9/24/2022
ޖިނާއީ ޢަދުލުގެ ނިޒާމެއް ތަރުތީބުވެގެން ހިންގުމުގެ އަސާސީ އެއް ބޭނުމަކީ، ކުށުގެ ޢަމަލެއް ހިނގުމުން، އެކަމާމެދު ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާނެ ގޮތް ސާފުކޮށް، ދުރާލާ ބަޔާންކޮށްދިނުމެވެ. ޤާނޫނުން ކަނޑައަޅާ ކަށަވަރުކަން އޮތުމެވެ. ކުށްކުރާ މީހުންނަށާއި، ކުށުގެ ޝިކާރައަކަށްވާ މީހުންނާއި ޤާނޫނު ތަންފީޒުކުރާ މީހުންނަށްވެސް، އެ ސަރޓިންޓީ ދިނުމެވެ. މިކަން ތަންފީޒުކުރާ އެއް ގޮތަކީ، އެއް ބާވަތެއްގެ ކުށްކުރާ މީހުންނަށް އެއް މިންވަރެއްގެ އަދަބެއް ދިނުމާއި، ކުށުގެ ނުރައްކާތެރިކަމަށް ބަލައި، ޤާނޫނުގައި އޮތް އަދަބު އެކަށީގެންވާކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރު ކުރުމެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ލިޔެވުނު ޤާނޫނުލްޢުޤޫބާތަކީ، 1967 ވަނަ އަހަރުގެ ޤާނޫނެކެވެ. އޭރުގެ ތާރީޚީ، ސިޔާސީ ޙަޤީޤަތްތަކުގެ އަސަރު އެޤާނޫނަށް ކޮށްފައިވެއެވެ. އެޤާނޫނުގެ އެންމެ ފުރަތަމަ މާއްދާއަކީ، 'ދައުލަތާއި އިދިކޮޅު ޙަރަކާތާއި ފިތުނަ' ބަޔާންކުރާ މާއްދާއެވެ. އެކުށުގެ އަދަބަކީ މެރުމެވެ. އެޤާނޫނުގައި، އޭރުވެސް ކުށެއްކަމަށް ބަލަމުން އައި ބައެއް ކަންކަން ހިމެނިފައެއް ނުވެއެވެ. މިސާލަކަށް، ޙައްޤަކާނުލައި މީހުން މެރުން، އެއީ ކުށެއްކަމަށް ސާފުކޮށް ބަޔާންކޮށްފައެއް ނޯވެއެވެ. ކަށަވަރުކަން ނެތުމުގެ އަނެއް މިސާލަކީ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށެވެ. 'އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއް' ކަމަށް އެޤާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގައި އޮވެއެވެ. އެއަމުރަކީ ކޮންތާކު އޮތް، ކޮން އަމުރެއްކަމެއް ނޭނގެއެވެ. އެއަމުރާ ޚިލާފުވެގެން ދެވޭ އަދަބުގައި އޮތީ 150 ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 6 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ. އޭރުގެ ނިސްބަތުން ބެއްޔަސް، ތަފާތުބޮޑު ދެއަދަބެވެ. ނަތީޖާއަކީ، އެމައްސަލައެއް ބައްލަވާ ޤާޟީއެއްގެ، އެދުވަހުގެ މިޒާޖު ހުރި ގޮތެއްގެ މައްޗަށް، ކުށްވެރިޔާއަށް ލިބޭ އަދަބު ބަރޯސާވުމެވެ.
