ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް މެޑަލް– ދިގު ފެތުން (އޮލިމްޕިކްސް 2036)

ސެޕްޓެމްބަރ 11، 2021 . ހޮނިހިރު

ދިވެހިރާއްޖެ، ޓޯކިޔޯ އޮލިމްޕިކްސް 2020 ގައި ތަމްސީލުވި ގޮތާބެހޭ ގޮތުން އަޅުގަނޑު ކުރިން ލިޔެފައިވާނެއެވެ. އެލިޔުމުގައި، އެކި ޤައުމުތަކުން މެޑަލް ހޯދުމަށް މަސައްކަތްކުރި ގޮތާބެހޭ ގޮތުން އަލި އަޅުވާލާފައިވާނެއެވެ. މިލިޔުމަކީ، އެމަގުން ދިއުމަށްޓަކައި ކުރަންވީކަމަށް އަޅުގަނޑަށް ފެންނަ ކަންކަމުގެ ތަޞައްވުރެކެވެ.

ސްޓެރެޓަޖީ 1 – ކުޅިވަރު އިޚްތިޔާރު ކުރުން

ދިވެހިރާއްޖޭގެ ސަރަޙައްދުގެ %99.3 (ނުވަދިހަ ނުވައެއް ޕޮއިންޓް ތިނެއް ޕަސެންޓަކީ) މޫދެވެ. ކަނޑާއި ފަޅެވެ. އެއްގަމަކީ %0.7 އެވެ. ޤައުމެއްގެ ސަރަޙައްދުގައި ނިސްބަތުން މިވަރުގެ ބޮޑު ކަނޑެއް އޮންނަ ޤައުމެއް ދުނިޔޭގައި މަދުވާނެއެވެ.  ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް، ކޮންމެ ތަނެއްގައި ހުއްޓަސް، 5 މިނިޓުން މޫދާހަމައަށް ނުދެވޭ އެއްވެސް ތަނެއް ރާއްޖެއަކު ނެތެވެ. މޫދަށް ވާޞިލުވުމުގައިވެސް ރާއްޖެއަކީ ދުނިޔޭގެ އެއްވަނައެވެ.

ފެތުމަކީ، 1896 އިން ފެށިގެން އޮލިމްޕިކްސްގައި އޮންނަ، އޮލިމްޕިކްސްގެ އެންމެ ދުވަސްވީ އެއް ކުޅިވަރެވެ. އެންމެ ފުރަތަމަ ފެތުމުގެ އިވެންޓެއް އޮތީ ބޭ އޮފް ޒިއާ، އެތެންސްގައެވެ. އެފަހަރު ހަ ރޭހެއް ބާއްވަން ތާވަލު ކުރެވުނަސް ބޭއްވުނީ ހަތަރު އިވެންޓެކެވެ. އެއީ، 100، 500، 1200 މީޓަރު ފެތުމާއި 100 މީޓަރުގެ ސެއިލަރުންގެ ފެތުމެކެވެ. 1948 ވަނަ އަހަރު ލަންޑަންގައި އޮތް އޮލިމްޕިކްސްގައި އެންމެ ފުރަތަމަ ފަހަރަށް ސްވިމިންގް ޕޫލެއް ތަޢާރަފު ކުރުމުގެ ކުރިން، ފެތުމުގެ ހުރިހާ އިވެންޓެއްވެސް ބާއްވަމުން އައިސްފައިވަނީ ކޯރެއްގައި ނުވަތަ ކަނޑުގައެވެ.

މެރެތަން ސްވިމިންގއަކީ 2008 ވަނަ އަހަރުން ފެށިގެން އޮލިމްޕިކްސްގައި އޮންނަ ކުޅިވަރެކެވެ. މިއީ، އޮލިމްޕިކްސް ފެތުމުގެ އިވެންޓުތަކުގެ ތެރެއިން ކަނޑުގައި ބާއްވާ 10 ކިލޯ މީޓަރުގެ ރޭހެކެވެ. ހޭދަވާނީ ގާތްގަނޑަކަށް ދެގަޑިއެއްހައިއިރެވެ. މިދިގުމިނަކީ، މާލެއިން ބޮޑު ބަނޑޮހާ ދެމެދު އޮތް ރާސްތާއެވެ. ދިވެހިރާއްޖެއިން އަމާޒު ހިފަންވީ މިރޭހަށެވެ.

މިއީ، އޮލިމްޕިކްސްގައި ކަނޑުގައި ނުވަތަ ކޯރެއްގައި ބާއްވާ ހަމައެކަނި އިވެންޓެވެ. މުޅި ދިވެހިރާއްޖެއަކީ، މިއިވެންޓުގެ ޠަބީޢީ ސްޓޭޑިއަމެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް، މިއިވެންޓަށް ތަމްރީނުކޮށް ހެދުމަށް، މޫދުގައި ފެތުމަށް ލިބޭ ފުރުޞަތު، ރާއްޖޭގައި އާދަޔާ ޚިލާފަށް ބޮޑެވެ. މިސާލަކަށް، ކެނެޑާގެ ޓީމަށް، ކެނެޑާގެ މޫދެއްގައި ފެތޭނީ އަހަރަކު ދެތިން ދުވަހެވެ. އެހެން ދުވަސްދުވަހު، ފަތަން އެރެވޭ ވަރަށްވުރެ މޫދު ފިނިވާނެއެވެ. އެމީހުން ތަމްރީން ހަދަނީ އިންޑޯ ޕޫލުގައެވެ. ދިވެހިރާއްޖޭގައި ދިމާ އިދިކޮޅެވެ. މޫސުމާހެދި މޫދުގައި ނުފެތޭނީ އަހަރަކު ދެތިން ދުވަހުއެވެ. މިއިވެންޓަކީ، ދިވެހިރާއްޖެއަށް ޖިއޮގްރަފީގެ ގޮތުން ރަނެއް މަލެއްފަދަ އިވެންޓެކެވެ.

މޫދުގައި ބާއްވާ އިވެންޓަކަށްވާތީ، އޮއިވަރާއި ވަޔާއި ލޮނަށް، ފެތުންތެރިން ތައްޔާރުވާންޖެހެއެވެ. ދިވެހި ފެތުންތެރިން ދުވާލަކު ތިން ހަތަރު ފަހަރު މޫދުގައި ތަމްރީން ހަދާތާ ދިހަވަރަކަށް އަހަރު ވުމުން، އޮޔާއި ވަޔާއި އޮއިވަރަށް ބަލައިގެން ފެތުން ވާނީ، އެއެތުލީޓުންނަށް ނިކަން ފަސޭހަ، ފަރިތަ ކަމަކަށެވެ. މިއީ، މުބާރާތެއްގައި ވާދަކުރާއިރު ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ.

މިމަސައްކަތް ފަށައިދޭ ސިޔާސީ ލީޑަރުންނަކަށް މިކަމުގެ މޭވާއެއް ނުލިބޭނެއެވެ. އެއީ، ސިޔާސީ ލީޑަރެއްގެ ދައުރަކީ 5 އަހަރުކަމަށްވާތީއާއި، ފަސް އަހަރުގެ ތެރޭގައި މެޑަލެއް ލިބޭ ހިސާބަށް ކުޅިވަރެއް ގެންދިއުމަކީ ކުރެވޭނެ ކަމަކަށް ނުވާނެތީއެވެ. ޤައުމީ ފެންވަރުގައާއި އެސޯސިއޭޝަނުގެ ފެންވަރުގައި މިމަސައްކަތް ކުރެވިފައި ނެތީ، މިދެންނެވި މޭވާ ނުލިބޭ ކަމެއް ކުރުމުގެ ޝައުޤުވެރިކަމެއް ސިޔާސީ ލީޑަރުންގެ ނެތީމަކަމަށް ވެދާނެއެވެ. އެބޭފުޅުން އިޚްލާޞްތެރި ނޫނީއެއް ނޫނެވެ. މިމަސައްކަތުގެ މޭވާއެއް ލިބުމަށް، 15-20 އަހަރުގެ މަސައްކަތް ބޭނުންވާނެއެވެ. އަމާޒެއް އޮވެގެން، އެ އަމާޒަށް މަސައްކަތް ކުރުމުގެ ޝައުޤުވެރިކަމެއް ހުންނަންވާނެއެވެ. އެއަމާޒަށް ވާޞިލުވާނީ ތިމާމީހާގެ ޒަޢާމަތުގައި ނޫންކަންވެސް ޤަބޫލުކުރަންވާނެއެވެ.

ސްޓެރެޓަޖީ 2 – ޕޮމިސްކަޕް ބޭއްވުން

ޕޮމިސްކަޕް (President of Maldives Invitational Soccer Cup) އަކީ މިހާތަނަށް ރާއްޖޭގެ ކުޅިވަރުގައި ބޭއްވުނު އެންމެ ކާމިޔާބު އިވެންޓެވެ. ދިވެހި ފުޓުބޯޅަ، އެހެން ހަރުފަތަކަށް ގެންދިއުމުގެ އެންމެ މުހިންމު ރޯލެއް ކުޅުނު މުބާރާތެވެ. ޕޮމިސްކަޕް އެންމެ ފުރަތަމަ ފެށުނުއިރު، 1987 ގައި، ސްރީލަންކާގެ ސައުންޑާސް ޓީމުގެ އެމް.ޑީ މިސްކީނު ކިޔާ ފޯވާޑަކު، ރާއްޖޭގެ ހުރިހާ ކުޅުންތެރިން ކައިރިން ކަޓުވާލާފައި ހައެއްކަ ގޯލު ޖަހައިލައެވެ. ރޭގަނޑު، ކާރުގެ ބޭރަށް އަތްލައިގެން އޭނާގެ ފަން އިސްތަށިގަނޑު ހޫރުވަމުން މާލެތެރޭގައި ކާރު ބުރު ޖަހައެވެ. އޭނާ ހުއްޓުވޭ ވަރުގެ ޑިފެންޑަރަކު ދިވެހިރާއްޖެއަކު ނެތެވެ. އެއަހަރު ފައިނަލުގައި ކުޅުނީ ސްރީލަންކާގެ ރިނޯން ސްޕޯރޓްސް ކްލަބާއި ސައުންޑަރސް ސްޕޯރޓްސް ކުލަބެވެ.  

ފޮޓޯ: ގޫގަލް

ޖެހިގެން އައި އަހަރު، ދިވެހިން މިސްކީނު ހިފެހެއްޓިއެވެ. ނަމަވެސް، އެއަހަރުގެ ތަށި ގެންދިޔައީ ނިއުރޭޑިއަންޓާ ވާދަކޮށް، ސްރީލަންކާގެ ޔޯރކް ސްޕޯރޓްސް ކުލަބުންނެވެ. 1989 ގައި، ފައިނަލުގައި ކުޅުނީ ދިވެހި ދެކުލަބެވެ. އެފަހަރު ސިލޯނުގެ ކުލަބުތައް ފައިނަލަށްވެސް ނުދިޔައެވެ. 1990 ގައި ދައުވަތު ދިނީ އިންޑިޔާގެ ޒުވާން ޤައުމީ ޓީމަށެވެ. އެޓީމު، އެއަހަރު ތަށި ގެންދިޔަނީ ވިކްޓްރީ ބަލިކޮށްފައެވެ. މުބާރާތަށް 9 އަހަރު ވީއިރު، ސިލޯނާއި އިންޑިއާގެ ޓީމުތައް ދިވެހިން އަތުން މޮޅެއް ނުވެއެވެ. ދެން ގެނައީ ތައިލޭންޑުގެ ޓީމުތަކެވެ. ދެތިން އަހަރު ތެރޭގައި އެޓީމުތައްވެސް ދިވެހިން އަތުން ބަލިވާން ފަށައިފިއެވެ.

ޕޮމިސްކަޕުގެ ޙަޤީޤީ ނަތީޖާ ފެނުނީ 1998 ގައި، ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރު ކުރި ހިސާބުންނެވެ. އެއީ 10 އަހަރުގެ މަސައްކަތެވެ. 1987 ގައި ފެށި ޕޮމިސްކަޕުގެ ސީދާ ނަތީޖާއެވެ. 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވުމަކީވެސް، އަޅުގަނޑު ދެކޭ ގޮތުގައި ޕޮމިސްކަޕުގެ ސީދާ ނަތީޖާއެކެވެ. ޕޮމިސްކަޕުގައި ދިވެހި ޓީމުތައް ސިލޯނުގެ ޓީމުތައް އަތުން މޮޅުވާން ފެށިފަހުން، ސިލޯނުގެ ޓީމެއް އަތުން ދިވެހި ޓީމެއް ބަލިނުވެ ވިއްސަކަށް އަހަރު ހޭދަކުރިއެވެ.

