7/19/2026

ވޯލްޑް ކަޕް: މިޞްރު ވ އާޖެންޓީނާ – ކޮންފަރމޭޝަން ބަޔަސްގެ ނަމޫނާއެއް

އެމެރިކާއާއި މެކްސިކޯއާއި ކެނެޑާގައި، ފޯރިއާއެކު ފީފާ ވޯލްޑްކަޕް އެބަކުރިއަށްދެއެވެ. އަޅުގަނޑަކީވެސް ޢުމުރުގެ ވަރަށް ގިނަ ދުވަހު ޒުވާން ޤައުމީ ޓީމުތަކުގައި ބޯޅަކުޅެވޭތޯ އުޅުނު މީހަކަށްވެފައި، 1986 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ޑިއޭގޯ މަރަޑޯނާގެ ޖާދޫ ބަލަމުން، އާޖެންޓީނާއަށް ސަޕޯޓުކުރަމުން ބޮޑުވި މީހަކަށްވާތީ، ފުޓުބޯޅައަށް އަބަދުވެސް ޚާއްޞަ ލޯތްބެއް އޮވެއެވެ. ޚާއްޞަކޮށް ވޯލްޑްކަޕާ ގުޅިގެން ތަފާތު ޚިޔާލު ސިކުނޑިއަށް އައިސްގޮސްވެއެވެ.

 

ވޯލްޑްކަޕުގައި އެންމެ ހޫނު އެއް ބަހުސް ހިނގީ އަޅުގަނޑު ތާއިދުކުރާ އާޖެންޓީނާއާ ގުޅުވައިގެންނެވެ. އަޅުގަނޑުގެ ޒުވާން ޢުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރި، އަޅުގަނޑުގެ ދެވަނަ ގެއެއްކަމުގައި ދެކޭ މިޞްރުގެ ފުޓުބޯޅަ ޓީމުގެ އަތުން އާޖެންޓީނާ މޮޅުވި މެޗާބެހޭ ގޮތުން ތަފާތު މީހުން އެކި ގޮތްގޮތަށް ވާހަކަ އެބަ ދައްކައެވެ. މި ބަހުސް އަޅުގަނޑަށް ފެނުނީ ތަފާތު ލެންސަކުންނެވެ. ކޮންފަރމޭޝަން ބަޔަސްއެވެ ކިޔާ ނަފްސާނީ ޙާލަތުގެ ލެންސަކުންނެވެ.

 

ކޮންފަރމޭޝަން ބަޔަސްއަކީ، ކަމަކާމެދު ގޮތެއް ނިންމާއިރު، ތިމާ ޤަބޫލުކުރާ ގޮތާ ދެކޮޅު ވިސްނުމުގެ ބަދަލުގައި، އެކަމެއްގައި ތިމާ އަމިއްލައަށް ޤަބޫލުކުރާ ގޮތުގެ މައްޗަށް ބާރުދޭ ހެކިތަކާއި ދަލީލުތައް ހޯދުމަށް ބާރުއަޅާ ނަފްސާނީ ޙާލަތަކަށް ކިޔާ ނަމެކެވެ. މިއީ އިންސާނުންގައި ހުންނަ ސިފައެކެވެ. މަޢުލޫމާތެއް ލިބުމުން، އެކަމާމެދު ވިސްނާ، ފިކުރުކޮށް، އެކަމުގައި ދެކޮޅަށް ހުރި ހެކިތައް ވަޒަންކޮށް، އެތަނުން ރަނގަޅުގޮތެއް އިޚްތިޔާރުކުރުމަކީ ސިކުނޑިން ތެޔޮ ހާނައިގެން، ސިކުނޑީގެ ހަކަތައާއި ވަގުތު ބޭނުންވާ ކަމެކެވެ. އިންސާނާގެ ސިކުނޑިއަކީ، އަބަދުވެސް ފަސޭހަގޮތް އިޚްތިޔާރުކުރާ އެއްޗަކަށްވާތީ، ކަންކަމާމެދު ފުންކޮށް ވިސްނުމުގެ ބަދަލުގައި ޝޯޓްކަޓެއްގެ ގޮތުގައި ސިކުނޑިން ބަލަނީ، ތިމާ ކުރީއްސުރެ ޤަބޫލުކުރަމުން އައި ގޮތަށް ބާރުލިބޭ ހެކިތައް ހޯދައިގެން ހިތްހަމަ ޖައްސާލުމަށެވެ. އެހިސާބުން، ތިމާ ޤަބޫލުކުރާ ގޮތާ އިދިކޮޅަށް ހުންނަ ހެކިތަކެއް ނުވެސް ފެންނާނެއެވެ. ނުވަތަ އެ ހެކިތައް ސިކުނޑިއަށް ނަގައި، ސިކުނޑީގެ ތަރާދުން ކިރާކަށް ސިކުނޑިން އެއްބާރުލުމެއް ނުދޭނެއެވެ. ނަތީޖާއަކީ، ތިމާ ޤަބޫލުކުރާ ގޮތުގައި ސާބިތުވެ ހުރުމެވެ. އެއީ، ދިމާއަށް ފެންނަން އޮތް ހެކިތައް އެހެން ގޮތަކަށް ހުރިނަމަވެހެވެ.

