6/19/2024

މަސައްކަތާބެހޭ ޚިޔާލު ބޮކި 2 – މަސައްކަތް ބެހުމުގެ އިންޞާފާއި ހަމަހަމަކަން

މަސައްކަތްކުރާގޮތާބެހޭ ގޮތުން ވިސްނާ ފިކުރުކޮށް، ތަފާތު ގޮތްތައް ބަލައި، ތަޖުރިބާކުރުމަކީ އަޅުގަނޑު ކުރާ ހިތްވާ ކަމެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މީހަކު ކުރާ މަސައްކަތް ވަޒަންކުރަންވާނީ، އެމީހާ ހުންނަތަނާއި، ގޮނޑީގައި އިން ވަގުތާއި، ފޮނުވާ އީމެއިލުގެ ޢަދަދާއި، ބައިވެރިވާ (ބޭކާރު) ބައްދަލުވުންތަކުގެ ޢަދަދާއި، އޭނާ އޮފީސް ތެރެއިން ފެނޭތޯ ނުވަތަ ނޫންތޯ ބަލައިގެނެއް ނޫނެވެ. މިހާތަނަށް، މީހެއްގެ އުފެއްދުންތެރިކަން ވަޒަންކުރަމުން އައި، އެ މީހެއްގެ "ބިޒީ" މިންވަރަށް ބެލުމުގެ މަފްހޫމް އެކޮޅުކޮޅުން ޖެހެންޖެހެއެވެ. މީހެއްގެ އުފެއްދުންތެރިކަން ވަޒަން ކުރަންވާނީ، އެ މަސައްކަތަށް ހޭދަވާނެ ވަގުތާއި، އެމީހަކު އުފައްދާ އެއްޗެއްގެ ފެންވަރާއި، އޭނާ ބުނާ ދުވަހަށް މަސައްކަތް ނިންމާކަން ނުވަތަ ނޫންކަމަށް ބަލައިގެންނެވެ.

 

މިމަފްހޫމަށް ބަދަލުވެވޭނީ، މަސައްކަތް ޙަވާލުކުރުމުގައި ގެންގުޅޭ ވިސްނުންވެސް ބަދަލުވެގެންނެވެ. މަސައްކަތް ޙަވާލުކުރުމުގައި އިންޞާފުވެރިވާންޖެހެއެވެ. އިންޞާފުވެރި ވުމަށްޓަކައި، ތުނޑުން ތުނޑަށް ހަމަހަމަވުން ކޮންމެހެން ލާޒިމެއް ނޫނެވެ. މިސާލެއް ދަންނަވާލާނަމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 3 ދުވަސް ވަންދެން ދުވާލަކު 3 މައްސަލައެއް، ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ކޮންމެ ދުވަހަކުވެސް ހުށަހެޅި ފުރަތަމަ މައްސަލައަކީ މަރުގެ މައްސަލައެކެވެ. ދެވަނައަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައެކެވެ. ތިންވަނައަށް އޮތީ ދައުވާލިބޭ މީހާ އިޢުތިރާފުވާ މާރާމާރީގެ މައްސަލައެކެވެ. 3 ދުވަސްވަންދެން ކޮންމެ ދުވަހަކުވެސް ހަމަ މި ތަރުތީބުން މިދެންނެވި ބާވަތުގެ ތިން މައްސަލަ ހުށަހެޅިއެވެ. މި ތިން މައްސަލަ ބައްލަވަން ކޯޓުގައި ތިއްބެވީ 3 ފަނޑިޔާރުންނެވެ.

 

މަރުގެ މައްސަލައެއް ނިންމުމަށް، އެންމެ މަދުވެގެން 6 މަސްދުވަސް ނަގާނެއެވެ. މަސްތުވާތަކެތި ޓްރެފިކިންގެ މައްސަލަ އެންމެ އަވަހަށްވެސް ނިންމޭނީ 3 މަހުންނެވެ. މާރާމާރީގެ މައްސަލަ، 5 ދުވަހުން ނިންމޭނެއެވެ.