ދިވެހިރާއްޖޭގައި، ފެތުމުގެ ދާއިރާއިން ޕޮމިސްކަޕް ބާއްވަންވީއެވެ. ފުރަތަމަ އަހަރު އެއްވަނަ ހޯދާނީ ސިލޯނު މީހުންނެވެ. އޭގެ ފަހުން އިންޑިޔާ، ތައިލޭންޑު، ސިންގަޕޫރެވެ. ނަމަވެސް، 10 އަހަރުތެރޭގައި ދިވެހި ކުދިން ކާމިޔާބު ހޯދާނެއެވެ. 20 އަހަރު މިމަސައްކަތް މިގޮތުގައި ސާބިތުކަމާއެކު ހިފަހައްޓާލެވިއްޖެނަމަ، އޮލިމްޕިކް މެޑަލެއް ހޯދުމަކީ ކުރެވިދާނެ ކަމެކެވެ.

ރާއްޖޭގައި ފެތުމުގެ ދާއިރާ ކުރިއަރުވައިފިނަމަ، ދުނިޔޭގެ ފެތުންތެރިން ތަމްރީނު ހަދަން އައިސް ކޭމްޕް ކޮށްގެން ތިބޭ މަންޒިލަކަށް ދިވެހިރާއްޖެ ވާނެކަމާމެދަކު ޝައްކެއް ނެތެވެ. ބޭރުގެ ބޮޑެތި މުބާރާތްތަކަށް ދިއުމުގެ ކުރިން، ވޯމްއަޕް މުބާރާތެއްގެ ގޮތުގައި ރާއްޖޭގެ ޕޮމިސްކަޕުގައި ވާދަކޮށްފިނަމަ، ދިވެހި ފެތުންތެރިންނަށް ވަރަށް ބާރަށް ކުރިއެރުން ލިބެން ފަށާނެއެވެ. ޕޮމިސްކަޕް ބާއްވާނީ، ބޭރުގެ ބޮޑު މުބާރާތަކާ ދިމާކޮށް، އޭގެ ދެތިން ހަފްތާ ކުރިންނެވެ. ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ކުރިން، މަޝްހޫރު ޓެނިސް ކުޅުންތެރިން ވޯމްއަޕް މުބާރާތް ކުޅޭ އުޞޫލުން ފެތުންތެރިންވެސް، މުބާރާތުގައި ބައިވެރިވާނެއެވެ.

މިސްޓްރެޓަޖީތަކާއެކު އަޅުގަނޑުމެން މިހާރު އަމާޒު ހިފަންވީ 2028 ގައި ލޮސްއެންޖަލިސްގައި ބާއްވާ މުބާރާތަށް ފެތުންތެރިއަކު ކޮލިފައި ކުރެވޭތޯއެވެ. އެމުބާރާތުގައި ދިވެހި އެތުލީޓަކު ކޮލިފައި ވިޔަސް، އެއެތުލީޓު އުޅޭނީ އެންމެ ދަށް ފެތުންތެރިންގެ ތެރޭގައެވެ. އެއީ މައްސަލައެއް ނޫނެވެ. އަޅުގަނޑުމެން މެޑަލަކަށް ވާދަކުރާނީ 2032 ގައި ބްރިސްބާނުގައި އޮންނަ އޮލިމްޕިކްސްއާއި 2036 ގައި އޮންނަ އޮލިމްޕިކްސްގައެވެ. 2040 ގައި، ދިވެހި ފެތުންތެރިންނަކީ، ރާއްޖެއިން ފުރާއިރުވެސް މެޑަލް ހޯދާނެކަމަށް ދުނިޔޭގެ ފެތުމުގެ މަޖައްލާތަކުން ލަފާކުރާނެ އެތުލީޓުންނަށްވާނެއެވެ. އޭރު، ރާއްޖޭގެ ޤައުމީ ކުޅިވަރަކަށްވެސް ވާނީ ފެތުމެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments