10/17/2023
ކުށުގެ ޢަމަލު ހިންގާ މީހުންނާއި އެމީހުން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭކަން ކަށަވަރުކުރުމަކީ ދުނިޔޭގެ ކުރިއަރައިފައިވާ ޤައުމުތަކުންވެސް އެކި ގޮތްގޮތަށް ޙައްލުކުރަން މަސައްކަތްކުރާ މައްސަލައެކެވެ. އެކަން ދިމާވަނީ، ކުށެއްކަމަށް ޤާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަންކަން ކުރާ މީހުންގެ ޢަދަދާއި، އެމީހުންނާމެދު ޝަރީޢަތް ހިންގަން ދައުލަތުގައި ހުރި ވަޞީލަތްތަކާ ނުބައްދަލުވާތީއެވެ. ދިވެހިރާއްޖޭގައިވެސް ޝަރީޢަތްތައް ލަސްވާ އެއް ސަބަބަކީ މިއެވެ. ކޮންމެހެން ކޯޓުތަކުގެ ތެރެއިން ދާން ނުޖެހޭ ކަންކަންވެސް ކޯޓުތަކުގެ ތެރެއިން ނިންމާންޖެހޭ ގޮތަށް ޤާނޫނުތައް ހުރީމައެވެ.
މިމައްސަލަ ޙައްލުކުރުމަށްޓަކައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އެންމެ ފުރަތަމަ ލިޔުނުއިރު، ނަޞޭޙަތުގެ އަދި އިޢުތިރާފުގެ އެއްބަސްވުން ހެދުމުގެ މަފްހޫމެއް ހަނި ގޮތަކަށް ތަޢާރަފުކޮށްފައި އޮތެވެ. އޭރު ޤާނޫނުގައި އޮތީ ތަޙްޤީޤު މަރްޙަލާގައި އިޢުތިރާފުނުވާ މީހަކަށް އެ ފުރުޞަތު ނުލިބޭ ގޮތަށެވެ. ނަމަވެސް، ޢާންމުން، އަދި ވަކިން ޚާއްޞަކޮށް އަލަށް ކުށްކުރާ މީހުން، ޖިނާއީ ޢަދުލުގެ ނިޒާމަށް އެންމެ ފުރިހަމައަށް އިތުބާރުނުކުރާނެކަން އެއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ވީމާ، ތަޙްޤީޤު މަރްޙަލާގައި އިޢުތިރާފުވާ މީހުން މަދުކަމުން، އޭރު ޤާނޫނުގައި ލިޔުނު ގޮތަށް ނަޞޭޙަތުގެ/އިޢުތިރާފުގެ އެއްބަސްވުން ހެދުމުގެ ނިޒާމު މަސައްކަތެއް ނުކުރިއެވެ.
އޭގެ ފަހުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި މިމައްސަލަ މިހާރު ޙައްލުކޮށްފީމެވެ. މިހާރު ޤާނޫނު އޮތް ގޮތުން، ތަޙްޤީޤު މަރްޙަލާގައާއި، ދަޢުވާކުރުމުގެ މަރްޙަލާގައާއި ޝަރީޢަތުގެ ޚުލާޞާ ބަޔާން އިއްވުމުގެ މަރްޙަލާގެ ކުރިން، ނަޞޭޙަތުގެ ނުވަތަ އިޢުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިދާނެއެވެ. މިކަމާބެހޭ ގަވާއިދުތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަދައި، ޢާންމުކޮށްފައިވާނެއެވެ. މިހިސާބަށް އާދެވުމުން، ނަޞޭޙަތުގެ/އިޢުތިރާފުގެ އެއްބަސްވުމުގެ ތަފާތުތައް ލިޔެލުމަކީ ރަނގަޅު ކަމަކަށްވެދާނެތީ، މިލިޔުން އެކަމަށް ޚާއްޞަކުރީއެވެ.
