11/11/2023
މުޖްތަމަޢުގެ ޢާންމު އަމަން އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ރައްޔިތުންނަށް ދިމާވާ ކުއްލި ޙާލަތުތަކުގައި އެހީތެރިވެދިނުމަކީ ދައުލަތުގެ މުހިންމު ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. ތެލިފޯނާއި އެއާ ގުޅުންހުރި މުވާޞަލާތީ ވަޞީލަތްތަކަށް އައި ބަދަލާއެކުވެސް، މިޚިދުމަތް ވަކި ފަސޭހައެއް ނުވިއެވެ.
ރާއްޖޭގައި، ކުށެއް ރިޕޯޓު ކުރަން ގުޅާނީ 119 އަށެވެ. ޓުއަރިސްޓަކު ހިމެނޭ ކަމެއްނަމަ، 1478 އެވެ. އެމްބިއުލަންސްއަކީ 102 އެވެ. ސިފައިންގެ ތެރޭގައި އޮތް އިމަޖެންސީގައި ޚިދުމަތްދޭ ދެތަނުގެ ނަންބަރުވެސް ތަފާތެވެ. ފަޔަރަކީ 118 އެވެ. ކަނޑުމަތީގެ ޙާދިސާއެއްގައިނަމަ 191 އެވެ. ސޯޝަލް ސަރވިސްއާއި ކުޑަކުދިންނަށް އަނިޔާ ކުރުމުން 1412 އެވެ. ހިއުމަންރައިޓްސްއާ ގުޅޭ ކަންކަމުގައި 1424 އެވެ. އެމް.ޓީ.ސީ.ސީ ބަސް ގަވާއިދާ ޚިލާފަށް ދުއްވާނަމަ، 1650 އެވެ. އާދައިގެ މީހަކަށް، މިހުރިހާ ނަންބަރެއް، އަދި ޚާއްޞަކޮށް، އިމަޖެންސީކަމެއް ދިމާވެގެން އުޅޭއިރު، ހަނދާނުގައި ބެހެއްޓުމަކީ ކުޑަނޫން ތުރާލެކެވެ. އަޅުގަނޑުގެ ވެރިކަމެއްގައި، ކުއްލި ޙާލަތުގައި ގުޅާނެ ހަމައެކަނި ނަންބަރަކީ 911 ކަމުގައި ހަމަޖައްސާނަމެވެ. އިމަޖަންސީގެ ހުރިހާ ޚިދުމަތެއް ދޭނީ އެނަންބަރުންނެވެ.
އިންސާނީ ނަސްލާއި ސިކުނޑި އުފެދި ބޮޑުވެފައިވާ ގޮތުން، އިމަޖެންސީ ޙާލަތެއްގައި ސިކުނޑިން ދެކަމެއް ކުރެއެވެ. ފުރަތަމަ ކަމަކީ، ހަށިގަނޑުގައި ހުރި ބުންވަރާއި ލެޔާއި ވިސްނުމުގެ ޤާބިލްކަމާއި، އެނޫންވެސް އެޙާލަތަކަށް ބޭނުންވެދާނެ އެންމެހައި ހަކަތައެއް، އެ ކުއްލި ޙާލަތަށް ކޮންމެހެން ބޭނުންވާ ހަށިގަނޑުގެ ގުނަވަނަށް ފޮނުވައި، އެވަގުތަށް ބޭނުންތެރި ނޫން ހުރިހާ ގުނަވަނެއް ސަސްޕެންޑް ކުރުމެވެ. މިޤާބިލްކަން ސިކުނޑީގައި ހުރެއެވެ. މިސާލަކަށް، އިންސާނީ ނަސްލު ދެމިއޮންނަނީ ދަރިފަސްކޮޅެއް އުފެއްދުމަށްޓަކައި ކަމަށްވާތީ، އެއީ ސިކުނޑީން އެންމެ އިސްކަންދޭ އެއްކަމެވެ. ނަމަވެސް، ސިންގާއެއް މީހަކު ފަހައި ދުއްވައި ގަތުމުން، ދަރިފަސްކޮޅު އުފެއްދުމުގެ މަސައްކަތަށްވުރެ، ދުނިޔޭގައި ދިރިހުރުމުގެ މުހިންމުކަން ބޮޑުވާތީ، ދަރިފަސްކޮޅާބެހޭ މަސައްކަތް ސަސްޕެންޑްކޮށް، ބާރަށް ދުވުމަށް ބޭނުންވާ ހަކަތަ، ފައިގެ މަސްތަކަށް ފޯރުކޮށްދިނުމަށް، ކޮމާންޑް ސެންޓަރު (ސިކުނޑިން) ހަށިގަނޑަށް އަންގައެވެ. އެވަގުތު ބާރަށް ދުވެ ފިލުން ފިޔަވައި، އެހެން ކަމަކާމެދު ވިސްނުމުގެ ޤާބިލުކަމެއް އިންސާނާގައި ނުހުރެއެވެ.
އިމަޖަންސީ ޙާލަތުގައި ސިކުންޑިން ކުރާ ދެވަނަ ކަމަކީ، ކުރީގައި މި ބާވަތުގެ ކަމެއްގައި ސަލާމަތާއި ރައްކާތެރިކަން ލިބިފައިވާ ގޮތް، ސިކުނޑީގެ ފައިލްތަކުން ހޯދައި، އެގޮތަށް ޢަމަލުކުރުމަށް އެންގުމެވެ. މިސާލަކަށް، މީގެ ހަފްތާއެއް ކުރިން، ސިންގާ ފަހައިގަތް ފަހަރު، ހޮހޮޅައަކަށްވަދެ، ފިލާ އޮވެގެން ސިންގާގެ ކިބައިން ސަލާމަތްވެފައިވާތީ، މިފަހަރުވެސް އެ ހޮހޮޅައަށް ވަނުމަށް، ސިކުނޑިން އޮޓޮމެޓިކުން ސިގްނަލްދެއެވެ. މިއީ، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސިކުނޑިންކުރާ ކަމެކެވެ. އިންސާނީ ނަސްލު އުފެދި މިހިސާބަށް އާދެވިފައިވަނީ ސިކުނޑީގެ މިމަސައްކަތުގެ ފުރިހަމަކަމުންނެވެ.
މިޒަމާނުގައި، ސިންގާގެ ނުރައްކަލެއް (ޢާންމު ޙާލަތުގައެއް) ނެތެވެ. ނަމަވެސް، އިމަޖަންސީ ޙާލަތުތަކުގައި ސިކުނޑި މަސައްކަތްކުރާ ގޮތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ކަމެއް ދިމާވުމުން، ގުޅާން އަށެއްކަ ނަންބަރު ހަނދާންކުރުމަކީ، އެފަދަ ޙާލަތުތަކުގައި ސިކުނޑި މަސައްކަތްކުރާ ގޮތުގެ ފަލްސަފާއާ ނުބައްދަލު، އިދިކީލި ކަމެކެވެ.
އަޅުގަނޑަށް އެނގެއެވެ. އެކި އިދާރާތަކުން އެކި ޚިދުމަތް ފޯރުކޮށްދޭތީ، ގުޅާ ނަންބަރުތައް ތަފާތުވަނީއެވެ. ނަމަވެސް، އެއީ ޢާންމު މީހާއާބެހޭ ކަމެއް ނޫނެވެ. ޢާންމުންގެ މީހާ ބޭނުންވަނީ އިމަޖަންސީގައި ޚިދުމަތެއް ލިބުމެވެ. އޭނާ ގުޅާންވީ އެއް ނަންބަރަކަށެވެ. އެނަންބަރުގެ ފަހަތުގައި، ދައުލަތުގެ ހުރިހާ އިދާރާތަކަކުން ވާހަކަ ދައްކައި، މަޝްވަރާ ކޮށްގެން، އެމީހާއަށް ފަސޭހައިން ޚިދުމަތްދެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ ކަމެކެވެ. އަޅުގަނޑުމެންގެ ވެރިކަމެއްގައި ޤާއިމުކުރާނީ އެނިޒާމެވެ. ކޮންމެ ކަމެއް މީހަކަށް ދިމާވިޔަސް، އެދިމާވި ކަމަކީ އިމަޖަންސީ ކަމެއްކަމަށް އެމީހަކަށް ޤަބޫލުކުރެވިއްޖެނަމަ، (ދުނިޔޭގެ އެހެން ޤައުމުތަކާއި ފިލްމުތަކުގައިވެސް ފެންނަ ގޮތަށް) ގުޅާނީ 911 އެވެ.
911 އަށް ގުޅުމުން، ފޯނު ނަގާނީ ކޯލް ސެންޓަރަކުންނެވެ. ފޯނަށް ޖަވާބުދޭ މީހާއަށް ފޯނުން ވާހަކަ ދައްކަން އެނގޭނެއެވެ. ހުންނާނީ ތަމްރީން ހަދައިގެންނެވެ. ދިވެހި، އިނގިރޭސި، ބެންގާލީ، މަލަޔާލަމް، ހިންދީ، ސިންހަޅަ އަދި ތައި ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގޭނެއެވެ. ރާއްޖެއަށް ޓޫރިސްޓުން އަންނަ ރަޝިޔާ، ޗައިނާއާއި ޔޫރަޕުގެ އެހެނިހެން ބަސްބަހުން ވާހަކަދައްކަން އެނގޭ މީހުން، މިވަޒީފާއަށް ނަގަން އިސްކަންދޭނެއެވެ.
ކުއްލި ޙާލަތެއްގައި ޢަމަލުކުރަންވީ ގޮތްތައް، ފޯނުން ކިޔައިދޭނެއެވެ. ޞިއްޙީ ކަމެއްނަމަ، ސީޕީއާރު ދޭނެ ގޮތްފަދަ އަސާސީ ކަންކަން ފޯނުން ކިޔައިދީ، އެކަން ކުރުވާނެ ގޮތްވެސް އެނގޭނެއެވެ. ކުށެއް ހިނގައިގެން އުޅޭނަމަ، ހެއްކާއި ސީން ރައްކާތެރި ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފޯނުން ކިޔައިދޭނެއެވެ. އެމްބިއުލަންސް ނުވަތަ ފުލުހުންނަށް އެތަނަކަށް ދެވެންދެން ފޯނުން ވާހަކަ ދައްކަމުންދާނެއެވެ. ޙާލުގައި ޖެހިފައި ހުރި ޢާންމު މީހާ ދޫކޮށެއް ނުލާނެއެވެ.
911 ކޯލް ސެންޓަރަށް ފޯނެއް އައުމާއެކު، އެފޯނު އައި ތަން، ސެންޓަރަށް އެނގޭނެއެވެ. އެއީ، ކުށުގެ ޢަމަލެއް، ނުވަތަ އަލިފާނުގެ ޙާދިސާއެއް ނުވަތަ އެކްސިޑެންޓެއް ހިނގައިގެން އުޅޭއިރު، ފޯނުން ގުޅުނަސްވެސް، ކޮންމެވެސް ސަބަބަކާހުރެ ވާހަކަ ނުދެއްކިދާނެތީއެވެ. 911 އަށް ޑިސްޓްރެސް ކޯލެއް އަތުވެއްޖެނަމަ، ފޯނު ނަގާ މީހާ، އެކަން ވަގުތުން އެކަމާބެހޭ ބަޔަކަށް އަންގާނެއެވެ. އެކަން ކުރާނީ، ފޯނު ނުބާއްވާ، ފޯނާ ގުޅިފައި ހުންނަ ކޮންމެވެސް މޮޅު ކޮމްޕިއުޓަރ ސިސްޓަމަކުންނެވެ. އެހިސާބުން، ޚިދުމަތް ފޯރުކޮށްދޭ މީހުން ޙަރަކާތްތެރިވާން ފަށާނެއެވެ.
ރާއްޖޭގައި މިހާރު ވަކިން ދިރިއުޅޭ ޢާއިލާތައް މިދަނީ ގިނަވަމުންނެވެ. ކުޑަކުދިން އެކަނި ގޭގައި ތިބެންޖެހޭ ޙާލަތުތައްވެސް މަދެއް ނޫނެވެ. އެޙާލަތުގައި، މަންމައަށް ނުވަތަ ބައްޕައަށް ކަމެއް ދިމާވެއްޖެނަމަ، ކިރިޔާ ވާހަކަ ދެއްކޭ ޢުމުރުގެ ކުއްޖެއް ގާތު މި 8 ނަންބަރުންކުރެ، އެކަމާ ގުޅޭ ނަންބަރަކާމެދު ވިސްނާފައި، އެނަންބަރަށް ގުޅާކަށް ނުބުނެވޭނެއެވެ. 911 އަކީ އިމަޖަންސީގައި ގުޅާ ނަންބަރުކަމަށް އެކުދިން ބަލާ ފިލްމުތަކުގައިވެސް ކިޔާތީ، އެނަންބަރު އެނގޭނެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށްވެސް، އިމަޖަންސީއެއްގައި ގުޅާނެ ނަންބަރުތައް އެނގޭނެ ކުޑަ އަތްމަތީ ފޮތެއް ދިނުމުގެ ބަދަލުގައި، 911 އަށް ގުޅަން ބުނަން މާ ފަސޭހައެވެ.
އިމަޖަންސީ ނަންބަރެއްގެ ގޮތުގައި 911 ހަމަޖެއްސުމުން، އެ ނަންބަރު ދާނީ އިސްތިހާރުކުރަމުންނެވެ. މީހުންގެ ސިކުނޑީގައި، ސިންގާއެއް ފަހައިގެންފިނަމަ ވަންނާނެ ހޮހޮޅަ އެނގޭގޮތަށް، އިމަޖަންސީކަމެއް ދިމާވެއްޖެނަމަ، ގުޅާނީ 911 އަށްކަމަށް، މިދެންނެވި ބިލްބޯޑުތަކުން ދާނީ ސިކުނޑިއަށް ނުސީދާ މެސެޖު ދެމުންނެވެ.
ގުޅަންވީ އެމަޖަންސީ ނަންބަރު ރަނގަޅު ނުވެގެން، މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބުމަކީ ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން ކުޑަކޮށް ލަދުގަންނަންޖެހޭނެ ކަމެކެވެ. އެއީ، މިނިޒާމު މަތީގައި މިދެންނެވި ގޮތަށް ހެދުމުގެ ފުރިހަމަ ފަންނީ އަދި އިންސާނީ ޤާބިލުކަން ދިވެހިރާއްޖޭގައި ހުރީމައެވެ. މިގޮތަށް ނިޒާމު ބަދަލުކޮށްގެން، އެންމެ މީހެއްގެ ފުރާނަ ނުވަތަ މުދާ ސަލާމަތްވިޔަސް، އަޅުގަނޑުމެންގެ މަސައްކަތުގެ އަގު ލިބުނުފަދައެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author