10/20/2022

ގަވާއިދުތަކަށް އިޞްލާޙު ގެނައުން : ކޮން ބަދަލެއް؟

 

19 އޮކްޓޯބަރ 2022 ވީ ބުދަ ދުވަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރަމުންދާ ދެގަވާއިދަކަށް އިޞްލާހެއް ގެނެސް، އެކަން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ. އެއީ؛


1.    ގަވާއިދު ނަންބަރު 2022/R-173 (ގަވާއިދު ނަންބަރު 2021/R-66 (ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދާއި،

2.    ގަވާއިދު ނަންބަރު 2022/R-172 (ގަވާއިދު ނަންބަރު 2017/R-76 (ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދެވެ.

 

މިދެގަވާއިދަށް ބަދަލު ގެންނަން ޖެހުނީ، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކުށުގެ ޢަމަލުގައި ހިމެނޭ ކުޑަކުދިންގެ މައްޗަށް ޑައިވަރޝަންގެ އެއްބަސްވުން އެކުލަވާލުމުގައި ދިމާވަމުން ދިޔަ ބައެއް ގޮންޖެހުންތައް ޙައްލުކޮށް، މާނަހުރި ގޮތެއްގައި، އެޤާނޫނުގައި ބުނާ ޕްރޮގްރާމްތައް ހިންގޭނެ ޤާނޫނީ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށެވެ.

 

ޖިނާއީ ޢަދުލުގެ ނިޒާމުގައި، އެކި ސަބަބުތަކާހުރެ ތާށިވާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައި އޮތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައެވެ. މިއީ 2020 ވަނަ އަހަރު ޢަމަލަކުރަން ފެށި ޤާނޫނެވެ. އެޤާނޫނުގައި، ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ފަލްސަފާތަކާއި އިޖުރާއަތުތައް އޮތީ ބަޔާންކޮށްފައެވެ.

 

އެޤާނޫނުގެ 8 ވަނަ މާއްދާ ބުނާގޮތުން، ކުށުގެ ވެއްޓަށް ހުށަހެޅޭ ކުއްޖެއްގެ މައްޗަށް ފިޔަވަޅު އެޅުމުގައި އެންމެ އިސްކަން ދޭންޖެހޭނީ އެކުއްޖާ އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢާށް ގެނައުމަށެވެ. އެކަން ޙާޞިލުކުރާނީ، ޑައިވަރޝަން ޕްރޮގްރާމެއްގެ ތެރެއިންނެވެ. ޑައިވަރޝަންއާބެހޭ ވަކި ބާބެއް (8 ވަނަ ބާބު) އެޤާނޫނުގައި އެބައޮތެވެ.

 

ޑައިވަރޝަންގެ މަޤްޞަދުތަކުގެ ތެރޭގައި، ކުއްޖާ ކުރި ޢަމަލުގެ ސަބަބުން ކުރިމަތިވި ގެއްލުމަށް ޒިންމާވާން ބާރުއެޅުމާއި، މަޢާފަށް އެދުމުގެ ފުރުޞަތު ހޯދައިދިނުމާއި، ކުށް ތަކުރާރުކުރުމުން ދުރުހެލިކުރުމާއި ކުށުގެ ރެކޯޑެއް އައުން ހުއްޓުވުން ހިމެނެއެވެ.

 

ޤާނޫނާ ޚިލާފުވިކަމުގެ ތުހުމަތުކުރެވޭ ކުއްޖެއްގެ މައްސަލައެއް އެއް މަރުހަލާއިން އަނެއް މަރުޙަލާއަށް ބަދަލުކުރަންވާނީ ޑައިވަރޝަންއަށް ފޮނުވުމާމެދު ގޮތެއް ނިންމުމަށްފަހު ކަމަށްވެސް ޤާނޫނުގައި އޮވެއެވެ. ޑައިވަރޝަންއާމެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ތަޙްޤީޤުކުރާ އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ. އެނިންމުން ނިންމުމުގެކުރިން ހަދަންޖެހޭ އެސެސްމަންޓުތަކާއި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ހުރެއެވެ. މިކަން ކުރާނެ ގޮތުގެ ތަފްޞީލުތައް ޤާނޫނާއި ގަވާއިދުތަކުގައި ލިޔެފައި އެބަހުއްޓެވެ.