ތަޢާރުފް:
ނަޞޭޙަތުގެ އެއްބަސްވުމަކީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަށް އިޢުތިރާފުވާ، ނުވަތަ އިޢުތިރާފުވުމަށް އެއްބަސްވާ މީހުންގެ ތެރެއިން، ކުދިކުދި ކުށްތައް ކުރާ މީހުން، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރުއެޅުމުގެގޮތުންނާއި، އިތުރު ފުރުޞަތެއް ދީ، މުޖުތަމަޢުގައި ރަނގަޅު މީހުންގެ ގޮތުގައި ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، އެ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ބަދަލުގައި، ނަސޭހަތުގެ އެއްބަސްވުމެއް ހަދައި، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޝަރުޠުތަކަކާ އެއްގޮތަށް ޢަމަލުކުރުމަށް ޝަރުޠުކޮށް، އެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، އިތުރު ދަޢުވާއެއް ނުކުރާނެކަމަށް އެއްބަސްވެ، ޤާނޫނުން ބާރު ލިބިގެން، ދަޢުވާ ލިބޭ މީހާޔާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަދާ އެއްބަސްވުމެކެވެ.
އިޢުތިރާފުގެ އެއްބަސްވުމަކީ، ކުށުގެ ތުހުމަތުގައިވާ މީހަކު، ތަޙުޤީޤުގެ މަރުޙަލާގައި، ނުވަތަ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގެ މަރުޙަލާގައި، ނުވަތަ އެ މައްސަލައެއްގެ ޚުލާޞާ ބަޔާން ހުށަހެޅުމުގެ ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން ކުށަށް އިޢުތިރާފުވާ ޙާލަތުގައި، އެކުށުގެ އަދަބާބެހޭ ގޮތުންނާއި، އެކުށުގެ އިތުރުން ދައުވާކުރާ އެހެން ކުށްތަކަށް ލުއި ދިނުމާބެހޭ ގޮތުން، ޤާނޫނުން ބާރު ލިބިގެން، ދައުވާލިބޭ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލާދެމެދު ސޮއިކުރާ އެއްބަސްވެމެކެވެ.
މަޤްޞަދު
ނަޞޭޙަތުގެ އެއްބަސްވުމުގެ މަޤްޞަދަކީ، ކުދިކުދި ކުށްތައް ކުރާ މީހުން، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރުއެޅުމުގެގޮތުންނާއި، އިތުރު ފުރުޞަތެއް ދީ، މުޖުތަމަޢުގައި ރަނގަޅު މީހުންގެ ގޮތުގައި ދިރިއުޅުމަށް މަގުފަހިކޮށްދިނުމެވެ. ދައުލަތަށް ލިބޭ މަންފާއަކީ، ކުދި ކުށްތަކައި ތުހުމަތުކުރެވޭ މީހުން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ރަސްމީކޮށް ނުވައްދައި، އެމީހުން އިޞްލާޙުވާން ފުރުޞަތު ދިނުމެވެ. ކުދި ކުދި މައްސަލަތަކާހެދި ޖިނާއީ ޢަދުލުގެ ނިޒާމު ތާށިވާގޮތް ކުޑަކުރުމެވެ. ބޮޑެތި މައްސަލަތަކަށް ވަޞީލަތްތައް ޚާއްޞަކުރަން ފުރުޞަތު ލިބުމެވެ.
އިޢުތިރާފުގެ އެއްބަސްވުމުގެ މަޤްޞަދަކީ، ދައުވާލިބޭ މީހާ ކުށަށް އިޢުތިރާފުވާނަމަ، ކުށުގެ އަދަބަށާއި، އެކުށުގެ އިތުރުން ދައުވާކުރާ އެހެން ކުށްތަކަށް ލުއި ލިބުމަށް ފަހިކުރުމެވެ. މިއެއްބަސްވުމުން ދައުލަތަށް ލިބޭ މަންފާއަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ވަގުތު ސަލާމަތްވުމެވެ. ތަޙްޤީޤާއި ޝަރީޢަތް އަވަސްވުމެވެ. ދައުލަތުގެ ވަޞީލަތްތައް، ދެބަސްވުން އޮތް މައްސަލަތަކަށް ޚާއްޞަކުރަން ފުރުޞަތު ލިބުމެވެ.
މައިގަނޑު ތަފާތު
ނަޞޭޙަތުގެ އެއްބަސްވުމާއި އިޢުތިރާފުގެ އެއްބަސްވުމުގެ މައިގަނޑު ތަފާތަކީ، ނަޞޭޙަތުގެ އެއްބަސްވުމަކީ އިދާރީ ގޮތުން، ދައުވާލިބޭ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ސޮއިކުރާ އެއްބަސްވުމެއްކަމެވެ. އެކަމުގައި ކޯޓުގެ ދައުރެއް ނޯންނަކަމެވެ. ދެވަނަ ތަފާތަކީ، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަށް އަދަބެއް އެވަގުތު ނުލިބޭކަމެވެ. ނަޞޭޙަތުގެ އެއްބަސްވުމާ ޚިލާފުނުވާހާ ހިނދަކު، އެކުށުގެ ދައުވާއެއްވެސް ކުރިއަކަށް ނުގެންދާނެއެވެ. އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ދައުވާކުރާނެއެވެ.
