10/22/2023
ޖިނާއީ ޢަދުލުގެ ނިޒާމުގެ އިދާރީ ހިންގުމުގެ ފަސޭހައަށްޓަކައި، ތަޙްޤީޤުކުރާ ކޮންމެ އިދާރާއަކުންވެސް، އެ އިދާރާއަކަށް ހުށަހެޅޭ ކޮންމެ މައްސަލައަކަށް ޚާއްޞަ ރެފަރަންސް ނަންބަރެއް ޖަހައެވެ. ރެފަރަންސް ނަންބަރުގެ ބޭނުންކޮށްގެން، އެމައްސަލައަކާބެހޭ ހުރިހާ ލިޔުމެއް އެއްތަނަކުން ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ހުރެއެވެ. އަޅުގަނޑުގެ ހުށަހެޅުމަކީ، ކޮންމެ މައްސަލައެއްގައިވެސް ހުރިހާ އިދާރާއަކުން ބޭނުންކުރާ އެއް ރެފަރަންސް ނަންބަރެއް އޮތުމެވެ. އެގޮތަށް ބަދަލު ކޮށްލެވިއްޖެނަމަ، މުޅި ނިޒާމު އެއްކޮށް ހިނގުން ހަރުދަނާވެގެންދާނެއެވެ. މިއީ، އަލަށް އަންނަ ސަރުކާރުން ވިސްނާވަޑައިގަތުން ރަނގަޅު ކަމަކަށް ވެދާނެއެވެ.
އެލް.ސީ ނަންބަރާއި އޭގެ ތާރީޚު
އެންމެ ފުރަތަމަ އެލް.ސީ ނަންބަރު ތަޢާރަފުވީ 1992/1993 ވަނަ އަހަރުއެވެ. އޭރު، ލޮގް ފޮތެއްގައި ކޮންމެ ގަނޑެއްގައި މައްސަލަ ނޯޓުކުރަމުން އައިއިރު، އެ ގަނޑެއްގައި އޮންނަ ނަންބަރަކީ މައްސަލައިގެ ނަންބަރެވެ. ނަމަވެސް، އެގޮތަށް ރެކޯޑުކުރުމުން، "މައްސަލަ" ތައް ގިނަވެ، ތަފާސް ހިސާބު އޮޅުންބޮޅުންވާތީ، ތަޙްޤީޤުކުރާ މައްސަލައަކަށް "އެލް.ސީ" ނަންބަރެއް ދޭން ފެށުނެވެ. އެލްސީގެ މާނައަކީ "ލޮޖްޑް ކޭސް" އެވެ. މިނިޒާމު ތަޢާރަފުކުރިއިރު، "އެލް.ސީ" އަކަށްވުމުގެ ކުރިން ހިނގާ މަރްޙަލާއަށް ކިޔަމުން އައީ "ޕްރީ އެލް/ސީ" އެވެ.
މިހާރު ފުލުސް އޮފީހުގައި އޮތް ނިޒާމު ހިނގާ ގޮތުން، ފުލުސް އޮފީހަށް އެއްވެސް ކަމެއްގެ ރިޕޯޓެއް ކޮށްފިނަމަ، އެކަމެއް، "މެސެޖް" އެއްގެ ގޮތުގައި ރަޖިސްޓަރީކުރެއެވެ. އެ "މެސެޖް" އެއަށްވުރެ އިތުރަށް ބަލަންޖެހޭކަމަށް ފެނިއްޖެނަމަ، "މެސެޖް" ބަދަލުވާނީ "އިންސިޑެންޓް" އަކަށެވެ. އެހިސާބުން އިތުރަށް ތަޙްޤީޤީ ބެލުންތައް ބަލަންފަށައެވެ. އެ ބެލުންތައް ބެލުމަށްފަހު، އިތުރަށް ކުރިއަށް ގެންދަންޖެހޭ މައްސަލައެއްނަމަ، "އިންސިޑެންޓު" ދެން ބަދަލުވާނީ "އެލް/ސީ" އަކަށެވެ. އެހިސާބުން، އެމައްސަލަ، ތަޙްޤީޤުކުރެވޭ މައްސަލައެއްގެ ގޮތުގައި ފުލުސް އޮފީހުގައި، "ކޭސް" ކުރެވި، ރަސްމީ ތަޙްޤީޤެއް ފަށައެވެ. ކޮންމެ "އެލް/ސީ" ނަންބަރަކީ، އެ އިންސިޑެންޓަކަށް ޚާއްޞަ ނަންބަރެކެވެ. އެއް "އެލް/ސީ" ނަންބަރެއްގައި ތަފާތު ދެ މައްސަލައެއް ނޯންނާނެއެވެ.