 

ޕީޖީ އޮފީހުން، 3 ދުވަސް ވަންދެން ފޮނުވި 3 މައްސަލަ، އެ މައްސަލަތައް ފޮނުވި ތަރުތީބުން، އިންޞާފުވެރިކަމާއި ހަމަހަމަކަމާއެކު ބެހުމުން، ކޮންމެ ދުވަހެއްގެވެސް ފުރަތަމަ މައްސަލަ (މަރުގެ މައްސަލަ) ލިބެނީ ފަނޑިޔާރު #1 އަށެވެ. މަސްތުވާތަކެތި ޓްރެފިކިންގެ މައްސަލަ ފަނޑިޔާރު #2 އަށެވެ. މާރާމާރީގެ މައްސަލަ، ފަނޑިޔާރު #3 އަށެވެ. ތިން ދުވަސް ނިމުނު އިރު، ފަނޑިޔާރު #1 އަތްޕުޅުގައި، މަރުގެ ތިން މައްސަލަ އެބައޮތެވެ. އެންމެ އަވަހަށްވެސް، އެ ތިން މައްސަލަ ނިންމުމަށް ދޮޅު އަހަރުގެ މުއްދަތެއް ހޭދަވާނެއެވެ. ފަނޑިޔާރު #2 ގެ އަތްޕުޅުގައި އޮތް މަސްތުވާތަކެތި ޓްރެފިކިންގެ 3 މައްސަލަ، 9 މަސްތެރޭގައި ނިމޭނެއެވެ. ފަނޑިޔާރު #3 އަށް ލިބުނީ މާރާމާރީގެ 3 މައްސަލައެވެ. ތިން ހަފްތާއިން އެ މައްސަލަތައް ނިމެއެވެ. ތިން ފަނޑިޔާރުންނާވެސް މަސައްކަތް ޙަވާލުކުރީ ހަމަހަމަކޮށެވެ. ނަމަވެސް އިންޞާފުވެރިއެއް ނުވިއެވެ.

 

މިމައްސަލަ މިގޮތަށް ދިމާވަނީ، މައްސަލައިގެ ޢަދަދަށް ބަލައިގެން މަސައްކަތް ވަޒަންކުރާތީއެވެ. މުވައްޒަފު އޮފީހަށް ދެނީ އޭނާގެ ވަގުތެވެ. އޭގެ މުޤާބިލުގައި މުސާރަދެނީވެސް އޭނާގެ ވަގުތަށެވެ. ނަމަވެސް، މަސައްކަތް ޙަވާލުކުރުމުގައި ވަޒަންކުރަނީ އެހެން މިންގަނޑަކުންނެވެ. އޭނާ ކުރާ މަސައްކަތުގެ ޢަދަދުންނެވެ. މިމައްސަލަ ޙައްލުވާނީ، މުވައްޒަފު އުފައްދާ އެއްޗަކީވެސް ވަގުތަށް ބަލައިގެން ވަޒަންކުރާ އެއްޗަކަށް ހެދީމައެވެ. އެ އުފައްދާ އެއްޗެއްގެ ފެންވަރު ވަޒަންކުރާނެ އެހެން މިންގަނޑުތަކެއް އަދި ކަނޑައެޅިދާނެއެވެ. ނަމަވެސް، އުފެއްދުންތެރިކަން ވަޒަންކުރަންވީ ވަގުތާއި މަސައްކަތުގެ ފެންވަރަށް ބަލައިގެންނެވެ.

 

ކުރިން ދެންނެވި، މައްސަލަތައް ބެހުމުގައި އިންޞާފުވެރިވާނީ، ވަގުތަށް ބަލައިގެން މަސައްކަތް ބެހީމައެވެ. މައްސަލައިގެ ޢަދަދަށް ބެލީމާ ޤާއިމުކުރެވޭނީ ހަމަހަމަކަމެވެ. އިންޞާފެއް ނޫނެވެ. މިސާލަކަށް، މަރުގެ މައްސަލައަކަށް ހޭދަވާނީ 6 މަސްނަމަ، ޖެހިގެން އަންނަ ދުވަހު، އެ ފަނޑިޔާރާ މަސައްކަތް ޙަވާލުކުރާއިރު، ކުރީ ދުވަހު ޙަވާލުކުރި މައްސަލައިގައި ހޭދަވާނެކަމަށް ލަފާކުރި ވަގުތަށް ރިޢާޔަތްކޮށްގެން، އައު މައްސަލަ ޙަވާލުކުރުމުގެ ނިޒާމެއް އުފެއްދިއްޖެނަމަ، ހަމަހަމަކަމާއެކު އިންޞާފުވެރިކަންވެސް ޤާއިމުކުރެވޭނެއެވެ.