އިޢުތިރާފުގެ އެއްބަސްވުމަކީ ކޯޓަށް ހުށަހަޅައި، ކޯޓުން އެއްބަސްވުމުގެ ޞައްޙަކަމާމެދު ގޮތެއް ނިންމަންޖެހޭ އެއްބަސްވުމެކެވެ. އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ވަކި ދައުވާތަކެއް ނުކުރާން އެއްބަސްވިޔަސްވެސް، ކޯޓަށް ހުށަހަޅާ ދައުވާތަކަށް އަދަބުދޭނެއެވެ. އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅާނީ އިޢުތިރާފުގެ އެއްބަސްވުމުގައި އޮތް އަދަބެވެ. އެނޫން އަދަބެއް ކަނޑައެޅުމުގެ ބާރެއް ކޯޓަކަށް ނޯންނާނެއެވެ.
އިޢުތިރާފުގެ އެއްބަސްވުމަކާއެކު ކުރިއަށް ދަނިކޮށްވެސް، އިޢުތިރާފުން ރުޖޫޢަވުމުގެ ފުރުޞަތު ދައުވާލިބޭ މީހާއަށް އޮންނާނެއެވެ. އެހިސާބުން، އެއްބަސްވުން ބާޠިލުވީއެވެ. އެއެއްބަސްވުމުގެ ދަށުން ދޭން ކަނޑައެޅި ލުއިތަކެއްވެސް ދެން ނުލިބޭނެއެވެ. ތަޙްޤީޤު ފުރިހަމަކުރަންޖެހޭނަމަ، އެފުރުޞަތު ފަނޑިޔާރު ދެއްވާނެއެވެ. އެއަށްފަހު، ހަމަ އާދައިގެ މައްސަލައެއް ގޮތަށް އެމައްސަލަ ކުރިއަށްދާނެއެވެ.
އެއްބަސްވުން ވާން އެދި ހުށަހަޅާ މަރްޙަލާ
ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށް އެދި، ތަޙްޤީޤް މަރްޙަލާގައި ނުވަތަ ދައުވާކުރުމުގެ މަރްޙަލާގައި ހުށަހެޅިދާނެއެވެ. ޝަރީޢަތުގެ މަރްޙަލާގައި ހުށަހެޅިދާނެކަމަށް ސީދާ ކަނޑައެޅިގެން ޤާނޫނުގައި ނެތަސްވެސް، ޢާންމު އުޞޫލުން، އެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް، ޝަރީޢަތުގައި އޮތް މައްސަލައެއްގައި ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމަށް އެދި ހުށަހަޅައިގެން، އެ ހުށަހެޅުމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްބަސްވިޔަސްވެސް، އެމައްސަލައެއް ކޯޓުން އަނބުރާ ގެނެވޭނީ އެމައްސަލަ ބައްލަވާ ފަނޑިޔާރު ހުއްދަ ދެއްވައިގެންނެވެ. ވީމާ، މައްސަލައެއްގެ ޝަރީޢަތް ފެށުމަށްފަހު ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހެޅިޔަސް، އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަމެއް ޕީޖީ އޮފީހަކަށް ނުދެވޭނެއެވެ. ވީމާ، ރައްކާތެރި ގޮތަކީ، ނަޞޭޙަތުގެ އެއްބަސްވުމެއް ވުމށް އެދޭނަމަ، ޝަރީޢަތް ފެށުމުގެ ކުރިން އެކަމަށް އެދި ހުށަހެޅުމެވެ.
އިޢުތިރާފު އެއްބަސްވުމަށް އެދި، ތަޙްޤީޤު މަރްޙަލާގައި، ނުވަތަ ދައުވާކުރުމުގެ މަރްޙަލާގައި ނުވަތަ ޝަރީޢަތުގެ މަރްޙަލާގައިވެސް އެދެވިދާނެއެވެ. ޝަރީޢަތުގައި އޮތް މައްސަލައެއްނަމަ، އެއްބަސްވުން ހެދުމާމެދު ގޮތެއް ނިންމަން 15 ދުވަހުގެ މުއްދަތެއް ފަނޑިޔާރު ދެއްވާނެއެވެ. އެމުއްދަތުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އެއްބަސްވުމުގެ ޞައްޙަކަމާމެދު ފަނޑިޔާރު ގޮތެއް ނިންމަވައި، ކުރިން ދެންނެވި ގޮތަށް ކުރިއަށްދާނީއެވެ. ޝަރީޢަތުގައި އޮތް މައްސަލައެއްގައި އިޢުތިރާފުގެ އެއްބަސްވުމަކާބެހޭ ގޮތުން މަޝްވަރާކުރަން 15 ދުވަހުގެ މުއްދަތެއް ދޭނީ ހަމަ އެންމެ ފަހަރަކުއެވެ.
