5/1/2023

ޗެކަކީ ފައިސާއަށް ބަދަލުކުރެވޭ ގޮތަށް ގެންގުޅޭ ލިޔުމެއް. ގެރެންޓީއެއް ނޫން!

ބޭންކުން ދޫކުރާ ޗެކު، ދިވެހިރާއްޖޭގައި ޤާނޫނަކުން ތަރުތީބު ކުރެވުނުތާ މިހާރު 28 އަހަރު ވެއްޖެއެވެ. ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގައި، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުންތަކަކީ ބިލް އޮފް އެކްސްޗޭންޖާއި ޕްރޮމިސަރީ ނޯޓާއި ޗެކުކަމަށް ލިޔެފައިވެއެވެ. މިޤާނޫނުގައި، ޗެކުގެ ޙަޤީޤީ ބޭނުމަކީ ކޮބައިކަމާއި، ޗެކާ ގުޅިގެން ޢަމަލުކުރަންޖެހޭ ގޮތްތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޗެކަކީ ގެރެންޓީއެއްގެ ގޮތުގައި ދޫކުރާ އެއްޗެއް ނޫނެވެ!

ތާރީޚު

ދުނިޔޭގައި އެންމެ ފުރަތަމަ ފައިސާ ތަނެއްގައި ޑިޕޮޒިޓް ކުރަންފެށީ 7 ވަނަ ޤަރުނުގައި ޗައިނާގައި، ޓަންގް / ސޮންގ ޑައިނަސްޓީގައެވެ. އެއީ، އެޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައި ލޮއިން ހަދާފައި ހުރި ކޮއިންތައް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހުރި ތުރާލާއި ދައްޗާއި ނުރައްކަލުން ސަލާމަތްވުމަށްޓަކައެވެ. ފައިސާ ހިފައިގެން ދަތުރުކުރުމުގެ ބަދަލުގައި، ރައްކާތެރިތަނެއްގައި ބެހެއްޓުމަށްފަހު، ފައިސާ ލިބެންޖެހޭ މީހާއަށް ފައިސާ ދޫކުރުމަށް، ފައިސާ ރައްކާކުރެވިފައިވާ ތަނުގެ މީހާއަށް އަންގަނީއެވެ. މިއީ، ބޭންކު ވިޔަފާރީގެ އެއް ފެށުމެވެ.

 

އިނގިރޭސި ދާޚިލީ ހަނގުރާމަ (1642-1651) ދުވަސްވަރު ދަނގަޑުތަޅާ (ގޯލްޑްސްމިތު) އަތުގައި ހުންނަ ތިޖޫރީތަކަކީ، ފައިސާއާއި ގަހަނާއާއި ރަން، ރައްކާކުރުމަށް ރައްކާތެރިތަނެއް ކަމުގައި ބެލެވުނެވެ. އެގޮތަށް، ދަނގަޑުތަޅާ މީހުންގެ ތިޖޫރީގައި ފައިސާ ބެހެއްޓުމަށްފަހު، އަމިއްލައަށް ފަހުން އެފައިސާ ނަގައެވެ. މިމުޢާމަލާތުގެ ތެރެއިން ޗެކު އުފެދިގެން އައެވެ. އެއީ، ތިމާ ބަހައްޓާފައި ހުރި ފައިސާ، އެހެން މީހަކަށް ދޭން ބޭނުންނަމަ، ގޯލްޑްސްމިތަށް ދޫކުރާ ލިޔުމެއް (ޗެކު) ގެ ޒަރީޢާއިން، ވަކި މީހަކަށް ވަކި ވަރަކަށް ފައިސާ ދިނުމަށް އަމުރުކޮށްގެންނެވެ. އެންމެ ފުރަތަމަ ޗެކު ފޮތެއް ދޫކުރީ 1830 ގައި، ބޭންކް އޮފް އިންގްލޭންޑުންނެވެ.

 

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޗެކާއި ޗެކު ބައުންސްވުން

ދިވެހިރާއްޖޭގެ ޤާނޫނުގައި، ""ޗެކް" އަކީ، ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާން ކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހަކަށް، އެ ހިފައިގެން ދިއުމުން، ޝަރްޠަކާނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެކެވެ." ވީމާ، މީހަކު އޭނާގެ އެކައުންޓަކުން ނެގޭ ގޮތަށް ދޫކުރާ ޗެކަކީ އޭނާ، ބޭންކަށް ކުރާ އަމުރެކެވެ. ބޭންކުން، އެ އަމުރަށް ތަބާވާންޖެހެއެވެ.


ޗެކު ބައުންސްވުން

އެކައުންޓުގެ ވެރިފަރާތުން ދޫކުރާ ޗެކަކީ ބޭންކަށް ކުރާ އަމުރެކެވެ. އެ އަމުރަށް ބޭންކުން ތަބާވާން ނުޖެހޭ ޙާލަތުތަކެއް ހުރެއެވެ. އޭގެ ތެރޭގައި، ޕޯސްޓްޑޭޓެޑް ޗެކެއް ބޭންކަށް ހުށަހެޅުނުއިރު އެ ޗެކްގައިވާ ތާރީޚު އައިސްފައިނުވުމާއި، ޗެކް ދުވަސް ހަމަވެފައިވުމާއި، އެކައުންޓުގައި ޗެކްގައިވާ ވަރަށް ފައިސާ ނެތުމާއި، ޗެކް ދޫކުރި ފަރާތުގެ ސޮއިކަމަށް ބޭންކަށް އެނގިފައި އޮންނަ ސޮޔާއި ޗެކްގައިވާ ސޮއި ނުވައްތަރުވުމާއި، ޗެކްގެ ޞައްޙަކަމާމެދު ޝައްކު އުފެދުން ހިމެނެއެވެ.

 

މިކަންތައްތަކުގެ ތެރެއިން، ޖިނާއީ ކުށަކަށްވަނީ، ޗެކެއް ދޫކުރުމަށްފަހު، އެޗެކުގައިވާ ޢަދަދަށް ފައިސާ އެކައުންޓުގައި ނެތިގެން ފައިސާ ނުދެވޭ ޙާލަތެއް މެދުވެރިވުމުންނެވެ. މިކަން، ޖިނާއީ ކުށަކަށް ހަދަންޖެހެނީ ޗެކުގެ އިތުބާރު ދެމެހެއްޓުމަށެވެ.

 

ޗެކު ބޭނުންކޮށްގެން ކުރާ ވިޔަފާރި

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޗެކުގެ ބޭނުން ސާފުކޮށް ލިޔެފައި އޮތަސްވެސް، ޗެކުގެ ބޭނުންކޮށްގެން ތަފާތު އެކި ބާވަތްތަކުގެ، (ބައެއް ފަހަރު ޤާނޫނާ ޚިލާފު) ވިޔަފާރިތައް ކުރާ މީހުން މިރާއްޖޭގައި އުޅެއެވެ. އޭގެ އެންމެ ސާފު މިސާލަކީ ލޯނުގެ ވިޔަފާރިއެވެ. އަމިއްލަ މީހުން، މީސްމީހުންނަށް ލޯނު ދިނުމަށްފަހު، ފައިސާ އަނބުރާ ދެއްކުމުގެ "ގެރެންޓީއެއް" ގެ ގޮތުގައި، ޑޭޓަޑް ޗެކް ހޯދައެވެ. ބައެއް ފަހަރު، ޑޭޓަޑް ޗެކުގެ ގޮތުގައި، އަޞްލު ޕްރިންސިޕަލް ލޯނުގެ ޢަދަދަށްވުރެ އިތުރަށް، ރިބާގެ ގޮތުގައި ނަގާ ބައެއްވެސް ހިމެނެއެވެ. މި 'ވިޔަފާރި' ޤާނޫނާ ޚިލާފުވާ ގޮތަކީ، އެކަމުގައި ފައުޅުވެގެންވާ ރިބާ ހިމެނޭތީއާއި، ލޯނު ދޫކުރުމާބެހޭ ވިޔަފާރި ކުރުމަކީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް އެކަނި ހުއްދަ އޮންނަ ކަމަކަށްވާތީއެވެ. ޤާނޫނާ ޚިލާފު މި "ވިޔަފާރީ" ގެ ސަބަބުން އިޖްތިމާޢީ ގޮތުންނާއި އިޤްޠިޞާދީ ގޮތުން ކުރިމަތިވާ ގެއްލުންތައްވެސް އިންތިހާއަށް ބޮޑެވެ.

 

ލޯނުގެ ވިޔަފާރިކުރާ ޢާންމުންގެ މީހުން، އެމީހުންގެ އެންފޯސްމަންޓް ޕޮލިސީއެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ދައުލަތުގެ ޖިނާއީ ޢަދުލުގެ ނިޒާމެވެ. އެއީ، ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އަނބުރާ ނުދައްކައިފިނަމަ، ޑޭޓަޑް ޗެކުތައް ބޭންކަށް ހުށަހަޅައި، އެޗެކު ބައުންސްކޮށް، އެފައިސާ ހޯދުމުގެ ކަންތައް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ވައްދަނީއެވެ. އޭރުގެ ޕްރޮސިކިއުޝަން ސިޔާސަތު އޮތް ގޮތުން، ޗެކް ބައުންސް މައްސަލައެއް ކޯޓަށް ހުށަހެޅިފައި އޮތަސް، ފައިސާ ދައްކައިފިނަމަ، ދައުވާ އަނބުރާ ގެނެއެވެ. ވީމާ، ލޯނުދޭ މީހާ، ދައުލަތުގެ ނިޒާމު ބޭނުންކޮށްގެން، އޭނާއަށް ލިބެންޖެހޭ ފައިސާއާއި ލިބެން ނުޖެހޭ ފައިސާވެސް ދިޔައީ ހޯދަމުންނެވެ. އެބާވަތުގެ ބައެއް އޮޕަރޭޝަންތަކުން، ޖިނާއީ ޢަދުލުގެ ނިޒާމާ މުޢާމަލާތުކުރަން ވަކި މީހުން ކަނޑައަޅާފައިވެސް ހުރެއެވެ. އަޅުގަނޑުގެ ދައުރުގައިވެސް، އޭގެ ބައެއް މީހުންނާ ބައްދަލުވެފައިވެއެވެ. އެއިން، ދެތިން މީހަކު ދާދިފަހުން ނިޔާވެސް ވެއްޖެއެވެ. ކޯޓުތަކުގައި ހިނގި މިބާވަތުގެ އެއް މައްސަލައަކީ، ސުޕްރީމް ކޯޓުގައި ހިނގި އޯނަސް ޕްރައިވެޓް ލިމިޓެޑް ހިމެނޭ 3 މައްސަލައެވެ.

 

އަމިއްލަ މީހުން ހިންގާ ލޯނު ދޫކުރުމުގެ މުޢާމަލާތްތަކުގެ ތެރޭގައި، ދައުލަތުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކަންތައް މިހާރު ވާނީ ހަމައަކަށް އަޅުވައިފައެވެ. ޕްރޮސިކިއުޝަން ސިޔާސަތަށް ގެނައި ބަދަލަކާއެކު، ޗެކް ބައުންސް މައްސަލައެއްގައި ފައުޅުކަން ބޮޑު ގޮތެއްގައި ރިބާ ހިމެނޭނަމަ، ދައުވާ ކުރުމާމެދު އަލުން ވިސްނާނެއެވެ. އެމުޢާމަލާތަކީ ޤާނޫނީ ޚިލާފު މުޢާމަލާތެއްނަމަވެސް ދައުވާ ކުރުމާމެދު ދެވަނަ ވިސްނުމަކަށްދާނެއެވެ. އަދި، ދައުވާއެއް ކުރުމަށްފަހު، ފައިސާ ދެއްކިއަސްވެސް، އެދައުވާ ކުރިއަށްދާނެއެވެ.

 

މިބަދަލުތަކާއެކު، ލޯން ދޫކުރާ އަމިއްލަ މީހުންގެ 'ވިޔަފާރި' ތަކަށް ކޮންމެވެސް ވަރެއްގެ ހުރަހެއް ކުރިމަތިވާނެއެވެ. ނަމަވެސް، އެކަން އެއްކޮށް ނިމުމަކަށް ނުގެނެވޭނެއެވެ. އެ 'ވިޔަފާރި' ތައް ނިމުމަކަށް ގެނެވޭނީ، ޗެކު ބޭނުންކުރުން އެކީ އެކައްޗަކަށް ހުއްޓުމަކަށް ގެނެވިގެންނެވެ. ދިވެހިރާއްޖޭގައި އޮންލައިން ބޭންކިންގގެ ޚިދުމަތް ތަރައްޤީވެފައިވާ ގޮތަށް ބަލާއިރު، ޗެކާއި ނަގުދު ފައިސާއިން ކުރެވޭ މުޢާމަލާތްތައް މަދުކުރެވިދާނެއެވެ. އޭރުން، ޖިނާއީ ކުށުގެ ޢަމަލުތަކުގައި ޙަރަކާތްތެރިވާ މީހުންގެ މުޢާމަލާތުތައް މޮނިޓަރކޮށް، ތަޙުޤީޤުކުރަންވެސް އިންތިހާއަށް ފަސޭހަވެގެންދާނެއެވެ.

 

ޗެކުން ކުރާ މުޢާމަލާތުތަކުގައި ޖިނާއީ ކުށެއް އަދި ނުހިމެނުނަސް، ޗެކު ބޭނުންކުރުމާބެހޭ ގޮތުން ޤާނޫނުގައި އޮތް ހަމަތަކުން ބޭރުގައި ޗެކު ބޭނުން ކުރުމަކީ އެކަމުގެ ގެއްލުން އެތައް ބަޔަކަށް ލިބޭކަމެކެވެ. ޢުމްރާ ގްރޫޕުން ދައްކަންޖެހޭ އެތައް ލައްކަ ޑޮލަރެއްގެ ފައިސާ ނުދެއްކިއެވެ. އެގްރޫޕުން ބުނަނީ، ޗެކަކީ "ގެރެންޓީއެއްގެ ގޮތުގައި ދޫކުރި" އެއްޗެއް ކަމަށެވެ. މިއީ، ޤާނޫނީ ގޮތުން ހަމަޖެހޭ ވާހަކައެއް ނޫނެވެ. ޗެކުގެ ބޭނުމެއްވެސް ނޫނެވެ. ނަމަވެސް، މިދެންނެވި "ގެރެންޓީ ޗެކަށް" ފައިސާ ނުލިބި، އެކަމުގެ ތެރެއަށް ދައުލަތުގެ އިދާރާތަކުން ވަންނަންޖެހި، އެތައް ބަޔަކަށް ނުތަނަވަސްކަން ލިބިފައިވެއެވެ. މިކަންކަމަކީ، ޤާނޫނީ ގޮތުން (އިތުރު ޤާނޫނެއް ހެދުމަކާނުލައިވެސް) މިހާރުން މިހާރަށް ޙައްލުކުރެވެން ހުރި ކަންކަމެވެ. ޗެކާގުޅޭ ސިޔާސަތުތަކުގެ ޒަރީޢާއިންނެވެ. 



____

ފޮޓޯ: ދުވަސް.އެމް.ވީ

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author