10/29/2023

އަޅުގަނޑުގެ ވެރިކަމެއްގައި: އައިޑީ ކާޑު، މުއްދަތު ހަމަވުމުގެ ކުރިން، އައު ކާޑު، އެމީހަކު ހުރި ތަނަކަށް!

ދައުލަތުން މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހަކޮށްދިނުމަކީ، ކޮންމެ ރައްޔިތެއްގެވެސް، ދައުލަތުގެ އިދާރާތައް ހިންގާންތިބޭ މީހުންގެވެސް މައިގަނޑު އަމާޒެވެ. ރާއްޖޭގައި، ކޮންމެ ރައްޔިތެއްގެ އަތުގައި އޮތުން އެންމެ މުހިންމު އެއް ލިޔުމަކީ، އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑެވެ. އެކާޑުގެ މުހިންމުކަމާއި، އެކާޑުން ކުރެވޭ ކަންކަމަކީ މިމައުޟޫޢުގައި އިތުރަށް ޝަރަޙަކޮށްދޭންޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުގެ ވެރިކަމެއްގައި، އައިޑީ ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން، އައިޑީ ކާޑު އައުކޮށް، އެމީހަކު ހުރި ތަނަކަށް އައިޑީ ކާޑު ގެންގޮސް، އެމީހަކާ ޙަވާލުކުރާ ޚިދުމަތެއް ތަޢާރަފުކުރާނަމެވެ. އެކަން ކުރަނީ މީހުންނަށް ފަސޭހަކޮށްދިނުމަށް އެކަންޏެއް ނޫނެވެ. އެކަމުގައި އިޤްޠިޞާދީ، އިޖްތިމާޢީ އަދި ޞިއްޙީ ފައިދާތަކެއް އެބަހުއްޓެވެ.

 

އަޅުގަނޑުގެ އޮފީސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހުންނަނީ ވެލާނާގެ ބާރަވަނަ ފަންގިފިލާގައެވެ. އެޢިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ހުރެއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ (އައިޑީ) ކާޑު ދޫކުރަނީ އެޑިޕާރޓްމަންޓުންނެވެ. އަޅުގަނޑު އޮފީހަށް އަރާ ފައިބާއިރު، ކޮންމެ ދުވަހަކުވެސް، އެތައް ފަހަރަކު، އައިޑީ ކާޑު ހައްދަން ދާ މީހުންނާ ބައްދަލުވެއެވެ. އެތައް ސަތޭކަބަޔަކު އައިޑީ ކާޑު ހައްދާށާއި ބަލާ، އެތަނަށް ދެއެވެ. އާދައިގެ މަތިން، މިކަހަލަ (އަޅުގަނޑާ ނުބެހޭ) ކަންކަމާ ހިތުގައި ސުވާލު އުފެދެއެވެ. އެހުރިހާ މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިންނާއި ވަޒީފާ އަދާކުރާ ޢުމުރުގެ މީހުން، އައިޑީ ކާޑު ހައްދަން، ވެލާނާގެ ހަތަރުވަނަ ފަންގިފިލާގައި ކިއު ހަދައިގެން ނުތިބެ ވާނެ ގޮތެއް ހަމަ ނެތީބާއެވެ؟

 

ކޮވިޑާއެކު ގޭދޮށު ކަންމަތީ ފިހާރައިން ޑެލިވަރީގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ. މިހާރު، ފިހާރައަށް ނުގޮސް، ތަރުކާރީއާއި ދަޅުކާނާއާއި، ފިހާރައިން ލިބެން ހުންނަ ހުރިހާ އެއްޗެއް ލިބެއެވެ. މޯބައިލް ޕޭ އިން ފައިސާ ދައްކާ، ވައިބަރުން ސްލިޕް ކޮޅު ފޮނުވާލުމުން، ނުލިބޭ ޚިދުމަތެއް ނެތޭ ބުނުންވެސް ދޮގަކަށްނުވާނެއެވެ. އައިޑީ ކާޑު ހެއްދުން މެނުވީއެވެ.

 

ޑީއެޗްއެލް ފަދަ ކުރިއަރ ޚިދުމަތްދޭ ކުންފުނިތަކުން، ގޭ ދޮރުމައްޗަށް ޕާރުސަލް ގެނެސްދެއެވެ. ޕާރުސަލް ގެންނަ މީހާގެ އަތުގައި އޮންނަ ޑިޖިޓަލް މެސިނެއްގައި ސޮއިކޮށްލަނިކޮށް، ރިސީޓެއް އީމެއިލަށް ލިބި، އެމުޢާމަލާތް އެއްކޮށް ފުރިހަމަވެއެވެ. ގޭގައި ތިބެގެން، ދުނިޔޭގެ ކޮންމެ ތަނަކުން މުދަލާއި ޚިދުމަތް ލިބެއެވެ. "ކޯބޯ" ކިޔާ ފޮތްކިޔާ މެސިނަކުން، ދުނިޔޭގައި ލިޔެ، ވިއްކަންހުރި ހުރިހާ ފޮތެއް، އިތުރު އެއްވެސް ކަމެއް ނުކޮށް ސީދާ ކޯބޯއަށް އަޅައި، ކިޔައިލެވެއެވެ. ދުނިޔެ، މިހައި ފަސޭހަވެއްޖެއެވެ. ނަމަވެސް.... އައިޑީ ކާޑު ހައްދަން ވެލާނާގެއަށް ދާންޖެހެއެވެ.

 

ދުވާލަކު މަދުވެގެން ސަތޭކައެއްހައި މީހުން އައިޑީ ކާޑު ހައްދަން ވެލާނާގެއަށް ގޮސް، ކިއުގައި ތިބޭކަމަށް ބަލައިފިނަމަ، އެ ސަތޭކަ މީހުން ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް އޮންނާނީ ހުއްޓިފައެވެ. ކަންމަތީ ފިހާރައެއްނަމަ، އެފިހާރައިގެ ވިޔަފާރި އެދުވަހު ދަށްވާނެއެވެ. އެއާއެކު، އެފިހާރައިން ކުރާ ވިޔަފާރިން ދައުލަތަށް ލިބޭ ޓެކްސްގެ ފައިސާ މަދުވާނެއެވެ. މާލެ ފިޔަވައި، އެހެން ތަންތަނުން ކާޑު ބަލައި އަންނަ މީހުން، ދަތުރުފަތުރަށް ކުރާ ޚަރަދުވެސް އެއަށް އިތުރު ކުރަންޖެހެއެވެ.

 

އޮފީހެއްގައި މަސައްކަތްކުރާ މީހެއްނަމަ، އެމީހެއްގެ މަސައްކަތް އެދުވަހަށް ހުއްޓެއެވެ. އެއާއެކު، އެއޮފީހަކުން، އެމީހާގެ މަސައްކަތްކުރަން އެހެން މީހަކު ހަމަޖައްސައި، ތަރުތީބުތައް ރާވަންޖެހެއެވެ. ޢާންމުންނަށް ޚިދުމަތްދޭ މީހަކުނަމަ، މިސާލަކަށް، ޑޮކްޓަރެއްނަމަ، އޭނާގެ ޚިދުމަތް ހުއްޓި، އެތައް ބައެއްގެ ވަގުތާއި ފައިސާ ބޭކާރުވެގެންދެއެވެ. ފުލުހުން، ބަސްޑްރައިވަރުން، ޓީޗަރުން، ހެލްތް ވަރކަރުން، ސިފައިން، ނަރުހުން އައިޑީ ކާޑު ހައްދާއިރު، ދައުލަތުގެ މަސައްކަތަށް ބުރޫ އަރައެވެ. ދުވާލަކު ސަތޭކަ މީހުންގެ މަގުން ބަލައިފިނަމަ، ކުޑަ ނޫން އިޤްޠިޞާދީ ގެއްލުމެއް ކުރިމަތިވާނެއެވެ.

 

އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދާ މީހާގެ އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި އޮވެއްޖެނަމަ، އޭނާއަށް އާސަންދައެއް ނުލިބެއެވެ. އޭނާގެ އައިޑީ ކާޑު، މުއްދަތު ހަމަވުމުގެ ކުރިން އޭނާގެ އަތަށް ފޯރުކޮށްދީފައި އޮތްނަމަ، ވަގުތުން އާސަންދައިގެ ޚިދުމަތްވެސް ލިބޭނެއެވެ.

 

އެތައް ސަތޭކަ ކިޔަވާ ކުދިންނެއް އައިޑީ ކާޑު ހައްދަން ވެލާނާގެއަށް ދާންޖެހެއެވެ. 18 އަހަރު ނުވާ ކުއްޖަކަށް އައިޑީ ކާޑު ދޫކުރަނީވެސް، ބެލެނިވެރިޔަކާއެކު އައުމުންނެވެ. ރަސްމީ ގަޑީގައި ކުރަންޖެހޭ ކަމަކަށްވާތީ، އެކުއްޖާ ޖެހޭނީ އެދުވަހު ކިޔެވުން ހުއްޓާލާފައި އައިޑީ ކާޑު ބަލާ ވެލާނާގެއަށް ދާށެވެ. އޭނާ އެކަންޏެއް ނޫނެވެ. ބެލެނިވެރިޔާގެ ވަގުތު އެކަމުގައި ހޭދަވެ، އޭނާގެ މަސައްކަތްވެސް އެވަގުތަށް އޮންނާނީ ހުއްޓިފައެވެ. ދައުލަތުން، އައިޑީ ކާޑު ގެއަށް ފޮނުވައިދޭނަމަ، އައިޑީ ކާޑުގެ މުއްދަތު ހަމަވެދާނެތީ އޮންނަ ނުތަނަވަސްކަމަށް ތަސައްލީއެއް ލިބި، އިޖްތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުވެއެވެ. އައިޑީ ކާޑު ހެއްދުމަކީ މީހުންގެ ސިކުނޑީގައި "ޓާސްކެއް" ގޮތަށް އޮންނަ އޮތުން ނިމުމަކަށް އަންނާނެއެވެ.

 

މުޅިން އަލަށާއި، މަޢުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދާއިރު ފިޔަވައި، އައިޑީ ކާޑުގައި އައު މަޢުލޫމާތެއް ނުހުރެއެވެ. މުއްދަތު ހަމަވާ ދުވަސް، ދުރާލާ (10 އަހަރު ކުރިން) އެނގެއެވެ. ވީމާ، ޑީއެންއާރުން ސަމާލުވެގެން ތިބެއްޖެނަމަ، ހަމަ ކޮންމެ މީހަކަށް، އެމީހެއްގެ އައިޑީ ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން، އެމީހަކު އެކަމަށް ނުއެދެނީސްވެސް ކާޑު ހެއްދިދާނެއެވެ. މުއްދަތު ހަމަވެގެން، އެދިގެން ހެއްދިޔަސް، އެމީހާ ނުއެދެނީސް ހެއްދިޔަސް، ކާޑު ހެއްދުމަށް ހޭދަވާ ވަގުތާއި ޚަރަދަކަށް ބަދަލެއް ނާދެއެވެ. ޑީއެންއާރަކަށް އެކަމުގައި ތަފާތެއް ނެތެވެ.

 

ރާއްޖޭގެ އާބާދީއަކީ 521,457 މީހުން ކަމަށް ބަލައިފިނަމަ، އެއިން ކޮންމެ މީހަކަށް، ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ހަދައިދޭ އައިޑީ ކާޑު، ޑީއެޗްއެލަށް ލައިގެން ގެއަށް ފޮނުވައިދިނުމުންވެސް، ދައުލަތުން އެކަމަށް ހޭދަވާ ޚަރަދު ކުޑަވާނެއެވެ. ޚަރަދޭ މިދަންނަވަނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ. އައިޑީ ކާޑު ހައްދަން ވެލާނާގެއަށް ގޮސް މީހުން ހޭދަކުރަންޖެހޭ ވަގުތާއި ހަކަތައާއި ނުތަނަވަސްކަމަށްވުރެ ޚަރަދު ކުޑަވާނެ ވާހަކައެވެ. މިއީ، ރާއްޖޭގައި ނުކުރެވޭ ވަރުގެ ކަމެއްވެސް ނުމެނޫންމެއެވެ. މިކަމަށްބޭނުންވާނެ ހުރިހާ ޓެކްނޮލޮޖީއަކާއި ހުނަރެއް ދިވެހިންގައި އެބަހުއްޓެވެ.


____

ފޮޓޯ: އިންޓަރނެޓް

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author