އެއްބަސްވުމަށް އެދި ހުށަހެޅުން
ނަޞޭޙަތުގެ/އިޢުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި، ތަޙްޤީޤު މަރްޙަލާގައިނަމަ، އެދޭނީ ތަޙްޤީޤީ އިދާރާއަށެވެ. ތަޙްޤީޤު ނިމިފައިވާ މައްސަލައެއްނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ. ޕީޖީ އޮފީހުން މިކަމަށް ފޯމުތަކެއް ހަދާފައިވާނެއެވެ. މިފޯމުތައް އެންމެ ފަސޭހައިން ލިބޭން ހުންނާނީ ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިންނެވެ.
ދައުވާލިބޭ މީހާ އެ ފޯމު ފުރުމަށްޓަކައި، އީފާސް މެދުވެރިކޮށް، އޮންލައިން ޕޯޓަލްއަށް ވަންނާނީއެވެ. އެއަށްފަހު، "އަހަރެންގެ މައްސަލަތައް" ޓެބުގައި މައްސަލައެއް އިތުރުކުރަން އޮންނަ ގޮބަށް ފިތާނީއެވެ. އޭގައި ފުރަތަމަ ޖައްސަވާނީ މައްސަލަ ތަޙްޤީޤު ކުރި އިދާރާގެ ނަމެވެ. އެބައި ފުރިހަމަ ކުރެއްވުމަށްފަހު، ދެން އޮންނަ ކޮލަމުގައި ޖައްސަވާނީ މައްސަލައިގެ ތަޙްޤީޤީ އިދާރާއިން ދެއްވާފައި އޮތް ރިފަރަންސް ނަންބަރެވެ. ފުލުސް އޮފީހުން ތަޙްޤީޤުކުރާ މައްސަލައެއްނަމަ، އެލް.ސީ ނަންބަރެވެ. އެ ނަންބަރު ޖަހާފައި "ހޯއްދަވާ" އަށް ފިތާލުމުން، އެމައްސަލަ "އަހަރެންގެ މައްސަލަތައް" އަށް އިތުރުކުރުމަށް ފުރުޞަތު ލިބޭނެއެވެ. އެމައްސަލަ އިތުރު ކޮށްލުމުން، އެމައްސަލައިގެ ތެރެއިން، އިތުރު ފޯމުތައް ފޮނުވުމުގެ ފުރުޞަތު ލިބޭނެއެވެ. ފޯމުތައް ފެންނަން ފަށާނެއެވެ. މިނިޒާމުގެ ތެރެއިން ފޯމު ފުރުއްވާއިރު، މައްސަލައިގެ ތެރެއިން ނެގެން ހުންނަ މަޢުލޫމާތުތައް ހުންނާނީ އޮޓޮމެޓިކުން ފުރާފައެވެ. އިތުރަށް ލިޔަންޖެހޭނީ، އެއްބަސްވުން ވުމަށް އެދޭ ސަބަބާއި އެއާގުޅޭ ތަފްޞީލުތަކެވެ. އެއަށްފަހު، އޮންލައިން ޕޯޓަލްގެ ތެރެއިން ފޯމު ފޮނުވައި، ފޯމުގެ މަސައްކަތް ޕީޖީ އޮފީހުގެ ތެރޭގައި ހިނގާގޮތް ބެލޭނެއެވެ.
އެއްބަސްވުމުގައި ހިމަނަން ބޭނުންވާ ޝަރުޠުތަކާބެހޭ ގޮތުން ދެފަރާތުން ދައްކާ ވާހަކަތައްވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ދެކެވޭނެއެވެ. އެއަށްފަހު، އެއްބަސްވުމުގައި ސޮއިކުރާއިރު، އެއްބަސްވުމުގެ ޝަރުޠުތައް "އަހަރެންގެ މައްސަލަތައް" ބައިން ފެންނަން ހުންނާނެއެވެ. އެއްބަސްވުމުގައި ސޮއިކުރުމުން، ސޮއިކުރި ލިޔުންވެސް އޮންލައިން ޕޯޓަލްގެ ތެރެއިން ފެންނާނެއެވެ.
އެއްބަސްވުން ހެދުމުގައި ބަލާ ކަންކަން
ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމުގައި ބަލާނީ އެމީހެއްގެ ޚާއްޞަ މަޞްލަޙަތަށާއި، އެމައްސަލަ ކުރިއަށް ގެންދިއުމުގެ ޢާންމު މަޞްލަޙަތު އޮތް ގޮތަށް ބަލައި، ވަޒަންކޮށްގެންނެވެ. ޢާންމު މަޞްލަޙަތާގުޅިގެން ނަޞޭޙަތްދީ މައްސަލަ ނިންމުމަށް ބާރުއަޅާ ކަންކަމަކީ؛
1. ކުށުގެ އަދަބަކީ ކުޑަ އަދަބެއް ކަމުގައިވުން؛ ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއްކަމުގައި ނުވުން؛
2. ކުށްކުރި މީހަކީ ފުރަތަމަ ފަހަރަށް ކުށްކުރި މީހެއް ކަމުގައި ވުން؛
3. ކުށްކުރި މީހަކީ ޖިނާއީ އެހެން ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހަކު ކަމުގައި ނުވުން؛
4. ކުށްކުރި މީހަކީ އުމުރުން ދުވަސްވެފައިވާ މީހަކު ކަމުގައި ވުން؛
5. ކުށް ކުރީ ކުޑަ ކުއްޖަކު ކަމުގައި ވުން؛
6. ކުށް ކުރީ ޒިންމާދާރުކަމާއެކު ޢާއިލާއެއް ބަލަމުންދާ މީހަކު ކަމުގައި ވުން؛
7. ކުށުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދީފައި ވުން؛ މިއެވެ.
ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރީ ނަޞޭޙަތްނުދީ، ދައުވާކުރުންކަމަށް ނިންމަން ބާރުއަޅާކަމަށް ޤާނޫނުގައި އޮތް ކަންތައްތަކަކީ؛
1. ކުށުގެ އަދަބަކީ ބޮޑު އަދަބަކަށްވުން؛
2. ކުށްކުރުމުގައި ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ބޭނުންކޮށްފައިވުން
3. ކުށްކުރުމުގައި މީހަކަށް ހަމަލާ ދީފައިވުން ނުވަތަ ހަމަލާ ދީފާނެކަމުގެ ބިރު ދައްކާފައިވުން
4. ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގި ޢަމަލަކަށްވުން
5. ކުށްކުރި މީހަކީ މުޖްތަމަޢުގައި ޒިންމާދާރު މަޤާމެއްގައި ހުރި މީހެއް ކަމުގައިވުން
6. ކުށްކުރީ ޖަމާޢަތެއް ހަދައިގެން ކަމަށްވާނަމަ، އޭނާއަކީ އެ ކަން ރޭވި މީހާ ކަމުގައިވުން
7. ކުށުގެ ޢަމަލު ހިންގީ ކުޑަކުއްޖަކާ ދެކޮޅަށް ކަމުގައިވުން
8. ކުށުގެ ޢަމަލު ހިންގީ ކުޑަކުއްޖެއް ބައިވެރިކޮށްގެން ކަމުގައިވުން
9. ކުޑަކުއްޖެއްގެ ކުރިމަތީގައި ކުރި ކަމަކަށްވުން
10. މީހެއްގެ ނަސްލު ނުވަތަ ޖިންސު ނުވަތަ ޤައުމީ ނިސްބަތް ނުވަތަ އެ މީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުމެއްގެ ސަބަބުން އެ މީހަކާމެދު ހިންގުނު ޢަމަލެއް ކަމުގައިވުން
11. ކުށްކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވުން
12. އެ ކުށަކީ އޭގެ ޒާތުގައި ބޮޑު ކުށެއް ކަމުގައި ނުވިނަމަވެސް އެ ކުށް ކުރުން ޢާންމުވެފައިވުން
13. ކުށުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ، ދަޢުވާ ނުކުރުމާމެދު އޭނާ ކަނޑައެޅިގެން އިންކާރުކުރުން؛ މިއެވެ.
