11/25/2024
ދައުލަތެއްގެ ހިންގުން ހަރުދަނާވާނީ ހިންގުމުގެ ދާއިރާ ހާމަވީ ވަރަކަށެވެ. ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްއިން ރަނގަޅު ނަތީޖާ ހޯދާ ޤައުމުތަކުން ކުރާ ކަމަކީ، މަޢުލޫމާތު ހާމަކުރުމުގެ ސަޤާފަތެއް ގެންގުޅުމެވެ. މަޢުލޫމާތު ހާމަނުވެ ސިއްރުކުރާ ވަރަކަށް ކޮރަޕްޝަނާއި ހިންގުމުގެ ފެންވަރުދަށްކަމުގެ ސަޤާފަތެއް އުފެދެއެވެ. ޑިމޮކްރެޓިކް ވެއްޓެއްގައި މަޢުލޫމާތު ހޯދައި ހާމަކުރުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ނޫސްވެރިކަމާއެވެ. މިނިވަން ނޫސްވެރިކަމެއް އެހައި މުހިންމުވަނީ، ދައުލަތް ޖަވާބުދާރީކުރުވުމުގެ ޒިންމާ ނޫސްވެރިން އަދާކުރާތީއެވެ. މަޢުލޫމާތު ސިއްރުކޮށްގެންނާއި، ނުދީ ހިފަހައްޓައިގެންނާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އަމުރަށް ނުކިޔަމަންތެރިވެގެން، ނޫސްވެރިން އަދާކުރަންޖެހޭ ޒިންމާ އަދާކުރަން ދަތިކުރުމުގެ ޤާނޫނީ ނަތީޖާއަކީ ކޮބައިތޯ މި ލިޔުމުގައި ބަލައިލާނަމެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ޑިމޮކްރަޓިކް އުޞޫލުތައް ކުރިއަރުވާން މަސައްކަތްކުރާ ޤައުމެކެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މުހިންމުކަމުގެ ބޮޑުކަމުން، 2014 ވަނަ އަހަރު "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު" ގެ ނަމުގައި ޤާނޫނެއް ފާސްކޮށް، ޢަމަލުކުރަމުން އެބަދަމެވެ. އެ ޤާނޫނަށް ދިހަ އަހަރުވީއިރު، ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ދިނުމުގެ ކަންކަން އޮންނަންވާނީ ތަރައްޤީވެ، ހަރުދަނާވެފައެވެ. ނަމަވެސް، މިއަދު ނޫސްތަކުގެ ސުރުޚީތަކުން ފެންނަނީ، މިވެނި އިދާރާއަކުން މަޢުލޫމާތު ނުދިން ވާހަކައަކާއި، މަޢުލޫމާތު ދޭން އޮތް މުއްދަތު ފަހަނައެޅި ފަހުން މަޢުލޫމާތު ދިން ވާހަކައަކާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހާޟިރުވާންޖެހޭ ގަޑިއަށް ޙާޟިރުނުވެގެން ޖުރިމަނާކުރި ވާހަކައަކާއި، މިކަހަލަ ވާހަކަތަކެކެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި، މަޢުލޫމާތެއް ފޯރުކޮށްދޭން ދައުލަތުގެ އިދާރާއަކަށް ލިބެނީ 21 ދުވަހުގެ މުއްދަތެކެވެ. އާދަޔާ ޚިލާފު ޙާލަތެއް މެދުވެރިވާނަމަ، އިތުރު 14 ދުވަސް ލިބެއެވެ. އެ މުއްދަތުގެ ތެރޭގައި މަޢުލޫމާތެއް ނުދީފިނަމަ، ޤާނޫނުގެ ބޭނުމަށް ބަލަނީ "މަޢުލޫމާތެއް ފޯރުކޮށްދިނުނަށް އިންކާރުކުރީ" ކަމަށެވެ. މިވާހަކަތައް އޮތީ އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ)، (ނ) އަދި (ރ) ގައެވެ.
މިޤާނޫނު ތަރުތީބުކޮށްފައި އޮތް ގޮތުން، އަޞްލަކީ މަޢުލޫމާތު ދިނުމެވެ. މަޢުލޫމާތެއް ނުދެވޭނެ ޙާލަތުތައް ޤާނޫނުގައި ސާފުކޮށް ލިޔެފައިވެއެވެ. އެއީ 7 ވަނަ ބާބު (ޢާންމު މަޞްލަޙަތަށް އިސްކަންދިނުމާއި އިސްތިސްނާ ޙާލަތްތައް) އެވެ. ވީމާ، މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނެތް ކޮންމެ މަޢުލޫމާތަކީ ފޯރުކޮށްދޭންޖެހޭ މަޢުލޫމާތެކެވެ. ޤާނޫނުގެ 70 ވަނަ މާއްދާ (މަޢުލޫމާތު ހޯދައި ލިބިފަތުމުގެ ޙައްޤަށް އިސްކަންދިނުން) ގައި، މ ޤާނޫނު މާނަކުރުމުގައި، "އެންމެ އިސް މަޞްލަޙަތެއް އޮންނާނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އޭގެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ މައްޗަށް" ކަމަށް ސާފުކޮށް ލިޔެފައި އެބައޮތެވެ.
ދައުލަތުގެ އިދާރާއަކުން މަޢުލޫމާތުދޭން އޮންނަ މުއްދަތުގައި މަޢުލޫމާތެއް ނުދީފިނަމަ، އެމައްސަލައެއް އިލްތިމާސްކުރަންޖެހެނީ އިންފޮމޭޝަން ކޮމިޝަނަރަށެވެ. އެހިސާބުން ކޮމިޝަނަރު އެކަމެއް ބަލައިދޭނެއެވެ. އެކަން ބަލާއިރު ކޮމިޝަނަރަށް ލިބިދޭ ބާރުތައްވެސް ޤާނޫނުގައި ލިޔެފައި އެބައޮތެވެ. މައްސަލަ ބެލުމުގައި ޢާންމުކޮށް ހުޅުވާލައިގެން އަޑުއެހުމެއް ބާއްވަން ބޭނުންވެއްޖެނަމަ، އެކަންވެސް ކޮމިޝަނަރަށް ކުރެއްވެއެވެ. ކޮމިޝަނަރު މައްސަލަ ބެލުމަށްފަހު ނިންމިދާނެ ގޮތްތައްވެސް ޤާނޫނުގައި އެބަ އޮތެވެ. އޭގެ ތެރޭގައި، އެ މަޢުލޫމާތެއް ދިނުމަށް އެންގުމުގެ ބާރުވެސް ކޮމިޝަނަރަށް އޮވެއެވެ. ޤާނޫނު އޮތް ގޮތުން، ކޮމިޝަނަރުގެ ނިންމުމަކީ ދަށު ކޯޓެއްގެ ނިންމުމަކާ އެއްވަރުގެ ޤާނޫނީ ބާރު އޮތް ނިންމުމެކެވެ. އެ ނިންމުން ތަންފީޒުކުރުމަކީ ދައުލަތުގެ އިދާރާއެއްގެ މައްޗަށް ލާޒިމުކަމެކެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، 30 ދުވަހުގެ ތެރޭގައި އެމައްސަލައެއް ހައިކޯޓުގައި އިސްތިއުނާފުކުރެވެއެވެ.
މިހިސާބުން ވާގޮތަކީ، ކޮމިޝަނަރުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން އޮންނަ މުއްދަތުގައި އިސްތިއުނާފު ނުކުރުމަކީ އެ ނިންމުމަކީ ޤާނޫނުގެ ބާރު ލިބިފައިވާ، އެއަށް ބަދަލެއް ނުގެނެވޭނެ ނިންމުމަކަށްވުމެވެ. އެފަދަ ނިންމުމަކަށް ތަބާނުވުމަކީވެސް އެކަމުގައި ޤާނޫނީ ނަތީޖާތަކެއް ހުންނާނެކަމެކެވެ.
ޤާނޫނުގެ 65 ވަނަ މާއްދާ (ނިންމުންތަކަށް ތަބާވުން) ގައި އޮންނަނީ، "ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް ޢަމަލުވެސް ނުކޮށް ވަނިކޮށް، 45 ދުވަސް ފާއިތުވެއްޖެނަމަ، އެ ފަރާތަކާމެދު، ޤާނޫނީ ގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމުން ޢަމަލުކުރާ އުސޫލުން ޢަމަލުކޮށްދިނުމަށްޓަކައި ޝަރުޢީ ކޯޓަށް ފޮނުވުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅިދާނެ" ކަމަށެވެ.
މިމާއްދާގައި މި އޮތް "އަމުރަށް ނުކިޔަމަންތެރިވުމުގެ ޢަމަލުކުރާ އުޞޫލު" އޮތީ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާ (ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން) ގައެވެ. އެ މާއްދާގައި އޮންނަނީ؛ މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާ ޚިލާފުވެގެން ނުވަތަ އެނޫންވެސް ހުއްދަނޫން ޢަމަލެއް ކޮށްގެން ޤާނޫނުގެ ބާރު ހިންގުމަށް ހުރަސްއެޅުމާއި، އެކަމަށް ދަތިރުކުރުމާއި، އެކަމުގެ މަޤްޞަދު ޙާޞިލުވިޔަނުދިނުމަށް ކޮންމެ ކަމެއް ކުރާ މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ. އެކުށަކީ ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށަކަށްވާތީ، އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަންކުރީ، ދައުލަތުގެ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހަކުނަމަ، ޤާނޫނުލްޢުޤޫބާތުގެ 1100 ވަނަ މާއްދާ (އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލު) ދަށުން އަދަބު ބޮޑުވުމުގެ ފުރުޞަތުވެސް އޮންނާނެއެވެ. ކުށް ތަކުރާރުކުރާނަމަވެސް، އަދަބު ބޮޑުވާނެއެވެ. އެހެން ގޮސް، އެ ކުށުގެ ޖުމުލަ އަދަބު 1 އަހަރު ދުވަހުގެ ޖަލު އަދަބަކަށްވެސް ބަދަލުކުރެވިދާނެއެވެ.
ޤާނޫނު ބުނާ ގޮތުން، ޤާނޫނުގައި ބުނާ ދުވަހަށް މަޢުލޫމާތު ނުދޭ ވަގުތު، އެހިސާބުން ކުށް އޮންނަނީ ފުރިހަމަވެފައެވެ. މާނައަކީ، މުއްދަތުގެ ފަހުން މަޢުލޫމާތު ދިނަސްވެސް، ކުށުގެ ތަޙްޤީޤުކޮށް، ފިޔަވަޅު އަޅަން ހުރަހެއް ނެތުމެވެ. ވީމާ، ޚާރިޖީ ވުޒާރާއިން ހެއްދެވިގޮތަށް، ވަގުތު ފާއިތުވާފަހުން މަޢުލޫމާތު ދިނުމަކީވެސް ކުށުން ސަލާމަތްވާކަމެއް ނޫނެވެ.
-----
ފޮޓޯ: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓް
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author