ދުވުން – އިންޓަވަލް ޓްރެއިނިންގ

ޖަނަވަރީ 28, 2021


އަޅުގަނޑު އެންމެ ޝައުޤުވެރިކަމާއެކު ކުރާ އެއްކަމަކީ ދުވުމެވެ. ދުވުމަކީ ހަމައެކަނި މަޖަލަކަށް ކުރާ ކަމެއް ނޫނެވެ. ދުވުމުގެ ތެރެއިން ދަސްވާ ކަންކަން، ޢާންމު ދިރިއުޅުމަށާއި މަސައްކަތުގެ ޙަޔާތަށްވެސް ގެނެވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މަސައްކަތްވެސް ކުރަންވީ ދުވާ ގޮތަށެވެ. އޭރުން، ދުވުމުން ނަތީޖާ ނެރެވޭ ގޮތަށް، މަސައްކަތުންވެސް ތަފާތު ބޮޑު ނަތީޖާއެއް ނެރެވޭނެއެވެ.

ދުވުމުގެ ޓްރެއިނިންގ ބެހިގެންވާ ބައިތައް

ދުވުމުގެ ތަމްރީނު ބެހިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ، “އިންޓަވަލް ޓްރެއިނިންގް”، “ޕޭސް ޓްރެއިނިންގް” އަދި “ލޯންގް ސްލޯ ޑިސްޓަންސް” ނުވަތަ “ލޯންގްރަން” އެވެ. ދުނިޔޭގެ ފެންވަރުގެ އެތުލީޓުންވެސް، އަޅުގަނޑުމެން ކަހަލަ އާދައިގެ މީހުންވެސް، ދުވުމުގެ ތެރެއިން ވަކި ނަތީޖާއެއް ޙާޞިލުކުރަން ބޭނުންނަމަ، ހަދާނީ މި ތިން ވައްތަރުގެ ތަމްރީނެވެ. އެކި މީހުން ދުވާ އިސްޕީޑާއި، ދިގުމިން ތަފާތުވެދާނެއެވެ. ނަމަވެސް، ފަލްސަފާއަކީ އެކައްޗެކެވެ.

އިންޓަވަލް ޓްރެއިނިން

ދުވުމުގެ ތަމްރީނު ބެހިގެންވާ ބައިތަކުގެ ތެރެއިން އިންޓަވަލް ޓްރެއިނިންގަކީ ކުރު ސްޕްރިންޓުތަކެކެވެ. ކުރު، ބާރު ސްޕްރިންޓަކަށްފަހު، ނޭވާލާނެ ވަގުތު ކޮޅެއް ލިބޭނެއެވެ. އެއަށްފަހު އަނެއްކާވެސް ސްޕްރިންޓެކެވެ. މިގޮތަށް، 200 މީޓަރު 8 ނުވަތަ 12 ފަހަރު، 100 މީޓަރު 10 ފަހަރު ޢާންމުކޮށް ދުވެވިދާނެއެވެ. ކޮންމެ ދެ ސެޓެއްގެ ދޭތެރޭގައި ދެމިނިޓެއްހައިއިރުގެ ވަގުތުކޮޅަކަށް ވަރުބަލި ފިލުވާލަންވާނެއެވެ.

އިންޓަވަލް ޓްރެއިނިންގެ ތާރީޚު

އިންޓަވަލް ޓްރެއިނިންގ އުފެއްދީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ކޯޗު ވާރލްޑަމަރ ގެރްޝަލަރއާއި ހޭންސް ރެއިންޑެލް ކިޔާ ފްރެއިސްބަރގް ޔުނިވަރސިޓީގެ ސައިކޮލޮޖިސްޓަކާ ދެމީހުންވެގެން 1930 ގެ އަހަރުތަކުގެ ތެރޭގައެވެ. އެދެމީހުން އުފެއްދި މި ސިސްޓަމުގައި، ފުރަތަމަ ތަޖުރިބާ ކުރީ 30 ސިކުންތާއި 70 ސިކުންތާ ދެމެދުގެ ސްޕްރިންޓެއްގައި، ހާރޓްރޭޓު 170-180 އަށް އެރުވުމަށްފަހު ރެސްޓު ކުރަނީއެވެ. ހާޓްރޭޓު 120 އަށް ވެއްޓުމުން (ގާތްގަނޑަކަށް 2 މިނިޓު ފަހުން) އަނެއްކާވެސް ސްޕްރިންޓް ކުރަނީއެވެ. މިގޮތަށް ކާޑިއޯވަސްކިއުލަރ ނިޒާމު މަސައްކަތް ކުރަން ޖެއްސުމުން، ހިތުން ލޭ ޕަމްޕުކުރާ މިންވަރު ރަނގަޅުވެ، ބާރަށް، ގިނައިރު ދުވަން ހަށިގަނޑު ހޭނެއެވެ. މީހާގެ ހިތުގެ ހިނގުން ރަނގަޅުވާ ވަރަކަށް ރެސްޓު ކުރާ ވަގުތު މަދުކުރުމުން، ނަތީޖާ ނެރެވޭ މިންވަރު އިތުރަށް ރަނގަޅުވެއެވެ. މިއީ އިންޓަވަލް ޓްރެއިނިންގެ ފެށުމެވެ.