 

ނަމަވެސް، މިޤާނޫނު ލިޔުއްވިއިރު، ކުށުގެ ދައުވާކުރަންޖެހޭ މުއްދަތެއް ޤާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން، މުއްދަތު ގުނުމުގައި ރުޖޫޢަވާންޖެހުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށެވެ. އެޤާނޫނު ބުނާ ގޮތުން، ކުށުގެ ތުހުމަތުގައި މީހަކު (ނުވަތަ ކުއްޖަކު ވިޔަސް) ބަންދުގައި ހުރިނަމަ، ދައުވާކުރަން ލިބެނީ 30 ދުވަހެވެ. ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލައިފިނަމަ، 45 ދުވަހެވެ. ބައެއް އެހެން ޚާއްޞަ ޤާނޫނުތަކުގައި އެހެން މުއްދަތުތައް އެބަހުއްޓެވެ. މައްސަލައެއް ޕީޖީ އޮފީހަށް ހުށަހެޅުމަށްފަހު، ދައުވާކުރުމާމެދު ގޮތެއް ނިންމަން ލިބެނީ 10 ދުވަހެވެ. ވީމާ، ޤާނޫނު އޮތް ގޮތުން، ކުއްޖާގެ އެސެސްމަންޓު ހަދައި، ކުއްޖާއާ ވާހަކަ ދައްކައި، ކުއްޖާ ބުނާ ބަހެއް ހޯދައި، ވާންޖެހޭ ތައްޔާރީތައްވެ، ޑައިވަރޝަން ޕްރޮގްރާމެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލަށް މިއޮތީ އެންމެ 10 ދުވަހެވެ. މިމުއްދަތުގެ ތެރޭގައި ބޭނުންވާ ލިޔެކިޔުން ފުރިހަމަކުރުން ދައްޗެވެ. އެއީ، އެސެސްމަންޓެއް ހެދުމަކީ، އޭގެ ޒާތުގައި ދުވަސް ބޭނުންވާ ކަމަކަށްވާތީވެސްމެއެވެ.


ޤާނޫނު ފާސްވެގެން އައިއިރު، ޑައިވަރޝަން އެއްބަސްވުން ހެދުމަށް އެކަށީގެންވާ ވަގުތެއް ނެތެވެ. އޭގެ އިތުރުން، ޑައިވަރޝަން އެއްބަސްވުމެއް ހެދުމަށްފަހު، ދައުވާ ނުކުރަން ނިންމާފައި އޮއްވާ، ޑައިވަރޝަން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ދެން ހެދޭނެ ގޮތެއްވެސް ނެތެވެ. އަލުން ދައުވާ ހުށަހަޅަން ބަލާއިރު، ދައުވާކުރަން އޮތް މުއްދަތުގައި ކޯޓަށް މައްސަލަ ހުށަނާޅާތީ، އަލުން ކޯޓަށް ހުށަހެޅޭކަށްވެސް ނެތެވެ. ނަތީޖާއެއްގެ ގޮތުން، ޑައިވަރޝަންގައި ބައިވެރިވުން އެއީ ޤާނޫނީ ނަތީޖާއެއް ނާންނަ ކަމަކަށްވަނީއެވެ.


މިދެކަންތައް މިގޮތަށް ދިމާވާތީ، އަޅުގަނޑުމެން ޤަޞްދުކުރީ އުފެއްދުންތެރި ޙައްލެއް ގެންނާށެވެ. އެގޮތުން، ޑައިވަރޝަން އެއްބަސްވުމެއް ހެދިއަސްވެސް، މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅަން އޮންނަ މުއްދަތުގައި ކޯޓަށް ހުށަހެޅުމަށްފަހު، ޑައިވަރޝަން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރާކަން ނުވަތަ ނޫންކަން ބަލަން، އެމުއްދަތުގައި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ބާއްވައި ދިނުމަށް އެދޭނީކަމަށް ލިޔުނީއެވެ. އޭރުން، ދައުވާ ކުރުމުގެ މުއްދަތު ގުނުން ހުއްޓުމަކަށް އަންނާނެއެވެ. ޑައިވަރޝަންއާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، މައްސަލަ އަނބުރާ ގެންނާނީއެވެ. އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، މައްސަލަ ކުރިއަށްދާނެއެވެ. އޭރުން ޑައިވަރޝަންއާ ޚިލާފުވުމުގެ ޤާނޫނީ ނަތީޖާއެއްވެސް އޮންނާނެއެވެ.

 

މިނިޒާމު މިގޮތަށް ހިންގޭނެކަމަށް ބަލައިގެން ތިއްބާ، ކޯޓުތަކުން މިކަމުގައި ޒުވާބެއް ކުރިމަތިކޮށްފިއެވެ. އެއީ، ޑައިވަރޝަންގެ ކަންކަން ނިމެންދެން މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވުމަކީ ކޯޓުތަކަށް ކުރެއްވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ އުފެއްދެވި ޒުވާބެކެވެ. ޕީޖީ އޮފީހުގެ ގަވާއިދެއް އޮތް ގޮތުން ކޯޓުތަކުގެ އަތް ބަނދެވިގެން ނުވާނެކަމަށް ބުނެ އުފެއްދެވި ޒުވާބެކެވެ. އެޒުވާބު އަޅުގަނޑު ބަލައިގަންނަމެވެ. އެއީ ރަނގަޅު ވާހަކަފުޅެކެވެ. ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް، އިޖުރާއާތުގައި އޮތް ގޮތަށް ހިންގާ ނިންމުމަކީ ކޯޓުތަކުން ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. މިހާރުވެސް ހުރިހާ ކޯޓަކުން ކުރައްވާވެސް ކަމެކެވެ.

