާއި ޤާނޫނީ އުޞޫލުތަކުގައެވެ. އަޅުގަނޑުގެ އަމިއްލަ ހިތުގައެއް ނޫނެވެ. ނުވަތަ އަޅުގަނޑު ޤަބޫލުކުރާ ގޮތްތަކުގެ ތެރެއަކު ނޫނެވެ.
ޤާނޫނީ ނިޒާމުގައި 'އިންޞާފަ'ކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގައި، ވަކި މިވެނި ކަމަކީ އިންޞާފުކަމަށް ލިޔެފައި އޮތް ކަންކަމެވެ. ރައްޔިތުންގެ ފަރާތުން، އެންމެން އެއްކޮށް ތިބެ ޤާނޫނުތައް ނުލިޔެވޭނެތީ، ޤާނޫނު ހެދުމަށް ބަޔަކު އިންތިޚާބުކުރީއެވެ. ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ، ރައްޔިތުންގެ ބޭނުންވާ ގޮތަށް، ޤާނޫނު ހެދުމުގެ މަސައްކަތް، ރައްޔިތުން ޙަވާލުކުރީ ރައްޔިތުންގެ މަޖިލީހާއެވެ. ވީމާ، ރައްޔިތުންގެ ފަރާތުން، ޤާއިމުކުރަންވީ 'އިންޞާފަ'ކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ.
ޤާނޫނު ތަންފީޒުކުރާ މީހުންގެ ޒިންމާއަކީ ރައްޔިތުންގެ މަޖިލީހުން، އިންޞާފުކަމަށް ކަނޑައެޅި ޤާނޫނު ތަންފީޒުކުރުމެވެ. އެ 'އިންޞާފަކީ' އަޅުގަނޑު، ނުވަތަ ފުލުހުން، ނުވަތަ ފަނޑިޔާރު، ނުވަތަ ޤާނޫނު ތަންފީޒުކުރާ އެހެން މީހަކު ވިޔަސް، އެމީހާގެ ހިތުގައި އިންޞާފުކަމަށް ޤަބޫލުކުރާ ގޮތަށް ކޮންމެހެން ވުން ލާޒިމެއް ނޫނެވެ. ނުވެވެސް ހިނގައިދާނެއެވެ. އެކަމަކީ އަޅުގަނޑުމެން މިހާރު ވިސްނަންޖެހޭ ކަމެއް ނޫނެވެ. އިންޞާފަކީ ކޮބައިކަން ޤާނޫނުގައި އެއޮތީ ލިޔެފައެވެ. ޤާނޫނުލްޢުޤޫބާތާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، އެހެނިހެން ޚާއްޞަ އަދި ޢާންމު ޤާނޫނުތަކުގައެވެ.
އެ 'އިންޞާފު' އަކީ ބަދަލުވެސް ވާ އެއްޗެކެވެ. ވަކި ކަމެއް، އެއީ، ކުރީގައި 'އިންޞާފު' ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައި އޮވެފައި، އެކަން މިހާރު 'އިންޞާފު' އަށް ނުވާނަމަ، ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ގެންނަ ބަދަލާއެކު 'އިންޞާފު' ވެސް ބަދަލު ކުރެވެއެވެ. ބަދަލުވެސް ކުރަންޖެހެއެވެ. އިންޞާފަކީ، ނިސްބީ އެއްޗަކަށްވާތީ، މީގެ އަހަރުތަކެއް ކުރިން އިންޞާފުކަމަށް ޤަބޫލުކުރި ކަންތައް، މިހާރު އިންޞާފެއް ކަމަށް ރައްޔިތުން ޤަބޫލުނުކުރާތީ، އިންޞާފު ބަދަލު ކުރަންޖެހުނީއެވެ. އެހިސާބުން، ޤާނޫނު ތަންފީޒުކުރާ މީހުންގެ މަސައްކަތަކަށް ވާނީ، މިހާރުގެ 'އިންޞާފު' ޤާއިމުކުރުމެވެ.
މިސާލަކަށް، ޤާނޫނު ނަންބަރު 78/72 (ހުޅުލެއަށް އެރުމާބެހޭ ޤާނޫނު) އަކީ 1978 ގެ ޤާނޫނެކެވެ. އެޤާނޫނުގެ ޢިބާރާތުގައި އޮތީ، "މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީން ދޫކުރާ ހުއްދައެއް އޮވެގެން ނޫނީ އާދައިގެ ގޮތުގައި ހުޅުލެއަށް އެރުމަކީ މަނާ ކަމެއް" ކަމަށެވެ. އެއީ، އޭރުގެ އިންޞާފެވެ. އެޤާނޫނުގެ މުހިންމުކަން ބޮޑުކަން އެނގެނީ، ތަފާތު 2 ފަހަރެއްގެ މަތިން، 1983 އާއި 1985 ގައި، އެޤާނޫނަށް ދެ އިޞްލާޙެއްވެސް ގެނެސްފައިވާތީއެވެ. އޭގެ 40 އަހަރު ފަހުން، މިއަދު، އެޤާނޫނަކީ އިންޞާފުކަމަށް ޤަބޫލުކުރާ މީހަކު ނެތެވެ. އެއާއެކު، ޤާނޫނު ނަންބަރު 2010/1 (ޤާނޫނު ނަންބަރު 78/72 (ހުޅުލެއަށް އެރުމާބެހޭ ޤާނޫނު) އުވާލުމުގެ ޤާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން އެޤާނޫނު ވަނީ އުވާލާފައެވެ. މިއީ، މިއަދުގެ 'އިންޞާފެ'ވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކަށް ބަދަލު އާދެއެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމްތަކަށް ބަދަލެއް ނާދެއެވެ. މިޙާލަތުގައި އުފެދޭ ސުވާލަކީ، އިސްލާމީ ޝަރީޢަތުން ސާބިތުވާން އޮތް ކަންކަން ތަންފީޒުނުކުރަނީ ކީއްވެގެންތޯއެވެ.
ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި އޮތީ، "ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދެއްގެ ދަށުން ވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެ ޤާނޫނެއް ނުވަތަ އެޤަވާޢިދަކީ ޢާންމުކޮށް ޝާއިޢުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާ ކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނޭ އަދަބު ސާފުކޮށް ބަޔާން ކޮށްފައި އޮވެގެންނެވެ." އެހެންކަމުން، ޤާނޫނު ތަންފީޒުކުރާ މީހުން ޢަމަލުކުރަންޖެހެނީ ޤާނޫނުގައި ލިޔެފައިވާ ކުށްތަކަށް އަދަބު ދިނުމަށެވެ. ޤާނޫނުގައި ވަކި ކަމެއް ނެތީވިއްޔާ، އެކަމެއް ޤާނޫނުގައި ލިޔެ، 'އިންޞާފު' އޮންނަންވީ ގޮތުގެ އިރުޝާދު ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތެކެވެ. އެމީހަކަށް ފެންނަ ގޮތަކަށް، އެމީހެއްގެ ހިތަށް ފެނުނު 'އިންޞާފު' ޤާއިމުކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author