އެއަށްފަހު، ހަންގޭރީގެ އެތުލީޓު އެމިލް ޒަޓޮޕެކް (ސްވިޑިންގެ ހެލްސިންކީގައި އޮތް 1952 ވަނަ އަހަރުގެ އޮލިމްޕިކްސްގައި، 5000، 10،000 އަދި މެރެތަން އިވެންޓުތަކުން އެއް އޮލިމްޕިކްސެއްގައި ރަން މެޑަލް ހޯދި ހަމައެކަނި ދުވުންތެރިޔާ) 1950 ގެ އަހަރުތަކުގައި އިންޓަވަލް ޓްރެއިނިންގ ހެދިކަމަށްވެއެވެ. އޭނާ ނެރުނު ނަތީޖާތަކުގެ ސަބަބުން އިންޓަވަލް ޓްރެއިނިންގެ މަޤްބޫލުކަން އިތުރުވެ، އެއީ، ދުވުމުގެ ތަމްރީނުގެ މައިގަނޑު އެއް ބައިގެ ގޮތުގައި ޤަބޫލުކުރަންފެށިއެވެ.

މިއަދުގެ ދުނިޔޭގައި، ކިޕްޗޯގޭއާއި މޯ ފަރަހައިން ފެށިގެން ގޮސް، އަޅުގަނޑުވެސް ހަފްތާއަކު އެކެއް ނުވަތަ ދެފަހަރު އިންޓަވަލް ޓްރެއިނިންގ ހަދައެވެ. އަޅުގަނޑު ތަމްރީނުކުރަނީ ކުޑަހުސެން އެކަޑަމީގައި، ޑރ ޙުސައިން ޙަލީމުގެ ބެލުމުގެ ދަށުންނެވެ. އިންޓަވަލް ޓްރެއިނިންގ އޮންނާނީ ޢާންމުކޮށް ކޮންމެ އާދީއްތަ ދުވަހެއްގައެވެ. މިދިޔަ ހަފްތާގައި އޮތީ 400 މީޓަރުގެ 6 ސްޕްރިންޓް (1 މިނިޓު ރެސްޓް)، 300 މީޓަރުގެ 4 ސްޕްރިންޓް (1 މިނިޓު ރެސްޓް) އެއަށްފަހު 200 މީޓަރުގެ 3 ސްޕްރިންޓެވެ. 400 މީޓަރު (ދުވާ ޓްރެކް ވަށާ އެއް ބުރު) އެއް މިނިޓު 21 ސިކުންތަށްވުރެ މަޑު ނުވެ، 1 މިނިޓު 19 ސިކުންތަށްވުރެ ބާރު ވެގެން ނުވެއެވެ. މިވަރަށް ދުވެވޭނީ ވަރަށް ވިސްނައިގެންނެވެ. ދުވުމަކީ އަބަދު ފައިން ކުރާ ކަމެއް ނޫނެވެ. ސިކުނޑިވެސް ބޭނުންވާނެއެވެ.

photo: Google images

މަސައްކަތުގެ މާޙައުލުގައި އިންޓަވަލް ޓްރެއިނިންގ

އިންޓަވަލް ޓްރެއިނިންގާމެދު އަޅުގަނޑު ވިސްނިއިރު، ސްޕްރިންޓު ކުރާ ގަޑީގައި އެހެން ހަމަ އެއް ކަމެއްވެސް ނުކުރެވެއެވެ. ކުރާނެ ހިތްވަރެއް ނުހުރެއެވެ. ސްޕްރިންޓު ކުރާ ގަޑީގައި މުޅި ހަށިގަނޑާއި ސިކުނޑީގެ ސަމާލުކަން އޮންނަނީ ގަޑިއަށް ނިންމާށެވެ. ކައިރީގައި ހުންނަ މީހާ ގޮވާލިއަސް ބަލައެއް ނުލެވޭނެއެވެ. ފޯނަކަށް ޖަވާބެއް ނުދެވޭނެއެވެ. ދުވުމުގެ ޙަރަކާތް ފިޔަވައި، ހަމަ އެހެން އެއްކަމެއްވެސް ނުވާނެއެވެ. އެއަށްފަހު ރެސްޓު ކުރާ ގަޑީގައި ފޯނަށް ޖަވާބުދީ، ރައްޓެހިންނަށް ގޮވާލާ، ޙާލު ބަލައި ހެދިދާނެއެވެ. އޭގެ ފަހުން އަނެއްކާވެސް ސްޕްރިންޓެވެ. މިގޮތަށް ދުވުމުން، ވަރަށް ކުރު ވަގުތު ކޮޅެއްގެ ތެރޭގައި ތަމްރީނު ނިމެއެވެ. އަޅުގަނޑުމެން ކުލަބުގައި ހަދާ ތަމްރީނުތަކުގެ ތެރެއިންވެސް އެންމެ ކުރުވާނީ އާދީއްތަ ދުވަހު އޮންނަ އިންޓަވަލް ޓްރެއިނިންގެވެ.

Herbert Schade, Alain Mimoun, Emil Zátopek 1952
 

މަސައްކަތުގެ ޙަޔާތުގައިވެސް ގެންގުޅެންވީ މިފަލްސަފާއެވެ. އޭރުން ނަތީޖާ އިންތިހާއަށް ރަނގަޅު ކުރެވޭނެއެވެ. މިސާލަކަށް، ބައްދަލުވުމަކަށް ވަންނައިރު، އެދަނީ ސްޕްރިންޓަކަށް ކަމަށް ވިސްނާށެވެ. މި މިސާލުގައި، ދުވުމުގެ ޙަރަކާތަކީ އެބައްދަލުވުމުގެ މައުޟޫޢެވެ. އެނޫން އެހެން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ، ހަމައެކަނި އެބައްދަލުވުމުގެ މައުޟޫޢަށް ވިސްނައިގެން ވާހަކަ ދައްކާނަމަ، މާ ގިނަ އިރު ނުވެ ކުރަންވާ ކަމެއް ކުރެވިދާނެއެވެ. ނަމަވެސް، އެބައްދަލުވުމުގެ ތެރޭގައި އިނދެ (ދުވުމުގެ މިސާލުގައި، ސްޕްރިންޓު ގަޑީގައި) ފޯނު ނަގައި، އެހެން ހައެއްކަ މަސައްކަތް ކުރަމުން، އަދި ޓްވިޓަރާއި ފޭސްބުކާއި އިންސްޓްގްރާމްވެސް ބަލަންވެއްޖެނަމަ، ސްޕްރިންޓެއްވެސް ނުޖެހޭނެއެވެ. ބައްދަލުވުގައި ދައްކަން އޮތް ވާހަކައަކަށް ފޯކަހެއްވެސް ނުވާނެއެވެ. ނަތީޖާއެއްވެސް ނުނެރެވޭނެއެވެ.

އޮފީހަށް ވަނުމަށްފަހު އިންޓަވަލް ޓްރެއިނިންގެއްގައި އުޅޭގޮތަށް ވިސްނުން ބަދަލު ކޮށްލައިފިނަމަ، ނެރެވޭ ނަތީޖާ، ދުވުމުގެ އިންޓަވަލް ޓްރެއިނިންގެކޭ ހަމަ އެއްވަރު ކުރެވިދާނެއެވެ. އިންޓަވަލް ޓްރެއިނިންގުން ދުވުމުގެ އިސްޕީޑު ރަނގަޅުވެ، ހަށިގަނޑު ދުވަން ހޭނެނީ، އެތަމްރީނުގެ ތެރޭގައި ހަށިގަނޑުގެ ފޯކަސް އެހެން ހުރިހާ ކަމަކަށްވުރެ ދުވުމަށް ބޮޑުވާތީއެވެ. ހަމަ އެގޮތަށް، މަސައްކަތުގައިވެސް އެއް ކަމަކަށް މުޅި ފޯކަސް އެއްކޮށް (ކިތަންމެ ކުޑަ އިރުކޮޅަކަށް ނަމަވެސް) ގެންގުޅެވިއްޖެނަމަ، އެވަގުތު ކޮޅުގައި، ތަފާތު ނަތީޖާތަކެއް މަސައްކަތުގެ މާޙައުލުގައިވެސް ނެރެވޭނެއެވެ.

“ކެއްސަމުން ލޯގަނޑެއް ނުއުކޭނެ” އޭ އަޅުގަނޑުމެންގެ ކާބަފައިންގެ އިރުއްސުރެ ކިޔަމުން އަންނަނީ މިވާހަކަ އަޅުގަނޑުމެންނަށް ބުނެދެވޭތޯއެވެ. އެއްފަހަރާ ދެކަމެއް، ތިންކަމެއް ކޮށްލުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ އެކެއްގެ ކިބަޔަކުވެސް ނުހުންނާނެއެވެ. ހުރެދާނެއޭ ހިތުމަކީ މޮޔަކަމެކެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments