10/14/2022
ޑިއުޓީ ޕްރޮސިކިއުޝަނަށް މައްސަލަތަކެއް ހުށަހެޅުނު ވާހަކަ ދާދިފަހުން މީޑިއާގައި ތިލަވެފައިވެއެވެ. އެއާއެކު، މިއީ ކިހިނެތް ހިނގާ ކަމެއްކަމާމެދު މީހުން އަޅުގަނޑާ ސުވާލުކުރާތީ، ޑިއުޓީ ޕްރޮސިކިއުޝަންގެ ތާރީޚާއި، މިހާރު ހިނގާ ގޮތާއި ކުރިއަށް އޮތް ތަނުގައި ހިނގަން އަޅުގަނޑު ތަޞައްވަރު ކުރާގޮތް ލިޔަން ޤަޞްދުކުރީއެވެ.
ޑިއުޓީ ޕްރޮސިކިއުޝަންގެ ފަރުމާއާއި ފަލްސަފާ
ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލް، އަލްއުސްތާޛު އަޙްމަދު މުޢިއްޒުއަކީ، ދުރު ވިސްނުމެއް އޮވެގެން، ނިޒާމު ހަރުދަނާ ކުރެއްވުމަށް، ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާއެކު މަސައްކަތް ކުރެއްވި ވެރިއެކެވެ. ރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ތަޖުރިބާކާރެކެވެ. އެމަނިކުފާނުންގެ އިސްނެންގެވުމާއެކު އޭރު ކުރެވުނު އެއް މަސައްކަތަކީ، ފުލުހުން ތަޙްޤީޤުކުރާ މައްސަލަތަކުގައި ދައުވާ ކުރުމަށް ހޭދަވާ މުއްދަތުތައް ދެނެގަނެ، އެމުއްދަތުތައް އަވަސް ކުރުމަށް ކުރެވޭން ހުރި ތަރުތީބުތައް ދަސްކޮށް، ނިޒާމުތައް ޤާއިމުކުރުމެވެ. އެމަނިކުފާނުންގެ ބެއްލެވުމުގެ ދަށުން، އެކަމުގެ ޢަމަލީ އެމަސައްކަތް ޙަވާލުވެފައި އޮތީ އަޅުގަނޑާއި، އެމެރިކާ ސަރުކާރުން ޕީޖީ އޮފީހަށް އޭރު ކަނޑައެޅުއްވި އެޑްވައިޒަރު، މިސް ލޮލީތާ ލުކާސޫއެވެ.
ޕީޖީ އޮފީހަށް، ތަޙްޤީޤީ އިދާރާތަކުން ހުށަހަޅާ މައްސަލައެއްގައި ނިންމާނެ އޮންނަނީ ތިން ގޮތެކެވެ.
1. ތަޙްޤީޤު ފުރިހަމަވެފައި، އެމައްސަލައިގައި ދައުވާއެއް ކޮށް ސާބިތުކުރެވިދާނެކަމަށް ފެންނަނަމަ، އެމައްސަލައެއް ކޯޓަށް ހުށަހެޅުން؛ ނުވަތަ
2. ތަޙްޤީޤު ފުރިހަމަވިއިރު، އެމައްސަލައިގައި ދައުވާއެއްކޮށް، ކުށް ސާބިތުކުރެވިދާނެކަމަށް ނުފެންނަނަމަ، އެމައްސަލައެއް އަނބުރާ ތަޙްޤީޤީ އިދާރާއަށް ފޮނުވުން؛ ނުވަތަ
3.ތަޙްޤީޤު އިތުރަށް ފުރިހަމަކުރަންޖެހޭނަމަ، އަލުން ހުށަހެޅުމަށްޓަކައި އެމައްސަލައެއް ތަޙްޤީޤީ އިދާރާއަށް އަނބުރާ ފޮނުވާލުމެވެ.
އަޅުގަނޑުމެންގެ ދިރާސާއިން ދެއްކީ، ތިންވަނައަށް މިއޮތް "އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލާ" މައްސަލަތަކުގައި ވަރަށް ގިނަ ވަގުތު ސަލާމަތްކުރެވިދާނެ ކަމަށެވެ. މައްސަލައެއް ޕީޖީ އޮފީހަށް ބަލައިގަނެ، ދިރާސާކޮށް ނިމޭއިރު، އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލަންޖެހޭނަމަ، އެމައްސަލައެއް ފޮނުވާލައި، އެމައްސަލަ އަލުން ގޮސް ތަޙްޤީޤުކުރާ މީހާގެ އަތްޕުޅަށް އެރުމާ ދެމެދު، އިދާރީ ގޮތުން، ލިޔެކިޔުން ބަދަލުކުރުމުގައި އެތައް ވަގުތެއް ހޭދަވެއެވެ. އެވަގުތުތަކަކީ ސަލާމަތްކުރެވޭނެ ވަގުތުތަކެކެވެ.
މިދިރާސާގައި، "އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލާ މައްސަލަ" ތަކުގެ ބާވަތްތަކާއި، ސާފުކުރަންޖެހޭ ކަންކަމާއި، އެކަންކަން ސާފުކުރުމަށް ހޭދަވާނެކަމަށް ލަފާކުރާ ވަގުތުތަކުގެ ހިސާބު ޖެހީމެވެ. ބައެއް މައްސަލަތައް އަނބުރާ ފޮނުވާލަންޖެހެނީ، މީހެއްގެ ނަމެއްގައި ތިކިޖެހި ތާނައިގައި ނުބައެއް އޮވެގެންނެވެ. އަނެއްބައި މައްސަލަތައް، ތާރީޚުތައް ދިމާނުވާތީއެވެ. މިބާވަތުގެ ވަރަށް އާދައިގެ ކަންކަމުގައިވެސް، އިދާރީ، ކަރުދާސް ބަދަލުކުރުމުގެ މަރްޙަލާތައް ދިޔައީ ހިނގަމުންނެވެ.
"އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލާ މައްސަލަ" ތަކުގައި އިދާރީ ކަންކަމަށް ހޭދަވާ ވަގުތު ކުރުކުރުމަށް ހުށަހެޅުނު ގޮތަކީ، ޑިއުޓީ ޕްރޮސިކިއުޝަން ތަޢާރަފުކުރުމެވެ. އެކަން އޭރު ފަރުމާކުރެވުނު ގޮތަކީ، ޑޮކްޓަރުންގެ ޑިއުޓީއެއް ގޮތަށް، ކޮންމެ ދުވަހަކުވެސް، ތިން ޕްރޮސިކިއުޓަރުން ޑިއުޓީގައި، އެކަމަށް ހުސްވެ ތިބުމެވެ. ފުލުހުންގެ ތެރެއިން ތަޙްޤީޤު ފުރިހަމަވާ މައްސަލަތައް، އެދުވަހަކަށް ޝެޑިއުލް ކޮށްގެން ގެންނަވާނީއެވެ. ލިޔުންތައް ހިއްޕަވައިގެން ވަޑައިގަންނަވާނީ އިންވެސްޓިގޭޓަރެވެ. އެލިޔުންތަކާ ޙަވާލުވެ، ވަގުތުން ވަގުތަށް، އެއްތަނެއްގައި ތިބެގެން ލިޔުންތައް ދިރާސާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ޕްރޮސިކިއުޓަރުން ފާހަގަކުރައްވާނީއެވެ. އިޞްލާޙުކުރަންޖެހޭ ކަންކަން، ވަގުތުން ފާހަގަ ކުރުމަށްފަހު، އިޞްލާޙާއެކު އަލުން ޑިއުޓީއަށް ޝެޑިއުލްކުރަން ދަންނަވާނީއެވެ. ލިޔުންތައް ފުރިހަމަނަމަ، ވަގުތުން މައްސަލަ ބަލައިގަނެ، ޖެހިގެން އަންނަ ދުވަހު، އެމައްސަލަ ކޯޓަށް ހުށަހަޅާނީއެވެ. މިގޮތަށް ނިޒާމު ބައްޓަންކުރުމުން، ކުރިން ބޭކާރުވަމުން ދިޔަ ވަރަށް ގިނަ އިދާރީ ވަގުތުތައް ސަލާމަތްވާނެކަމަށް ހިސާބުތަކުން ދެއްކިއެވެ.
ޑިއުޓީ ޕްރޮސިކިއުޝަން ފެށުމުގެ އޯޑަރު
މިނިޒާމު ހިނގާނެ ގޮތް ފަރުމާކުރެވި، އިދާރީ އިންތިޒާމުތައް ހަމަޖައްސައި، އެކަމަށް ބޭނުންވާނެ މީޓިންގ ކޮޓަރިތައްވެސް ތައްޔާރުކުރެވި، ފުލުހުންގެ ފަރާތުން ހަމަޖައްސަންޖެހޭ ތަރުތީބުތައްވެސް ހަމަޖެހި، ޑިއުޓީ ޕްރޮސިކިއުޝަން ފެށުމުގެ އޯޑަރަށް މަޑުކޮށްގެން ތިއްބާ، 25 ނޮވެމްބަރ 2013 ވީ ހޯމަ ދުވަހު، އަލްއުސްތާޛު އަޙްމަދު މުޢިއްޒު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނުން މަޤާމުން އިސްތިޢުފާ ދެއްވަން މެދުވެރިވިކަމަށް އަޅުގަނޑަށް އެނގިހުރި މަޢުލޫމާތު އެހެން މައުޟޫޢެއް ("ޕީޖީންގެ އިސްތިއުފާ" ގެ ނަމުގައި) ފަހުން ލިޔާނަމެވެ.
ޖެހިގެން އައި، 26 ނޮވެމްބަރ 2013 ވީ އަންގާރަ ދުވަހު، އަޅުގަނޑު، އެކްޓިންގ ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ފެށި ކަމަކީ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމު ފެށުމެވެ. އެދުވަހު ޑިއުޓީގައި އިނީ އަޅުގަނޑާއި ލޮލީތާއެވެ. މިކަމަށް ފުލުހުންގެ ފަރާތުން ބައެއް ގޮންޖެހުންތައް އޭރު ކުރިމަތިވިއެވެ. އެއީ، ފުލުސް އިންވެސްޓިގޭޓަރު، މައްސަލަ ހިއްޕަވައިގެން ވަޑައިގެން، ވަގުތުން ވަގުތަށް، ޕްރޮސިކިއުޓަރުގެ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހުމުން، ބައެއް ކަހަލަ ދަތިދައް ދިމާވާތީއެވެ. ބައެއް އިންވެސްޓިގޭޓަރުން، އެހެން ބޭބޭފުޅުން އަތްޕުޅަށް އަރުވާފައިވެސް މައްސަލަ ފޮނުއްވިއެވެ. ދެތިން ފަހަރަކު، އެނިޒާމު ހުއްޓާލެއްވުން އެދި ފުލުހުން އިޝާރާތް ކުރެއްވިވެސް މެއެވެ. ނަމަވެސް، އެކަމުގެ ސަލާމަތްވާ ވަގުތާއި، ނިޒާމު ހަރުދަނާވާނެކަމަށް، ހިސާބުތަކުން ދައްކާތީ، އަޅުގަނޑުމެން ޤަޞްދުކުރީ ކުރިއަށް ގެންދާށެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، ފުލުހުންނަށްވެސް މިނިޒާމު ކަމުދާން ފެށިއެވެ. އެއީ، އިންވެސްޓިގޭޓަރުންނަށް ކުރިމަތިވާ ބައެއް ޤާނޫނީ ސުވާލުތަކަށް ވަގުތުން ވަގުތަށް ޖަވާބު ލިބި، މަސައްކަތައިގެން ކުރިއަށްދާން ފަސޭހަވާކަމަށް ފެނުމުންނެވެ. އޭގެ ދުވަސްކޮޅެއްފަހުން، ދިމާވި ބައެއް އޮއިވަރުތަކާއެކު އަޅުގަނޑުވެސް މަޤާމުން އިސްތިއުފާދިނީއެވެ. އެއީ، 4 މެއި 2014 ވީ އާދީއްތަ ދުވަހުއެވެ.
ޑިއުޓީ ޕްރޮސިކިއުޝަން: 2019 ގައި
އަޅުގަނޑު ޕީޖީ އޮފީހުން ބޭރުގައި އުޅުމަށްފަހު، 8 ޑިސެމްބަރ 2019 ދުވަހު އަލުން މަޤާމާ ޙަވާލުވެގެން ބެލިއިރު، ޑިއުޓީ ޕްރޮސިކިއުޝަން ހިނގާ ގޮތް އޮތީ ކޮންމެވެސް ވަރަކަށް ބަދަލުވެފައެވެ. 2019 ގައި އަޅުގަނޑަށް ފެނުނީ، ތަޙްޤީޤުކުރުމުގެ ތެރެއަށް ޕްރޮސިކިއުޓަރުން ވަންނަވާން ފެއްޓެވިފައި އޮތް ތަނެވެ. ޕްރޮސިކިއުޓަރުންނަކީ ތަޙްޤީޤުކުރުމުގެ ހުނަރު ތިބޭ ބައެއް ނޫނެވެ. އެހުނަރު ހުންނާނީ އިންވެސްޓިގޭޓަރުގެއެވެ. ޕްރޮސިކިއުޓަރަށް ކުރެއްވޭނެ ކަމަކީ، ތަޙްޤީޤީ ހޯދުންތަކުގެ މައްޗަށް ބަލައި، ދައުވާއެއް ކުރާއިރު، އިތުރަށް ހޯދަންޖެހޭކަމަށް ފެންނަ ކަންކަން ހޯދައިދިނުމަށް ދެންނެވުމެވެ.
މިއޮޅުން ބޮޅުމުގެ ތެރޭގައި، ބައެއް އިންވެސްޓިގޭޓަރުން ވަރަށް ކަންނެތްވެސް ވެއްޖެއެވެ. ޕްރޮސިކިއުޓަރު ވިދާޅުވާ އެއްޗެއް ނޫން އެއްޗެއް ނުހޯއްދަވާ ބައެއް އިންވެސްޓިގޭޓަރުންވެސް އުޅުއްވިއެވެ. ޕީޖީ އޮފީހަކީ، ފުލުހުންގެ ތަޙްޤީޤު ހިނގާނުހިނގާ ގޮތް ބެލުމުގެ އޯވަރސައިޓް ދައުރެއް އޮތް އޮފީހަކަށްވާތީ، ތަޙްޤީޤުގެ ޢަމަލީ ކަންކަމަށް ވަނުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. އެހެންކަމުން، އޭރު ހިނގަމުންއައި ގޮތް ބަދަލުކުރަން ޖެހުނެވެ.
މިހާރު ޑިއުޓީ ޕްރޮސިކިއުޝަން ހިނގާ ގޮތް
ޑިއުޓީ ޕްރޮސިކިއުޝަންގެ ކަންކަން ކުރާނެ މެނުއަލްއެއް ލިޔެ، ޢަމަލުކުރަން ފަށައިފީމެވެ. ޕްރޮސިކިއުޓަރުގެ ދައުރަކީ ލަފާ ދިނުންކަމާއި، ތަޙްޤީޤުކުރުމަކީ އިންވެސްޓިގޭޓަރުގެ ކަމެއްކަމަށް ލިޔެފީމެވެ. ތަޙްޤީޤުތައް އަވަސްކޮށްދިނުމަށް ޕްރޮސިކިއުޓަރަށް ކުރެވެން ހުންނަ ކަންކަން ވީހާވެސް އަވަހަށް ކޮށްދިނުމަށް ބާރު އަޅަންވާނެކަމަށްވެސް ލިޔެފައިވާނެއެވެ. ތަޙްޤީޤީ އިދާރާތަކުން މަޝްވަރާއަށް އެދޭ މައްސަލަތަކުގެ ތަފާސް ހިސާބުތައް އެބަ ނަގަމެވެ. އެންމެ ރަނގަޅަށް ތަޙްޤީޤު ކުރައްވާ، އެއް ފަހަރުން މައްސަލަ ބަލައިގަނެވޭ ފެންވަރަށް މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުން ޕީޖީ އޮފީހަށް މިހާރު އެނގެއެވެ. ޙާދިސާ ހިނގާ ދުވަހުން ފެށިގެން މައްސަލަ ކޯޓަށް ހުށަހެޅި، މައްސަލައިގައި ޙުކުމްކުރާ ދުވަހާ ދެމެދު ހިނގާ މުއްދަތުތައްވެސް ބެލޭނެ ނިޒާމު ހުރީ ޤާއިމުކުރެވިފައެވެ. އެހިސާބުތަކުގެ އަލީގައި މަސައްކަތް ހަރުދަނާކުރަން އެކި މަސައްކަތްތައް އެބަ ކުރެވެއެވެ. މާތްﷲގެ އަމުރާއި އިރާދަފުޅުގައި ހުރީވިއްޔާ، ދާދި އަވަހަށް، އެމަޢުލޫމާތުތައް ޢާންމުންނަށް ފެންނަ ގޮތަށް ޝާއިޢުކުރަން ފަށާނަމެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author