4/25/2022

އިޖުތިމާޢީ ޚިދުމަތަކީ ދީނީ ވާޖިބެއް. ކުޅުދުއްފުށީ ޖޯލިފަތި

އިންސާނުންނަކީ، އުފެދުމުގައިވެސް، އިޖްތިމާޢީ ބައެކެވެ. "ސޯޝަލް އެނިމަލް" އެކެވެ. އެމީހަކު ދިރިއުޅޭ މުޖްތަމަޢަކަށް ނިސްބަތްވުމުގެ، ވިރާސީ ޝައުޤުވެރިކަމެއް ހުންނަނީ އެހެންވެއެވެ. ހަމަ އެހެންމެ، އެހެން މީހުންނަށް އެހީތެރިވުމުގެ ޝައުޤުވެރިކަންވެސް އުފެދެނީ މިދެންނެވި ޠަބީޢަތުގެ ތެރެއިންނެވެ.


ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ކުޅުދުއްފުށީ ގޮތްޕަކީ، އިޖްތިމާޢީ ގުޅުންތަކަށް އަބަދުވެސް އަހައްމިއްޔަތު ދޭ މުވައްޒަފުންތަކެއް އުޅޭ ގޮތްޕެކެވެ. ވޭތުވެދިޔަ ދެއަހަރު ރަމަޟާންމަހު، ވަކި ތަރުތީބަކުން މަސައްކަތްޕުޅު ކުރައްވައިގެން، ކުޅުދުއްފުށީ ރައްޔިތުންނަށް ހަދިޔާއެއް އެބަދެއްވައެވެ. މިއަހަރުގެ ރަމަޟާން މަހަށް، އެމުވައްޒަފުން ތައްޔާރުކުރީ، ކުޅުދުއްފުށީ ބަނދަރު ސަރަޙައްދުގައި ބަހައްޓާނެ ޖޯލިފައްޗެކެވެ. އެކި އެކި ބޭނުންތަކަށް ކުޅުދުއްފުށީ ސިޓީއަށް ދަތުރުކުރާ މީހުން، ގަހެއްގެ ހިޔަލުގައި މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު މިހާރު އެހުރީ ހަމަޖެހިފައެވެ. ޖޯލިފަތި ވެލްޑިންގކުރުމުން ފެށިގެން، ހަރުކުރުމާ ހަމައަށް، އެމުވައްޒަފުން ޢަމަލީ ގޮތުން މަސައްކަތް ކޮށްފައިވެއެވެ. މިމަސައްކަތް ކުރެއްވީ، ދުވަހުގެ ރަސްމީ މަސައްކަތް ނިންމަވާފަައި ލިބިިވަޑައިގަތް ހުސްވަގުތުގައެވެ. އަޅުގަނޑަށްވެސް އެނގުނީ ޖޯލިފަތީގެ ވީޑިއޯއެއް ފެނުމުންނެވެ. މިއީ، ގޮފީގެ މުވައްޒަފުންގެ ސީއެސްއާރުގެ ދަށުން، އެބޭފުޅުންނަށް އަމިއްލައަށް ފެނިވަޑައިގެން ކުރެއްވި ކަމެކެވެ.

 

މާތްވެގެންވާ އިސްލާމްދީނުގެ އެއް އަސާސަކީ އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމެވެ. އެހީތެރިވުމެވެ. އިޖްތިމާޢީ ޚިދުމަތެވެ. މިކަމަށް އިސްލާމްދީން ބާރު އަޅުއްވައި، އިޖްތިމާޢީ ޚިދުމަތްތެރީންނަށް ހުރި ސަވާބުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ.

