-3bd4cda06efdae9ee8f5-1793033280634.webp)
10/26/2026
ޤާނޫނުލްޢުޤޫބާތުގެ މަސައްކަތަކީ އަޅުގަނޑުގެ ޕްރޮފެޝަނަލް ޙަޔާތުގެ ގިނަ ވަގުތުތަކެއް ހޭދަކުރެވިފައިވާ، އެ ޤާނޫނަކާ ދޭތެރޭ އަޅުގަނޑުގެ ޝައުޤުވެރިކަން ބޮޑު ޤާނޫނެކެވެ. އެހެންކަމުން، އެ ޤާނޫނަށް ހުށަހަޅާ އިޞްލާޙުތަކާއި، އެ އިޞްލާޙުތަކުގެ ނަތީޖާތައް ގާތުން ބެލުމަކީ އަޅުގަނޑު އަބަދުވެސްކުރާ ކަމެކެވެ.
މިއަދުގެ ވަގުތެއްގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢު، ޤާނޫނުލްޢުޤޫބާތަށް އިޞްލާޙެއް ހުށަހަޅައިފިއެވެ. އެ އިޞްލާޙު އަޅުގަނޑު ކިޔައިލިއިރު، މިއީ ވަރަށް ޚުޠޫރަތްތެރި، ސަރުކާރުގެ ނިވާފަތްގަނޑުގައި ހުންނަވައިގެން، ސީދާ ސަރުކާރުގެ ވެރިންނާ ދެކޮޅަށް މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ ބިލަކަށްވާތީ، އެކަން ސަރުކާރުގެ ވެރިންގެ ސަމާލުކަމަށް ގެނައުމަށްޓަކައި މި ލިޔުން ލިޔެލީމެވެ.
19 މާއްދާއެއްގެ މައްޗަށް އެކުލެވޭ، އދ ގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ކްރައިމް އޮފް ޖެނޮސައިޑަކީ، މީގެ 42 އަހަރަށްވުރެ ގިނަ ދުވަސް ކުރިން، 24 އޭޕްރީލް 1984 ގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ މުޢާހަދާއެކެވެ. 2004 އިން ފެށިގެން، ޖިނާޢީ ޢަދުލުގެ ނިޒާމަށް އިޞްލާޙީ ބަދަލުތައް ގެންނަމުންގޮސް، މުޅިން އައު ޤާނޫނުލްޢުޤޫބާތެއް ޑްރާފްޓްކޮށް، އޭރު ޢަމަލުކުރަމުން ދިޔަ 130 އަށްވުރެ ގިނަ ޤާނޫނުގައި ހުރި ކުށްތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ހުރިހާ މުޢާހަދާތަކެއްގެ ތެރެއިން ޤާނޫނުލްޢުޤޫބާތަށް ވައްދަންޖެހޭކަމަށް ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހު ވެރިކަންކުރި ސިޔާސީ ވެރިންނަށް ފެނުނުހައި ކުށެއް، ޤާނޫނުލްޢުޤޫބާތުގައި އޮތީ ހިމަނައިފައެވެ. ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށިފަހުން 6 އިޞްލާޙެއް އެ ޤާނޫނަށް ގެނައިއިރު، 1984 ވަނަ އަހަރު ސޮއިކުރި މުޢާހަދާގެ ވާހަކަ ހަނދާނުން ކައްސާލާފައި އޮތްކަމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވެދާނެއެވެ.
ވޭތުވެދިޔަ 42 އަހަރުގެ ތެރޭގައި މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން، 8 އަހަރެއްހައި ދުވަހު ކުރައްވައިފިއެވެ. ނަމަވެސް، މިބިލު ހުށަހެޅުއްވުމުގެ ޚިޔާލުފުޅެއް އޭރަކު ނުކުރައްވައެވެ. ވީމާ، މިހާރު، މިދަނޑިވަޅުގައި މި ބިލު ހުށަހެޅުއްވި ސަބަބާމެދު ވިސްނާލުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް އަޅުގަނޑަށް ފެނެއެވެ. ޤާނޫނީ ކަންކަމުގައި ނިޔަތް ދެނެގަންނަނީ ލިޔެފައި އޮންނަ އެއްޗަކުންނާއި އެއެއްޗަކުން ނެރެވޭ ޤާނޫނީ ނަތީޖާއަށް ބަލައިގެން ކަމަށްވާތީ، ބިލާމެދު ވިސްނާނީ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު ބިލުގައި ލިޔުއްވާފައި އޮތް އެއްޗަކަށް ބަލައިގެނެވެ.
ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢުގެ ބިލުގައި، ކޮންވެންޝަނުގެ ދެވަނަ މާއްދާގައި ބުނާ ކުށުގެ ވާހަކަ، އެބިލުގެ 150 ވަނަ މާއްދާ (ޤަތުލުޢާންމު) ގައި، އަކުރުން އަކުރަށް ގެންނަވާފައި އެބައޮތެވެ. ކޮންވެންޝަނުގެ ފުރަތަމަ 5 މާއްދާގެ ވާހަކަތައް އައު ބިލުން ކޮންމެވެސް ވަރަކަށް ކަވަރު ކުރެއެވެ. ނަމަވެސް، ކޮންވެންޝަނުގެ 6 އަދި 7 ވަނަ މާއްދާތަކުގައި، މިފަދަ ކުށްތަކަށް އިންޓަނޭޝަނަލް ޓްރައިބިއުނަލްތަކަށް ލިބޭ އިޚްޠިޞާޞްގެ ވާހަކައެއް، އައު ބިލަކު ނެތެވެ. އެވާހަކަ ނެތް ސަބަބެއްވެސް ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު ލިޔުއްވާފައެއް ނުވެއެވެ.
ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢުގެ ނިޔަތާމެދު އެންމެ ފުރަތަމަ ސުވާލު އުފެދުނީ، ޤަތުލުޢާންމުގެ ކުށް ދަރަޖަކުރައްވާފައި އޮތް ގޮތުންނެވެ. ޤަތުލުޢާންމުގެ ކުށް ދަރަޖަކުރައްވާފައި އޮތީ ދެގޮތަކަށެވެ. އެ މާއްދާގެ (ވ) ގެ 1 ގައި، އެ ކުށްކުރީ "ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ޚިދުމަތެއްގެ އަމުރުވެރިކަމުގެ މަޤާމެއްގައި ހުރި މީހަކު ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ" އަދި 2 ގައި އޮތީ "އެނޫން ޙާލަތްތަކުގައި، އެ ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއް" ކަމަށެވެ.
ކުށުގެ ތަޢާރަފަށް ބަލާއިރު، އެކުށުގެ ޢަމަލުތަކުގެ ތެރޭގައި މީހުން މެރުން ހިމެނެއެވެ. މިހާރު ޤާނޫނުލްޢުޤޫބާތު އޮތް ގޮތުން، 110 ވަނަ މާއްދާގައި އޮތް ގޮތަށް މީހަކު މަރައިފިނަމަ، އެކުށުގެ ދަރަޖައަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައެވެ. ނަމަވެސް، 650 ވަނަ މާއްދާގައި އޮތް ޤަތުލުޢާންމެއް ހިންގައިފިނަމަ، އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައެވެ. ވީމާ، ޤާނޫނުން ބުނަނީ، މީހުން މަރަން ބޭނުންނަމަ، ޤަތުލުޢާންމަކަށްވާގޮތަށް މީހުން މެރުމަކީ ޤާނޫނުގައި އަދަބު ކުޑަ، ކުށުގެ ދަރަޖަވެސް ކުޑަކަމެއް ކަމަށެވެ.
މިބިލު ހުށަހަޅުއްވާފައި އޮތީ ސަރުކާރުން ހުށަހަޅާ ބިލެއްގެ ގޮތުގައި ކަމަށްވާތީ، ޢާންމު ވިސްނުމަކީ މިއީ ބަންޑާރަ ނައިބު އޮފީހުން ޑްރާފްޓްކުރެއްވި ބިލެއްކަމަށް ބެލުމެވެ. ނަމަވެސް، ބަންޑާރަ ނައިބު އޮފީހުގެ ފަންނީ ބޭފުޅުން މި ބާވަތުގެ ކަންކަން އަތްމަތިން ދިޔަކަ ނުދެއްވާނެއެވެ. އަޅުގަނޑުވެސް އެ ބޭފުޅުންނާއެކު ލައްކަ ދުވަހު މަސައްކަތްކުރެވިފައިވާތީ، އެބޭބޭފުޅުން މިކަމަށް ފަރިތަ މިންވަރު ފުދޭވަރަކަށް އެނގޭމެއެވެ. ވީމާ، މިއީ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢުގެ އަމިއްލަފުޅު ވިސްނުންފުޅަށް، އެމަނިކުފާނު ސޮއިކުރައްވައި ފޮނުއްވާފައި އޮތް ބިލެއްކަން އެނގެއެވެ. ބިލުގެ ކޮމިޓީ މަރްޙަލާގައި މިކަންކަން އިޞްލާޙުކުރައްވައި، ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢުގެ ނުނިޔަތުން ގެންނަވަނަން މަސައްކަތް ކުރައްވާފައި އޮތް ކަންކަން މިބިލުން އުނިކުރަންވާނެކަމަށް އަޅުގަނޑަށް ފެނެއެވެ.
އަޅުގަނޑުގެ ކަންބޮޑުވުން އޮތީ ޤަތުލުޢާންމުގެ ކުށް ޤާނޫނުލްޢުޤޫބާތުގައި ލިޔެގެނެއް ނޫނެވެ. ކޮންވެންޝަނުގައި ސޮއިކޮށްފައި އޮތީވިއްޔާ، މިއީ ކޮންމެ ދުވަހަކުން ވިޔަސް ކުރެވިދާނެ ކަމެކެވެ. ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު ފަދަ ބޭބޭފުޅުން، މިފަދަ ލިޔުންތައް ދިރާސާކުރައްވާތީ، ކުރީގެ ވެރިންނަށް އަޅައިގަނެފައި ނެތް ކުށެއް، އެމަނިކުފާނަށް ފެނިވަޑައިގަތީއެވެ.
އަޅުގަނޑުގެ ކަންބޮޑުވުން ބޮޑުވީ ބިލު ހުށަހެޅި ސަބަބުގެ ދެވަނަ ބައިގައި، "ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމާއި ދައުލަތުގެ އިޤްތިޞާދީ ރައްކާތެރިކަމަށް ގެއްލުންހުރި ޢަމަލު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ" ވެސް މި ބިލު ހުށަހަޅާ ސަބަބެއްކަމަށް ލިޔުއްވާފައި އޮވެފައި، މުޅި އެކުށް ފަރުމާކުރައްވައި، ވަކި ބޭބޭފުޅުންނަށް އަމާޒުކުރައްވާފައި އޮތުމުންނެވެ.
ބިލުގެ 630 ވަނަ ބާބު (އިޤްތިޞާދީ ރައްކާތެރިކަމަށް ގެއްލުންހުރި ޢަމަލުކުރުން) ގައި އޮތީ، "ދައުލަތުގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ، ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ފަރުވާލެއްނެތި، ޤަޞްދުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއްކުރާ މީހާ އެކުރަނީ ކުށެއް" ކަމަށެވެ. އެމާއްދާގެ (3) އަދި (4) ގައި އޮތީ، "އެ ދާއިރާއަކުން ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމުގެ ގޮތުން އެއްވެސް ޢަމަލެއް ކުރުން؛ އަދި" (4) އެ ޢަމަލެއްގެ ސަބަބުން ބޮޑު ގެއްލުމެއް ދައުލަތުގެ އިޤްތިޞާދަށް ލިބުން" މިދެކަންތައް ފުރިހަމަވުމުން ކުށެއް ފުރިހަމަވާ ކަމަށެވެ. މިކުށަކަށް ހެޔޮނިޔަތުގެ ދިފާޢުފަދަ ދިފާޢެއްވެސް ނެތެވެ.
އަޅުގަނޑުގެ ވިސްނުމަށްވެސް ފުރަތަމަ އައީ، މިއީ އިދިކޮޅު ސިޔާސީ އަދި ދީނީ މީހުން ރާއްޖޭގެ އިޤްޠިޞާދަށް ދަތިވާ ޒާތުގެ ޢަމަލުތައްކުރާތީ، އެކަންކަމަށް އަދަބުދެވޭގޮތަށް ޤާނޫނަށް ގެނައި އިޞްލާޙެއްކަމަށެވެ. ނަމަވެސް، އެ މާއްދާގެ (ބ) ގައި އޮތް ދަރަޖަކުރުން ކިޔާލުމުން، މުޅިން އެހެން މަންޒަރެއް ފެނެއެވެ. ބިލުގެ 630 ވަނަ މާއްދާގެ (ބ) ގައި ކުށް ދަރަޖަކޮށްފައި އޮތީ؛
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށްކުރީ:
(1) ދައުލަތް ނުވަތަ ސަރުކާރު ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހަކު ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
(2) އެނޫން ޙާލަތްތަކުގައި، އެ ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ. މިހެންނެވެ.
އެހެންކަމުން، ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢުގެ ވިސްނުންފުޅުގައި، ސަރުކާރު އަދި ދައުލަތުގެ ވެރިއަކަށް، އެއީ (މާލީ) ވަޒީރަކަސް، (ފަތުރުވެރިކަމުގެ) ވަޒީރަކަސް، އަދި ކިއެއްތަ، ޚުދު ރައީސުލްޖުމްހޫރިއްޔާއަށްވެސް، މިކުށުގެ ޢަމަލު މިހާރު އޮތް ގޮތުން ކުރެވެއެވެ. އެއީ، ދަރަޖަކުރުމުގައި ސަރުކާރު ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހަކު މިކުށް ކޮށްފާނެކަމަށް ތަޞައްވަރުކޮށްފައި އޮންނާތީއެވެ.
ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު މިމާއްދާ ލިޔުއްވާފައި އޮތް ގޮތުން، މިސާލަކަށް، ފަތުރުވެރިކަމުގެ ޞިނާޢަތަށް ގެނައި (ފެންނަ ފެނުމަށް ހެޔޮ ނިޔަތުގައި، ނަމަވެސް، ޢަމަލީ ގޮތުން ގޮންޖެހުން ބޮޑު) ބައެއް ބަދަލުތަކާއި، އެބަދަލުތައް އަނބުރާ ކުރިން އޮތް ގޮތަށް އިޢާދަކުރަން (މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު) ފާސްވުމުން މިމާއްދާގައި ބުނާ ކުށުގެ ޢަމަލެއް އެބަ ފުރިހަމަވެއެވެ. ހެޔޮނިޔަތުގެ އިސްތިސްނާއެއްވެސް އެމާއްދާއަކު ނެތެވެ. ޕްރޮސިކިއުޝަނުން ސާބިތުކޮށްދޭންޖެހެނީ ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމުގެ ގޮތުން ނުވަތަ ވަކި ދާއިރާއެއް ހުއްޓާލައި، އެހެން ދާއިރާއެއް ފުޅާކުރުމުގެ ސިޔާސަތެއް ނުވަތަ ޤާނޫނެއްގެ ދަށުން ކަމެއް ކުރިކަމާއި، އެ ޢަމަލެއްގެ ސަބަބުން ބޮޑު ގެއްލުމެއް ދައުލަތުގެ އިޤްތިޞާދަށް ލިބުނުކަމެވެ. އެކަން ކުރީ ދައުލަތުގެ ސިޔާސަތެއްގެ ތެރެއިންކަމެއް، ނުވަތަ ޤާނޫނެއްގެ ތެރެއިންކަމެއް، އަދި އެކަމުގައި ހެޔޮ ނިޔަތެއް އޮތްކަމުގެ އިސްތިސްނާއެއްވެސް ޤާނޫނަކުން ނުދެއެވެ. މިއީ، ޤާނޫނުލްޢުޤޫބާތުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް މިހާތަނަށް ކުށް ބަޔާންކޮށްފައިވާ ގޮތެއް ނޫނެވެ. އަބަދުވެސް ދައުލަތް ހިންގަން ތިބޭ މީހުން ކަންކަން ކުރާނީ ހެޔޮނިޔަތުގައިކަމަށް ޤާނޫނު ޤަބޫލުކުރާނެއެވެ. ހެޔޮ ނިޔަތެއް ނެތްކަން ސާބިތުކޮށްދިނުމަކީ އެހެން ބުނާ މީހެއްގެ ޒިންމާއެކެވެ. ނަމަވެސް، މިމާއްދާ އޮތް ގޮތުން ޕްރޮސިކުއުޝަނަށް ކުށް ސާބިތުކުރަން ފަސޭހަވެއެވެ. ހެޔޮނިޔަތް ނެތްކަން ދައްކާކަށް ނުޖެހެއެވެ. ޤާނޫނެއް ނުވަތަ ސިޔާސަތެއް ހެދިކަމާއި، އެ ސިޔާސަތުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބެން އޮތްކަމަކަށް ލޮޅުން އެރިކަން ސާބިތުކޮށްދިނުމުން ފުދެއެވެ. އަދި އެކަންކުރި ދައުލަތުގެ ވެރިންގެ މައްޗަށް ކުށް ސާބިތުކުރެވެއެވެ. މިއީ މިކަން އޮންނަންވާނެ ގޮތެއްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ދައުލަތުގެ ވެރިންނަށް ޤާނޫނުން ޙިމާޔަތްދޭންޖެހޭނެއެވެ. އެމީހުންކުރާ ހަމަ ކޮންމެ ޢަމަލަކީ ޖިނާއީ ކުށަކަށްވެދާނެފަދަ ޢަމަލެއްކަމަށް ޤާނޫނުލްޢުޤޫބާތުގައި ލިޔުމުން އެ އުފެއްދެނީ އެކަށީގެންނުވާ ބިރުވެރިކަމެކެވެ. ދައުލަތުގެ ވެރިންނަށް ރައްޔިތުން އޮތީ މެންޑޭޓެއް ހަވާލުކޮށްފައެވެ. އެމެންޑޭޓާ އެއްގޮތަށް ފުރިހަމައަށް މަސައްކަތްކުރުމުގެ ފުރުޞަތު ދައުލަތުގެ ވެރިންނަށް އޮންނަންވާނެއެވެ.
މިސަބަބުތަކަށްޓަކައި، ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢުގެ މިބިލަކީ، ޙީލަތްތެރި ރޭވުމެއްގެ ތެރެއިން، ދައުލަތުގެ ވެރިން ކުށްވެރިވާގޮތަށް ފަރުމާކުރެވިފައިވާ ޚުޠޫރަތްތެރި ބިލެކެވެ. މިބިލާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިސްނާވަޑައިގެން، ބިލުގެ ކޮމިޓީ މަރްޙަލާގައި މިބިލަށް ބޮޑެތި އިޞްލާޙުތައް ގެނެސް، ދައުލަތުގެ ވެރިންނަށް ޙައްޤުވާ ރައްކާތެރިކަން ވެރިންނަށް ލިބިދޭންޖެހޭގޮތަށް މިބިލު އިޞްލާޙުކުރަންޖެހޭކަމަށް އަޅުގަނޑަށް ފެނެއެވެ. ސަރުކާރާ ދެކޮޅު މިފަދަ ޚުޠޫރަތްތެރި ބިލުތައް، ސަރުކާރުގެ ފަރާތުން ހުށަނޭޅޭނޭގޮތަކަށް ކޮންމެވެސް ނިޒާމެއްވެސް ތަރުތީބުވާންޖެހެއެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author