 

ކޮންފަރމޭޝަން ބަޔަސްގެ ނަޒަރަކުން އާޖެންޓީނާ މިޞްރު މެޗު ބެލުމުން، މިދެންނެވި ބަހުސްގެ އަޞްލަށް ރުޖޫޢަވެވެއެވެ. މިކިޔައިދެނީ މިޞްރު ސަޕޯޓަރުންނަށް ނުފެނުނު ބައެއް ހެކިތަކެވެ. މިޞްރަކީ ދުނިޔޭގެ ފީފާ ރޭންކިންގައި 29 ވަނައެވެ. އާޖެންޓީނާއަކީ ދުނިޔޭގެ ޗެމްޕިއަން އަދި ފީފާ ރޭންކިންގގެ އެއްވަނައެވެ. މިޞްރުގެ ޓީމުގައި، މިޞްރު ލީގުގައި ކުޅޭ 8 ކުޅުންތެރިން ތިއްބެވެ.  މިޞްރު ލީގަކީ އާދައިގެ ލީގެކެވެ. އެންމެ ގަދަ 3 ޓީމާއި ދެން ހުރިޓީމުތަކާ ދެމެދު 15-20 ޕޮއިންޓުގެ ތަފާތެއް އޮވެއެވެ. ލީގުގައި ކޮންމެ ޓީމަކަށް ލިބެނީ ވަރުގަދަ ދެ މެޗެވެ. އާޖެންޓީނާ ލީގަކީ ވަރުގަދަ ލީގަކަށް ވިޔަސް، އާޖެންޓީނާ ޓީމުގައި ތިބީ ޤައުމުގައި ކުޅޭ އެންމެ 2 ކުޅުންތެރިންނެވެ. އެހެން ހުރިހާ ކުޅުންތެރިންނަކީ މަތީ ފެންވަރުގެ ޕްރޮފެޝަނަލުންނެވެ.  އާދައިގެ ފެންވަރުގައި މެޗުތައް ކުޅުން އާދަވެފައިވާ މިޞްރުގެ ކުޅުންތެރިންނަށް، މެޗުގެ ފުރަތަމަ 10 މިނިޓުގެ ތެރޭގައި ލަނޑެއް ޖެހުމުން، ވޯލްޑްކަޕް ނޮކްއައުޓް މެޗެއްގައި، އާޖެންޓީނާ ފަދަ ޓީމަކުން ކުރިމަތިކުރުވާނެ ޕްރެޝަރަށް ކެތްކުރެވޭނެކަމަށް ބަލާނެ މީހަކު ދުނިޔޭގެ ފުޓުބޯޅައަކު ނޫޅޭނެއެވެ. މިޞްރު ކުޅުންތެރިންގެ ޙަޔާތުގައި ދުވަހަކުވެސް އެކަހަލަ ޕްރެޝަރެއްގައި އެހައި ގިނައިރު ކުޅެފައެއް ނޯންނާނެއެވެ. އެކަން އިތުރަށް ކަށަވަރުވަނީ، ދުނިޔޭގެ 4 ވަނަ ރޭންކުގައި އޮތް އިނގިރޭސިންނަށްވެސް އާޖެންޓީނާގެ ކުރިމަތީގައި ފަހު ދިހަ މިނިޓު ހިފަހައްޓާ ނުލެވުނީމައެވެ.

 