މިސާލަކަށް، ފުލުސް އޮފީހަށް މީހަކު ގުޅައި، މިވެނި ތަނެއްގައި މާރާމާރީއެއް ހިނގާކަމުގެ މަޢުލޫމާތު ދީފިނަމަ، އެއީ "މެސެޖް" އެކެވެ. އެކަން ބެލިއިރު، ޙާދިސާ ހިނގިތަނުގައި ލޭގެ އަސަރު ހުރި ނިޝާންތަކެއް ފެނިއްޖެނަމަ، "މެސެޖް" ބަދަލުވާނީ "އިންސިޑެންޓް" އަކަށެވެ. ނަމަވެސް، އެތަނަށް ފުލުހުން ގޮސް ބެލިއިރު، އެތަނުގައި ހުރި ލެއަކީ، އެރޭ ހިނގިކަމަށް ބުނާ މާރާމާރީއާ ގުޅުން ނެތް ކަމެއްކަން އެނގިއްޖެނަމަ، ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ރިޕޯޓުވި ކަމަކީ ނުހިނގާކަމެއްކަން އެނގިއްޖެނަމަ، "އިންސިޑެންޓް"، "އެލް/ސީ" ނަންބަރަކަށް ބަދަލެއް ނުވާނެއެވެ. އެހިސާބުން "އިންސިޑެންޓް"ގެ ޙަޔާތް ނިމުނީއެވެ. ނަމަވެސް، އެތަނުގައި ހުރި ލެއަކީ، މާރާމާރީއަކާ ގުޅުންހުރި ލެއެއްކަމަށް ފެނިއްޖެނަމަ، "އިންސިޑެންޓް" "އެލް/ސީ" އަކަށް ބަދަލުވެ، ތަޙްޤީޤެއް ފަށާނެއެވެ. އެ ތަޙްޤީޤުގައި ބަލާ ފާސްކުރަން ބޭނުންވާ ތަންތަން ބަލާ ފާސްކުރާނީ "އެލް/ސީ" ނަންބަރު މައްސަލައިގެ ތެރެއިންނެވެ.
އެކި އިދާރާތަކުން އެކި ނަންބަރު ދިނުން
މިހާރު ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާ ގޮތުން، މައްސަލައެއްގެ ޙަޔާތުގައި، އެމައްސަލައެއް ދަތުރުކުރާ ކޮންމެ އިދާރާއަކުން، އެ އިދާރާއަކުން އެމައްސަލައަށް ޚާއްޞަ ނަންބަރެއް ދެއެވެ. އެއިދާރާއަކުން މުޢާމަލާތުކުރާނީ އެ ނަންބަރު ބޭނުންކޮށްގެންނެވެ. އެގޮތަށް ހެދުމުން، ނަންބަރުތައް ގިނަވެ، ޢާންމު މީހާއަށް ތުރާބޮޑުވެއެވެ.
މިސާލަކަށް، ފުލުހުންގެ މައްސަލައަކަށް ދޭނީ "އެލް/ސީ" ނަންބަރެކެވެ. އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދޭނީ އަހަރު ސުމާރުން ދޭ (މިސާލަކަށް 2023/240 ނަންބަރު މައްސަލަ) ނަންބަރެކެވެ. ކޯޓުތަކުންދޭނީ ޤަޟިއްޔާ ނަންބަރެކެވެ. ކްރިމިނަލް ކޯޓުގައިނަމަ އޮންނާނީ (2023/Cr-C/240) މިހެނެވެ. މެޖިސްޓްރޭޓް ކޯޓެއްގައިނަމަ، އެކޯޓު ނިސްބަތްވާ އަތޮޅުގެ އިނގިރޭސި އަކުރާއި، ކޯޓު ނިސްބަތްވާ ރަށުގެ ނަންބަރުވެސް އިތުރު ކުރެއެވެ. ހައިކޯޓާ ހިސާބުން އިތުރު ޤަޟިއްޔާ ނަންބަރެކެވެ. ސުޕްރީމް ކޯޓުން އަނެއްކާ އައު ނަންބަރެކެވެ.
މައްސަލައެއްގެ ޙަޔާތް، ފުލުސް އޮފީހުން ފެށިގެން ސުޕްރީމް ކޯޓުން ނިމޭއިރު މަދުވެގެން 5 ނަންބަރު ލިބެއެވެ. މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކުނަމަ، އެމީހާ ފުލުސް އޮފީހާ މުޢާމަލާތުކުރެވޭނީ އެލް/ސީ ނަންބަރު ޖަހައިގެންނެވެ. ކޯޓަކާނަމަ، އެ ކޯޓެއްގެ ޤަޟިއްޔާ ނަންބަރެވެ. ކަރެކްޝަންސާނަމަ، އެހެން ނަންބަރެކެވެ. ޕެރޯލް އޮފީހާއި ކްލެމެންސީ ބޯޑާ މުޢާމަލާތުކުރަން އަދި އެހެން ނަންބަރެކެވެ. ގިނަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހަކު ނަމަ، އިތުރު ނުހޮރުއްޕާނަކަށްވެއެވެ. މިކަން މިހާރު ރޭވިފައި އޮތީ، އާދައިގެ މީހަކު، ނަންބަރު ޖަހާ ކުޑަ ނޯޓުފޮތެއް ގެންގުޅެން ޖެހޭގޮތަށެވެ.
ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި، ހެކިބަސްދޭން ފުލުހުންގެ މީހަކު ހާޒިރުކުރަންވެއްޖެނަމަ، ކޯޓުން ފޮނުވާނީ ކޯޓުގެ ޤަޟިއްޔާ ނަންބަރު ޖަހާފައި އޮންނަ ޗިޓެކެވެ. އެޗިޓުގައި އެލް/ސީ ނަންބަރެއް ނޯންނާތީ، ފުލުހުންނަށް މިއީ ކޮން މައްސަލައަކާ ގުޅޭ ޗިޓެއްކަމެއް ނޭނގޭނެއެވެ. ދެން ހިނގާން ފަށަނީ، އެޤަޟިއްޔާއާ ގުޅޭ ފުލުހުންގެ "އެލް/ސީ" ނަންބަރު ހޯދުމަށް، ދައުލަތުގެ ތެރޭގައި ފޯނުކޯލުތަކެކެވެ. ފުލުހުންނަކީ ވަރަށް ގިނަ މައްސަލަތަކަށް ޙާޟިރުވާ ބަޔަކަށްވާތީ، އެލް/ސީ ނަންބަރު ނޭނގި، ހެކިބަސްދޭން ދާ މީހާއަށް މިދެވެނީ ކޮން މައްސަލައެއްގައި ކަމެއް ނޭނގެއެވެ. ނަމަވެސް، ކޯޓުން ފޮނުވާ ޗިޓުގައި، އެލް/ސީ ނަންބަރު ޖަހާފައި އޮންނަނަމަ، އެތައް ބައެއްގެ ވަގުތާއި ވަޞީލަތްތައް ސަލާމަތްކުރެވޭނެއެވެ.
މައްސަލައިގެ ޙައްލު
ނަންބަރު ޖެހުމުގެ މައްސަލަ ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނައުމުން، "ޖިނާއީ މައްސަލަތަކާގުޅޭ އަމުރުތަކާއި، ޙުކުމްތަކުގައި ތަޙުޤީޤު އިދާރާތަކުން މައްސަލއަށް ދީފައިވާ ނަންބަރު ހިމެނުމާއިގުޅޭ" ޕްރެކްޓިސް ޑައިރެކްޝަނެއް ސުޕްރީމް ކޯޓުން ނެރުއްވިއެވެ. އެޑައިރެކްޝަންގައި، "ޖިނާއީ މައްސަލަތކުގައި ނެރޭ ކޯޓު އަމުރުތަކާއި ކުރާ ޙުކުމްތަކާއި ތަޙުޤީޤު އިދާރާތަކަށް ފޮނުވާ އެންމެހައި ލިޔުންތަކުގައި، އެ މައްސަލައާ ގުޅޭ އެލް.ސީ ނަންބަރު ނުވަތަ ތަޙުޤީޤު އިދާރާއިން އެ މައްސަލައަށް ދީފައިވާ ޚާއްޞަ ނަންބަރު ހިމެނުމަށް ދަންނަވާ"ފައިވެއެވެ. ނަމަވެސް، މަތީ މަރްޙަލާގެ ކޯޓުތަކުގެ ޙުކުމްތަކުގައިވެސް އަދި އެލް.ސީ ނަންބަރެއް ނުއެއް ޖައްސަވައެވެ. އިރާދަކުރެއްވިއްޔާ، އެކަން އަދި ވާނެއެވެ.
ޖިނާއީ ޢަދުލުގެ ނިޒާމުގެ ހުރިހާ ދިމާއެއްގައި ބޭނުންކުރާ ހަމަ ކޮންމެ ލިޔުމެއްގައި، "އެލް/ސީ" ނަންބަރު ޖަހާގޮތަށް ނިޒާމަށް ބަދަލު ގެނައުމަކީ މިހާރުވެސް ސުޕްރީމް ކޯޓުން އިރުޝާދު ދެއްވާފައިވާ ކަމެކެވެ. އެކަން އިތުރަށް ހަރުދަނާ ކުރުމަށް އަލަށް އަންނަ ސަރުކާރުން މަސައްކަތް ކުރައްވައިފިނަމަ، މިނިޒާމުގެ ހިނގުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. މިކަމަކީ އިތުރު ޚަރަދަކާ ނުލައި، ފަސޭހައިން ކުރެވެންވެސް އޮތް ކަމެކެވެ.