 

އެހެންކަމުން، ކޯޓުތަކަށް މެދުވެރިވާ މައްސަލަ ޙައްލުކޮށްދިނުމަށްޓަކައި، ގަވާއިދަށް ބަދަލު ގެންނަންޖެހެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 92 ވަނަ މާއްދާ (ދައުވާ އަނބުރާ ގެނައުން) ގައި އޮތް ގޮތުން، ކޯޓުގައި އޮތް މައްސަލައެއް އަނބުރާ ގެނައުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް އޮވެއެވެ. އެކަމާބެހޭ ޙާލަތުތައް ތަފްޞީލުކޮށްފައި އޮތީ، ޕްރޮސިކިއުޓްކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައެވެ. އެގަވާއިދުގެ 29 ވަނަ މާއްދާގައި، ޑައިވަރޝަންގައި ބައިވެރިކުރުމަށް މައްސަލަ އަނބުރާ ގެންނަ ވާހަކައެއް ނެތެވެ. އެއީ، އެގަވާއިދަކީ 2017 ވަނަ އަހަރުގެ ގަވާއިދަކަށްވާތީ، އޭރު ކުޑަކުދިންގެ ޢަދުލުގެ ޑައިވަރޝަންގެ ވާހަކަ ނެތީމައެވެ.


އަލަށް ގެނައި އިޞްލާޙަކީ އެބައި ހިމެނުމަށް ގެނައި އިޞްލާޙެކެވެ. އޭރުން، ކުށުގެ ތުހުމަތުކުރެވޭ ކުއްޖާގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިރާސާކުރުމަށްފަހު، ޤާނޫނުގައިވާ ގޮތުގެ މަތިން ޑައިވަރޝަން ހިންގަން މަސައްކަތްކުރާނީއެވެ. އެމަސައްކަތް ކުރަމުން ދަނިކޮށް، ދައުވާކުރުމުގެ މުއްދަތު ހަމަވާނަމަ، މުއްދަތު ހުއްޓުވުމުގެ ގޮތުން ދައުވާ ކުރާނީއެވެ. އެމަރްޙަލާގެ ތެރޭގައިވެސް އެއްބަސްވުން ހަދައި، ޑައިވަރޝަންއަށް ފޮނުވުމާމެދު ދާނީ ވާހަކަ ދެކެވެމުންނެވެ. މިގޮތަށް ހެދުމުން، ކުއްޖާއަށްވެސް، އެއްބަސްވުމަށް އައިސް، އިޞްލާޙުވުމަށް ބާރުއެޅުމަށް، އެކަމުގައި ގޮތެއް ނިންމުމަށް އެކަށީގެންވާ ވަގުތު ލިބޭނެއެވެ. ކުއްޖާއާއެކު އެއްބަސްވުމެއް ހެދިއްޖެނަމަ، މައްސަލަ އަނބުރާ ގެންނާނީއެވެ. އެއްބަސްނުވެވިއްޖެނަމަ، މައްސަލަ ކުރިއަށްދާނެއެވެ. އެއްބަސްވުމެއް ހަދައި، މައްސަލަ އަނބުރާ ގެނެސްފައި އޮއްވާ، ކުއްޖާ، އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެމައްސަލަ އަލުން ކޯޓަށް ހުށަހަޅާނީއެވެ. މައްސަލަ ހުށަހަޅަން ބާރުލިބެނީ ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ގެނައި އިޞްލާޙުންނެވެ. އެގޮތަށް ހެދުމުން، ކުއްޖާއަށްވެސް ޑައިވަރޝަން ޕްރޮގްރާމް ފުރިހަމަކުރަން ބާރު އެޅޭނެއެވެ. ޑައިވަރޝަނާ ޚިލާފުވެއްޖެނަމަ، އެކަމުން ކުރިމަތިވާނެ ޤާނޫނީ ނަތީޖާއެއް އޮތްކަން ކުއްޖާއަށްވެސް އެނގޭނެއެވެ. އެކަން އެމަގުން ހިނގާނެވެސް މެއެވެ. މިހާރުވެސް، އެއްބަސްވުމާ ޚިލާފުވީ ކުއްޖެއްގެ މައްސަލަ ކޯޓަށް ވާނީ ހުށަހަޅާފައެވެ. އޭރުން، ޤާނޫނުން ބޭނުންވާ މަޤްޞަދުވެސް ޙާޞިލުވާނެއެވެ. މުޅި ޤާނޫނަށް ބަދަލު ނުގެނެސް، ޤާނޫނީ ނިޒާމުގެ ތެރެއިން އުފެއްދުންތެރި ޙައްލެއްވެސް ގެނެވުނީއެވެ.


މިދެގަވާއިދުގެ އިޞްލާޙުތައް މިހާރު، ޕީޖީ އޮފީހުގެ www.lethun.pgo.mv އިން ފެނިވަޑައިގަންނަވާނެއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author