މިޞްރު މީހުންނަށް ކަމުނުދިޔައީ ރެފްރީއެވެ. ނަމަވެސް، މިޞްރު މީހުންނަށް ރެފްރީން ކަމުނުދިއުމަކީ އައު ކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެން ބަލައި، ބާވެފައިވާ ފިލްމެކެވެ. މިޞްރަކީ އެފްރިކަން ނޭޝަންސް ކަޕުގައި އެންމެ ކާމިޔާބު ޤައުމެވެ. އެ މުބާރާތް 7 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. ނަމަވެސް، އެ މުބާރާތް މިޞްރަށް ކާމިޔާބު ނުކުރެވުނު ކޮންމެ ފަހަރަކު އެކަން ނުވެ އޮތީ ރެފްރީއާ ހެދިއެވެ. މިޞްރުގެ ޑަރބީ މެޗު، އަހުލީ އަދި ޒަމާލިކު ބައްދަލުކުރާ މެޗަށް ޔޫރަޕުން ރެފްރީން ގެންނަތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވެއެވެ. އެއީ، މިޞްރުގެ އަދި އެފްރިކާގެ ރެފްރީންނަށް މިޞްރު މީހުން އިތުބާރު ނުކުރާތީއެވެ. ޔޫރަޕު ރެފްރީން ތިބެގެން އަހްލީ އާއި ޒަމާލިކު ކުޅުނު މެޗެއްގައި 3 ވަނަ މިނިޓުގައި ދެއްކި ރަތްކާޑަކާ ގުޅިގެން ދެ ޓީމު މެޗު ނުކުޅެ ދަނޑުން ފައިބައިގެން ދިޔައީ އަޅުގަނޑު ދަނޑުގައި އިންދައި، 2000 ވަނަ އަހަރުއެވެ. އެ ސަޤާފަތް އަދިވެސް ދިރިއޮތްކަން އެނގެނީ، 2025 ވަނަ އަހަރުގެ ޑަރބީ މެޗުވެސް ނުކުޅެވުނީ ރެފްރީންނާބެހޭ ޝަކުވާއާހެދިކަމަށްވާތީއެވެ. މިޞްރުގެ މެނޭޖަރު ޙުސާމް ޙަސަނާއި އޭނާގެ އެއްމާބަނޑު ބޭބެ އިބްރާހީމް ހަސަނަކީ އަހްލީގެ ސަޤާފަތުގެ ތެރެއިން ތަރުބިއްޔަތުވެގެން އައި މީހުން ކަމަށްވާތީ، ރެފްރީއާމެދު ޝަކުވާ އޮތުމަކީ އެމީހުންގެ ޠަބީޢަތާއި ތަރުބިއްޔަތާ ޚިލާފު ކަމެއް ނޫނެވެ.


ދެން އޮތީ، ދެޓީމުގެ ސްކޮޑުގެ ވަރުގަދަކަމެވެ. އެ މެޗުގައި އާޖެންޓީނާއިން 66 ވަނަ މިނިޓުގައި ކުޅެން އެރުވި ލައުޓާރޯ މާޓިނޭޒްގެ އަގަކީ 82 މިލިއަން ޔޫރޯއެވެ. އޭނާއާ އެއްކޮށް އެރުވި ނިކޮލަސް ގޮންޒާލޭޒްގެ އަގަކީ 22 މިލިއަން ޔޫރޯއެވެ. އެންމެ ދެ ކުޅުންތެރިންގެ ޖުމްލަ އަގު 104 މިލިއަން ޔޫރޯއަށް އަރައެވެ. މިޞްރުގެ މުޅި ފުޓުބޯޅަ ޓީމު ސްކޮޑު (22 ކުޅުންތެރިން) ގެ އަގަކީ 116.5 މިލިއަން ޔޫރޯއެވެ. ދެ އަކުރަށްވުރެ އަގުބޮޑު ހަމައެކަނި ދެ ކުޅުންތެރިންނަކީ 50 މިލިއަން ޔޫރޯގެ އޮމަރު މަރްމޫޝްއާއި 22 މިލިއަން ޑޮލަރުގެ މޯ ޞޮލާޙެވެ. ދެން އެންމެ އަގުބޮޑު ކުޅުންތެރިޔާގެ އަގު 4.5 މިލިއަން ޔޫރޯއަށްވުރެ ބޮޑެއް ނޫނެވެ. އާޖެންޓީނާގެ ކެޕްޓަން މެސީގެ އަގަކީ 1.1 ބިލިއަން ޑޮލަރެވެ. ކުޅުންތެރިންގެ އަގުން އެކުޅުންތެރިންގެ ފެންވަރު ވަޒަންކުރެވެއެވެ.

 

