3/30/2024

މަސައްކަތު ވަގުތާބެހޭ ޚިޔާލު ބޮކި - 1

ރަމަޟާންމަހުގެ މަސައްކަތު ވަގުތާބެހޭ ގޮތުން އުފެދޭ ޚިޔާލަކީ ތަފާތު ޚިޔާލުތަކެކެވެ. އެމީހަކު ޚިޔާލުކޮށް ފިކުރުކުރާ ހިތްވާ ކަމަކާމެދު ޚިޔާލުކުރުމަކީ އެމީހެއްގެ ޠަބީޢަތުގައިވާ ކަމެކެވެ. އެކަމަކީ އެހެން މީހުންގާތު އެއްވެސް ބޭނުމެއް ނެތް ޚިޔާލަކަށްވިޔަކަސް ކުރާނެ ކަމެއްނެތެވެ. އެއީ އެމީހެއްގެ އަމިއްލަކެމެކެވެ.

 

މިޚިޔާލު ކުރަމުން ދަނިކޮށް، "އަހަރެމެންގެ ވާހަކަ" ގެ ނަމުގައި، ޔޫއެންއެފްޕީއޭއިން ހައްދަވާ ޕޮޑްކާސްޓެއްވެސް އަޑުއިވިއްޖެއެވެ. އެޕޮޑްކާސްޓުގައި ވާހަކަ ދެއްކެވީ ދެއިނާޒެކެވެ. އިޤްތިޞާދާއި ތަރައްޤީގެ ދާއިރާގެ ދެ ތަޖުރިބާކާރުންނެވެ. ޕޮޑްކާސްޓުގެ ހޯސްޓަކީ ތަރައްޤީގެ ދާއިރާގެ ތަޖުރިބާކާރު އިނާޒެވެ. މެހެމާނަކީ ޑރ އިނާޒެވެ. ޕެންޝަން ބޯޑުގެ ޗެއަރމަން، ޔުނިވަރސިޓީ ލެކްޗަރަރ އަދި ކުރީގެ މާލީ ވަޒީރެވެ. މިދެބޭފުޅުން ވާހަކަދެއްކެވީ މަސައްކަތުގެ މުސްތަޤުބަލާ ބެހޭގޮތުންނެވެ. ދެއްކެވި ތާރީޚީ، ޢިލްމީ ވާހަކަތަކުގެ ތެރެއިން ރާއްޖޭގެ އިޤްޠިޞާދު އެކި ދުވަސްވަރު ދިމާވި ގޮންޖެހުންތަކުން އަރައިގަތްގޮތާބެހޭ ވާހަކަ ނިކަން ޝައުޤުވެރިއެވެ. އެފަދަ ފުރުޞަތެއް މިހާރު އޮތް ވާހަކައާއި، ރާއްޖޭގެ މަސައްކަތްކުރާ ޢުމުރުގެ ހެޔޮވަރުގެ އާބާދީއެއް އޮތް ވާހަކައާއި، ބިދޭސީ މަސައްކަތްތެރިން ނުލިބިދާނެ ދުވަހެއް އަތުވެދާނެ ވާހަކައެވެ. ސިވިލް ސަރވިސްގެ މުސްތަޤުބަލާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކެވިއެވެ.

 

މިކަމާމެދު ވިސްނާން އިންދާ، ރަމަޟާން މަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން އަޅުގަނޑު ފުވައްމުލަކު ސިޓީއަށް ކުރި ދަތުރެއްގައި ބައްދަލުވި ސިވިލް ސަރވިސް މުވައްޒަފެއްގެ ޝަކުވާއެއް ހަނދާންވިއެވެ. ކުދިން ބަލާ ސްކޫލް ދޮށަށް ދިއުމާއި، ކުދިންނާއެކު ވަގުތު ހޭދަކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ސަރުކާރުން ޢާންމުންނަށް އިރުޝާދު ދެއެވެ. ނަމަވެސް، ކުދިން ސްކޫލުން ނިމެނީ ރަސްމީ ގަޑީގައި ކަމަށްވާތީ، ސިވިލް ސަރވިސް ގަވާއިދު އޮންނަ ގޮތުން، ކުދިން ބަލާ ސްކޫލުދޮށަށް ދިއުމުގެ ހުއްދައެއް، (ގަވާއިދަކުން) ނޯވެއެވެ. ވީމާ، ދައްކާ ވާހަކައާއި ކުރާ ކަންތަކާ ދިމައެއް ނުކުރެވެއެވެ.

 

އަޅުގަނޑަކީ ގަވާއިދުން ސްކޫލްދޮށަށް ދާ މީހަކަށްވާތީ، ސްކޫލުދޮށަށް ނުދެވޭ ގޮތަށް އޮންނަ ވަޒީފާއެއް އަޅުގަނޑަކަށް ކަމަކު ނުދާނެއެވެ. ހަމަ އެގޮތް، އޭނާއަށްވެސް ވާނެކަމަށް އަޅުގަނޑަށް ވިސްނެއެވެ. ފުވައްމުލަކު މީހާ އެބުނާ ކަންތައް މެދުވެރިވަނީ ތަޤްލީދީ (conservative) ވިސްނުމުގައި ތާށިވެ، ތަޖްދީދުކުރަން (progressive) ޖާގަ ނުލިބޭތީކަމަށް އަޅުގަނޑަށް ފެނެއެވެ. މިދާއިރާގެ ތެރެއިން، މަސައްކަތާ ގުޅޭ ބައެއް ކަންކަމުގެ ވާހަކަ ލިޔެލާނަމެވެ.


މަސައްކަތު ގަޑި (ފެށޭ ގަޑިއާއި ނިމޭ ގަޑި)

ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި، 7:30 ގައި ފެށޭގޮތަށް އޮވެފައި، ފަހުން 8 ޖަހާއިރަށް ބަދަލުވިއެވެ. އޭގެ ފަހުން، 9 ޖުލައި 2008 ދުވަހު ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން، ކެއުމަށާއި އަރާމުކުރުމަށް، ކޮންމެ 4 ގަޑިއިރަކުން އެއްފަހަރު 30 މިނިޓުގެ ވަގުތުކޮޅެއް ދޭން މަޖުބޫރުވާތީ، މެންދުރު ކެއުމަށް ދޭ ވަގުތު، ރަސްމީ މަސައްކަތުގެ ވަގުތުގެ ތެރެއަށް ނުގުނާގޮތް ހަދައި، ނިމޭގަޑި ލަސްކޮށްލިއެވެ. ރަސްމީ ލިޔެކިޔުމުގައި، ހުސްވަގުތުކޮޅަކީ 1 ގަޑިއިރު ކަމަށް އޮތްނަމަވެސް، ޢަމަލީ ގޮތުން "ހުސްވަގުތު ކޮޅު" ގެ ގޮތުގައި އެއަށްވުރެ މާ ގިނަ ވަގުތު ހޭދަވެއެވެ. ހެނދުނު ސަޔާއި، ކޮފީއާއި ނުވަގަޑި ސަޔާއި، ކުދިން ބަލާ ސްކޫލަށްދާ ވަގުތު ތަކަކީ، ޤާނޫނުގައި ބުނާ ހުސްވަގުތަށް ނުވާ، ނަމަވެސް، ވަޒީފާދޭ ފަރާތުގެ 'އަތުން މުވައްޒަފު ނަގާ ހުސްވަގުތު' ތަކެކެވެ. މިކަން ގުޅިފައި އޮންނަނީ ސަޤާފަތާއި މަސައްކަތުގެ އަޚްލާޤާއެވެ.

 

ހެނދުނު 8 އިން 2 އަށް ގުނާ ގޮތަށް ބަދަލު ގެނައުން

މިހާރު މަސައްކަތުގެ ވަގުތު ގުނާ ގޮތަކީ، މީހާ އޮފީހުގައި އޭނާ އުޅޭ، އޭނާ ފެންނަން ހުންނަ ވަގުތަށް ބަލައިގެން ވަގުތު ގުނުމެވެ. އޭގެ ބަދަލުގައި، ކުރާ މަސައްކަތާއި މަސައްކަތް ނިންމަން ނަގާ ވަގުތަށް ބަލައިގެން މަސައްކަތުވެ ވަގުތު ހިސާބު ޖަހާނީއެވެ. ވަގުތު ގުނުން، މުއްޒަފު ފެންނަން ހުރުން ލާޒިމުކުރުމުގެ ދާއިރާއިން ބޭރަށް، މަސައްކަތް ނިންމާ މިންވަރާއި ނިންމާ ފެންވަރުގެ ދާއިރާއަށް ބަދަލު ކޮށްލެވިއްޖެނަމަ، ވަޒީފާ އަދާކުރާ ގަޑިއެއް، ހުންނަ ތަނެއް ވަޒީފާދޭ މީހާ ބަލާކަށް ނުޖެހޭނެއެވެ. މިބަދަލާއެކު، ދަރިފުޅު ބަލާ ސްކޫލުދޮށަށްވެސް ދެވޭނެއެވެ. ހެނދުނު ދޫނިބައިގަނޑެއްހެން ސަޔަށްވެސް ދެވޭނެއެވެ. 'ސައިގަޑި' އާއި 'ކޮފީ ބްރޭކް' އުނިވާނީ އޭނާގެ ވަގުތުންނެވެ. އޮފީހުގެ ވަގުތަކުން ނޫނެވެ.

 

މިބަދަލު ގެނެވޭނީ، އެމީހަކު ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ވަގުތަށް ބަލައިގެން ގުނަން ފެށުމުންނެވެ. މިސާލަކަށް، ސިޓީއަކަށް ޖަވާބެއް ދޭން ނަގާނީ 1 ގަޑިއިރުކަމަށް ދުރާލާ ކަނޑައަޅާނީއެވެ. (ހަމަ އެގޮތަށް، އޮފީހުގެ ރަސްމީ ހުރިހާ މަސައްކަތަކަށް ހޭދަވާނެ ވަގުތު ދުރާލާ އޮންނަންވާނީ ކަނޑައަޅާފައެވެ.) 7 ގަޑިއިރު މަސައްކަތްކުރާ މުވައްޒަފަކަށް ދުވާލަކު ނިންމަން ޙަވާލުކުރެވޭނީ، ގިނަވެގެން 7 ސިޓީގެ ޖަވާބެވެ. އެއަށްވުރެ ގިނައިން ޙަވާލެއް ނުކުރެވޭނެއެވެ. އެ ދުވަހުގެ 7 ގަޑިއިރުގެ ތެރޭގައި، 7 ސިޓީ އޮންނަންވާނީ ނިމިފައެވެ.

 

ފުވައްމުލަކު މީހާއާ އެ ދުވަހު ހަވާލުކުރި 7 ސިޓީ ނިންމުމަކީ އޭނާގެ ކަމެކެވެ. އެދުވަހުގެ ތެރެއިން ވަގުތު ހޯދައިގެން ދަރިފުޅު ގޮވައިގެން ޕާކަށް ގޮސް ކުޅުނަސް، އޮފީހަކުން އެކަމަކާ ނުބެހޭނެއެވެ. ދޭނީ ހިތްވަރެވެ. އެއީ، އެ ވަގުތު ދަރިފުޅާއެކު ހޭދަކޮށްފައި، އޭނާ ހިތްހަމަޖެހިގެން ހުރެ، އެއްކަލަ 7 ސިޓީގެ މަސައްކަތް އެދުވަހު އޭނާ ނިންމާނެތީއެވެ. ވަކި ގަޑިއަކުން ވަކި ގަޑިއަކަށް މަސައްކަތްކުރަންޖެހޭ ވިސްނުންވެސް އެހިސާބުން ނިމުމަކަށް އަންނާނެއެވެ.

 

ބައެއް މީހުންނަކީ ހެނދުނު ނިދާ ހިތްވާ ބައެކެވެ. ރަނގަޅަށް ނިދާފައި، 10 ޖަހާއިރު އޮފީހަށް ގޮސް، އޭނާގެ އަމިއްލަ ވަގުތުގައި، އޭނާއާ އެދުވަހުގެ ހަވާލުކުރި 7 ގަޑިއިރުގެ މަސައްކަތް ނިންމަނިކޮށް އެ ނިމުނީއެވެ. ހަމަ އެގޮތަށް، މުވައްޒަފުގެ ކުޅަދާނަކަމާއި ހުނަރުވެރިކަމުން، 7 ގަޑިއިރުން ނިންމަން ޙަވާލުކުރާ މަސައްކަތް، 5 ގަޑިއިރުން ނިންމައިފިނަމަ، ބާކީ ދެގަޑިއިރަކީ އޭނާ ބޭނުން ކަމެއް ކުރަން އޮންނަ ވަގުތެވެ.

 

ޢާންމުކޮށް އޮފީސްތަކުގައި ވާގޮތަކީ، އަވަހަށް މަސައްކަތް ނިންމާ މުވައްޒަފުންނާ އަބަދުވެސް އައު މަސައްކަތް ޙަވާލުވުމެވެ. އެކަން ނިމުމަކަށް އަންނަންޖެހެއެވެ. އެއީ، އެގޮތަށް މަސައްކަތް ޙަވާލުކުރުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެތީއެވެ. ރަނގަޅަށް މަސައްކަތްކުރާ މީހުން ވަރުބަލިވެ، ފަރުވާކުޑަކުރާ މީހުންނަށް މަސައްކަތް މަދުވާނެތީއެވެ. މަތީގައި އޮތް އުޞޫލަށް މަސައްކަތް ބަދަލުވުމުން، އެމައްސަލައަށް ދާއިމީ ޙައްލެއް އަންނާނެއެވެ.

 

ހިސާބު ޖެހުމުގެ ދާއިރާއިން ވިސްނާއިރު، މަތީގައި އޮތް ގޮތަށް މަސައްކަތް ބައްޓަން ނުކުރެވޭންވީ ސަބަބެއް ނެތެވެ. އެކަން ކުރުމަށްޓަކައި، ވެރިންނާއި މުވައްޒަފުންގެ ވިސްނުމަށާއި މަސައްކަތުގެ ސަޤާފަތަށް ބަދަލު އަންނަންޖެހެއެވެ. ކޮންމެވެސް ދުވަހަކުން އެކަން ވާނެއެވެ. މިއީ، ހަމައެކަނި އަޅުގަނޑުގެ ޚިޔާލެކެވެ. ވާރޭވެހޭ ދުވަސްދުވަހު، މަގުމަތީގައި އޮންނަ ފެންގަނޑަށް ވާރޭތިކި ޖެހޭ ވަގުތު ބޮތްކެއް އަރާނޫންތޯއެވެ! އެއީ ފެންބޮތްކެކެވެ. މިއީވެސް، އެކަހަލަ ބޮތްކެކެކެވެ. ޚިޔާލު ބޮތްކެކެވެ!

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author