ކޮންމެ އިދާރާއަކުން ވަކި ނަންބަރެއް ދިނުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ، ހުރިހާ ތަނަކުން ބަލާ އެއް ނަންބަރެއް ނެތުމެވެ. އެކަމުގެ ސަބަބުން މެދުވެރިވާ އިދާރީ ދަތިތަކެވެ.
އއ.މަތިވެރި އިރަމާގޭ އާދަމް ޝަރީފާއި 9 ވައްކަން
އއ. މަތިވެރި އިރަމާގޭ އާދަމް ޝަރީފަކީ ވައްކަމުގެ ރެކޯޑެއް އޮންނަ މީހެކެވެ. އޭނާއަކީ ވަކި ގޮތަކަށް ވައްކަން ކުރުމަށް މަޝްހޫރު މީހެކެވެ. އަޅުގަނޑާ އާދަމް ޝަރީފްއާ ބައްދަލުވީ ސުޕްރީމް ކޯޓުން ބެއްލެވި، އެކޯޓުގެ 2009/SC-A/18 ޤަޟިއްޔާގެ ޝަރީޢަތުގައެވެ. އެމައްސަލަ އިސްތިއުނާފުކުރީ އާދަމް ޝަރީފެވެ. އޭނާގެ އިސްތިއުނާފީ އެއް ނުކުތާއަކީ، އޭނާގެ މައްޗަށް ސާބިތުވި ކުށްތަކަށް އަދަބު ދިންއިރު، އޭނާ 9 ވައްކަންކުރިކަމަށް ބަލައިގެން އަދަބު ދީފައި އޮތް އޮތުމެވެ. އޭނާ ބުނީ އޭނާ ކުރީ 8 ވައްކަން ކަމަށެވެ. އެމައްސަލައިގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، އަޅުގަނޑު ކިޔައިދިނީ އާދަމް ޝަރީފްގެ މައްޗަށް ސާބިތުވެފައި އޮތް 9 މައްސަލަ ވަކިވަކިން، އެމައްސަލަތަކުގެ އެލް/ސީ ނަންބަރުންނެވެ. އެއްގޮތް ވައްކަންތަކެއްކަމަށްވާތީ، އެލް/ސީ ނަންބަރުން ނުބަލައި ގުނައިފިނަމަ، އޮޅުންބޮޅުން އެރުމުގެ ފުރުޞަތު އޮތެވެ. އެމައްސަލަ ސުޕްރީމް ކޯޓުން ނިންމެވީ، 9 ވައްކަން ކުރިކަމަށް ބަލައިގެން އަދަބު ކަނޑައަޅައިފައި އޮތީ ރަނގަޅަށް ކަމަށެވެ. އެލް/ސީ ނަންބަރުގެ މުހިންމުކަން އަޅުގަނޑަށް އެމައްސަލައިގެ ތެރެއިން އިހްސާސް ކުރެވުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނިޒާމު
ޢާންމުންނަށާއި މުވައްޒަފުންނަށް ފަސޭހަވާނޭހެން ނިޒާމުތައް ބައްޓަންކުރުމަކީ އަޅުގަނޑު އަބަދުވެސް ވިސްނާ ކަމެކެވެ. ނަންބަރު ޖެހުމުގެ ކަންތައް، އަޅުގަނޑު އެކަނި ބަދަލު ނުކުރެވޭނެތީ، ޕީޖީ އޮފީހުގެ ނިޒާމުތައް ހަމަޖެހިފައި ހުންނާނީ، މައިގަނޑު ގޮތެއްގައި އެލް/ސީ ނަންބަރުން ބެލޭ ގޮތަށެވެ. ނަމަވެސް، އައި.ޑީ ކާޑު ނަންބަރުންނާއި ޤަޟިއްޔާ ނަންބަރުންވެސް އެމައްސަލައެއްގެ މަޢުލޫމާތު ބެލޭނެއެވެ. ވަކި ނަންބަރެއް ނެތިގެން ތާށިނުވާނޭ ގޮތަށެވެ. ނަމަވެސް، އަޅުގަނޑުމެން އިސްކަންދެނީ، އަދި ބޭނުންވަނީވެސް، ހުރިހާ އިދާރާއަކުން ފުލުހުންގެ އެލް/ސީ ނަންބަރު ބޭނުންކުރާށެވެ. އެނަންބަރަކީ، އެންމެ ސާފު، އޮޅުންބޮޅުން ކުޑަ ނަންބަރެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author