8/18/2023
ކްލަބް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިއަހަރު އަލަށް ބާއްވަން ފެށި، ކްލަބް މޯލްޑިވްސް ފުޓުސަލް މުބާރާތުގެ ކްލަސިކް ބައިގެ ފައިނަލަށް، ޕީޖީ އޮފީހުގެ ކްލަބް220 އާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓީމް ޑީޖޭއޭ ދަތުރުކޮށްފިއެވެ. ފައިނަލް އޮތީ 21 އޮގަސްޓު 2023 ވާ ހޯމަ ދުވަހުގެރެއެވެ. ޑީޖޭއޭއާއި ކްލަބް220 އާ ދެމެދު ފުޓްސަލްގައި ތާރީޚެއް އޮތް ދެޓީމެވެ. ފުޓްސަލް މުބާރާތްތަކުގެ ފައިނަލުގައި ޑީޖޭއޭއަތުން ދެފަހަރު ކްލަބް220 އޮތީ ބަލިވެފައެވެ.
މުބާރާތުގެ ގަވާއިދު އޮތް ގޮތުން، ޑީޖޭއޭގެ ޓީމުގައި ހިމެނޭ ޤައުމީ ފެންވަރުގައި ކުޅޭ ކުޅުންތެރިންނަށް މިފަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެވުނެވެ. ނަމަވެސް، ޑީޖޭއޭގެ ޓީމަކީ އަދިވެސް މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމެވެ. އެ ޓީމު ނަގާފައިވަނީ، މުޅި ޖުޑީޝަރީގައި ހިމެނޭ، ހުރިހާ ކޯޓުތަކެއްގައި މަސައްކަތްކުރާ ހުރިހާ ކުޅުންތެރިން އެއްކޮށްލައިގެންނެވެ. އެއީ، ޖުމްލަ 2000 އެއްހައި މުވައްޒަފުންގެ ތެރެއިންނެވެ. އެޓީމުގައި، ހައިކޯޓާއި، ސުޕްރީމް ކޯޓާއި، ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓާއި ދެ މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފުން ހިމެނެއެވެ. މިހުރިހާ ކޯޓުތަކެއްގެ މުވައްޒަފުންނާއެކު، ކޮމްބައިންޑ ޓީމެއް އޮތުމަކީ އަޅުގަނޑު އިންތިހާއަށް އުފާވާކަމެކެވެ. އެއީ، އެ ހުރިހާ ކޯޓުތަކެއްގެ މުވައްޒަފުންނާ ބައްދަލުވެ، އުފާވެރި، ވާދަވެރި މާޙައުލެއްގައި ފުޓްސަލް ކުޅެލައި ހެދުމުގެ ފުރުޞަތު ލިބޭތީއެވެ.
ޕީޖީ އޮފީހުގެ ކުލަބަކީ، އޮފީހުގައި މަސައްކަތްކުރާ، 200 އެއްހައި މުވައްޒަފުންގެ ތެރެއިން، 70% އަންހެން މުވައްޒަފުން ނެގުމުން، ބާކީ އޮތް 60 އެއްހައި މުވައްޒަފުންގެ ތެރެއިން ނަގާފައި އޮތް ނިކަމެތި ޓީމެކެވެ. ވީމާ، ޠަބީޢީ ނަތީޖާއަކީ، ހޯމަ ދުވަހުގެ ފައިނަލް މެޗުގައި ޑީޖޭއޭ ފަސޭހަކަމާއެކު މެޗު ކާމިޔާބުކުރުމެވެ. އެޓީމު މާމޮޅެވެ.
ނަމަވެސް، ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ. ކުޅިވަރުގެ ތެރެއިން ފެންނަ ކަންކަމާމެދު ފުންކޮށް ވިސްނުމުން، އެހެން މަންޒަރެއްވެސް ބައެއްފަހަރު ފެނެއެވެ. ޕީޖީ އޮފީސް ހިމެނޭހެން، ޝަރްޢީ ނިޒާމުގެ އިދާރީ ހިންގުމުގައި އެތައް ގޮންޖެހުމަކާއި މައްސަލަތަކެއް ހުރިކަމީ މީހަކު ދެބަސްވާކަމެއް ނޫނެވެ. އޭގެތެރެއިން ޙައްލުކުރެވެން ހުރި ކަންކަން ޙައްލުކުރުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެކެވެ.
