ތިމަރަފުށީ ޓެރަރިޒަމް މައްސަލަ ކޯޓަށް ހުށަހެޅުން – ގުޅިގެން ކުރިއަށް

9 ފެބްރުވަރީ، 2021

ދިވެހިރާއްޖެއަކީ ޞުލްޙަވެރި ޤައުމެކެވެ. އެއް ނަސްލެއްގެ ރައްޔިތެއް ދިރިއުޅޭ، އެންމެންމެ، މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ތިބި ޤައުމެކެވެ. އެނޫން ގޮތެއް އަޅުގަނޑުމެން ބޭނުމެއްވެސް ނޫނެވެ. އިސްލާމް ދީނަކީ ޞުލްޙަވެރި، ސަމާޙަތުގެ ދީނެކެވެ. ނަމަވެސް، އެކި ސަބަބުތަކާހުރެ، އަޅުގަނޑުމެންގެ ތެރެއަށްވެސް ދީނުގެ އެކި ފިކުރުތައް ވަދެ، އޭގެ ތެރޭގައި ހަރުކަށިކަމާއި ނުކިއްސަރުކަންވެސް މަދުމަދުން އެބަ ފެނެއެވެ.

ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭނުމަކީ، މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ދީނީ ނުވަތަ އެނޫންވެސް ފަލްސަފީ ވިސްނުމެއްގެ ތެރެއިން، ހަރުކަށިކަމާއި އަނިޔާވެރިކަން އަންނަނަމަ، އެކަމަށް ޖިނާއީ ޢަދުލުގެ ނިޒާމުން ފިޔަވަޅު އަޅައި، ޙައްލުކުރަންޖެހޭނެއެވެ. އެކަމަށް، އަޅުގަނޑުމެން މިހާރު މިތިބީ ތައްޔާރަށެވެ.

ކުށްކުރުމުގެ ފަލްސަފާ – މާއްދީ މަންފާއާއި މަޢުނަވީ މަންފާ

ކުށްކުރުމުގެ ފަލްސަފާތަކަކީ، އެކަމުގެ މައްޗަށް ފޮތް ލިޔެ، ދިރާސާތައް ހެދިފައިވާ ކަމެކެވެ. ޢާންމުކޮށް، މީހަކު ކުށެއް ކުރާއިރު، އެކުށް ކުރަނީ މާއްދީ މަންފާއެއް އޮވެގެންނެވެ. އެޙާލަތުގައި، ކުށް ހޯދާ، ކުށްކުރި ސަބަބާއި، ކުށްކުރުން ހުއްޓުވަން އަޅާނެ ފިޔަވަޅުތައް ދެނެގަނެ، އެކަން ޙައްލުކުރަން ފަސޭހަވެއެވެ.

ކުށް ކުރުމުގެ ދެވަނަ ފަލްސަފާއަކީ، ކުށުގެ ޢަމަލުގެ ތެރެއިން މަޢުނަވީ މަންފާއެއް ނުވަތަ ފެންނަން އޮންނަ މާއްދީ މަންފާއެއް ނެތް، މަޢުނަވީ ފައިދާއެއް ހޯދުމަށް ކުރާ ކުށެވެ. މިކަން ގުޅިފައި އޮންނަނީ، ކުށްކުރާ މީހާގެ ސިކުނޑިއަށް ޤަބޫލުކުރެވޭ ނުވަތަ ޤަބޫލު ކޮށްދީފައިވާ ކަންތައްތަކެއްގެ މައްޗަށެވެ. މިގޮތަށް ކުރާ ކުށްތައް ދެނެގަނެ، އެކަން ޙައްލުކުރުމަކީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ގޮންޖެހުން ބޮޑު ކަމެކެވެ.

ދިވެހިރާއްޖޭގައިވެސް، ދީނުގެ ނަމުގައި ކަމަށް ބުނެ، އިސްލާމްދީނާ އިދިކޮޅު، ހަރުކަށި ފިކުރުތައް މަޑުމަޑުން އެބަ ފެތުރެއެވެ. އެފަލްސަފާގެ ތެރެއިން ކުށްވެސް އެބަ ކުރެއެވެ. މިކަންތައް ހުއްޓުވުމަށް ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް އިޞްލާޙުތަކެއް ގެނެސްފީމެވެ. އެއާއެކު، ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޕްރޮސިކިއުޝަންގެ ޓީމުތަކުގެ ސަފުތައް އޮތީ، މިކަމަށް ފިޔަވަޅު އަޅަން ރުކުރުވާލާފައެވެ.

ހުޅުމާލެ މައްސަލަ – 241 ކޮމިޓީގެ ރެކޮމެންޑޭޝަންތައް

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ޢަމަލު ކުރަން ފެށުނު ފަހުން ޖިނާއީ ޢަދުލުގެ ނިޒާމާ ކުރިމަތިވި ފުރަތަމަ ގޮންޖެހުމަކީ، ހުޅުމާލޭގައި ބިދޭސީން ތަކަކަށް ޙަމަލާދީން މައްސަލައެކެވެ. އެމައްސަލައިގައި ބަޔަކު ހައްޔަރުކޮށް، ދަޢުވާއެއް ކުރެވޭތޯ މަސައްކަތް ކުރެވުނެވެ. އެމަސައްކަތް އޭރު ކާމިޔާބެއް ނުކުރެވުނެވެ.

އެހިސާބުން އެމަސައްކަތް ނިންމާލީއެއް ނޫނެވެ. އެމައްސަލަ ދިމާވި ގޮތާއި، ފުލުހުންނާއި ޕީޖީ އޮފީހުން ޢަމަލު ކުރި ގޮތް ވަރަށް ރަނގަޅަށް ދިރާސާ ކުރީމެވެ. އެމައްސަލައިގައި ހެދިފައިވާ ގޯސްތަކާއި ރަނގަޅަށް ކުރެވިފައިވާ ކަންކަން ބެލީމެވެ. އެގޯސްތައް އަލުން ތަކުރާރު ނުވާނޭ ގޮތަށް ހަރުދަނާ ނިޒާމުތަކެއް ޤާއިމު ކުރީމެވެ.

މިމަސައްކަތް ކުރެވުނީ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައިވެރިވުންވެސް ވަރަށް މަތީ ދަރަޖައަކަށް އޮވެގެންނެވެ. ކޮމިޓީގެ ރެކޮމެންޑޭޝަންތައް ތުނޑުން ތުނޑަށް، ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން ތަންފީޒު ކުރީމެވެ.

މިހާރު، ދެ މުއައްސަސާގެ މެދުގައި މުޢާމަލާތުކުރުން ބިނާވަނީ، އެކަން ކުރަން ތިބި މީހުންގެ މެދުގައި އޮތް ޝަޚްޞީ ގުޅުމުގެ މައްޗަކަށް ނޫނެވެ. ދައްކަންވީ ވާހަކައާއި، ވާހަކަ ދައްކަންވީ ގޮތާއި، ލަފާ ދޭންވީ ގޮތާއި ވަގުތާ، މިހުރިހާ ކަމެއް އޮތީ ލިޔެ، އިންސްޓިޓިއުޝަނަލައިޒްވެފައެވެ. ކޮންމެ މީހަކު ތަޙްޤީޤު ކުރަން ހުއްޓަސް، ނުވަތަ ޕްރޮސިކިއުޓް ކުރަން ހުއްޓަސް، ނިޒާމު ރަނގަޅަށް ހިންގައިފިނަމަ، ކާމިޔާބު ކުރުމުގެ ފުރުޞަތު މިހާރު ބޮޑުވާނެއެވެ. މީހުންނަށްވުރެ ނިޒާމު ބޮޑުވާ ގޮތަށް މަސައްކަތް ބައްޓަން ކުރީއެވެ.

ތިމަރަފުށީ މައްސަލަ

ހުޅުމާލޭގައި ބިދޭސީންނަށް ވަޅިން ޙަމަލާދީން ޙާދިސާގެ ފަހުން، ދެން ފެނުނީ ތ. ތިމަރަފުށީގައި ޙަރަކާތްތެރިވި ސެލެކެވެ. ދީނުގެ ނަމުގައި ހަރުކަށި ފިކުރު ކުރިއަށްނެރެ، އަނިޔާވެރި، ނުރައްކާތެރި ކަންތައްތަކެއް ކުރަން ރާވަމުންދާ ކަމުގެ މަޢުލޫމާތުތަކެކެވެ. އެމައްސަލަ ފުލުހުން ތަޙްޤީޤުކޮށް، ޕީޖީ އޮފީހުން ދިރާސާކޮށް، އިއްޔެގެ ވަގުތެއްގައި މައްސަލަ ވަނީ ޝަރީޢަތަށް ހުށަހެޅިފައެވެ. ދަޢުވާތަކާބެހޭ އިތުރު ތަފްޞީލު، ޕީޖީ އޮފީހުން ހާމަކުރާނެއެވެ.

ތިމަރަފުށީ މައްސަލައަކީ، ހުޅުމާލޭ މައްސަލައިގެ ފަހުން އަޅުގަނޑުމެން އުފެއްދި ނިޒާމުތައް ޓެސްޓުކުރަން ލިބުނު ފުރުޞަތެކެވެ. މިމައްސަލަ މިހިސާބަށް ގެނައުމުގައި، މިމައްސަލައިގައި ޝާމިލުވި ހަމަ ކޮންމެ މީހަކު، އެމީހެއްގެ ރޯލު ފުރިހަމައަށް އަދާކުރިއެވެ. ދުނިޔޭގެ ފެންވަރުގެ މަސައްކަތެކެވެ. މާނައަކީ، ކުރިއަށް އޮތް ތަނުގައި މައްސަލައެއް ކުރިމަތިނުވާނެއެކޭ ނޫނެވެ. މައްސަލަ ކުރިމަތިވާނެއެވެ. ނަމަވެސް، އެކަމުގެ ތެރެއަށް ޒާތީ ތަޢައްޞުބެއް ނުގެނެސް، މައްސަލަ ޙައްލުކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، އެނިޒާމު މިހާރު ހިނގައެވެ.

ހުޅުމާލެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ އެއް ރެކޮމެންޑޭޝަނަކީ، ފުލުހުންނާއި ޕީޖީ އޮފީހާ ވާހަކަ ދެކެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. އެކަން އަޅުގަނޑުމެން ކުރީ، ލިޔެކިޔުމުން ހުރިހާ ކަމެއް ފެންނާނޭ ނިޒާމެއްގެ ތެރެއިންނެވެ. ހުޅުމާލޭ ވަޅި ޖެހުމުގެ މައްސަލައާ ޚިލާފަށް، ތިމަރަފުށީ މައްސަލައިގައި، ފުލުހުންގެ ތަޙްޤީޤު ޓީމުތަކާއި ޕީޖީ އޮފީހުގެ ވަކީލުންނާ އަބަދުވެސް ދިޔައީ ވާހަކަ ދެކެވެމުންނެވެ. ސުވާލު އުފެދޭ ކަމެއްނަމަ، އެކަމެއް ވަގުތުން ވަގުތަށް ދިޔައީ ޙައްލު ކުރެވެމުންނެވެ. ޕްރޮސިކިއުޓަރުން ބޭނުންވާ މަޢުލޫމާތުތައް، އިންވެސްޓިގޭޓަރުން ދިޔައީ ފޯރުކޮށްދެމުންނެވެ.

ދެން އޮތީ ޝަރީޢަތުގެ މަރްޙަލާއެވެ. އެމަރްޙަލާގައިވެސް، ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުންނާއި، މިކަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެންހުރި ހުރިހާ ވަޞީލަތެއް، އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނަމެވެ. މައްސަލަ ފަސޭހައެއް ނުވާނެއެވެ. އެކަން އެނގެއެވެ. މިމައްސަލައިގައިވެސް އަދި އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަން އެބަހުއްޓެވެ. އެބައި އަޅުގަނޑުމެން މިދަނީ ދިރާސާ ކުރަމުންނެވެ. ދެން އަންނަ މައްސަލައެއްގައި، މާތްﷲ އިރާދަކުރެއްވިއްޔާ، މިއަށްވުރެ އަދި މާ މޮޅަށް މަސައްކަތް ކުރެވޭނެއެވެ.

ކުށްކުރާ މީހުންނަށްވުރެ ކުރީގައި ތިބުން

ކުށް ކުރާ މީހުންނަކީ ކުށް ކުރާ ގޮތް ބާވަތް އަބަދުވެސް ބަދަލު ކުރާނެ ބައެކެވެ. އެކަން އަޅުގަނޑުމެންނަށް އެނގެއެވެ. މީހަކު، ތިމަންނާ މިއުޅެނީ ތަނެއް ގޮއްވާލާށެކޭއެއް ނުއެއް ބުނާނެއެވެ. ތިމަންނާއަށް ރިޝްވަތު ކޮޅެއް ދީބަލާށޭއެއް ނުބުނާނެއެވެ. ކުށް ދެނެގަނެ، އެކަން ސާބިތުކޮށްދެވޭނީ އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކުގެ އަލީގައެވެ. އަޅުގަނޑުގެ ވަޒީފާއަކީ، ކުށް ކުރާ މީހުންނާ އެއްވަރަށް ނުވަތަ އެއަށްވުރެ ބާރަށް، ޖިނާއީ ޢަދުލުގެ ނިޒާމު ހިންގޭނެ ގޮތެއް ހޯދުމެވެ. އެކަން ކުރުމަށްޓަކައި، ޤާނޫނަށްވެސް ބަދަލު ގެންނަންޖެހޭނެއެވެ. މަސައްކަތްކުރާ ގޮތް އަބަދުވެސް މުރާޖަޢާކޮށް، ރަނގަޅު ކުރަންޖެހޭނެއެވެ. ހުރިހާ މުއައްސަސާތައް، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެން ހުރި ވަޞީލަތްތައްވެސް ބޭނުންކުރަންޖެހޭނެއެވެ. ކުށްކުރާ މީހުންނަށްވުރެ އަޅުގަނޑުމެން މޮޅުވާންޖެހޭނެއެވެ. އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ ވަޞީލަތެއް، އެއްވެސް އިސްތިސްނާއެއް ނެތި، މިކަމުގައި ބޭނުންކުރަންޖެހޭނެއެވެ. އެންމެންގެ ޚިޔާލު އަޑުއަހައި، އެޚިޔާލާ އެއްގޮތަށް ބަދަލުތައް ގެންނަން ތައްޔާރަށް ތިބެންޖެހޭނެއެވެ. އެކަން އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. އެކަން ކުރަން، އަޅުގަނޑާއި، ޖިނާއީ ޢަދުލުގެ ނިޒާމު އޮތީ ތައްޔާރަށެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments