1/14/2023

ހެއްކާބެހޭ ޤާނޫނަށް ހުރިހާ އިދާރާއެއް އެއްކޮށް ތައްޔާރުވުން

ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމަށް ގެންނަން މަސައްކަތްކުރަމުންދާ ބަދަލުތަކުގެ ތެރެއިން މުހިންމު އެއް ބަދަލަކީ، ހެއްކާބެހޭ މުޅިން އައު ޤާނޫނެއް އެކުލަވާލުމެވެ. އެވާހަކަ ދައްކާތާ ދިހަ ބާރަ އަހަރުފަހުން، މިފެށޭ ހަފްތާގެ ބުދަ ދުވަހަކީ، މުޅިން އައު ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚީ ދުވަހެވެ.

 

ހެއްކާބެހޭ ކަންކަމުގައި މިހާތަނަށް ޢަމަލުކުރަމުން އައި ދެޤާނޫނަކަށެވެ. އެއީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 72/14ޖ (އަންހެނުންގެ ހެކިބަހުގެ ޤާނޫނު) އަށެވެ. މީގެތެރެއިން 1976 ގެ ހެއްކާބެހޭ ޤާނޫނަކީ 7 ނުކުތާއެއްގެ މައްޗަށް ހިމެނޭ 2 ޞޮފްޙާގެ ޤާނޫނެވެ. 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ޤާނޫނުގައި އޮތީ "ޤުރްއާނުގައި ކަނޑައެޅި ބަޔާން ވެގެންވާ ކަންކަން ފިޔަވައި، އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަކުރުން." މިޢިބާރާތް އެކަންޏެވެ. މުޅި ޝަރްޢީ ޤާނޫނީ ނިޒާމުގައި އޮތީ މިދެންނެވި ޖުމްލަ 2 ޞަފްޙާގައި އޮތް އުޞޫލުތަކެކެވެ.

 

އެގޮތަށް އޮއްވާ އަލަށް ފާސްކުރެއްވި ހެއްކާބެހޭ ޤާނޫނަކީ، މިޒަމާނަށް ފެތޭ، ތަފްޞީލު އުޞޫލުތައް ހިމެނޭ، ފުރިހަމަ ޤާނޫނެކެވެ. މިޤާނޫނު ގެޒެޓު ކުރެއްވީ 18 ޖުލައި 2022 ގައެވެ. ޢަމަލުކުރަން ފަށާން އޮތީ، އޭގެ 6 މަސްދުވަސްފަހުން، 18 ޖަނަވަރީ 2023 ގައެވެ. އަންނަ ބުދަ ދުވަހެވެ. މިއީ، 93 ޞަފްޙާގެ މައްޗަށް އެކުލެވޭ ބޮޑު، ބިޔަ ޤާނޫނެކެވެ. ޤާނޫނު ފާސްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ގެންނަވާފައިވާ ބައެއް އިޞްލާޙުތައް، މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހިއިރު ބަދަލު ގެންނަވާފައިވާތީ، ޢަމަލީ ގޮތުން މިޤާނޫނުގެ ބޭނުން ހިފުމުގައި ކުދިކުދި ގޮންޖެހުން ހުރެދާނެކަމަށް ފެނެއެވެ. ނަމަވެސް، ޢަމަލުކުރަން ފެށުމަށްފަހު، އުނދަގޫތައް ދިމާވާނަމަ، އެކަންކަން ޙައްލުކުރަން އަލުން ރައްޔިތުންގެ މަޖިލީހުގައި ދެންނެވިދާނެއެވެ. މިދެންނެވި ދަތިތަކާއެކުވެސް، ޤާނޫނު ފާސްވުމުގެ ބޭނުންތެރިކަން މާބޮޑެވެ.

