8/27/2023
ރެއަކީ 26 ޖުލައި 1990 އެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހުންނެވީ ސޯސަންމަގުގެ 1 ނަންބަރު ގޯތީގައެވެ. ޙަފްލާއަކީ، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 25 އަހަރު ފުރުން ފާހަގަކުރަން ބޭއްވުނު ޙަފްލާއެކެވެ. އެޙަފްލާގެ އެޖެންޑާގައި ދެކަމެއް އޮތެވެ. ފުރަތަމަ ކަމަކީ، 25 ޖުލައި 1965 ދުވަހު ދިވެހިރާއްޖެއަށް އުފަންވި 12 މީހުންގެ އުފަންދުވަސް ފާހަގަ ކުރުމެވެ. އެ 12 މީހުންގެ ތެރެއިން އެރެއާ ހަމައަށް ދުނިޔޭގައި ތިއްބެވި 10 މީހުންގެ ތެރެއިން 9 މީހުން، އެދުވަހުގެ ހާޒިރީންގެ ގޮތުގައި ތިއްބެވިއެވެ. އެމީހުންގެ ޢުމުރުން، އެ ދުވަހަށް 25 އަހަރުވީއެވެ!
އެރޭގެ ދެވަނައަށް އޮތް ކަމަކީ، ސަރުކާރު މުވައްޒަފުންގެ ނާދީއެއް ހުޅުވުމެވެ. ނާދީ ހުޅުއްވައި ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ،
"އަޅުގަނޑުމެންގެ ސަރުކާރުގައި މިހާރު ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން އެބަ ތިއްބެވި. އެ މުވައްޒަފުން ބައްދަލުކޮށްލައި، ވާހަކަދައްކާލާނެ ތަނެއް ނެތުމުގެ ސަބަބުން، މުވައްޒަފުންގެ މެދުގައި އޮންނަންވާ އެކުވެރިކަމުގެ ގުޅުމަށް އޮންނަނީ ކޮންމެވެސްވަރެއްގެ ހުރަހެއްއެޅިފައި. ޚާއްޞަކޮށް، ތަފާތު އޮފީސްތަކުގެ މެދުގައި ހުންނަ ބައެއްކަހަލަ މައްސަލަތަކަކީ، އަޅުގަނޑު ހިތުން މިކަހަލަ އުފާވެރި ޖައްވެއްގައި، އެތަންތާނގެ މުވައްޒަފުން ބައްދަލުކޮށްލައި ވާހަކަ ދައްކާލުމުން ވަރަށް ފަސޭހައިން ޙައްލުވެގެންދާނެ ކަންތައްތަކެއް."
މިއުނިކަން ފޫބެއްދުމަށްޓަކައި، ސަރުކާރު މުވައްޒަފުންގެ ނާދީއެއް ހުޅުވުނީ 26 ޖުލައި 1990 ގައެވެ. އެތަނުގައި، ކުޅިވަރު ކުޅޭނެ ތަފާތު ވަޞީލަތްތައް ހުއްޓެވެ. ކެރަމާއި ރާޒުވާއާއި ބެޑްމިންޓަނާއި ޕިންގޕޮންގ ކުޅެވެން ހުއްޓެވެ. ވަރަށް ފޯރިއާއެކު ނާދީގެ މުބާރާތްތައްވެސް ބާއްވައެވެ. ޚާއްޞަކޮށް ރަމަޟާންމަހުއެވެ. އަޅުގަނޑުގެ ޢުމުރުން 14-15 އަހަރުގައި، މާލޭ ފިޓްނަސް ކުލަބްގެ ޖިމް، ސަރުކާރު މުވައްޒަފުންގެ ނާދީގައި ހުރިއިރު، އެތަނުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނެވެ. އަޅުގަނޑުގެ ވަޒީފާއަކަށް އޮތީ، ފިޓްނަސް ކުލަބުގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމެވެ. ފަތިހު 5:30 ގައި ޖިމު ހުޅުވުމުން ފެށިގެން ގޮސް، ޖިމް ފޮޅާ ސާފުކުރުމަކީ އަޅުގަނޑުގެ ޒިންމާތަކުގެ ތެރޭގައި އޮތް ކަމެކެވެ. އެތަނުން ވަރަށް ގިނަ ސަރުކާރު މުވައްޒަފުންނާ އަޅުގަނޑަށް ބައްދަލުވިއެވެ. އޭރު އުފެދުނު ގުޅުންތައް އަދިވެސް ފަނޑުވެގެނެއް ނުދެއެވެ.
ސަރުކާރު މުވައްޒަފުންގެ ނާދީގެ ތާރީޚުގައި، 22 ޑިސެމްބަރ 2002 ގައި، އެތަނަކީ ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ހިނގާ ތަނަކަށް ބަދަލުކުރިއެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ޤާނޫނުއަސާސީއަށް އައި ބަދަލާއެކު، ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށަށް އެތަން ދިޔައެވެ. އޭގެ ފަހުން އެތަނަށް ވީގޮތެއް، ފެންނާން އޮތް ރަސްމީ ލިޔުމެއްގައެއް ނެތެވެ.
ސަރުކާރު މުވައްޒަފުންގެ ނާދީ ހުޅުވުނުތާ 33 އަހަރު ފަހުން، މިހާރު ސަރުކާރުގެ މުވައްޒަފުން އޭރަށްވުރެ މާގިނައެވެ. ސަރުކާރުގެ އިތުރުން ދައުލަތުގެ މުވައްޒަފުންވެސް މިހާރު އުޅެއެވެ. އެމުވައްޒަފުން އުފާވެރި ޖައްވެއްގައި ބައްދަލުކޮށްލައި ވާހަކަ ދައްކާލާ ހަދާނެ މާޙައުލެއް، މި ތޮއްޖެހިފައިވާ މާލޭގައި އަދި އަމުދުން ނެތެވެ. މިހާރަކު އެބާވަތުގެ ނާދީއެއްވެސް ނެތެވެ. އެނާދީގެ ބޭނުންތެރިކަން އިހުނަށްވުރެ މިހާރު މާބޮޑެވެ.
ދުނިޔޭގައި މިބާވަތުގެ ނާދީތަކަށް ކިޔަނީ ގޮލްފް ކްލަބް ނުވަތަ ކަންޓްރީ ކްލަބްއެވެ. އެއީ 1700 ގެ އަހަރުތަކުގައި އުފެދިގެން އައި މަފްހޫމެކެވެ. ސިޓީތަކުގައި ޖާގައިގެ ދަތިކަން އޮތުމުން، ސިޓީން ބޭރުގައި، ބިމުގެ ތަނަވަސްކަން އޮތް ހިސާބުތަކުގައި ކަންޓްރީ ކްލަބް ޤާއިމުކުރެއެވެ. އެތަނުގައި ޢާންމުގޮތެއްގައި ކުޅެނީ ގޮލްފެވެ. ނަމަވެސް، އެމަފްހޫމް ތަރައްޤީވެގެން އައިސް، މިހާރު މިފެންނަ ކުޅިވަރު ކްލަބްތަކަކީވެސް، މިދެންނެވި ގޮލްފް ކްލަބްތަކުގެ މަފްހޫމުން އުފެދިގެން އައި ތަންތަނެވެ. ރައީސް މައުމޫން ކިޔަވާ ވިދާޅުވި މިޞްރުގައިވެސް ނާދީގެ ސަޤާފަތު ބޮޑެވެ. އަލް އަހްލީއާއި އަލްޒަމާލިކަކީ ޤާހިރާގެ މައި ދެ ކުލަބެވެ. ދެނާދީއެވެ. ޤާހިރާގެ ކޮންމެ މީހަކުވެސް، މިދެކުލަބުން ކުރެ ކުލަބަކަށް ނިސްބަތްވާނެއެވެ. ހަފްތާ ބަންދުގައާއި ހަފްތާ ތެރޭގައިވެސް އިޖްތިމާޢީ ކަންކަން ހިނގާނީ ނާދީގެ ތެރޭގައެވެ. މިދެކުލަބުން ގާތްގަނޑަކަށް ހުރިހާ ކުޅިވަރެއްގައި، ޤައުމީ ފެންވަރުގައި ވާދަކުރާނެއެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގެ ޓުއަރިޒަމްގެ އެއްވަނައެވެ. ނަމަވެސް، ޓުއަރިޒަމްގެ 'ޕްރޮޑަކްޓް'ގެ ތަޖުރިބާ ކުރެވިފައިވާ ދިވެހިންވެސް މާގިނައެކޭ ނުދެންނެވޭނެއެވެ. އަމުދުން، ދައުލަތުގެ މުވައްޒަފެއްގެ މުސާރައިން ހޭދަކޮށްގެން، "މޯލްޑިވްސް" ގެ ރިސޯޓަކުން ޚިދުމަތެއް ހޯދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މިކަން ޙައްލުކުރުމުގެ ގޮތުން، ދައުލަތުގެ މުވައްޒަފުންގެ ނާދީގެ މަފްހޫމުގައި ރިސޯޓެއް ހެދިދާނެ ނޫންބާއޭ އަޅުގަނޑު ހިތަށް އަރައެވެ. މިއީ ތަމްރީންދޭ ރިސޯޓެކެވެ. މިރިސޯޓު ހިންގާނީ "ދައުލަތުގެ މުވައްޒަފުންގެ ނާދީ" އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ހޮޓެލް ސްކޫލް ބަޔާ ގުޅިގެންނެވެ. ޖޮއިންޓްވެންޗަރެކެވެ. މިރިސޯޓުން ޚިދުމަތް ދޭނީ ހަމައެކަނި ދައުލަތުގެ މުވައްޒަފުންނާއި އެމުވައްޒަފުންގެ ޢާއިލާތަކަށެވެ. އެތަނުގައި ކޮންވެންޝަން ވަޞީލަތްތައްވެސް ހުންނާނެއެވެ. އެއީ ދައުލަތުގެ އިދާރާތަކުން ބާއްވަން ބޭނުންވާ ޖަލްސާތަކާއި، ޙަފްލާތަކާއި ޕާޓީތައް ބޭއްވުމަށެވެ. އޭރުން، ދައުލަތުގެ ޚަރަދުވެސް ކުޑަކުރެވޭނެއެވެ. ވަގުތު އޮތް ވަރަކުން، ނާދީގެ މެމްބަރުންގެ އަމިއްލަ ޕާޓީތަކަށްވެސް ޖާގަ ލިބޭނެއެވެ. ސަބްސިޑައިޒް ރޭޓެއްގައެވެ.
މިއީ މިހާރުވެސް ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހިނގާ ކަމެކެވެ. ކިތަންމެ އަގުބޮޑުވިޔަސް، ސަރުކާރުން ރާއްޖެއިން ބޭރަށްކުރާ ދަތުރެއްގެ ޓިކެޓެއް، އައިލެންޑް އޭވިއޭޝަނުން ނޫންތަނަކުން ނެގުމުގެ ހުއްދައެއް ނޯވެއެވެ. ހަމަ އެގޮތަށް، ދައުލަތުގެ ޖަލްސާތައް ރިސޯޓު މާޙައުލެއްގައި ބާއްވާނަމަ ބޭއްވޭނީ ނާދީ ރިސޯޓުގައެވެ.
މިގޮތަށް ހަމަޖެއްސިއްޖެނަމަ، ދައުލަތުން ޖަލްސާ ބާއްވަންކުރާ ޚަރަދު ކުޑަވެ، ޓުއަރިޒަމް ދާއިރާއަށް މީހުން ތަމްރީންވެ، ދައުލަތުގެ މުވައްޒަފުންނަށް އެކަކު އަނެކަކާއެކު، ނުވަތަ ޢާއިލާއާއެކު ޗުއްޓީ ހޭދަކޮށްލަން ރިސޯޓު މާޙައުލެއް ތަޖުރިބާކޮށްލަން ލިބި، ދައުލަތުގެ ވަޒީފާއެއްގައި އުޅުމުގެ 'އިންސެންޓިވް' އެއްވެސް އުފެއްދުނީއެވެ. އޮފީސްތަކުގެ ރެކްރިއޭޝަން ކްލަބްތަކުގެ އިވެންޓުތައްވެސް ބާއްވާނީ ނާދީ ރިސޯޓުގައެވެ. މިކަހަލަ ނާދީއަކުން ލިބޭނޭ އިޖުތިމާޢީ ފައިދާތައް ގުނާ ޢަދަދު ނުކުރެވޭނެއެވެ. ރިސޯޓު ނާދީގެ ގޮފިތައް، އަތޮޅުތަކުގައިވެސް އުފެއްދިދާނެއެވެ. ރިސޯޓު ނާދީ ލާމު ގޮފި، އައްޑޫ ގޮފި، ކުޅުދުއްފުށީ ގޮފި ގޮތަކެވެ.
މިކަން ކުރާއިރު، ޚާލިޞް ވިޔަފާރި އުޞޫލުން ކުރުމާމެދު ސަމާލުވާންވާނެއެވެ. ރިސޯޓުގެ ބިމުކުލި އޮންނަންވާނީ ސަބްސިޑައިޒް ކޮށްފައެވެ. އެއީ އިޖްތިމާޢީ، އަދި ތަޢުލީމީ ބޭނުމަށް ދޫކުރާތީއެވެ. ނާދީ ރިސޯޓުގެ ހިއްސާ އޮންނަންވާނީ ނާދީގެ މެންބަރުންނަށްވެސް ގަނެވޭ ގޮތަށެވެ. އަނެއްބައި ހިއްސާ، ޔުނިވަރސިޓީގައި ބޭއްވިދާނެއެވެ. މިހެން މިދެންނެވީ، ކުޑަބަނޑޮހާއެކު ކުރެވުނު ތަޖުރިބާ ހިތިވީމައެވެ. އެރަށް ފުރަތަމަ ކުއްޔަށް ދޫކުރިއިރު، ދިވެހިންނަށް އެރަށަށް ދެވޭ ގޮތަކަށް އެއްބަސްވުމުގައި އޮތެވެ. ނަމަވެސް، ވަކި ހިސާބަކުން، އެއްބަސްވުމުގެ އެ މާއްދާއަށް ވީގޮތެއް ނޭނގުނެވެ. ކުޑަގިރިއަކީވެސް ރަނގަޅު މޮޑެލެކެވެ. ނަމަވެސް، އެއީ ކުންފުންޏަކުން ހިންގާ ރަށަކަށްވާތީ، ދައުލަތުގެ މުވައްޒަފުންނަށް ވަކި ޚާއްޞަ ޢިނާޔަތެއް ނުލިބެއެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author