 

ޕީޖީ އޮފީހުގެ މުވައްޒަފުންކުރާ މަސައްކަތް، އޭނާ އުފައްދާ ތަކެތީގެ ޢަދަދަށް ނުބަލައި، އެކަމަށް ހޭދަވާނެކަމަށް ލަފާކުރާ ވަގުތާއި، އުފައްދާ އެއްޗެއްގެ ފެންވަރަށް ބަލައިގެން ވަޒަންކުރުމުގެ މަސައްކަތެއް ފަށައިގެން ކުރިއަށް އެބަގެންދަމެވެ. މިމަސައްކަތުގެ މައިގަނޑު ފަލްސަފާއަކީ، އޮފީހުން ޙަވާލުކުރާ ހަމަ ކޮންމެ ކަމެއްވެސް ކޮށް ނިންމަންވާނެކަމަށް ލަފާކުރާ ވަގުތަކާއި، އެމަސައްކަތް ހުންނަންވާނެ ފެންވަރެއް ދުރާލާ ކަނޑައެޅިފައި އޮތުމެވެ. އެއީ، މުވައްޒަފު ވަޒީފާއަށް ވަންނައިރުވެސް ސާފުކޮށް ލިޔެ، ފެންނަން އޮންނަ އެއްޗެކެވެ. އޭގެ ބައެއް މަޢުލޫމާތަކީ ޢާންމުންނަށްވެސް ފެންނަން އޮންނާނެ މަޢުލޫމާތެވެ.

 

މިސާލަކަށް، ޢާންމުންގެ މީހަކު ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވައިފިނަމަ، އެ ސިޓީއަކަށް ޖަވާބުދޭނެ ދުވަހެއް، ސިޓީ ފޮނުވި މީހާއަށް އަންގާނަމެވެ. އެއަށްފަހު، އެ ސިޓީއަށް ޖަވާބު ދިނުމުގެ މަސައްކަތް ހިނގަމުންދާގޮތުގެ މަރްޙަލާތައް، ސިޓީ ފޮނުވި މީހާއަށް ބަލައިލެވޭނެއެވެ. އެސިޓީއަށް ޖަވާބު ދިނުމަށް ހޭދަވާނެކަމަށް ލަފާކުރާ ވަގުތު އޮންނާނީ ދުރާލާ ކަނޑައެޅިފައެވެ. މުވައްޒަފަށް މަސައްކަތް ޙަވާލުކުރަމުންދާނީ، އޭނާގެ އަތުގައި މިހާރު ހުރި މަސައްކަތްތަކަށް ހޭދަވާނެ ވަގުތަށް ބަލައިގެންނެވެ. މިގޮތަށް ބަދަލުކުރުމުން، އެއް މުވައްޒަފަކަށް ވަކި ތަފާތު އުނދަގޫ، ގިނަ ވަގުތު ނަގާ މައްސަލައެއް ޙަވާލުވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ފަނޑިޔާރު #1 އަށް ދިމާވިކަހަލަ ގޮތެއް ދިމައެއް ނުވާނެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެފައި، އަވަސްކުރެވޭނެއެވެ.

 

މިބަދަލާއެކު، މުވައްޒަފު ހުންނަ ތަނާއި، އުޅޭ ގޮތާއި، ގޮނޑީގައި އިންނަ ވަގުތެއްވެސް އޮފީހުން ބަލާކަށް ނުޖެހޭނެއެވެ. އޭނާއާ ހަވާލުކުރާ 7 ގަޑިއިރުގެ މަސައްކަތް، އެ ނިންމަން އޮންނަ ގަޑިއަށް، ނިންމަން އެއްބަސްވެފައި އޮތް ފެންވަރަށް ނިންމޭނަމަ، އޮފީހުގެ މައްސަލައެއް ނޯންނާނެއެވެ. އޮވެގެންވެސް ނުވާނެއެވެ. އެއީ، މުވައްޒަފަށް ޕީޖީ އޮފީހުން މުސާރަދެނީ އޭނާ ވަކި ތަނެއްގައި ހުރުމަށް، ނުވަތަ ވަކި ތަނަކަށް ދިއުމަށް ކަމަށް ނުވާތީއެވެ. ނަމަވެސް، ވަޒީފާގެ ވާޖިބުތައް ނިޔާކުރާ ގޮތުން، އޭނާ ވަކި ތަނެއްގައި ހުރުން ލާޒިމުވާ ތަންތަނުގައި އޭނާ ހުންނަންޖެހޭނެއެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author