1/18/2025

ދިވެހިންގެ މެހެމާންދާރީއަށްޓަކައިވެސް ޝުކުރާއި ޙަމްދު ހުއްޓެވެ.

ތަފާތު މައުޟޫޢުތަކަށް، ފަށުވި ޢިބާރާތްތަކުން ލިޔެފައި ހުންނަ ޚުޠުބާތަކުގެ ވާހަކައާއި، އެ ޚުޠުބާގައި ހުންނަ މޮޅު އެތައް އެތައް ކަމެއްގެ ވާހަކައާއި، އެ ޚުޠުބާތަކުގައި، ދިވެހިންނަށް މާތްﷲ މިންވަރު ކުރެއްވި ނިޢުމަތްތަކުގެ ތެރެއިން، ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ވާހަކަ ނެތުމުގެ އުނިކަން ފާހަގަކޮށް، މަޝްހޫރު ލިޔުންތެރިޔާ، އަޅުގަނޑުގެ އަޚް މޫސާ ލަޠީފު، 12 ޖަނަވަރީ 2025 ދުވަހު "ދައުރު" ނޫހުގައި ލިޔުއްވި ރިޕޯޓުގައި ލިޔުއްވާފައިވެއެވެ. އެ ރިޕޯޓުގައި އޮތް ގޮތަށްވުރެ ވަކި މޮޅަކަށް، އެ ވާހަކަ ތިލަކޮށް، ޢާންމުންނަށް ގެނެވޭނެ އެހެން ލިޔުންތެރިއެއް، އަޅުގަނޑުގެ ވިސްނުމަކަށް ނާދެއެވެ. މެސެޖު ސާފެވެ. ހުކުރު ޚުޠުބާގައި ކޮންމެވެސް ސަބަބަކާހުރެ ހިމެނިފައި ނެތަސްވެސް، މާތްﷲ ދިވެހިންނަށް ދެއްވި އެންމެ ބޮޑު ނިޢުމަތަކީ، ދިވެހިރާއްޖޭގެ ފޫހިނުވާ، އާދަޔާ ޚިލާފު ޤުދުރަތީ ރީތިކަމާމެދު ސުވާލެއް އުފައްދާނެ މީހަކު ނެތެވެ. މާތްﷲގެ ޙަޟްރަތަށް ޝުކުރު ދަންނަވަމެވެ.

 

މޫސާ ލަޠީފުގެ ލިޔުމުގެ މަޢުޟޫޢަށް ޖަދަލެއް ކުރާނެ ދީނީ ހަމަ އެއްވެސް ހަމައެއްވެސް ނެތެވެ. އެލިޔުމުގައި އޮތް ވާހަކައިގެ ތެދުކަމުގެ މައްޗަށް ހަމައެކަނި ނަޙްލު ސޫރަތުން ފަށައިގެން ކިޔައިލިޔަސް، މީހަކަށް ސާފުވާ މިންވަރަށް އެބައޮތެވެ. އެސޫރަތުގެ 12 ވަނަ އާޔަތުގައި އޮތީ، އެކަލާނގެ وَسَخَّرَ لَكُمُ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރި ކުރެއްވިއޭ، ٱلَّيْلَ وَٱلنَّهَارَ ރެއާއި ދުވާލާއި وَٱلشَّمْسَ وَٱلْقَمَرَ އިރާއި ހަނދާއި وَٱلنُّجُومُ އަދި ތަރިތައްވެސް مُسَخَّرَٰتٌۢ بِأَمْرِهِۦ ވަނީ އެކަލާނގެ އަމުރުފުޅުން، ތިޔަބައި މީހުންނަށްޓަކައި ޚިދުމަތްތެރި ކުރައްވާފައޭ. إِنَّ ހަމަކަށަވަރުން، فِى ذَٰلِكَ އެ ހުރިހާ ކަންތަކުގައި لَـَٔايَـٰتٍۢ ހެކިތަކެއްވާކަން ކަށަވަރޭ، لِّقَوْمٍۢ يَعْقِلُونَ ވިސްނާ ބަޔަކަށް، މިހެންނެވެ.

 

އެ ސޫރަތުގެ 14 ވަނަ އާޔަތުގައި އޮތީ؛ وَهُوَ ٱلَّذِى އަދި އެކަލާނގެ سَخَّرَ ٱلْبَحْرَ ތިޔަބައިމީހުންނަށްޓަކައި، ކަނޑު ޚިދުމަތްތެރިކުރެއްވިއޭ، لِتَأْكُلُوا۟ مِنْهُ އެއީ، އެ ކަނޑުން ކެއުމަށްޓަކައޭ لَحْمًۭا طَرِيًّۭا ތާޒާ ކަނޑުމަސް، وَتَسْتَخْرِجُوا۟ مِنْهُ އަދި އެކަނޑުން ނެރުމަށްޓަކައޭ حِلْيَةًۭ تَلْبَسُونَهَا ތިޔަބައިމީހުން އަޅައިއުޅޭ ގަހަނާ، وَتَرَى އަދި ތިޔަބައިމީހުން ދެކޭނޫއޭ، ٱلْفُلْكَ مَوَاخِرَ فِيهِ އެ ކަނޑުގައި ގޮސް އައިސްވާ އުޅަނދުތައް وَلِتَبْتَغُوا۟ مِن فَضْلِهِۦ އަދި އެއީ ތިޔަބައިމީހުން އެކަލާނގެ ފަޟުލަވަންތަކަމުން އެދިގަތުމަށްޓަކައޭ، وَلَعَلَّكُمْ تَشْكُرُونَ އަދި ތިޔަބައިމީހުން ޝުކުރުކުރުމަށްޓަކައޭވޭ، މިހެންނެވެ.

 

ދިވެހިރާއްޖެއަށް މާތްﷲ މިންވަރު ކުރެއްވި ޤުދުރަތީ ރީތިކަން ގުޅިފައިވަނީ ޓޫރިޒަމާ ކަމަށްވިޔަސް، ނުވަތަ ނުވިޔަސް، އެކަންކަމަށް ޝުކުރު ނުކުރުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫނެވެ. މި ހުރިހާ ޤުދުރަތީ ނިޢުމަތްތަކެއް، އެހެން ޤައުމަކަށް ނުވަތަ އެހެން ބަޔަކަށް ދެއްވުމަށްވެސް މާތްﷲ ކުޅަދުންވަންތައެވެ. މިއިން އެއްވެސް ނިޢުމަތެއް އަޅުގަނޑުމެން ދިވެހިންނަށް ދެއްވަން ލާޒިމެއްވެސް ނޫނެވެ. ނުދެއްވިޔަސް ކުރެވޭނެ ޝަކުވާއެއްވެސް ނެތެވެ. މިނިޢުމަތްތައް ލިބުނީ އަޅުގަނޑުމެން ދިވެހިން ވަކި މާ މުހިންމުވެގެން، މޮޅުވެގެނެއްވެސް ނޫނެވެ. ވީމާ، ޝުކުރުކުރުން ފިޔަވައި ދެން އޮތީ ކޮން ގޮތެއްތޯއެވެ؟

 

ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖޭގެ ޓުއަރިޒަމް، އެންމެ މަތީގައި ހިފެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން، ވަރަށް ބޮޑު ރޯލެއް ކުޅެއެވެ. ހަމަ އެއާއެކު، ޢާންމުކޮށް ފާހަގަނުވާ އެހެން ކަމެއްވެސް އެބަ އޮތެވެ. އެއީ، ދިވެހިންގައި ހުރި މެހެމާންދާރީ އަދާކުރުމުގެ ރޫޙެވެ. އޯގާތެރި ހިނިތުންވުމެވެ. ހިތްހެޔޮ، އެކުވެރި، ޙަރަކާތްތެރި މިޒާޖެވެ. ޤުދުރަތީ ރީތިކަމާއި، މިދެންނެވި، އޯގާތެރިކަމާއި ހިނިތުންވުމާއެކު ޚިދުމަތްދިނުމުގެ ރީތި އާދަ އެއްވުމުން، އެހެން ޤައުމުތަކަށް ދިވެހިރާއްޖެއާ ވާދަކުރަން ދަތިވަނީއެވެ.

 

ދިވެހިރާއްޖެފަދަ ރީތި އެހެން ޤައުމުތައް ދުނިޔޭގައި މަދެއް ނޫނެވެ. ރީތި މަންޒިލުތައްވެސް މަދެއް ނޫނެވެ. އިންޑޮނީޝިޔާއާއި ތައިލޭންޑާއި ބޯރާބޯރާއާއި މޮރިޝަސްއާއި މަޑަގަސްކަރައާއި މިޞްރުގެ ރަތްކަނޑާއި ޒަންޒިބާރގައިވެސް ރީތި މޫދުތައް މަދެއް ނޫނެވެ. ނަމަވެސް، އެ މެހެމާންދާރީއާއި ހިނިތުންވުން އެކުނުވާތީ، ދިވެހިރާއްޖެއާ އެއް ހިސާބަކަށް އަންނަން ދަތިވަނީއެވެ. ދިވެހިންނަށް ލިބިފައިވާ ހިނިތުންވުމާއެކު މެހެމާންދާރީ އަދާކުރުމުގެ ސިފައަކީވެސް ވަރަށް ބޮޑު ނިޢުމަތެކެވެ. އެ ނިޢުމަތުގެ ވާހަކަ ރަސޫލުﷲ (ޞ) އާބެހޭ ގޮތުން ޤުރުއާނުގައި އެބައޮތެވެ.

 

އާލް ޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި އޮތީ؛ فَبِمَا رَحْمَةٍۢ مِّنَ ٱللَّهِ لِنتَ لَهُمْ ۖ އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، ﷲ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނޭވޭ وَلَوْ كُنتَ ކަލޭގެފާނު ވީނަމައީ، فَظًّا ޚުލުޤުފުޅުނުބައި غَلِيظَ ٱلْقَلْبِ ހިތްޕުޅު ހަރުކަށި، ބޭކަލަކު ކަމުގައި، لَٱنفَضُّوا۟ مِنْ حَوْلِكَ ކަލޭގެފާނުގެ އަރިހުން އެއުރެއްން ވަކިގެން ހިނގައްޖައީހޭވޭ، މިހެންނެވެ. ވީމާ، ހިތްހެޔޮކަމާއި، ޚުލުޤު ހެޔޮވުމާއި، މެހެމާންދާރީ އަދާކުރުމުގެ ސިފަ ހުރުމަކީވެސް މާތްﷲ ދިވެހިންނަށް ދެއްވާފައި އޮތް ނިޢުމަތެކެވެ. އެ ނިޢުމަތް ނުދެއްވިނަމަހީ، ދިވެހި ޓުއަރިޒަމް މިހާރު އޮތް ގޮތަކަށް ނުއޮތީހެވެ. މިއީވެސް، ޚުޠުބާގައި ހިމަނާންވާނެ ވާހަކައެކެވެ. އެނިޢުމަތް ދެމިއޮންނާނީ، އެކަމަށްޓަކައި ޝުކުރުކޮށް ޙަމްދުކުރާ ނަމައެވެ.

 

އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި އޮތީ؛ وَإِذْ تَأَذَّنَ رَبُّكُمْ އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށޭވޭ. لَئِن ހަމަކަށަވަރުން، شَكَرْتُمْ ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، لَأَزِيدَنَّكُمْ ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމޭވޭ وَلَئِن އަދި ތިޔަބައިމީހުން كَفَرْتُمْ ޝުކުރުނުކޮށް ކާފަރުވެއްޖެނަމަ، إِنَّ ހަމަކަށަވަރުން عَذَابِى ތިމަން ރަސްކަލާނގެ ޢަޛާބު لَشَدِيدٌۭ ގަދަފަދަވެގެންވެއެވެ.

 

ނަޙްލު ސޫރަތުގެ 17 ވަނަ އާޔަތުގައި އޮތީ؛ وَإِن تَعُدُّوا۟ އަދި ތިޔަބައިމީހުން ހިމަނައި ޢަދަދުކުރަން އުޅުނަސް، نِعْمَةَ ٱللَّهِ މާތް ﷲގެ ނިޢުމަތްތައް، لَا تُحْصُوهَآ އެ ނިޢުމަތް ހިމަނައި ޢަދެއް ނުކުރެވޭނޭވޭ، إِنَّ ٱللَّهَ ހަމަކަށަވަރުން، ﷲ އީ لَغَفُورٌۭ ގިނަގިނައިން ފާފަފުއްސަވާ رَّحِيمٌۭ ރަޙީމުވަންތަ ރަސްކަލާނގެއޭވޭ، މިހެންނެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author