 

ޤާނޫނު ފާސްވުމާއެކު، މިޤާނޫނަށް ތައްޔާރުވުމުގެ މަސައްކަތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަންނަނީ ކުރަމުންނެވެ. ހައެއްކަ ޤާނޫނީ ވަކީލުން، މިޤާނޫނަށް އަހުލުވެރިވެ، މިޤާނޫނު ފުރިހަމައަށް ދިރާސާކޮށް، ދިވެހިރާއްޖެއާއި، ރާއްޖެއިން ބޭރުގެ ކޭސްތަކުގައި މިޤާނޫނުގައި ހުރި އުޞޫލުތައް ތަޠުބީޤު ކޮށްފައިވާ ގޮތް ދަސްކޮށްފައިވެއެވެ. އެކަމުގެ މައްޗަށް ކަރިކިއުލަމެއް ތައްޔާރުކޮށް، މީހުން ތަމްރީންކުރުމުގެ މަސައްކަތް ފަށައިފީމެވެ. އަންނަ ބުދަ ދުވަހުގެ ކުރިން، ހުރިހާ ޕްރޮސިކިއުޓަރުންނަކީ މިޤާނޫނަށް އަހުލުވެރިވެ، ޚާއްޞަ ތަމްރީނު ހަދާފައިވާ މީހުންނަށްވާނެއެވެ.

 

މީގެ އިތުރުން، ހެއްކާބެހޭ ޤާނޫނުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރެވުނުއިރު، ކޮމިޓީގައި މެމްބަރުން ދެއްކެވި ވާހަކަފުޅުތައް، އަކުރުން އަކުރަށް ލިޔެ، ފޮތެއްގެ ސިފައިގައި ޝާއިޢުކޮށްފައިވާނެއެވެ. ހެއްކާބެހޭ ޤާނޫނު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް އަތްމަތީ ފޮތެއްގެ މަސައްކަތްވެސް މިހާރު އޮތީ ނިމުމަކާ ހިސާބުގައެވެ. އެފޮތުގައި، ކޭސްލޯ ތަކާއި، ޗާޓުތަކާއި، މިހާރު ޢަމަލުކުރާ އުޞޫލުތަކާއި، އެއުޞޫލުތަކަށް އަންނާނެކަމަށް ފެންނަ ބަދަލުތައްވެސް ހިމަނާފައިވާނެއެވެ. މިހުރިހާ ފޮތެއް، ޕީޖީ އޮފީހުގެ ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް (www.lethun.pgo.mv) އިން ހިލޭ، ލިބިވަޑައިގަންނަވާނެއެވެ.

 

މިމަސައްކަތުގައި، މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހަކީ ތާރީޚީ ދެދުވަހެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ޖުޑީޝަލް އެކަޑަމީއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ލީގަލް އޮފިސަރުންނަށް، ހެއްކާބެހޭ ޤާނޫނުގެ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގިއްޖެއެވެ.

 

މިމަސައްކަތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އެއޮތޯރިޓީގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ރޯލު ވަރަށް ބޮޑެވެ. ދިވެހިރާއްޖެއަކީ ފައިނޭންޝަލް އެކްޝަން ޓާސްކްފޯސް (FATF) ގެ، ދިވެހިރާއްޖެ ހިމެނޭ ރީޖަނަލް ބޮޑީ، އޭޝިޔާ ޕެސިފިކް ގްރޫޕްގެ މެންބަރު ޤައުމެކެވެ. FATF އަކީ، މަނީ ލޯންޑަރިންގއާއި ޓެރަރިސްޓް ފައިނޭންސިންގއާބެހޭ ކަންކަން ދުނިޔޭގެ ފެންވަރުގައި ބަލައި، ވަޒަންކުރާ ބައިނަލްއަޤްވާމީ އިދާރާއެވެ. މިއިދާރާއިން ކަނޑައަޅާ މިންގަނޑުތައް ތަންފީޒު ނުކުރާނަމަ، އެޤައުމެއް 'ހައިރިސްކު' ޤައުމެއްގެ ގޮތުގައި ދަރަޖަ ކުރެވެއެވެ. އެދަރަޖަ ލިބުމުގެ ނަތީޖާއަކީ، އެޤައުމެއްގެ ރައްޔިތުންނަށް ދުނިޔޭގެ އެކި ޤައުމުތަކުން މާލީ ޚިދުމަތްތައް ލިބުން ދަތިވުމެވެ. މިސާލަކަށް، ހައިރިސްކު ޤައުމެއްގެ މީހަކު، އެއް ޤައުމުން އަނެއް ޤައުމަށް ފައިސާ ފޮނުވާނަމަ، އެކަންތައް އިތުރު ޗެކުކުރަން ވަގުތު ނަގައި، ޚިދުމަތް ލިބިގަތުމަށް ބުރޫއަރައެވެ. އެކަމުގެ ނުރަނގަޅު ނަތީޖާ މުޅި ޤައުމުގެ އިޤްޠިޞާދީ ދާއިރާތައް ކުރުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން FATF ގެ އެންގުންތަކަށް ޢަމަލުކުރަން ހުރިހާ ޤައުމަކުންވެސް ބޭނުންވެއެވެ. FATF ގެ ނިޒާމުތައް ހަމަޖެހިފައި އޮންނަ ގޮތުން، ކޮންމެ ޤައުމަކުންވެސް، ނޭޝަނަލް ރިސްކް އެސެސްމަންޓެއް ހަދާން އެއިދާރާއިން ބާރުއަޅައެވެ. ދިވެހިރާއްޖެއިން ނިމިދިޔަ 2022 ވަނަ އަހަރު އޮތީ އެ އެސެސްމަންޓު ހަދާފައެވެ. މިހާރު ދަނީ އެރިޕޯޓު ފައިނަލް ކުރުމުގެ މަސައްކަތެވެ. މިކަމަކީ، ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާއެއް އެކުގައި ތިބެގެން ހެދި އެސެސްމަންޓެކެވެ.

 

ދިވެހިރާއްޖޭގެ 2022 ވަނަ އަހަރުގެ ނޭޝަނަލް ރިސްކް އެސެސްމަންޓުން ފެނުނު އެއް މަންޒަރަކީ، އަދި ރަނގަޅުކުރަންޖެހޭ ކަމަށް ދައުލަތުގެ ހުރިހާ އިދާރާއަކުން އެއްބަސްވެފައިވާ އެއް ކަމަކީ، މަނީ ލޯންޑަރިންގާއި ޓެރަރިޒަމް ފައިނޭންސިންގެ މައްސަލަތަކުގައި ހުށަހަޅާ ހެކިތައް ވަޒަންކުރަން، އެކަށީގެންވާ ރަނގަޅު ހެއްކާބެހޭ ޤާނޫނެއް ނެތުމާއި، ހެއްކާބެހޭ އުޞޫލުތަކަށް ޖިނާއީ ޢަދުލުގެ ނިޒާމުގައި ޙަރަކާތްތެރިވާ މީހުން ތަމްރީނުވެފައި ނެތުމެވެ. ނަމަވެސް، މިހާރު ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ތައްޔާރުވެފައި އޮތުމުން، މިދާއިރާއިން ރާއްޖެއަށް ކުރިއަށް އޮތް އަހަރު އިތުރު ކުރިއެރުން ހޯދިދާނެއެވެ. މިކަމަށްޓަކައި، ޤާނޫނީ ވަކީލުންނާއި ފަނޑިޔާރުން، ހެއްކާބެހޭ ޤާނޫނުގެ އުޞޫލުތަކަށް ތަމްރީނުވެފައި އޮތުމަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން FATF އާއެއްކޮށް ކުރާ މަސައްކަތުގައި ކޮންމެހެން ކުރާންޖެހިފައި އޮތް ކަމެކެވެ.