 

ރަސޫލުﷲ (ޞ) ގެ ޙަދީޘްފުޅުތަކުގެ ތެރެއިންވެސް އަޅުގަނޑަށް ފެނުނު އެންމެ މޮޅު، އެންމެ އިންޤިލާބީ ޙަދީޘަކީ އީމާންތެރިކަން ފުރިހަމަވާ ގޮތާބެހޭ ގޮތުން އޮތް ޙަދީޘެވެ. އެޙަދީޘްގައި އޮންނަނީ، މީހެއްގެ އީމާންތެރިކަން ފުރިހަމަވާނީ، ތިމާ ބޭނުންވާކަންކަން، ތިމާގެ އަޚާއަށް ބޭނުންވާ ހިސާބުން ކަމަށެވެ. އޭގެ ކުރިން، އެމީހަކީ މުސްލިމެކެވެ. ފުރިހަމަ މުއުމިނެއް ނޫނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުން، މުއުމިނުންނަކީ މުސްލިމުންގެ ތެރެއިން މަތީ ފަންތިއެއްގައިވާ ބައެކެވެ. މަތީގައި އޮތް ޙަދީޘްގައި 'އީމާންތެރިކަން ފުރިހަމަ' ވާ ވާހަކަ އޮތުމުން، މުއުމިނުންގެވެސް ތަފާތު ދަރަޖަ ހުންނަކަމާއި، އެންމެ މަތީ، އަދި އެންމެ ފުރިހަމަ ދަރަޖައަކީ، މިޙަދީޘްގައިވާ ދަރަޖަކަން އެނގެއެވެ.

 

އިސްލާމްދީން ބިނާވެފައި އޮތީ މި ޙަދީޘްގެ މައްޗަށެވެ. ތިމާ ބޭނުންވާ ކަންތައް، ތިމާގެ އަޚާއަށް ހޯދައިދިނުމުގެ މައްޗަށެވެ. ތިމާގެ ދަރިފުޅަށް ލިބޭ ފެންވަރުގެ ތަޢުލީމެއް، ތިމާގެ އަޚާގެ ދަރިފުޅަށްވެސް ލިބެން އެދެންވީއެވެ. ތިމާއަށް ލިބުމަށް އެދޭ އިޖްތިމާޢީ އަދި ޤާނޫނީ ރައްކާތެރިކަން، ތިމާގެ އަޚާއަށްވެސް ލިބެން އެދެންވީއެވެ. ތިމާ، ކުޅުދުއްފުށީ ސިޓީ ބަނދަރުގައި، އަވީގައި ހުންނަން ނޭދޭތީ، އެހެން މީހަކަށްވެސް އެހެން ވުމަށް ނޭދެންވީއެވެ.

 

އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި އޮތީ، "ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ." ޝުކުރު ކުރުމަކީ އަނގައިން ބުނާ ބަހެއް އެކަންޏެއް ނޫނެވެ. ޝުކުރު ކުރުމަކީ، މާތްﷲ ދެއްވި ތަކެތިން ހޭދަކުރުމެވެ. ޢަމަލު ކުރުމެވެ. ހޭދަކުރާނަމަ، އިތުރުކޮށްދެއްވާނެއެވެ.

 

އިސްލާމްދީނުގައި އޮތް އުޞޫލުތައް، މިހާރުގެ ސައިންސުގެ އަލީގައި ކަށަވަރުކޮށްދެއެވެ. ސައިންސްވެރިން ބުނާ ގޮތުން، އެކަކު އަނެކަކަށް އެހީތެރިވެދިނުމަކީ، ތިމާގެ ސިކުނޑީގައި ޑޯޕަމިން އިތުރުކޮށްދޭ ކަމެކެވެ. ޑޯޕަމިނަކީ، ކުރާ ހިތްވާ ކަންކަން ކުރުމުން ލިބޭ އުފާވެރިކަން އުފައްދައިދޭ ހޯމޯނެވެ. މިކަމަކީ، ސައިންސްވެރިން އިއްތިފާޤުވާ ކަމެކެވެ.

 

މިވާހަކަ އަޅުގަނޑު މިލިޔަނީ، އެހެން އިދާރާތަކުން މިކަހަލަ ޚިދުމަތްތައް ނުދޭތީއެއް ނޫނެވެ. ވަރަށް ގިނަ މީހުން، ވަރަށް ގިނަ ގޮތްގޮތަށް އިޖްތިމާޢީ ކަންކަމަށް ހޭދަކުރެއެވެ. އަޅުގަނޑު މިވާހަކަ ލިޔުނީ، މިބާވަތުގެ ކަންކަމަށް ހިތްވަރު ދިނުމުގެ ނިޔަތުގައެވެ. އަޅުގަނޑު ދެކެން ބޭނުންވާ މަންޒަރަކީ، ކޮންމެ ރަށެއްގައިވެސް، އެރަށެއްގައި މަސައްކަތްކުރާ އޮފީހެއްގެ ނުވަތަ އެހެންވެސް ޖަމާޢަތެއްގެ ބަޔަކު، މިކަހަލަ ކުދިކުދި އިޖްތިމާޢީ ޙަރަކާތްތައް ހިންގުމެވެ. އެކަން ކުރެވިއްޖެނަމަ، މުޅި މުޖްތަމަޢުގެ ޙާލަތު އެއްކޮށް، ބޮޑުތަކުން ކުރިއަރައިގެންދާނެތީއެވެ.

 

ޤުރުއާނުގައި އޮންނަނީ، إِن تُبْدُوا۟ ٱلصَّدَقَـٰتِ فَنِعِمَّا هِىَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا ٱلْفُقَرَآءَ فَهُوَ خَيْرٌۭ لَّكُمْ މާނައަކީ، ތިޔަބައިމީހުން، ފާޅުގައި ޞަދަޤާތް ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅުކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ ޞަދަޤާތްތައް ފަޤީރުންނަށްދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. މިއާޔަތުގައި، ފައުޅުގައި ދިނުން ހުއްދަކުރައްވާފައި އޮތުމާއި، ރަސޫލުﷲ (ޞ) އެތައް އެތައް ޞަޙާބީންނެއް (މިގޮތުން، ޢުޘްމާންގެ ފާނުންގެ ޞަދަޤާތުގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ) ކުރެއްވި ޞަދަޤާތްތައް ފާޅުގައި ފެންނަން ހުރުމުން، ފައުޅުގައި ޞަދަޤާތްކުރުމަކީ، އެމަގަށް މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން އިސްލާމް ދީނުގައި ހުއްދަކުރައްވާފައި އޮތް ކަމެއްކަން އެނގެއެވެ. 

  

ޖޯލިފައްޗެއް ހެދުމަކީ، ނިސްބަތުން ކުޑަ ކަމަކަށް ވެދާނެއެވެ. ނަމަވެސް، އެކި އިދާރާތަކުން، ކޮންމެ އިދާރާއަކުން ޖޯލިފައްޗެއް ހަދައިފިނަމަ، ކުޅުދުއްފުށީގައި ދިމާވެފައި އޮތް މައްސަލަ ޙައްލުވާން ނަގާނީ ޖޯލިފަތި ހަދަން ނަގާ ވަގުތެވެ. ޖޯލިފަތި މައްސަލަ ޙައްލުވީމާ، އެހެން ކަމެއް ހޯދިދާނެއެވެ. އެ މަސައްކަތުގެ ތެރޭގައި މުވައްޒަފުންގެ މެދުގައި އެއްބާރުލުން އިތުރުވެ، ރަށުގެ ރައްޔިތުންނަށް ޚިދުމަތެއް ކޮށްދެވި، ޑޯޕަމިން ސިކުނޑީގައި ހިނގައިގަނެ، އެންމެންގެ ހިތަށް އުފާވެރިކަން އިޙުސާސްވެ، އެތައް ގިނަ ގުނަ (ދެމިގެންދާ) ސަވާބު ލިބުމުން، މިކަމުން ގެއްލުމެއްވި ހަމަ އެކަކުވެސް ނެތެވެ. ހައްތާވެސް ފައިދާއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author