ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތައް ނަހީ ކުރުން – ދައުލަތުގެ ފެންވަރުގައި

ޖޫން 15، 2021 . އަންގާރަ

އިސްލާމްދީނަކީ ހަމައެކަނި އަޅުކަމެއް ނޫނެވެ. އިސްލާމްދީނަކީ މީހުން ދިރިއުޅޭނެ ފުރިހަމަ ނިޒާމެކެވެ. އަޅުކަމާއި، ވިޔަފާރިއާއި، ސިޔާސަތާއި، މުނިފޫހި ފިލުވުމާއި، ކުޅިވަރާއި، ސިއްހަތާއި، ކެއިން ބުއިމާއި ދައުލަތް ހިންގާނެ ގޮތްވެސް އިސްލާމްދީނުގައި އެބަ އޮތެވެ. އިސްލާމްދީން ބާވާލައްވައި، ފުރިހަމަ ކުރެއްވީ، މީގެ 1400 އަހަރު ކުރިންނެވެ. އެދީނުގެ އެންމެ ހާއްސަ ސިފައަކީ، އެއީ ހުރިހާ ޒަމާނަކަށް ފެތޭ ދީނަކަށްވުމެވެ. އޭގެ މާނައަކީ، އިސްލާމްދީނުގެ އަސްލު އުސޫލުތައް، ކޮންމެ ޒަމާނަކާއެކު ބަދަލުވާ ވާހަކައެއް ނޫނެވެ. ޒަމާނާއި ހާލަތާ ގުޅިގެން، އިންސާނުންގެ ކަންކަން ތަރުތީބުވާ ގޮތަށް އަންނަ ބަދަލާ ގުޅިގެން، ދީނީ ކަންކަން މާނަކޮށް، ތަންފީޒުކުރާގޮތް ބަދަލުވުމެވެ. މިއީ، އިސްލާމްދީނުގެ ޙަޤީޤީ ރަޙްމަތެވެ.

Photo by Clem Onojeghuo on Unsplash

ރޯދަ ހިފާން އޮތް ގޮތް ބަދަލެއް ނުވެއެވެ. ނަމަވެސް، ދަތުރު ވެރިންނަށް ރޯދަ ދޫކޮށްލުން ހުއްދައެވެ. ރޯދަ ފަރުޟު ކުރެއްވިއިރު، ދަތުރުފަތުރުގެ ކަންކަން ހުރިގޮތާއި މިހާރު އެކަން އޮތް ގޮތާ ތަފާތުވާތީ، މިކަމުގައި ދެގޮތްވެސް ހުއްދައެވެ. ރޯދަ ދޫކޮށްލިއަސް، ހިފިއަސް އެންމެ ރަނގަޅެވެ. ނަމާދުވެސް ހަމަ އެގޮތެވެ. ދަތުރު ވެރިންނަށް ނަމާދު ކުރުކޮށް ކުރުމުގެ ހުއްދަ އޮވެއެވެ. މިކަހަލަ އެތައް ކަމެކެވެ.

ދައުލަތް ހިންގުމުގެ ފަލްސަފާގައި، އިސްލާމްދީނާއެކު ބިނާކުރި އިސްލާމީ ދައުލަތުގެ އަސާސީ ސިފަތަކަށް ބަދަލެއް ނާދެއެވެ. އިސްލާމީ ދައުލަތަކީ ވެރިކަމުގެ ފަރާތާއި ރައްޔިތުންނާ ދެމެދު ވެވޭ އެއްބަސްވުމެވެ. ވެރިކަމުގެ ފަރާތުން ކަށަވަރުކޮށްދެނީ އަމަން ޢާންމާއި ރައްކާތެރިކަމެކެވެ. ރައްޔިތުންގެ ފަރާތުން، ކިޔަމަންތެރިކަމާއި، އެއްބާރުލުމާއި (ބައެއް ޙާލަތުތަކުގައި ޖިޒީ/ޓެކްސް) އެވެ. އޭރުގެ ހާލަތަށް ބަލާއިރު، ދައުލަތުގެ ހަނގުރާމަތަކުގައި ބައިވެރިވުން މުސްލިމުންނަށް ލާޒިމެވެ. ޣައިރު މުސްލިމުންނަށް އޮތީ، ޖިޒީ ދައްކައިގެން ތިބުމެވެ. ހަނގުރާމައަށް ނުކުންނަން ލާޒިމުވާ ހާލަތުތަކެއްވެސް ހުއްޓެވެ.

އިސްލާމީ ވެރިކަމުގެ ނިޒާމު ތަރައްގީވެ، ސަރަހައްދު ފުޅާވަމުން، ކުރިއަރަމުން އައީ ނުހަނު ހަލުއިކަމާއެކުއެވެ. އުސްމާނީ ދައުލަތާ ހަމައަށް އައިއިރު، އިސްލާމީ ވެރިކަން، ޗައިނާގެ ބޯޑަރުން ފެށިގެން ޔޫރަޕާ ހަމައަށް އޮތީ ފުޅާވެފައެވެ. އެދައުލަތުގެ ރައްޔިތުންގެ ގޮތުގައި މުސްލިމުންގެ އިތުރުން ތަފާތު ދީންތަކުގެ، އެކި ބަސްބަހުން ވާހަކަ ދައްކާ މީހުން ތިއްބެވެ. ވެރިކަން ހިންގާނެ ހަރުދަނާ ގޮތްތައް އީޖާދު ކުރަމުން ގޮސް، އިސްލާމީ ދައުލަތެއްގައި، މީހުންގެ މައްޗަށް ހިންގާނެ ލިޔެވިފައި އޮތް ޤާނޫނަކަށް ފުރަތަމަ ޢަމަލުކުރަން ފެށީ 1869 ވަނަ އަހަރުއެވެ. އެ ދުވަސްވަރު، ދައުލަތުގެ ތެރޭގައި ސިޓީބިޓީ ލިޔާނެ ގޮތާއި، ލާމަރުކަޒީގޮތް ދައުލަތް ހިންގުމުގެ އުޞޫލުތަކާއި ހަމަތައް ދިޔައީ ލިޔެ، ތަންފީޒުކުރަމުންނެވެ.

އުސްމާނީ ދައުލަތް ނިމުމަކަށް އަޔަސް، އިސްލާމީ ދައުލަތް ބިނާވެފައިވާ އަސާސަކަށް ބަދަލެއް ނާދެއެވެ. މިއަދު، ކުރިއަށްވުރެ ޤާނޫނުތައް ގިނައެވެ. ދައުލަތުގެ ތަރުތީބުތައް ވަނީ ހަރުދަނާވެފައެވެ. ވެރިކަމުގެ ފަރާތުން، ރައްޔިތުންނަށް ކަށަވަރުކޮށްދެނީ އަމަންއަމާންކަމާއި ރައްކާތެރިކަމެވެ. އެކަން މިހާރު ކުރަނީ ޤާނޫނު ހަދައި، ޤާނޫނު ތަންފީޒުކޮށްގެންނެވެ.

ދިވެހިރާއްޖެއަކީ، އިސްލާމީ އުސޫލުތަކަށް ގާނޫނީ ނިޒާމު ހިންގުމުގައި ނަމޫނާ ގައުމެކެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތަށް އާއިލާއާބެހޭ ގާނޫނެއް އެންމެ ފުރަތަމަ ލިޔުނު ގައުމުތަކުގެ ތެރޭގައި މިކުޑަކުޑަ ދިވެހިރާއްޖެ ހިމެނެއެވެ. ގާނޫނުލްއުގޫބާތެއް، ލިޔެ ތަންފީޒުކުރާތާ 50 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެންމެ ފަހުން ގާނޫނުލްއުގޫބާތަށް ގެނައި ބަދަލުތަކަކީވެސް ސީދާ އިސްލާމީ އުސޫލުތަކާ އެއްގޮތް ބަދަލުތަކެކެވެ. އެކަން، އިސްލާމީ އެހެން ގައުމުތަކުން ދަނެއެވެ. ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ މަސައްކަތް ދިޔަ ގޮތާއި، އޮތް ގޮތް، ބްރޫނާއީ ދާރުއްސަލާމް ކަހަލަ އިސްލާމީ ގައުމުތަކުން ބަލައިގަނެ، ދިރާސާ ކުރެއެވެ.

