4/2/2023

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤަލަމުން - ނަޞޭޙަތުގެ އެއްބަސްވުން

އިންސާނުންނަކީ ކުށް ކުރެވޭނެ ބައެކެވެ. ޤަޞްދުގައާއި، ބައެއް ފަހަރު ޤަޞްދަކާ ނުލައެވެ. ކުށުގެ ޢަމަލެއް ކުރެވޭ މީހަކަށް އެމީހަކު ކުރި ކަމެއްގެ ނަތީޖާއާ ކުރިމަތިލާންޖެހޭ ގޮތަށް ޤާނޫނީ ނިޒާމު ބައްޓަންކުރަންޖެހެނީ، މުޖްތަމަޢުގެ ތެރޭގައި ވަކި ހަމަތަކެއް ޤާއިމުކޮށް، ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ކޮށްދިނުމަށެވެ. ޤާނޫނީ ނިޒާމުގެ ތެރޭގައި މީހުންނަށް އަދަބު ދިނުން މުހިންމުވާ ފަދައިން، މީހުން އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢަށް ނެރުމަކީވެސް ބޭނުންތެރި ކަމެކެވެ. 


ކުށުގެ މައްސަލައެއްގައި މީހަކަށް އަދަބު ދިނުމަކީ، މީހަކަށް އަދަބެއް ދިނުމަށްޓަކައި ކުރާ ކަމެއް ނޫނެވެ. ޤާނޫނީ ޢިލްމުވެރިން ދެކޭ ގޮތުން، ކުށަކަށް އަދަބެއް ދިނުމުގެ 3 މަޤްޞަދެއް އޮވެއެވެ. ފުރަތަމަ ދެކަމަކީ، ކުށްކުރި މީހާއަށާއި، މުޖްތަމަޢުގެ އެހެން މީހުންނަށް، ކުށުގެ ޢަމަލެއް ކޮށްފިނަމަ، އެކަމުގެ ނަތީޖާއެއް އޮންނާނެކަން އިޙްސާސް ކުރުވުމެވެ. ތިންވަނަ ކަމަކީ، ކުށްކުރި މީހާ އިޞްލާޙުވެ، ކުށުން ދުރުވެ، މުޖްތަމަޢަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ގެނައުމެވެ. 


ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މީގެ ކުރީގެ ކުށުގެ ރެކޯޑެއް ނެތިފައި، އެމީހަކަށް ކުރެވުނު ކުށަށް އެއްބަސްވާނަމަ، އެމީހާ ކުށުން ދުރުހެލިވެ، އަލުން އަނބުރާ މުޖްތަމަޢަށް ރުޖޫޢަވުމަށް ބާރު އެޅުމަށްޓަކައި، އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމުގެ ބަދަލުގައި ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އެއްބަސްވުމުގައި ބުނާ މުއްދަތުގައި އިތުރު ކުށެއް ނުކޮށް ހުރެއްޖެނަމަ، އެމައްސަލައެއްގެ ދަޢުވާއެއް އަލުން ނުކުރާނެއެވެ. އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެމައްސަލައިގެ ދައުވާ ކުރިއަށް ގެންދާނެއެވެ. 


ކުދި ކުށްތަކާއި، ނަޞޭޙަތުގެ އެއްބަސްވުން ހެދުމަށް ޤާނޫނުގައި ބުނާ ޝަރުޠުތައް ފުރިހަމަވާ ކުށްތަކުގައި، ނަޞޭޙަތުގެ އެއްބަސްވުމެއްގެ ތެރެއިން، އަދަބު ދިނުމުގެ މަޤްޞަދުތައް ޙާޞިލުވެއެވެ. ދައުލަތާއި މުއްތަހަމަށް ޚަރަދު ކުޑަވެއެވެ. އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުންދާހައި ހިނދަކު، ކުށުގެ ރެކޯޑެއް އޮތް ކަމަކަށް ނުދައްކާނެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އޭނާ ކުށެއް ނުކުރާ ފަދައެވެ. ވަޒީފާ ލިބުމާއި، އެނޫންވެސް ކަންކަމުގައި، ކުށުގެ ރެކޯޑެއް އޮވެގެން ދިމާވާ މައްސަލަތަކެއް ދިމައެއް ނުވާނެވެ. 


-------

މިއީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނިއުސްލެޓަރ "ޢުންޞުރު" ގެ ދެވަނަ ޢަދަދުގައި، 22 މާރިޗު 2023 ގައި، އަޅުގަނޑު ލިޔެ، ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. ރެކޯޑަށްޓަކައި، ބްލޮގަށްވެސް އެޅީއެވެ. އަކުރުން އަކުރަށް، އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ. "ޢުންޞުރު" ވިދާޅުވާން ބޭނުންފުޅުނަމަ، މިލިންކުން ވިދާޅުވެވޭނެއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author