12/25/2023
މިދިޔަ ހަފްތާގައި އަޅުގަނޑު ލިޔުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ކޮރަޕްޝަން ނުހިނގާކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ވާހަކައެކެވެ. މިހަފްތާގައި އޮތީ، އެ ނިޒާމުތަކުގެ ބޭރުން ހިންގާ ކޮރަޕްޝަނެއްގެ ވާހަކައެވެ. މިއީ، ޤާނޫނުގައި އޮތް މާނައިގައި ކޮރަޕްޝަނަކަށް ނުވިޔަސް، އޭގެ ފުޅާ މާނައިގައި ކޮރަޕްޝަނެވެ. ވައްކަމުގެ ޢާއިލާގެ ތެރެއިން އުފެދޭ ކޮރަޕްޓް ޢަމަލެކެވެ.
އަޅުގަނޑު ކޮރަޕްޓް ވެދާނެތޯ؟ ނުވާނަމަ، ނުވާނީ ކީއްވެގެންތޯ؟
މަތީގައި އޮތް މައުޟޫޢުގެ ތަފްޞީލަށް ދިއުމުގެ ކުރިން، އަޅުގަނޑު ކޮރަޕްޓްވުމުގެ ފުރުޞަތު އޮވެދާނެތޯ އުފެދޭ ސުވާލަށް ޖަވާބެއް ދޭން ބޭނުމެވެ. އަޅުގަނޑުގެ ތަރުބިއްޔަތު ހުރީ ކޮރަޕްޓް ޢަމަލުތަކާ އިންތިހާއަށް ދުރުގައެވެ. ވީމާ، ކޮރަޕްޓްނުވުމުގެ ސިފަ މާކުރިން ހުރީ އަށަގެންފައެވެ. މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި އަޅުގަނޑު ކޮރަޕްޓްނުވާނެ ސަބަބަކީ، އަޅުގަނޑުގެ މުޅި ދިރިއުޅުމާއި، ޙަޔާތާއި، އާމްދަނީއާއި، އަޅުގަނޑު ޤަބޫލުކުރާ ހަމަތަކާއި ވެލިއުޒް ނިޔާކުރާ ގޮތުން އަޅުގަނޑު ކޮރަޕްޓްވުމަކީ އަޅުގަނޑުގެ އަމިއްލަ ނަފްސު ޤަބޫލުކުރާ ކަމަކަށް ނުވާނެތީއެވެ. މިމަޤާމުގެ މުއްދަތު ހަމަވުމުން އަޅުގަނޑު އަނެއްކާވެސް އުޅޭނީ އަމިއްލަ މަސައްކަތުގައެވެ. އެމަސައްކަތުގައި އުޅޭއިރު، އަޅުގަނޑުގެ 'އަގު'، މިދާއިރާގައި ތަފާތުވާނެ ހަމައެކަނި ސަބަބަކީ އަޅުގަނޑަކީ ފައިސާއަށް ނުވަތަ އެނޫންވެސް ނުފޫޒަށް "ގަނެވޭ" މީހަކަށް ނުވާނެތީއެވެ. ވިހި އަހަރެއްހައި ދުވަހު ޕަބްލިކް ސަރވިސްގައި އުޅުނުއިރު، ކޮރަޕްޝަންގެ ފެންހިފޭ ތުހުމަތެއްހައި ހިސާބުވެސް ނެތުމަކީ މިދެންނެވި ކަމުގެ ސާފު ހެއްކަކަށް ފުދެއެވެ.
އަޅުގަނޑާމެދު އެކި ސަބަބުތަކާހެދި ހިތްހަމަނުޖެހޭ މީހުން ތަފާތު ވާހަކަ ނުދައްކާ ވާހަކައެއް ނޫނެވެ. ނަމަވެސް، ކޮރަޕްޝަންގެ ސީރިއަސް ތުހުމަތެއް އަޅުގަނޑާ މެދުގައި ނެތްކަން އެއީ ޙަޤީޤަތެކެވެ. އެންމެ ފުރަތަމަ އަޅުގަނޑު ކޮރަޕްޝަންގެ ތުހުމަތެއްގައި ސުވާލުކުރީ 2010 ވަނަ އަހަރު، އޭނާއަށްވުރެ ތަޢުލީމީ ގޮތުން މާރކްސް ގިނަ މީހުން ތިއްބާ، މިހާރުގެ މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު މަޙްފޫޛު ސަޢީދަށް ސްކޮލަރޝިޕެއް ދިންކަމުގެ ތުހުމަތުގައެވެ. އެކަން އެގޮތަށް އޮތީ ހިނގާފައެވެ. ނަމަވެސް، އަޅުގަނޑަށް އޭރު ފެނުނު ތަނުގައި ދައުލަތުގެ ފައިސާއިން ކިޔަވައިދިނުމަށް ސްކޮލަރޝިޕެއް ދިނުމަށް އަލްއުސްތާޛު މަޙްފޫޛު ސަޢީދަކީ އެކަމުގެ ހުނަރާއި ޤާބިލްކަން ހުރި މީހެކެވެ. އެކަން މިހާރު އޮތީ ސާބިތުވެސް ވެފައެވެ. އެމައްސަލައިގައިވެސް ކޮރަޕްޝަނެއް ނެތްކަމަށް ފަހުން އޮތީ ނިންމަވާފައެވެ.
މަޢުލޫމާތާއި މީހުން ވިއްކުން
އެއް އިދާރާއެއްގައި ހުންނަ މަޢުލޫމާތަކަށް، އެކި ގޮތްގޮތަށް ވާޞިލުވެ، އެމަޢުލޫމާތު ބޭނުންކޮށްގެން ކޮރަޕްޓް ޢަމަލުތައް ހިންގުމަކީ ކޮރަޕްޝަންގެ ދާއިރާގައި ޙަރަކާތްތެރިވާ މީހުން ކުރާ ކަމެކެވެ. މިއީ، މަޢުލޫމާތުން "ވައްކަން" ކޮށްގެން، "މީހުން ވިއްކައިގެން" ހިންގާ ކޮރަޕްޝަނެކެވެ.
ޕީޖީ އޮފީހުގައިވެސް މިކަން ހިނގާކަމުގެ މަޢުލޫމާތު އަޅުގަނޑަށް އެކި ގޮތްގޮތަށް ލިބިފައިވެއެވެ. ޕީޖީ އޮފީހުގެ މަސައްކަތްތައް ހަމަޖެހިފައި އޮންނަ ގޮތުން، ކޮންމެ މައްސަލައެއްގައިވެސް ޢާންމު ގޮތެއްގައި ފިޔަވަޅު އަޅާނެ ގޮތްތައް އޮންނާނީ ލިޔެފައެވެ. ވަކި ވަކި މައްސަލަތަކުގައި ތަފާތު ކުދިކުދި ބަދަލުތައް ހުއްޓަސްވެސް، ޢާންމު ގޮތެއްގައި ފިޔަވަޅުތައް އަޅާނެ ގޮތްތައް، އެމަޢުލޫމާތު އެނގޭ މީހަކަށް ހޯދައިގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ނަމަވެސް، މިއީ، މިދާއިރާގައި މަސައްކަތްނުކުރާ މީހަކަށް "ރަނެއް" ފަދަ މަޢުލޫމާތެކެވެ. އޭގެ އަގުވެސް ހުރެއެވެ.
އަޅުގަނޑާ ހަމައަށް މަޢުލޫމާތު އައި ބާވަތެއްގެ މައްސަލައެއްގެ މިސާލެއް ދަންނަވާލާނަމެވެ. މީހެއްގެ އަތުން 15 ގްރާމް ކެނަބިސް ފެނުނު މައްސަލައެއްގައި ފުލުހުން އެމީހާ ބަންދުކުރިއެވެ. އޭނާ ދިފާޢީ ވަކީލެއް ހޯދައިފިއެވެ. ދިފާޢީ ވަކީލާއި ޕީޖީ އޮފީހުގެ އެކި މީސްމީހުންނާ ޢާންމު ދިރިއުޅުމުގެ ތެރެއިން ވާހަކަ ދެކެވޭތީ، އިތުރު ކުށެއްގެ ތުހުމަތެއް ނެތްނަމަ، 15 ގްރާމް މަސްތުވާތަކެތީގެ މައްސަލައެއްގައި 10 ވަރަކަށް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގައި ބަހައްޓަން ޢާންމު ގޮތެއްގައި ނުނިންމާނެކަން ދެނެގަނެވިދާނެއެވެ. ފުލުހުން ބަންދުގައި ބަހައްޓަން އެދުނަސް، ފަނޑިޔާރުވެސް އެމީހަކު އެއަށްވުރެ ގިނަ ދުވަހު ބަންދު ނުކުރާނެކަމާއި، އެނިންމުން އިސްތިއުނާފުކުރުމަށް ފުލުހުން އެދުނަސްވެސް، ޕީޖީ އޮފީހުން އެބާވަތުގެ މައްސަލައެއްގައި އިތުރު ކަންތައްތަކެއް ނެތްނަމަ އިސްތިއުނާފު ނުކުރާނެކަންވެސް އެނގޭނެއެވެ. ހޯދޭނެއެވެ.
މިމިންވަރުގެ މަޢޫލޫމާތު ހުރުމަކީ، އަދި އެ މަޢުލޫމާތު ބޭނުންކުރުމަކީވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ އެމަޢުލޫމާތު ނުރަނގަޅު ގޮތެއްގައި، އެކި މީސްމީހުންނަށް "ވިއްކާތީ" އެވެ. ތުހުމަތުގައި ހުރި މީހާއަށްދޭ މަޢުލޫމާތަކީ، އެމީހާ 10 ދުވަސްތެރޭގައި ބަންދުން ދޫކޮށްލާނެކަމަށާއި، އެކަން ކުރުމަށްޓަކައި، ފަނޑިޔާރަށާއި، ޕީޖީ ވަކީލަށާއި، ޕީޖީ އޮފީހުގެ އެކި ވަރުވަރުގެ ވެރިންނަށް ފައިސާ ދޭންޖެހޭކަމަށްބުނެ، ނުބައި ތަޞައްވަރެއް އުފައްދާތީއެވެ. އެފައިސާ ދައްކާ މީހާއަށް ފެންނަ މަންޒަރަކީ، އޭނާއަށް މަޢުލޫމާތު ލިބުނު ގޮތަށް "ފަނޑިޔާރަށާއި ޕީޖީ ވަކީލަށާއި ޕީޖީ އޮފީހުގެ ވެރިންނަށް ފައިސާ ދިނުމުން" ދިހަ ދުވަސްތެރޭގައި ބަންދުން ދޫވާ ތަނެވެ. ޙަޤީޤަތުގައި، ފަނޑިޔާރަކަށްވެސް، ޕީޖީ ވަކީލަކަށްވެސް، ވެރިއަކަށްވެސް ފައިސާއެއް ނުވެސް ދެއެވެ. ދޭކަށް ނުވެސް ޖެހެއެވެ. އެފައިސާތައް އެއްކޮށް ހޯދީ އެއްކަލަ ކޮރަޕްޓް މީހާއެވެ. މިމައްސަލައިގައި (އަދި އެނޫންވެސް މައްސަލައެއްގައި) ޕީޖީ އޮފީހުގެ ވަކީލަކަށް ނުވަތަ އެނޫންވެސް އޮފިޝަލަކަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެއެވެ. ފައިސާ ދިނަސް، ނުދިނަސް، ނިޒާމު ހަމަޖެހިފައިވާ ގޮތަށް އެމީހާއާމެދު އިންޞާފުން ޢަމަލުކުރެވޭނެކަން ކަށަވަރުކުރާ ނިޒާމުތަކެއް ޕީޖީ އޮފީހުގައި ޤާއިމުކޮށްފައި އެބަހުއްޓެވެ.
ވީމާ، މިގޮތަށް ދިމާވާ މައްސަލަތަކާއި، މިނޫންވެސް މައްސަލައެއްގައި، ޕީޖީ އޮފީހުގެ އެއްވެސް މީހަކަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެއެވެ. އެހެން ނޫނަސް، އެއްވެސް ޕްރޮސިކިއުޓަރަކީ ނުވަތަ ވެރިއަކީ ފައިސާއާ ޙަވާލުވެ، ފައިސާ ނަގަންޖެހޭނެ މީހެއް ނޫނެވެ. ފައިސާއެއް ދައްކަންޖެހޭ ކަމެއް ޕީޖީ އޮފީހުގައި އޮތްނަމަ، އެކަމަކަށް ރިސީޓެއްވެސް ދޭނެއެވެ. ވީމާ، ފައިސާއެއް ދީފިނަމަ، ރިސީޓެއް ދޭން ބުނާށެވެ.
އަޅުގަނޑެއް ކޮރަޕްޓެއް ނުވާނެއެވެ. އަޅުގަނޑުގެ ދަށުން މަސައްކަތްކުރާ މީހަކުވެސް ކޮރަޕްޓްވާންޖެހޭ ސަބަބެއް ނޯންނާނެއެވެ. އަޅުގަނޑުގެ އިލްތިމާސްއަކީ، ޢާންމުން މިކަމަށް ސަމާލުވެ، ޕީޖީ އޮފީހުގެ މީހަކަށް ފައިސާއެއް ދޭންޖެހޭކަމަށް އެއްވެސް މީހަކު ބުނެފިނަމަ، އެމައްސަލައެއް ވީހާވެސް އަވަހަކަށް ސީދާ އަޅުގަނޑަށް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ހުށަހެޅުއްވުމެވެ. އެޝަކުވާ ސީދާ އަޅުގަނޑަށް ފޮނުއްވުމަށް concerns@pgoffice.gov.mv އަށް އީމެއިލް ކުރެއްވުމުން، އަޅުގަނޑަށް އެ އީމެއިލެއް ލިބޭނެއެވެ. އެފަދަ ކަމެއްގެ ސީރިއަސް ތުހުމަތެއް އުފެދިއްޖެނަމަ، އެމީހަކާމެދު ވަގުތުން އަޅުގަނޑު ފިޔަވަޅު އަޅާނަމެވެ. ޕީޖީ އޮފީހަކީ ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ނުހިނގާ، ސާފު އޮފީހަކަށް ހެދުމަށް އަޅުގަނޑު މިކުރާ މަސައްކަތުގައި ޢާންމުންގެ އެހީތެރިކަން އަޅުގަނޑު ނުހަނު ބޭނުމެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author