6/11/2022

ޞިއްޙަތު ރަނގަޅު ދައުލަތެއް!

ކޮވިޑުގެ ދަތި ދުވަސްތަކަށްފަހު، މިމަހުގެ 3 ވީ ހުކުރު ދުވަހަކީ، އަޅުގަނޑުމެން ކަސްރަތު ކޮށް އުޅޭ މީހުންނަށް ޚާއްޞަ އުފަލެއް ލިބުނު ދުވަހެކެވެ. ދެއަހަރެއްހައި ދުވަސްފަހު، އެންމެން އެއްކޮށް، ދުވުމުގެ ރޭހެއްގައި ވާދަކޮށްލަން ލިބުނެވެ. ޓީއެފްޖީން އިންތިޒާމުކޮށްގެން ބޭއްވި 10 ކިލޯ މީޓަރުގެ ރޭހުގައި ބައިވެރިވެ، އަޅުގަނޑަށް ރޭސް ނިންމުނީ 46 މިނިޓު 54 ސިކުންތުންނެވެ. މިއީ އަޅުގަނޑުގެ ޕަރސަނަލް ބެސްޓެއް ނޫނެވެ. ނަމަވެސް، މިވަގުތު ހުރި ފިޓްނަސްއަށް ބަލާއިރު، މާ ގޯސް ވަރެއްވެސް ނޫނެވެ. ހުރިހާ ޢުމުރަކާއި ޖިންސެއް އެއްކޮށް، އެންމެ ބާރު 40 ދުވުންތެރިންގެ ތެރޭގައި ހިމެނެއެވެ.

 

މިހާރު އޮތް ސުވާލަކީ، އަޅުގަނޑުގެ ރަސްމީ މަސައްކަތް ދޫކޮށްލާފައި ދުވަން ދާންވީތޯ ނުވަތަ ނޫންތޯއެވެ. އަޅުގަނޑަކީ ދުވާ މީހެއް ނޫނެވެ. އަޅުގަނޑަކީ ޤާނޫނީ ވަކީލެކެވެ. މިވަގުތު ޕްރޮސިކިއުޓަރ ޖެނެރަލެވެ. އަޅުގަނޑުގެ ރަސްމީ މަސައްކަތުގެ ގޮތުން، އަޅުގަނޑާމެދު ހިތްހަމަ ނުޖެހޭ މީހުން ތިބުމަކީ ޠަބީޢީ ކަމެކެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. އެމީހުންނަށް އަޅުގަނޑު ކުރާ ބައެއް ކަންކަން ރަނގަޅުނުވުމަކީވެސް އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑު ފިޓުކޮށް ހުރުމަކީ އަޅުގަނޑާ ދޭތެރޭ ހިތްހަމަ ނުޖެހޭ މީހުންގެ މަޞްލަޙަތުވެސް އޮތް ކަމެކެވެ.

 

އެހެން މިސާލެއް ދަންނަވާލާނަމެވެ. ސިވިލް ސަރވިސްއަސް މުވައްޒަފުން ލައްވައި، ވަކިކުރުމަކީ އަޅުގަނޑުގެ ބާރުގައި އޮތް ކަމެއް ނޫނެވެ. ސިވިލް ސަރވިސްގެ މުހިންމު ޚިދުމަތެއް ދޭ އިދާރާއެއްގެ ކައުންޓަރުގައި ޚިދުމަތްދޭ މީހުން ހޮވަނީ އެ އިދާރާއަކުންނެވެ. އެތަނުން ވަޒީފާއަށް ހޮވާ މީހުންގެ ތެރޭގައި ހުރި، އަޅުގަނޑު ހިތްހަމަނުޖެހޭ މީހުން ވަކިކުރުމުގެ ބާރެއްވެސް އަޅުގަނޑަކަށް ނޯވެއެވެ. އެކަމަކު އެތަނަށް ޚިދުމަތް ހޯދަން އަޅުގަނޑުވެސް ދާންޖެހެއެވެ. މިޙާލަތުގައި، އެތަނުގައި ކައުންޓަރުގައި ޚިދުމަތްދޭން އިންނަ (އަޅުގަނޑު ހިތްހަމަ ނުޖެހޭ މީހާ) އަކީ ޞިއްޙަތު ރަނގަޅު މީހަކަށްވުމަކީ އަޅުގަނޑުގެ މަޞްލަޙަތުވެސް އޭގައި އިންތިހާއަށް ހިމެނޭ ކަމެކެވެ. އެއީ، އެކައުންޓަރު ކައިރިއަށް އަޅުގަނޑު ޕާސްޕޯޓު ނުވަތަ އައިޑީ ކާޑު ނުވަތަ އެނޫންވެސް ޚިދުމަތެއް ހޯދުމަށް ދާއިރު، އެތަނުގައި އިންނަ މީހާ ފިޓު ނުވެގެން، ބޮލެއްގައި ރިއްސާތީ، ބަނޑެއްގައި ރިއްސާތީ ނުވަތަ އެނޫންވެސް ސަބަބަކާހުރެ ސަލާމް ބުނާނަމަ، އެކަމުގެ ތުރާ އަޅުގަނޑަށްވެސް ކުރިމަތިވާނެތީއެވެ. ޚިދުމަތް ލިބުން ލަސްވާ މީހުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނޭނެތީއެވެ. އޭގެ ސަބަބުން، އަޅުގަނޑު ދެން ކުރަން ހުންނަ ކަންކަމަށްވެސް އަސަރުކުރާނެތީއެވެ. ފުރަން އޮތް ދުވަހަށް ނުފުރިދާނެތީއެވެ.

 

މިކަން ގުޅިފައިވަނީ ހަމައެކަނި ޖިސްމާނީ ފިޓްނަސްއަކަށް ނޫނެވެ. ނަފްސާނީ، ރޫޙާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމާވެސް މެއެވެ. ކައުންޓަރުގައި ޚިދުމަތްދޭން އިންނަ މީހާއަކީ، ނަފްސާނީގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ދުޅަހެޔޮނޫން މީހެއްނަމަ، އެމީހާގެ އެހުންނަ (މިސާލަކަށް) ސިނގު ރުޅީގެ އަސަރު ޚިދުމަތް ހޯދުމަށްދާ މީހާއަށްވެސް ނުކޮށް ނުދާނެއެވެ.

 

މިސަބަބުތަކަށްޓަކައި، ދައުލަތުގެ އިދާރާތަކުގައި ޢާންމުންނަށް ޚިދުމަތްދޭން ހުންނަ މީހާއަކީ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ އަދި އިޖްތިމާޢީ ގޮތުން ދުޅަހެޔޮ މީހަކަށްވުމަކީ، މުޅި ޤައުމުގެ މަޞްލަޙަތު އޮތް ކަމެކެވެ.

 

މިދެންނެވި ކަންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޢަމަލީ ގޮތުން ފެށުމަށްޓަކައި، މިއަހަރުން ފެށިގެން، ޕަރފޯމަންސް އިވެލުއޭޝަންގައި ފިޓްނަސް ޓެސްޓެއް ވާނީ ހިމަނާފައެވެ. މިޓެސްޓުގައި ބަލާނީ ހިތުގެ ދުޅަހެޔޮކަމާއި، ގައިގާ ބާރު ހުރިވަރާއި، ފްލެކްސިބިލިޓީއާއި ބިއެމްއައި އަށެވެ. އެމުވައްޒަފަކު ފާސްވާންޖެހޭ މިންގަނޑު ބަލާނީ ޢުމުރާއި، ދާއިމީ ބައްޔަކަށް ބޭސްކުރާނަމަ، އެކަންކަމަށްވެސް ބަލައިގެންނެވެ. ދައުލަތުގެ ބައެއް ޔުނިފޯމްއެޅި ތަންތަނުގައި މިހާރުވެސް ފިޓްނަސް ޓެސްޓެއް އެބައޮވެއެވެ. އެއިދާރާތަކުން ކުރައްވާ ކަންކަމަކީ ޖިސްމާނީ ދުޅަހެޔޮކަން ބޭނުންވާ ކަންކަމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ކުރާ މަސައްކަތަކީ ސިކުނޑި ބޭނުންކޮށް ކުރާ މަސައްކަތެކެވެ. ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި، ދުޅަހެޔޮ ހަށިގަނޑެއްގެ ވެރިއަކަށް ވާންޖެހޭ ކަމަކީ ޢިލްމުވެރިން އެކަމާ ދެބަސްވާ ކަމެއް ނޫނެވެ.

 

އަޅުގަނޑު ދެކޭ ގޮތުގައި، މުޅި ސިވިލް ސަރވިސްގައިވެސް ފިޓްނަސް ޓެސްޓު ތަޢާރަފް ކުރަންޖެހެއެވެ. އެކަމަށް އަހައްމިއްޔަތުކަން ދޭންޖެހެއެވެ. ދިރިއުޅުމުގެ ކަންނެތް އާދަތަކަށް ދީލައިނުލައި، ޙަރަކާތްތެރި ދިއިއުޅުމަކަށް އެނބުރި ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، 7 އޭޕްރިލް 2019 ވަނަ ދުވަހު ދެއްވި ޚިޠާބުގައި އޮތީ ގޮވާލައްވާފައެވެ. ދުޅަހެޔޮ، ހަށިހެޔޮ ސިޔާސަތަކީ މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތެވެ. އެސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ރައީސް ޢައްޔަންކުރައްވާ ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަށް ފިޓްނަސް ޓެސްޓެއް ދޭގޮތަށް މިމަސައްކަތް ފަށައިގަނެވިދާނެއެވެ. އެއަށްފަހު، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް އެސިޔާސަތު ފުޅާކުރާނީއެވެ. މިކަމުގެ ސަބަބުން، މުޅި ދައުލަތުގެ ހިންގުން ހަރުދަނާވާނެއެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author