ނަޞޭޙަތުގެ އެއްބަސްވުމާއި އިޢުތިރާފުގެ އެއްބަސްވުން ވެވޭ މައްސަލަތައް
ނަޞޭޙަތުގެ ނުވަތަ އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމަށްޓަކައި، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަށް އިޢުތިރާފުވާންޖެހެއެވެ. އެކުށް ކުރެވުނުކަމަށް އެއްބަސްވާންޖެހެއެވެ. ކުށުގެ ސަބަބުން މީހަކަށް ގެއްލުމެއް ވެފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ދޭން އެއްބަސްވާންޖެހެއެވެ. މިކަންތައް، ނަޞޭޙަތުގެ އެއްބަސްވުމަށްވެސް، އިޢުތިރާފުގެ އެއްބަސްވުމަށްވެސް އެއްވަރަކަށް ހިނގައެވެ.
ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށް ހެދުމަށްޓަކައި ކުށަށް އިޢުތިރާފުވުމުގެ އިތުރުން، ތުހުމަތުކުރެވޭ ކުށުގެ އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު އަދަބަށްވުރެ ކުޑަ އަދަބެއް އޮތް ކުށަކަށްވާންޖެހެއެވެ.
ކުށުގެ އަދަބު އެއް އަހަރަށްވުރެ އިތުރުނަމަ، ދެން ވެވޭނީ އިޢުތިރާފުގެ އެއްބަސްވުމެކެވެ. ނަޞޭޙަތުގެ އެއްބަސްވުމެއް، އެބާވަތުގެ މައްސަލައެއްގައި ނެހެދޭނެއެވެ. މިސާލަކަށް، ޓެރަރިޒަމްގެ މައްސަލައެއް ނުވަތަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުވާ މައްސަލައެއްގައި ނަޞޭޙަތުގެ އެއްބަސްވުމެއް ނެހެދޭނެއެވެ. ހެދުނަސް ހެދޭނީ އިޢުތިރާފުގެ އެއްބަސްވުމެވެ.
އެއްބަސްވުމުގެ ނަތީޖާ
ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމަށްފަހު، އެއްބަސްވުމުގައިވާ ގޮތަށް ޢަމަލުކޮށްފިނަމަ، ކުށުގެ ރެކޯޑެއް ނޯންނާނެއެވެ. އިތުރު އަދަބެއް ތަންފީޒުކުރާކަށްވެސް ނުޖެހޭނެއެވެ. ނަމަވެސް، އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެއްބަސްވުން ހެދި ކުށުގެ ދައުވާ ކޯޓަށް ހުށަހަޅާނެއެވެ. ޕީޖީ އޮފީހުގެ ނިޒާމުތައް މިހާރު ބައްޓަންކުރެވިފައި އޮތް ގޮތުން، ނަޞޭޙަތުގެ އެއްބަސްވުމެއް ހަދާފައިވާ މީހެއްގެ އައު މައްސަލައެއް އަތުވެއްޖެނަމަ، ނަޞޭޙަތުގެ އެއްބަސްވުން ހަދާފައި އޮތް މައްސަލައިގައި ފިޔަވަޅެއް ނާޅައި، އަލަށް އައި މައްސަލަ ކުރިއަކަށް ނުގެންދެވޭނެއެވެ. ވީމާ، ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ، އެކަމުގެ ނަތީޖާއަކާ ކުރިމަތިލާން އެމީހަކަށް ޖެހޭނެއެވެ.
އިޢުތިރާފުގެ އެއްބަސްވުން ކޯޓުން ބަލައިގެންފިނަމަ، އެ އެއްބަސްވުމުގައިވާ ގޮތަށް އަދަބު ކަނޑައަޅާނެއެވެ. ކުށުގެ ރެކޯޑެއް އޮންނާނެއެވެ. އެއްބަސްވުމުގެ ދަށުން ދޭން އެއްބަސްވި ލުއިތައް، ޕީޖީ އޮފީހުންވެސް ދޭނެއެވެ. އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބަލައިނުގަންނަން ކޯޓުން ނިންމަވައިފިނަމަ، ހަމަ އާދައިގެ މައްސަލައެއް ގޮތަށް އެމައްސަލަ ކުރިއަށް ދާނެއެވެ. އެއްބަސްވުމުގެ ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އެއްބަސްވުން އުވާލައި، ޢާންމު ނިޒާމުގެ ތެރެއިން މައްސަލަ ކުރިއަށް ގެންގޮސްދޭން އެދުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިގެންވެއެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author