 

މިސަބަބަށްޓަކައި، މިދިޔަ ހަފްތާގައި އޮތް ތަމްރީނަކީ އެމް.އެމް.އޭގެ އިސްނެގުމަށް، ޖުޑީޝަލް އެކަޑަމީއިން އިންތިޒާމުކޮށްދެއްވި ތަމްރީނެކެވެ. ތަމްރީނުގައި ކިޔަވައިދެއްވައި، ފެސިލިޓޭޓަރުންގެ ރޯލު އަދާކުރެއްވީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހާއި އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ޖަސްޓިސްގެ ކަމާބެހޭ މާހިރުންނެވެ. މިޕްރޮގްރާމުގައި މިވަގުތު މާލޭގައި ތިއްބެވި ފަނޑިޔާރުންނާއި ލީގަލް އޮފިސަރުން ބައިވެރިވެ، ދެދުވަހުގެ ތަމްރީން، ޝައުޤުވެރިކަމާއެކު ފުރިހަމަކުރައްވާފައިވެއެވެ. މިބާވަތުގެ ދެވަނަ ޕްރޮގްރާމެއް، މިމަހުގެ 16 އަދި 17 ގައިވެސް، ހަމަ މިދެންނެވި ގޮތަށް، އެމް.އެމް.އޭއާއި ޖުޑީޝަލް އެކަޑަމީ ގުޅިގެން ހިންގާގޮތަށް އޮތީ ހަމަޖެހިފައެވެ.

 

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ހިންގާ ޕްރޮގްރާމްތަކުގައި، އެމް.އެމް.އޭގެ އިތުރުން، ޖުޑީޝަލް އެކަޑަމީއާއި، ޔޫ.އެން.ޑީ.ޕީއާއި، ބަންޑާރަ ނައިބުގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިޔުމަންރައިޓްސް ކޮމިޝަނާއި، އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ޖަސްޓިސްގެ އެހީތެރިކަމާއި އެއްބާރުލުން އެބަލިބެއެވެ.

 

މިކަން ތާރީޚީ ކަމަކަށްވަނީ، ޤާނޫނަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއްގައި، ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތައް އެއްކޮށް، ގުޅިގެން މަސައްކަތްކުރެވޭ މިންވަރަށް މިދާއިރާ ތަޞައްރަފު ފުދެމުންދާތަން ފެނުމުންނެވެ. ޔޫ.އެން.ޑީ.ޕީއާއި ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން 2015 ވަނަ އަހަރު ޤާނޫނުލްޢުޤޫބާތަށް އަހުލުވެރިކުރަން ކުރެއްވި މަސައްކަތުގައި، މިމިންވަރުގެ ތަޞައްރަފު ފުދުމެއް، ބައެއް އިދާރާތަކުން އޭރު ފެނިފައިނުވާތީ، މިހާރު މިފެންނަ މަންޒަރަކީ އުފާވެރި މަންޒަރަކަށްވަނީއެވެ. ވިސްނުމާއި ފިކުރު ކުރިއަރާފައިވާ މިންވަރު ފެންނަނީއެވެ.

 

މިވަގުތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހެއްކާބެހޭ ޤާނޫނުގެ ޚަބީރުން ތިއްބެވީ ހުވަދުއަތޮޅު ދެބުރީގައި ތިއްބެވި ޕްރޮސިކިއުޓަރުންނާއި ފުލުހުންނާއި ކޯޓުތަކުގެ ލީގަލް އޮފިސަރުންނަށް ހެއްކާބެހޭ ޤާނޫނުގެ ޚާއްޞަ ތަމްރީނު ހިންގެވުމުގައެވެ. މިއަންނަ ހަފްތާގައި އަލުން މާލޭގައި ޕްރޮގްރާމް ހިންގަވާނެއެވެ. ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހުވެސް، ފުރުޞަތު ލިބޭ ވަރަކުން، ހެއްކާބެހޭ ޤާނޫނާއި، އެނޫންވެސް ޤާނޫނުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް، ދައުލަތުގެ އިދާރާތަކަށާއި، ކައުންސިލްތަކަށް ފޯރުކޮށްދިނުމަކީ ޕީޖީ އޮފީހުން ޝައުޤުވެރިކަމާއެކު ކުރާނޭ ކަމެކެވެ.

 

ޢިލްމަކީ އެކެ ބޮޑު ޚަޒާނާ ހުސްނުވާ --- ފިލް ޙަޤީޤަތި ހޭދަކޮށްގެން މަދުނުވާ



ފޮޓޯ: ދިވެހިރާއްޖޭގެ ހައިކޯޓުގެ އިންސްޓްގްރާމް

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author