ޝަރްޢީ ނިޒާމުގައި އޮތް އެއް ގޮންޖެހުމަކީ މަސައްކަތް ލަސްވުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގައި މައްސަލައެއް ނިންމުމުގެ ކުރިން، އެމައްސަލައެއްގައި ދެފަރާތުގެ ވަކީލުން ދައްކާފައިވާ ހުރިހާ ވާހަކައެއް ޓައިޕްކުރަންޖެހެއެވެ. އެއަށް ކިޔަނީ މަޙްޟަރު ކުރުމެވެ. އެކަމެއް ނުކޮށް، މައްސަލައެއް ނުނިންމޭނެކަމަށް، ކަމާބެހޭ ގަވާއިދުތަކުގައި އޮވެއެވެ. ކޮންމެ ދުވަހަކު މައްސަލަ ހިންގަމުން، ޝަރީޢަތްތައް ރެކޯޑުކުރަމުން، އެޝަރީޢަތެއްގައި ދައްކާ ވާހަކަތައް ޓައިޕްކުރުމަކީ، އެ ކޯޓެއްގެ މުވައްޒަފުންނަށް ކުރެވޭ ކަމެއް ނޫނެވެ. ދުވަހެއްގައި މަސައްކަތްކުރަން ލިބިފައިވާ ވަގުތަށްވުރެ އެތައް ގިނަ ވަގުތެއް އެކަމަށް ހޭދަވާތީ، ގިނަ މައްސަލަ ހުށަހެޅޭ ކޯޓުތަކުގައި، މަޙްޟަރު ބަޔާން ޓައިޕްކުރަންޖެހޭ އެތައްއެތައް ބަޔާނެއްގެ ބެކްލޮގެއް އޮވެއެވެ.
ނަމަވެސް، ބައެއް ރާއްޖޭގެ ހުރިހާ ކޯޓުތަކަކީ އެއްވަރަށް މައްސަލަ ހުށަހެޅޭ ކޯޓުތަކެއް ނޫނެވެ. މިސާލަކަށް،އަރިއަތޮޅު އުތުރު ބުރިއާއި، ފެލިދެއަތޮޅާއި މުލަކަތޮޅުގައި މާރިޗް އިން ޖޫންއަށް، ޖިނާއީ މައްސަލަތައް ޝެޑިއުލްކޮށް ހިންގާފައިވާ ގޮތަށް، ޕީޖީ އޮފީހުގެ ސްޓެޓިސްޓިކްސް ވެބްސައިޓުން ބެލިއިރު، ޝެޑިއުލް ކުރެވިފައި އޮތީ އަރިއަތޮޅު އުތުރު ބުރީގައި 10 މައްސަލަ، ފެލިދެއަތޮޅުގައި 12 މައްސަލައާއި މުލަކަތޮޅުގައި 14 މައްސަލައެވެ. އެއީ، ތިން އަތޮޅުގެ ހުރިހާ ރަށަކަށް، 5 މަހު، ޖުމްލަ 36 މައްސަލައެވެ. ކްރިމިނަލް ކޯޓުގައި ހަމައެކަނި މާރިޗު މަހު 340 މައްސަލަ ޝެޑިއުލް ކުރެއްވިއެވެ. އަޅުގަނޑުވެސް އެއްބަހެވެ. މެޖިސްޓްރޭޓް ކޯޓުތަކުން ބައްލަވާނީ ހަމައެކަނި ޖިނާއީ މައްސަލައެއް ނޫނެވެ. އެތައް ހާސް ޢާއިލީ މައްސަލަތަކާއި މަދަނީ މައްސަލަތައްވެސް ބައްލަވާނެއެވެ. ނަމަވެސް، މާލޭގެ ކްރިމިނަލް ކޯޓުން ނުލިޔެވި ބެކްލޮގުގައި ހުރި މަޙްޞަރު ބަޔާންތައް، މިދެންނެވި ތިން އަތޮޅުގެ ކޯޓުތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަގުތު ވީ ވަރަކުން ލިޔުއްވައި ދެއްވައިފިނަމަ، ކްރިމިނަލް ކޯޓުގެ މަސައްކަތަށްވެސް ލުއި ލިބޭނެއެވެ. މައްސަލަތައް އަވަސްވެސްވާނެއެވެ. ރޯޝަންކަން ލިބޭނީ މުޅި ޖުޑީޝަރީއަށާއި ދިވެހި ރާއްޖޭގެ ރައްޔިތުންނަށެވެ.
ޑީޖޭއޭ ފުޓްސަލް ޓީމުގައި ހިމެނޭ ކްރިމިނަލް ކޯޓުގެ މުވައްޒަފު އަތުން ނައްޓައިގެންދާ ބޯޅަ، މަތަކުރުމަށް، ގޯލް ކީޕަރަކަށް ހުރި އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ގޯލް ކީޕަރަކަށް މައްސަލައަކަށް ނުވާގޮތަށް، ކްރިމިނަލް ކޯޓުގެ ހަމަ އެމުވައްޒަފަށް ނުލިޔެވިގެން ބެކްލޮގްވާ މަޚްޞަރު ބަޔާންވެސް ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ގޯލް ކީޕަރު ލިޔެދެއްވުމަކީވެސް ކުރެއްވިދާނެ ކަމެކެވެ.
ޖުޑީޝަރީގައި އައިޓީގެ މަސައްކަތް ކުރައްވަން، މަދު ކޯޓުތަކެއްގައި މުވައްޒަފުން ތިއްބަވައެވެ. އެމުވައްޒަފަކު ހުންނެވި ކޯޓެއްގައި އައިޓީ މައްސަލައެއް ނުޖެހޭ ދުވަހެއްގައި، އެފަދަ މައްސަލައެއް ޖެހިގެން އުޅޭ، ރާއްޖޭގެ އެހެން ކޯޓަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވުމަކީވެސް ކުރެއްވިދާނެ ކަމެކެވެ. ކޮންމެވެސް ގޮތަކަށް އެކަން ހިނގާވެސްމެއެވެ. އެފަދަ އެހީތެރިކަން ފޯރުކޮށްދެވޭނެ ރަސްމީ ނިޒާމެއްވެސް ޑީޖޭއޭއަށް އެކުލަވާލެވިދާނެއެވެ. މިސާލަކަށް، ޑީޖޭއޭގައި އޮތް އައިޓީ ޓީމުގެ ބެއްލެވުމުގެ ދަށުން، ތަފާތު އެކި މަސައްކަތްތައް، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިއްބެވި އެކި ފަންނީ މުވައްޒަފުންނާ ޙަވާލުކުރައްވައިގެން ކުރެއްވިވެސްދާނެއެވެ.
ޖުޑީޝަރީގައި އޮތް އިންސާނީ ވަޞީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކޮށްގެން ފުޓްސަލް ކުޅެވޭގޮތަށް، މަސައްކަތުގައިވެސް ހަމަ އެ ވަޞީލަތްތައް ބޭނުންކުރެވިދާނެއެވެ. ޑީޖޭއޭގެ ޓީމަށް ފުޓްސަލް ކުޅުމަށް މުވައްޒަފުން ދޫކުރުމަށް، ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ޤާނޫނީ މައްސަލައެއް ނުފެންނަގޮތަށް، އިދާރީ މަސައްކަތެއްގައި އެހެން ކޯޓަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުން އެއީ ޤާނޫނީ ގޮތުން މައްސަލައެއް އޮތްކަމެއް ކަމަކަށް ނުވާނެއެވެ.
ފުޓްސަލް ކުޅުމަށް، ރަސްމީ ގަޑިން ބޭރުގައި، ހިލޭ ސާބަހަށް ކުޅެދީފައި، ރަސްމީ އޮފީހުގެ ވަގުތުގައި، މުޅި ޖުޑީޝަރީގެ ރަސްމީ މަސައްކަތެއްގެ ގޮތުގައި އޮތް (ކްރިމިނަލް ކޯޓުގެ ބެކްލޮގުގައި ހުރި) މަޙްޟަރު ބަޔާންތައް، އެހެން ކޯޓެއްގެ މުވައްޒަފަކު ކުރާނަމަ، އަގަކަށް ނޫނީ ނުކުރެވޭނެ ކަމަށް ބުނާ ބުނުންވެސް ބަދަލުވުމުގެ ކޮޅުމަތި މިހާރު އެބަ ފެނެއެވެ. ހައްތާވެސް ކުޅިވަރުގެ ތެރެއިން ފެންނަ އީޖާބީ ކަންކަމެވެ.
ފުޓްސަލް މުބާރާތް ހޯމަ ދުވަހު ނިމިގެންދާއިރު، އަޅުގަނޑު އުއްމީދުކުރަނީ ކްލަބް220 އަށް މިފަހަރު ކާމިޔާބުވާނެކަމަށެވެ. އަލަށް، ތައްޓެއް ލިބޭނެ ކަމަށެވެ. ނަމަވެސް، ޙަޤީޤީ ކާމިޔާބަކަށްވާނީ، ފުޓްސަލް ކުޅުމުގައި ޖުޑީޝަރީގެ އިންސާނީ ވަޞީލަތްތައް، އެއްކޯޓު އަނެއް ކޯޓާ ހިއްސާކުރާ ގޮތް، ޖުޑީޝަރީގެ ރަސްމީ މަސައްކަތުގައިވެސް އެމަގަށް އެކަން ހިނގައިގެންނެވެ. ކްލަބް މޯލްޑިވްސްގެ އޯގަނައިޒޭޝަން ކޮމިޓީން ދައްކުވައިދިނީ، މިއީ ކުރެވިދާނެ ކަމެއްކަމެވެ! އެކަމަށްޓަކައި، މުބާރާތުގެ ކޮމިޓީއަށް އަޅުގަނޑުގެ ހިތުގައި އޮތީ ހިފެހެއްޓުމެއްނެތް ލޯތްބާއި، ޝުކުރާއި އައްސަރިބަހެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author