ރެފްރީގެ ނިންމުންތަކުގެ ވާހަކަވެސް ދެކެވެއެވެ. ތެދެކެވެ. މިޞްރުން ޖެހި ދެވަނަ ގޯލު ކެންސަލްކުރީ، މާކުރިން ކުރި ފައުލަކާ ގުޅިގެންނެވެ. އެ ނުކުތާގައި އަޅުގަނޑު މިޞްރު ސަޕޯޓަރުންނާ އެއްބަހެވެ. އަޅުގަނޑުގެ މައްސަލަ އޮތީ ވީއޭއާރުއާއެވެ. ވީއޭއާރުގެ ބޭނުމަކީ، ފައުޅުކަން ބޮޑު ފައުލްތައް ދެނެގަތުމެވެ. މުޠްލަޤު އިންޞާފު ޤާއިމުކުރުމެއް ނޫނެވެ. ފުޓުބޯޅަ ފުޓުބޯޅައަކަށް ވަނީ ކުޅުންތެރިންގެ ހުނަރާއި ކުޅަދާނަކަމާއި އަދި ބައެއް ފަހަރު މަކަރު ހަދައި އޮޅުވާލުމުގައިވެސް ހުންނަ ޤާބިލުކަމުންނެވެ. ވޯލްޑްކަޕުގައި ސިމިއޯނީގެ އެކްޓިންގެ ސަބަބުން ޑޭވިޑް ބެކަމަށް ރަތްކާޑު ދެއްކިއެވެ. އެމެޗު އެހިސާބުން އެނބުރި، އިނގިރޭސިން މުބާރާތުން ކެޓިއެވެ. ޑިއޭގޯ މެރެޑޯނާ 1986 ވަނަ އަހަރު މެކްސިކޯގައި އިނގިރޭސިން ކޮޅަށް ޖެހި މަޝްހޫރު "ހޭންޑް އޮފް ގޯޑް" ގޯލަކީވެސް ފައުލެކޭ މީހުން ކިޔައެވެ. ނަމަވެސް، މަރަޑޯނާ އެގޯލު ޖަހާފައި ފަސްއެނބުރި ބަލައިވެސް ނުލައެވެ. އޭނާގެ ކުޅަދާނަކަމާއި ފުޓުބޯޅައިގެ ވިސްނުންތޫނުކަމުން، ދުނިޔޭގެ އެންމެން ތިބީ އާޝޯޚުވެފައެވެ. އެއީ ފައުލެއްކަމަށް ބަލައިގެން އާޖެންޓީނާއަށް އެ މެޗުގައި މޮޅުވުން އިންޞާފުވެރި ނޫންކަމަށް ޤަބޫލުކުރާ މީހުންނަށް މެރެޑޯނާ ދައްކައިދިނީ އެފަދަ ދެވަނަ އެއްނެތް އޭނާގެ އެ މެޗުގެ ދެވަނަ ގޯލެވެ. މުޅި އިނގިރޭސި ޓީމުގެ ހުރިހާ ކުޅުންތެރިން ކައިރިން ނައްޓާލާފައި ގޯލް ޖެހުމުން، އެ މެޗުގައި އާޖެންޓީނާ މޮޅުވީ ހަމަ މޮޅުވާން ވެގެންކަން އެންމެނަށް ޤަބޫލުކުރެވުނެވެ. މިޞްރު އަތުން އާޖެންޓީނާ މޮޅުވާން ޖެހި ގޯލުތަކާއި އެހިސާބަށް ކުޅެމުންދިޔަ ކުޅުން ބެލުމުން، އާޖެންޓީނާ އެ މެޗުން މޮޅުވީ އިއްތިފާޤުން ނޫންކަން ސާފުކޮށް އެނގެއެވެ. މިޞްރުގެ ގޯލު އެއީ ގޯލެއްކަމަށް ބެއްޔަސްވެސް، ފަހަތުން އަރައި ތިން ހަތަރު ގޯލު ޖެހުމުގެ ޤާބިލުކަން އާޖެންޓީނާގެ އޮތެވެ.

 

މިދެންނެވީ ކޮންފަރމޭޝަން ބަޔަސްގެ ސަބަބުން އަޅުގަނޑަށް ފެނުނު ގޮތްކަމަށްވެސް ވެދާނެއެވެ. ނަމަވެސް، ނޯވޭއާއި އިނގިރޭސިން ކުޅުނު ކުއަރޓަރ ފައިނަލް މެޗުގައި، ބެލިންގްހަމް ޖެހި ގޯލުގެ ކުރިން، ބޯޅަ ކުޅުމުން ބޭރަށް ގޮސް، ދަނޑުގައި އޮތް ވާގަނޑެއްގައި ޖެހުނުކަމަށް ޤަބޫލުކުރެވެއެވެ. ގަވާއިދު ބުނާ ގޮތުން، އެ ހިސާބުން ކުޅުން ޖެހެނީ އަލުން ފަށާށެވެ. ގަވާއިދު އޮތް ގޮތުން އެ ގޯލު ގުނައިގެން ނުވާނެއެވެ. ނަމަވެސް، ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ. އެމެޗުގައި ނޯވޭ ވީ ބައްޔެވެ. ނަމަވެސް، ނޯވޭގެ މެނޭޖަރު، ރެފްރީގެ ހެއްދެވި ނެހެއްދެވިއަކަށް ނުގޮވައެވެ. އެތަނުގައި ކުޅިވަރު ސަޤާފަތު އޮންނަ ގޮތުން އެއްބަޔަކު ބަލިވެ އަނެއްބަޔަކު މޮޅުވާނެކަމަށް ޤަބޫލުކުރެވެއެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author