ޤާނޫނުލްޢުޤޫބާތު އޮތް ގޮތުން، އެޤާނޫނު މިޒަމާނަށް ނުފެތޭތީ، އައު ޤާނޫނެއް ލިޔުމުގެ މަސައްކަތް ފެށުނީ 2005 ވަނަ އަހަރުއެވެ. ކްރިމިނަލް ޖަސްޓިސް ރިފޯމް އެޖެންޑާގެ ނަމުގައި ތައްޔާރުކުރި ކަރުދާސް ލިޔުއްވުމުގައި، އޭރު ބަންޑާރަ ނައިބު އޮފީހުގައި އުޅުއްވި ބޭފުޅުން މަސައްކަތްޕުޅު ކުރެއްވިއެވެ. އިޞްލާޙުތަކުގެ ތެރޭގައި ހިމެނޭ ޤާނޫނުލްޢުޤޫބާތު ލިޔެ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ޢަމަލުކުރަން ފެށުނީ 2015 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
އައު ޤާނޫނުލްޢުޤޫބާތުގެ ތިން ބައިގެ ތެރޭގައި، އަދަބު ކަނޑައެޅުމުގެ އުޞޫލުތައް ބަޔާންކުރާ ބާބު ހިމެނެއެވެ. އެބާބުގެ ބޭނުމަކީ، އަދަބު ދިނުމުގެ ކަންކަމުގައި، ކުރީގެ ޤާނޫނުގައި އޮތް އޮޅުންބޮޅުންތައް ކުޑަކޮށް، އިންޞާފުވެރި ކުރެވޭތޯ ބެލުމެވެ. އަދަބުގެ ދަރަޖަ ބިނާވަނީ އެމައްސަލަ ބައްލަވާ ޤާޟީއެއްގެ ވިސްނުމާއި ފިކުރަށްވުރެ، ޤާނޫނުގައި އެކަމަށް ކަނޑައަޅައިފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށް ކަނޑައެޅުމެވެ.
އަދަބާބެހޭ ގޮތުން ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅި އަނެއް ކަމަކީ، ކުށް ކަނޑައެޅުމުގެ މަރްޙަލާއާއި އަދަބު ކަނޑައެޅުމުގެ މަރްޙަލާއާ ވަކިކުރުމެވެ. މިވާހަކަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 160 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 3 ވަނަ މާއްދާގައި އެއޮތީއެވެ. ކުރީގައި ވަމުންދިޔަ ގޮތަކީ، ކުށް ސާބިތުވާކަން ނުވަތަ ނޫންކަންވެސް އެނގެނީ ޙުކުމް ކުރާ ދުވަހުއެވެ. ދައުވާލިބޭ މީހާ ޤަބޫލުކުރަނީ ކުށް ސާބިތުނުވާނެކަމަށެވެ. އެގޮތަށް ޤަބޫލުކޮށްގެން ހުރެމެ، އަދަބާބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
މީގެ ކުރިން، ފަނޑިޔާރުންގެ އަތުގައި އޮތް، އަދަބު ދިނުމުގެ ފުޅާ ބާރު، ޤާނޫނުލްޢުޤޫބާތުން އޮތީ ހަނިކޮށްފައެވެ. އަދަބު ދިނުމާގުޅޭ ގޮތުން އޮތް އަންސަރޓަންޓީ (ނުވަތަ ކަށަވަރުކަން ނެތުން) ނައްތާލުމަށްޓަކައި، އަދަބުތަކުގެ ވައްތަރުތަކާއި، އަދަބުގެ ތާވަލަކާއި، އަދަބުދޭނެ ގޮތްތަކާއި، އަދަބު ބަދަލުކުރާނެ ގޮތްތައްވެސް ޤާނޫނުގައި ލިޔެފައި އެބަހުއްޓެވެ. އަދަބުގެ ދަރަޖަ ބޮޑުވާނެ ގޮތާއި، ދަރަޖަ ދަށްވާނެ ގޮތްވެސް ޤާނޫނުގައި ލިޔެފައިވެއެވެ. ފަނޑިޔާރަށް، އެދަރަޖަ ތަކުގެ ތެރޭގައި މައްޗަށް ނުވަތަ ތިރިއަށް ދެވޭނެ ގޮތްތައްވެސް ޤާނޫނުގައި ކަނޑައެޅިއެވެ. އެޤާނޫނަށް ފުރިހަމައަށް ޢަމަލުކުރާނަމަ، ކުށެއް ސާބިތުވެއްޖެނަމަ އަންނާނެ އަދަބުގެ އަންދާޒާއެއްކުރަން އެނގޭނެއެވެ. ދަރަޖަ މަތިވެ، ތިރިވެދާނެއެވެ. ނަމަވެސް، އެކަންވެސް ހިނގާނީ ވަކި ހަމައަކުން، ވަކި ތަރުތީބަކުންނެވެ. އެތަރުތީބު ގެއްލުވާލުމަކީ، ޤާނޫނު ލިޔުނު މަޤްޞަދާ ފުށުއަރާނެ ކަމެކެވެ.
މިހުރިހާ ވާހަކައެއް ޤާނޫނުގައި ލިޔެފައި، އަދަބާބެހޭ ގޮތުން އޮތް ހަމަތައް ތަންފީޒުކުރާކަން ކަށަވަރު ކުރުމަށްޓަކައި، އަދަބު ދިނުމުގައި ފަނޑިޔާރު ޤާނޫނު މާނަކުރެއްވި ގޮތް ވަކިން (ކުށް ސާބިތުވާކަމަށް ނިންމެވި ނިންމެވުމާ ވަކިން) އިސްތިއުނާފު ކުރެވޭނެކަމަށްވެސް ޤާނޫނުގައި ކަނޑައެޅިއެވެ. 1003 ވަނަ މާއްދާގެ (ރ) ގައި އޮތީ، ކުށުގެ ދަރަޖަ ކަނޑައެޅުމުގައި ކޯޓުން އޮޅުން އަރައިފައިވާނަމަ ނުވަތަ ކަނޑައެޅޭނެ އަދަބުގެ މިންވަރު ނިންމުމުގައި ޤާނޫނީގޮތުން ނުބައި ކޮށް ނިންމައިފައިވާނަމަ، ޙުކުމުގެ އެބައި އެކަނި އިސްތިއުނާފު ކުރެވިދާނެކަމަށެވެ.
ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގައި އޮތީ، ކުށްވެރިޔާ ކުށާމެދު ދެރަވާކަން ޢާންމުންގެ ތެރޭގައި ފާޅުކުރުމުން، އަދަބުގެ ދަރަޖަ ދަށްވާނެ ވާހަކައެވެ. ދައުވާކުރުމުގެ ކުރިންނަމަ، 2 ދަރަޖަ، ދައުވާ ކުރި ފަހުންނަމަ، 1 ދަރަޖައެވެ. ކުށް ސާބިތުވާކަމަށް ކަނޑައެޅިނަމަވެސް، އަދަބު ދިނުމުގައި އިސްވެދެންނެވި އުޞޫލާ ޚިލާފުނަމަ، އެނުކުތާ ވަކިން އިސްތިއުނާފު ކުރަންޖެހެއެވެ. ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ނަމުގައި ސުޕްރީމް ކޯޓުން ނެރުނު އުޞޫލުގެ 6 ވަނަ މާއްދާގެ (ހ) ގައި، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށަށް އަދަބު ކަނޑައެޅުމުގައި ކަނޑައެޅޭ އަދަބުގެ މިންވަރަށް ވުރެ 2 ގުނަ ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް އޮވެއެވެ. އެއްވެސް ކުށަކަށް ކަނޑައެޅޭ އަދަބު 2 ގުނަ މަތިކުރުމަކީ ޤާނޫނުލްޢުޤޫބާތު ދަންނަ ކަމެއް ނޫނެވެ. ޤާނޫނުލްޢުޤޫބާތުގައި މަތިކުރަނީ ދަރަޖައެވެ. ގުނައެއް ނުކުރާނެއެވެ. މިޙާލަތުގައި، މިއަދަބަކީ ޤާނޫނުގައި ނެތް އަދަބެއް ކަމަށްވެސް ބެލިދާނެއެވެ. ސުޕްރީމް ކޯޓުގެ އެއުޞޫލަކީ، ޤާނޫނުލްޢުޤޫބާތުގެ 1000 ވަނަ މާއްދާއިން ބާރު ލިބިގެން ހަދާފައިވާ އުޞޫލަކަށްވާތީ، އެއުޞޫލުގައި އޮތް ކަމެއް، ޤާނޫނުލްޢުޤޫބާތާ ފުށުއަރާނަމަ، ޢަމަލުކުރަންޖެހޭނީ ޤާނޫނުލްޢުޤޫބާތަށެވެ. އުޞޫލަކަށް ނޫނެވެ. ފަނޑިޔާރަކު، ޤާނޫނުލްޢުޤޫބާތުގައި އޮތް ހަމަތައް ދޫކޮށްލައި، އެއާ ޚިލާފުވާކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް އުޞޫލަކާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، އެއީ، މަތީ މަރްޙަލާގެ ކޯޓަކަށް ގޮސްގެން ހަމަޖައްސަންޖެހޭ ކަމެކެވެ. އިސްތިއުނާފުކުރުމުގެ ފުރުޞަތު ޤާނޫނުން ދީފައި އޮތީ އެބޭނުމުގައެވެ. ޤާނޫނުން ދީފައިވާ ސަރޓިންޓީ ނައްތާލާ ޙާލަތުތަކުގައި، އެ ސަރޓިންޓީ އަލުން އަނބުރާ ގެނެސްދޭނެކަން ކަށަވަރު ކުރުމެވެ.
މިސާލަކަށް، ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، (އެކްސިޑެންޓެއްވުމުން) އެހީތެރިނުވެ ދިއުމަކީ ކުށެކެވެ. އެކުށުގެ ދަރަޖައަކީ ޖުނަހުގެ 3 ވަނަ ދަރަޖައެވެ. އެކުށަށް ދެވޭނެ އަސާސީ އަދަބަކީ، 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެވެ. އެންމެ ބޮޑު އަދަބަކީ 3 މަސް ދުވަހުގެ ޖަލު ޙުކުމެވެ. އެއީ، އަދަބުގެ ދަރަޖަ މަތިވަމުންގޮސް 5 ދަރަޖަ މަތިވީމާ ވާނެ ގޮތެވެ. ނަމަވެސް، އެމައްސަލައިގައި އަދަބުގެ ދަރަޖަ 3 ދަރަޖަ މަތިކުރުމުން އަންނަ 2 މަހާއި 3 ދުވަހުގެ އަދަބު، ސުޕްރީމް ކޯޓުގެ އުޞޫލުގައި އޮތްގޮތަށް 2 ގުނަ ކޮށްގެން، 4 މަހާއި 6 ދުވަހުގެ އަދަބެއް ކަނޑައެޅުމަކީ، ޤާނޫނުގައި ނުވެސް ނެތް އަދަބެއް ދިނުމެވެ. މިއީ، ކޮންމެވެސް ގޮތަކުން ޙައްލުކުރަންޖެހޭނެ ކަމެކެވެ.
ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރަކީ، ޤާނޫނުގައިވާ ގޮތުގެ މަތިން އިންޞާފު ޤާއިމުކުރުމެވެ. ފަނޑިޔާރު، ޤާނޫނު މާނަކުރައްވައި، އަދަބު ކަނޑައެޅުމުގައި، ޤާނޫނާ އެއްގޮތަށް، ރަނގަޅު ހަމަތަކެއް ބޭނުންކުރެއްވިކަން ކަށަވަރު ކުރުމެވެ. ދައުލަތަށް މައްސަލައެއް ކާމިޔާބު ވާންވާނީ، 'ކޮންމެ ގޮތެއް ހަދާފައެއް' ނޫނެވެ. ޤާނޫނުގައި ބުނާ ހަމަތަކާ އެއްގޮތަށެވެ. އެހަމަތަކާ ޚިލާފުވެއްޖެނަމަ، އެމައްސަލައެއްގައި ކުށް ސާބިތުވިޔަސް، އިސްތިއުނާފުކޮށް، ޤާނޫނުގެ ހަމަތައް ޤާއިމުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެކެވެ. ކުށް ސާބިތުވާކަމަށް ނިންމާފައިވާ މައްސަލަތަކާއި، އަދަބު ދިންގޮތާމެދު ހިތްހަމަނުޖެހިގެން މައްސަލައެއް އިސްތިއުނާފުކުރުމަކީ، އަޞްލު މަސައްކަތުގައި އުޅުއްވާ ވަކީލުންނާއި ޕްރޮސިކިއުޓަރުން އަލަށް ކުރާ ކަމެއް ނޫނެވެ. އަބަދުވެސް ހިނގާ ކަމެކެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author