އިސްލާމީ ޝަރީއަތުގައި، ގާނޫނު ހެދުމުގެ ބާރު ލިބިގަންނަނީ، ހެޔޮކަންތައްތަކަށް އަމުރު ކުރުމާއި ނުބައި ކަންތައްތައް ނަހީކުރުމަށް ބާރު އަޅުއްވާފައިވާ ބާބުގެ ދަށުންނެވެ. އިސްލާމްދީނުގައި އެކަމަށް ކުރައްވާފައިވާ އަމުރު އޮތީ އާންމު އިބާރާތުންނެވެ. އެއީ ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުންވެސް ކުރަންޖެހޭ ކަމެކެވެ. އިސްލާމީ ދައުލަތެއްގެ ހިޔަލުގައި އުޅުމުގެ މާނައަކީ، ހެޔޮކަންތައްތަކަށް އަމުރު ކުރުމާއި ނުބައި ކަންތައް ނަހީކުރުމުގެ ބާބުގެ ތެރެއިން ޖަމާއީ ކޮށް ކުރަންޖެހޭ މަސައްކަތް ދައުލަތާ ހަވާލުކޮށް، ދައުލަތުގެ ތަންފީޒީ އިދާރާތަކުން އެކަން ކުރުމެވެ. އެއީ ފުލުހުންނާއި ސިފައިންނެވެ.

ހެޔޮ ކަންތައްތައްކަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ ފަލްސަފާ މިހާރު ލިޔަނީ ގާނޫނުގައެވެ. ތަންފީޒުކުރަނީ އެގާނޫނުތަކެވެ. ދައުލަތުގެ ތަރުތީބުތައް އޮތް ގޮތުން، ގާނޫނު ތަންފީޒުކޮށް، މީހުންނަށް އަދަބުދީ ހެދުމަކީ އާންމު މީހުންނަށް މަތިކުރެވިފައިވާ ކަމެއް ނޫނެވެ. އެކަން އާންމުންނަށް ދޫކޮށްލައިފިނަމަ، އަމަން އަމާންކަމާއި ހަމަޖެހުން ގެއްލޭނެއެވެ. މިއީ، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭންޖެހޭ އަސާސީ ހިދުމަތެވެ.

އެކަހަލަ އެތައް ކަމެއް މިހާރުވެސް ގާނޫނުގައި ލިޔެ ތަންފީޒު އެބަ ކުރަމެވެ. މިސާލަކަށް، މީހުން މެރުމަކީވެސް ނުބައި ކަންތައް ނަހީކުރުމުގެ ބާބުގެ ދަށުން، އިސްލާމްދީނުގައި މަނާ ކަމެކެވެ. މީހުން މަރާ މީހުން ހިފައި ހައްޔަރުކޮށް، އަދަބުދީ ހަދަނީ ދައުލަތުންނެވެ. އާންމުންނެއް ނޫނެވެ. އެކަން ކުރާކަށް އާންމުންގެ މީހުން ނުކުމެ އުޅޭކަށް ނުޖެހެއެވެ. އެކަމަށް އާންމުން ނުކުންނަން ޖެހިއްޖެނަމަ، އެކަމުގެ ޝަކުވާވެސް އިންތިހާއަށް ބޮޑުވާނެއެވެ. ދައުލަތެއްގެ ގޮތުގައި ދައުލަތް ހިންގުމުގެ ފަލްސަފާއާވެސް އެކަން ހިލާފެވެ.

ވީމާ، އިސްލާމީ ދައުލަތެއްގައި، ކުށްވެރި ކުރަންޖެހޭ ކަންކަން ގާނޫނުގައި ލިޔެ، ކުށްވެރިކޮށް، އެކަންކަން ތަންފީޒުކުރުން ދައުލަތާ މަތިކުރުމަކީ ދީނީ ގޮތުން މިހާރުވެސް ކުރަމުން އަންނަ، ހުއްދަ ކަމެކެވެ. އެއީ، ހެޔޮ ކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުމުގެ ފަލްސަފާއާ ހިލާފުކަމެއް ނޫނެވެ. އިސްލާމީ އުސޫލުތަކަކީ، ޒަމާނާއި، މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލާއެއްކޮށް ބަދަލުވާ އެއްޗެއްކަމަށް ނުބަލައި، 1400 އަހަރު ކުރީގައި އޮތް ގޮތަށް އިސްލާމީ އުސޫލުތައް ތަންފީޒުކުރަން މަސައްކަތްކުރާނަމަ، މިހާރު އަޅުގަނޑުމެންކުރާ ވަރަށް ގިނަ ކަންކަން ‘އިސްލާމީ އުސޫލުތަކާ’ ހިލާފުވާނެއެވެ. ނަމަވެސް، އިސްލާމްދީނަކީ އެއަށްވުރެ މާ ފުރިހަމަ ދީނެކެވެ.  

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments