11/28/2022

ކުޑަކުދިން ލައްވާ ކުށްކުރުވުމަކީ ކުށެއް!

2022 ޖޫން މަހު، އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި މާރާމާރީގެ ހާދިސާއެއްގައި، މީހަކު ނިޔާވެފައިވެއެވެ. މިމައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުން ކުރެއްވި މަސައްކަތަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވިއެވެ. ތުހުމަތުކުރެވޭ މީހުންގެ ފަރާތުންނާއި، އެމީސްމީހުންނާ ގުޅިފައިވާ މީހުންގެ ފަރާތުންނާއި މަދުން ނަމަވެސް، ދިފާޢީ ވަކީލުންގެ ފަރާތުންވެސްމެއެވެ.

 

މައްސަލައިގެ ތަޙްޤީޤުގެ އެކި މަރްޙަލާތަކުގައި ފުލުހުންނާއެކު ޕްރޮސިކިއުޓަރުން މަސައްކަތް ކުރެއްވިއެވެ. ބައެއް ނިންމުންތައް ނިންމުމުގައި އަޅުގަނޑާވެސް މަޝްވަރާ ކުރެއްވިއެވެ. މިމައްސަލައިގެ ތެރެއިން ކަށަވަރުވި ކަމަކީ، ކުށްކުރާ ޖަމާޢަތްތަކުން ކުށްކުރުމުގައި، ޤަޞްދުގައި ކުޑަކުދިން ބޭނުންކުރާކަމެވެ. އެކުދިން ލައްވާ ކުށްކުރުވުމަށްފަހު، ދިފާޢުގައި ހެކި އުފެއްދޭގޮތަށް ޙަރަކާތްތައް ހިންގާފައިވާކަމެވެ. މިސާލަކަށް، އެކުދިން ލައްވާ ކުށްކުރުވި ވަގުތު، އެހެން ތަނެއްގައި ތިބިކަން ދެއްކުމަށްޓަކައި، ވަކި ރޭވުމެއްގެ ތެރެއިން، ކުށުގެ މާޙައުލު ނޫން އެހެން ތަނެއްގައި އުޅެ، އެތަނުގައި އުޅުނުކަން އެކި މީސްމީހުންނަށް އެންގުމަށް، މިކަމުގައި ހިމެނޭ ބޮޑެތި މީހުން މަސައްކަތް ކޮށްފައިވެއެވެ. އެމީހުން އެކަން ކުރީ އެގޮތަށްކަން، އެބޭނުމުގައިކަން، ތަޙްޤީޤަށް އޮތީ ހޯދިފައެވެ. ވީމާ، އެކަމަކީ ޝަރީޢަތުގައި ފަސޭހައިން ކިޔައިދެވޭގޮތަށް ހެކި ހޯދިފައިވާ ކަމެކެވެ.

 

މިމައްސަލައިގައި މުހިންމު ނިންމުންތަކެއް ނިންމުމަށްފަހު، މިކަމުގައި ހިމެނޭ ބޮޑެތި މީހުންގެ ތެރެއިން 7 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ވާނީ މައްސަލަ ހުށަހަޅާފައެވެ.

 

ޖިނާއީ ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުމަކީ ކުށެއް!

ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 122 ވަނަ މާއްދާ (ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށް) ގައި އޮތީ، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމަކީ ކުށެއް ކަމަށެވެ. ހަމަ އެމާއްދާގައި، ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓްކުރުމަކީ ނުވަތަ ގްރޫމް ކުރުމަކީ ކުށެއްކަމަށްވެސް އޮވެއެވެ. އެކުށުގެ އަދަބަކީ 3 އަހަރު ދުވަހަށް ޖަލަށްލުމެވެ. އެކުށްކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި (މިސާލަކަށް، ކުއްޖާގެ ބޭބެ، ނުވަތަ ޅިޔަނު ނުވަތަ އެނޫންވެސް ގާތްތިމާގެ މީހެއްނަމަ) އެކުށުގެ އަދަބަކީ 5 އަހަރު ދުވަހަށް ޖަލަށްލުމެވެ. މިކުށަކީ އަދި ޖިންސީ ޢަމަލެއް ހިންގުމަށް ގްރޫމް ކުރުމުގެ ކުށެއް ނޫނެވެ. އެކުށް އޮތީ، އެއާ ޖެހިގެން އޮތް މާއްދާގައެވެ.

 

މިމައްސަލައިގައި ހިމެނޭ 6 މީހެއްގެ މައްޗަށް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ 8 ދައުވާއެއް، ވަކިވަކިން، ހެއްކާއެކު އެބަ ހުށަހަޅަމެވެ. އެއިން ކޮންމެ ކުށެއް ވަކިން ސާބިތުކުރެވޭނެއެވެ. އެދައުވާތަކަށް، ޖުމްލަ 24 އަހަރުގެ ޖަލު ޙުކުމެއް އައުމުގެ ފުރުޞަތު އެބައޮތެވެ. ބާކީ ހުރި މީހާގެ މައްޗަށްވެސް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ 4 ދައުވާއެއް، ވަކިވަކިން އެބަ ހުށަހަޅަމެވެ.

 

މިދައުވާތަކުގެ އިތުރުން، 2 މީހެއްގެ މައްޗަށް، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، 5 މީހެއްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާވެސް ހުށަހަޅާފައިވާނެއެވެ.

 

މިމައްސަލައަކީ، މިޤާނޫނުގެ ދަށުން، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުދިން ބޭނުންކުރުމުގެ ކުށުގެ ދައުވާ، އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅުނު މައްސަލައެވެ. މިއީ އަދި ފެށުމެކެވެ. ކުށްކުރާ ޖަމާޢަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެކެވެ. އައްޑޫގައި، ނުވަތަ އެނޫން ރަށެއްގައި ވިޔަސް، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަށް ވަކިން ދައުވާ ކުރެވޭނެއެވެ. ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުންނެވެ.


މައްސަލައިގެ ޝަރީޢަތް އަވަސްކުރުން

މިމައްސަލައިގެ ތަޙްޤީޤު ހިނގައިދިޔަ ގޮތަށް ބެލިއިރު، ތަޙްޤީޤަށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވަން، ކުށުގެ ތުހުމަތު ކުރެވޭ މީހުން މަސައްކަތް ކޮށްފައިވާކަން އެނގެއެވެ. ނަމަވެސް، އެމަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. ފުލުހުން ތިއްބެވީ އެއް ފިޔަވަޅު ކުރީގައެވެ.


މިމައްސަލައިގައި ހާދިސާ ހިނގައިފައިވާ ގޮތަށާއި، ތުހުމަތު ކުރެވޭ މީހުން މިޢަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު، މިމީހުންނަކީ، މުޖްތަމަޢަށް އިންތިހާއަށް ނުރައްކާތެރި ބައެއްކަމަށް ޤަބޫލުކުރެވޭތީ، އެމީހުން މިހާރުވެސް ތިބީ، ކޯޓު އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.


ނަމަވެސް، ޙުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުގައި ބެހެއްޓުމަށްވުރެ މުހިންމު ކަމަކީ، މިމައްސަލައިގެ ޝަރީޢަތް އަވަހަށް ނިންމުމެވެ. ތަފާސްހިސާބު ދައްކާ ގޮތުން، މައްސަލަ އަވަހަށް ނިމުމާ، މައްސަލައިގެ ހެކިންގެ ހެކިބަސް ލިބުމާ ސީދާ ޕޮޒިޓިވް ގުޅުމެއް އޮވެއެވެ. ޙާދިސާ ހިނގިތަން ދުށް މީހުންނާއި ޢާންމުންގެ ތެރެއިން ހެކިބަސްދޭ މީހުން، ހެކިބަސްދީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުރެއެވެ. އެކަމަކީ، އިޖްތިމާޢީ ޒިންމާއެއްކަމަށް މީހުން ބަލައިގަނެއެވެ. ނަމަވެސް، އެއީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަން ކުރެވޭނަމައެވެ. ޙާދިސާ ހިނގިތާ 2 ނުވަތަ 3 އަހަރު ފަހުން ހެކިބަސްދޭން ކޯޓަށް ޙާޟިރުވާނެ މީހުން ދާނީ މަދުވަމުންނެވެ. ދާދިފަހުން ހިނގައިދިޔަ އުދައްޔު މަރުގެ މައްސަލައިގެ ޝަރީޢަތްތައްވެސް އަވަހަށް ކުރިއަށް ގެންދެވުމުގެ ސަބަބުން، އެމައްސަލައިގެ ހެކިބަސް ދޭންތިބި މީހުންގެ ފަރާތުން ކޯޓަށް އެއްބާރުލުން ލިބިފައިވެއެވެ.

 

މިމައްސަލައިގެ، ކޮންޓިނިއުއަސް ހިއަރިންގ ތަކެއްގެ ޒަރީޢާއިން ވިޔަސް، މައްސަލަ އަވަހަށް ނިންމުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގައި މުޖްތަމަޢުގެ މަޞްލަޙަތާއި ދައުވާ ލިބޭ މީހުންގެ މަޞްލަޙަތުވެސް ހިމެނޭ ކަމެކެވެ. މިމަގަށް މަސައްކަތް ކޮށްދެއްވުން އެދި، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއްވެސް ފޮނުވާފައި އޮންނާނެއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author