ދުވުމުގެ ރީތި އާދަކާދަތައް

މާރިޗު 7، 2021 . އާދީއްތަ

ކަސްރަތަށް ދުވުމަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ޙަރަކާތެކެވެ. ބައެއް މީހުން ދުވަނީ ހަށިގަނޑު ދުޅަހެޔޮކޮށް ބަހައްޓާށެވެ. އަނެއް ބަޔަކު ސަރުބީ ވިރުވާށެވެ. އަނެއް ބަޔަކު ރައްޓެހިންނާއެކު ވަގުތު ހޭދަކުރާށެވެ. އަނެއް ބަޔަކު އަމިއްލަ ނަފްސާއި ޚިޔާލުތަކާއެކު ވަގުތު ހޭދަކުރާށެވެ. މިއިން ކޮންމެ މަޤްޞަދެއްގައި ދުވިޔަސް، ދުވުމުގެ އާދަކާދައަށް ސަމާލުވާންޖެހެއެވެ. ހަށިގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، އެހެން މީހުންގެ އުފަލާއި ހިތްހަމަޖެހުމަށްވެސްމެއެވެ. ދުވުމަކީ، ދުނިޔޭގެ އެންމެ ގިނަ މީހުންނަށް، ޚަރަދު ކުޑަކޮށް ކުރުމުގެ ފުރުޞަތު އޮންނަ ކަސްރަތެވެ.

ދުވުމުގެ ސަޤާފަތެއް ޢާންމު ދިވެހިންގެ ތެރޭގައި އަށަގަންނަން ފެށިތާ އަދި މިވީ ބާރަ ތޭރަ އަހަރެވެ. ނަމަވެސް، ދުވުމަކީ، މީގެ 2.6 މިލިއަން އަހަރު ކުރީންވެސް އިންސާނުން ކޮށް އުޅުނު ކަމެކެވެ. ވާދަވެރި ކުޅިވަރެއްގެ ގޮތުގައި 776 ބީސީއީ (ބިފޯ ކޮމަން އެރަރ) ގައި އޮލިމްޕިކްސް ގޭމްސް ރޭހެއް ބޭއްވިކަމަށް ރެކޯޑު ކުރެވިފައިވެއެވެ. ދެހާހުގެ ކުރީ ކޮޅާ ހަމައަށް، ދިވެހިންގެ ތެރޭގައި ދިގުކޮށް ދުވާ މީހުންނަށް އުޅޭނީ ޤައުމީ ޓީމުގައި ދުވާ މީހުން އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިއަދު އެ މަންޒަރު ތަފާތެވެ. މާލޭގައި، ގަވާއިދުން ދުވާ މީހުންގެ ޢަދަދު (ހެނދުނު އެކަނިވެސް) ހާހަކާ ގާތްކުރާނެއެވެ. ދިރާގުން ބާއްވާ ދުވުމުގެ ރޭހުގެ ޖާގައެއް ހޯދުމަކީ، ނިއުރޭޑިއަންޓާ ވިކްޓަރީ އާ 1984 ވަނަ އަހަރު ކުޅޭ ފުޓުބޯޅަ މެޗެއްގެ ޓިކެޓެއް ގަތުން ކަހަލަ ކަމަކަށް އޮތީ ވެފައެވެ. އެހާވެސް ޑިމާންޑު ބޮޑެވެ. މިއީ މިއަދުގެ ޙާލަތެވެ.

ދުވުމުގެ އާދަކާދަ – ދުވާ ޓްރެކް ބޭނުންކުރުން

އިންޑިޔާ ސަރުކާރުގެ އެހީގައި އެޅި، އެކުވެނި ދުވާ ޓްރެކަކީ، ދުވާ މީހުންނަށް ލިބުނު ޖަވާހިރެކެވެ. އެތަން ބޭނުންކުރުމުގެ އުޞޫލުތަކެއް ހަދައި، ޝާއިޢުކޮށްފައި އެބަހުއްޓެވެ. ފުރަތަމަ ތިން ލޭން (އެންމެ އެތެރެ ތިން ލޭނު) ބޭނުން ކުރެވެނީ އެތުލެޓިކްސް އެސޯސިއޭޝަނުގައި ރަޖިސްޓަރީވެފައިވާ ކުލަބުތަކުގެ މެމްބަރުންނަށް، އެކުލަބެއްގެ ޖަރޒީގައި އައިސް ދުވާއިރުއެވެ. އޭގެ ބޭނުމަކީ، ކުލަބުތަކުގައި ބައިވެރިވެ، ނިޒާމީ ގޮތެއްގައި ދުވުމަށް ހިތްވަރު ދިނުމެވެ. ދުވާ ޓްރެކް ބޭނުންކުރާ މިންވަރު ވަޒަންކޮށް، ފެސިލިޓީ އިތުރަށް ތަރައްޤީ ކުރުމަށާއި، އިތުރު ފެސިލިޓީތައް ޤާއިމުކުރުމަށްވެސް އެތަން ބޭނުންކުރާ މީހުންގެ ޢަދަދުތައް މޮނިޓަރު ކުރުމަކީ މުހިންމު ކަމެކެވެ.

ކުލަބަކާ ނުގުޅޭ މީހުންގެ ތެރެއިން، ދުވާ މީހުންނަށް 4، 5 އަދި 6 ވަނަ ލޭނެވެ. ހިނގާ މީހުންނަށް 7، 8 އަދި 9 ވަނަ ލޭނެވެ. ހިނގާ މީހަކުވެސް، ދުވަން ބޭނުންނަމަ، ދުވާ ލޭނަށް އަރަންވީއެވެ. ދުވެ ނިމުމުން، ހިނގާ ލޭނަށް ބަދަލުވާންވީއެވެ. މިއީ ރީތި އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހަމަ އެގޮތަށް، ކިތަންމެ ފަރިތަކޮށް ދުވާ މީހަކުވެސް، އަދި ކުރިން ޤައުމީ ޓީމުގައި ދުވެފައި ހުއްޓަސްވެސް، މިވަގުތު ކުލަބަކާ ނުގުޅި ހުރި ނަމަ، އެންމެ އެތެރެ ތިން ލޭނުގައި ދުވުމަކީ، އަޚްލާޤީ ގޮތުން އެހާ ރަނގަޅު ކަމެކޭ އަޅުގަނޑު ހިތަކަށް ނާރައެވެ.

ޓީޝާރޓް ނުލާ ނުދުވުން

ވަރަށް މަދުން ނަމަވެސް ފެންނަ މަންޒަރެކެވެ. ވަކި ވަރަކަށް ދުވެފައި، ޓީޝާރޓް ބޭލުމެވެ. ދިވެހިންގެ ކަސްރަތު ސަޤާފަތް ނިޔާކުރާ ގޮތުން، ޓީޝާރޓް ބާލައިގެން ދުވެ، ކަސްރަތުކޮށް ހެދުމަކީ އެހާ ބަލައިގަނެވޭ ކަމެއް ނޫނެވެ. އަމުދުން، ޖިމްތަކާއި ގިނަ ޢަދަދެއްގެ ޢާންމުން އެއްވާ ތަންތަނުގައެވެ.

ބައެއް ދުވުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ދުވުންތެރިން ހުސްގަޔާ ދުވާ މަންޒަރު ޔޫޓިއުބުން ފެންނަނީ ކަންނޭނގެއެވެ. އެގޮތަށް އުޅެން ބޭނުންވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، އިނގިރޭސި ދުވުންތެރިޔާ މޯ ފަރާ ނުވަތަ ގޭލަން ރުޕް ތަމްރީނު ހަދަނީ އެމީހުންނަށް ޚާއްޞަކޮށްފައި އޮންނަ ޕްރައިވެޓް ޓްރެކުގައެވެ. އެތަނުގައި އުޅޭ ގޮތަކަށް އެކުވެނި ދުވާ ޓްރެކަކު ނޫޅެވޭނެއެވެ. އެހެން މީހުންގެ ޝުޢޫރުތަކަށް ވިސްނަންޖެހެއެވެ.

މަގުމަތިން ދުވާއިރު ސަމާލުކަން ދޭންވީ ކަންކަން

މަގުމަތީގައި މީހަކު ދުވެފައި ދަނިކޮށް، “ބާރަށް ދުވަން” ބުނެ “ހިތްވަރު” ދިނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް ދުވަނީ، އެމީހަކު އެދުވަހަކަށް ކަނޑައަޅާފައި އޮންނަ ވަރަކަށެވެ. ބައެއް ފަހަރު ބާރަށެވެ. އަނެއްބައި ފަހަރު މަޑުންނެވެ. ހިތްވަރު ދެއްވާށެވެ. ބާރަށް ދުވަން ވިދާޅުނުވާށެވެ. “ޙާލު ރަނގަޅުތޯ” ވެސް ނާއްސަވާށެވެ. ޙާލު ރަނގަޅެވެ. ދުވާއިރު އެސުވާލު ކުރިމަތިކުރީމާ ޖަވާބު ދޭން ވަރަށް އުނދަގުލެވެ. ހިތްވަރު ދިނުމުގެ އަނެއް ކޮޅަކީ ފޮށުމެވެ. މަގުމަތީ ދުވާއިރު ފޮށުމަކީ ވަރަށް ދެރަ ކަމެކެވެ.

އެޕޮއިންޓްމަންޓް ހެދުން

މަދުން ދިމާވާ ކަމެކެވެ. ދުވެ ދުވެ ހުއްޓާ ސައިކަލެއްގައި ކައިރީގައި އައިސް ވާހަކަ ދައްކަން ފެށުމެވެ. އަޅުގަނޑުގެ އެޕޮއިންޓްމަންޓެއް ބޭނުންފުޅުނަމަ، އޮފީހުގައި އެދުނީމާ ބައްދަލުކުރާނަމެވެ. ދުވާ ގަޑީގައި އެޕޮއިންޓްމަންޓް ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނަހައްދަވާށެވެ.

މަގުމަތިން ގޮވާލުން

ފަތިހު ދުވަން ދިއުމަކީ ވަރަށް އުފާވެރި ކަމެކެވެ. ވަރަށް ގިނަ ދަންނަ މީހުންނާ ދިމާވެއެވެ. މުޅިން އަލަށް ދިމާވާ މީހުން ފެނުމުން އަދި މާ އުފާވެއެވެ. އެމީހުން، ފުރަތަމަ ހިނގާނެއެވެ. މަޑުމަޑުން، ދުވުމަކަށް ބަދަލުވާނެއެވެ. ގަވާއިދުން ދުވާތާ ދެތިން މަސް ވާއިރު، ރަނގަޅު އިސްޕީޑެއްގައި ދުވާތަން ފެނުމުން އުފާވެއެވެ. ދުވާއިރު ބައްދަލުވާ މީހުން، އެކަކު އަނެކަކަށް ގޮވާލަންވާނީ ދުވާލަކު އެއްފަހަރެވެ. ޢާންމުކޮށް މަގުގެ ދެދިމާއަށް ދުވާނަމަ، މާލެ ވަށައި ދާއިރު ދެފަހަރަކު ދިމާވާނެއެވެ. ދިގުކޮށް ދުވާ ދުވަހަކު ނަމަ، ހައެއްކަ ފަހަރުވެސް ދިމާވެދާނެއެވެ. މިހެން ދިމާވާ ޙާލަތުގައި އެންމެ ފުރަތަމަ ފަހަރު ގޮވާލާ، ގުޑް މޯނިންގް ކިޔާލީމާ ފުދޭނެއެވެ.

މަގުމަތިން ގޮވާލާނަމަ، “އައްސަލާމް އަލައިކުމް”، “ހަލޯ”، “ހައި” ނުވަތަ “ގުޑް މޯނިންގް” އަކުން ފުދޭނެއެވެ. ނިތް އަރުވާލިއަސް އެންމެ ރަނގަޅެވެ. ދުވާ ގަޑީގައި އިތުރު ވާހަކަ ދައްކަވަން ނަހައްދަވާށެވެ. ސްޓްރެޗް ކުރާ ގަޑީގައި ނުވަތަ ވޯމްޑައުން ކުރާ ގަޑީގައި ވާހަކަ ދެއްކެވިދާނެއެވެ. އެގޮތަށްވެސް ވާހަކަ ދެއްކެވުމުގެ ކުރިން، ވާހަކަ ދައްކާލިއަސް އެންމެ ރަނގަޅުތޯ އައްސަވާލެއްވުމަކީ ރީތި އާދައެކެވެ.

ދުވުމަކީ ހަމައެކަނި ހަށިގަނޑުގެ ކަސްރަތެއް ނޫނެވެ. ސިކުނޑީގެވެސް ކަސްރަތެކެވެ. އަޅުގަނޑު، ވަރަށް ގިނަ ފަހަރު މުޅި ދުވަހުގެ ޕްލޭން ރާވާލަނީ ދުވާ ގަޑީގައެވެ. އެގަޑީގައި މީހުންނާ ވާހަކަ ދެއްކުން ދަތިވަނީ އެސަބަބާހުރެއެވެ. އަމިއްލަ ޚިޔާލުތަކާއެކު ވަގުތު ހޭދަކުރުމަކީ ދުވާ މީހުންގެ އާދައެކެވެ.

ފަތިހު ދުވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ވަކި ބަޔަކާ ވަކި ސަރަޙައްދަކުން ދިމާވާނެއެވެ. ޢާންމުކޮށް ދިމާވާ މީހަކު، ދިމާނުވާތާ ހަފްތާއެއް ދެހަފްތާއެއް ވެއްޖެނަމަ، ޙާލު ބަލައިލަން ގުޅާ ލުމަކީވެސް ރީތި އާދައެކެވެ.

ދެމަފިރިން ހިނގުން / ދުވުން

ދެމަފިރިން އެއްކޮށް ދުވަން ނުވަތަ ހިނގަން ނުކުތުމަކީ ވަރަށް އުފާވެރި މަންޒަރެކެވެ. އެމަންޒަރު ރާއްޖެއިން ފެންނަ އިރު، އެންމެ ގިނައިން ފެންނާނީ، ކޮންމެވެސް އެކަކު ދިހަ ވަރަކަށް ފޫޓު ކުރީގައި ހުރެގެން، “ކަފު ޖަހައިގެން” ހިނގާފައިދާ ތަނެވެ. އެހެން ނަހައްދަވާށެވެ. ދެމަފިރިން އެއްކޮށް ހިންގަވާށެވެ. މިހެން ދެންނެވިއަސް، ހަމަ އެއްކޮށް، އެއް ބާރުމިނެއްގައި ހިނގާ / ދުވާ ދެމަފިރިންވެސް މިހާރު މަދެއް ނޫނެވެ.

ކޮންމެ ކަމަކީވެސް ދަސްކުރަންޖެހޭ ކަމެކެވެ. ދުވުމާއެކު އަންނަ، ދުވުމުގެ ސަޤާފަތަކީވެސް ދަސްކުރަންޖެހޭ، ދަސްކޮށްދޭންޖެހޭ ކަމެކެވެ. މިއީ، އެއްބައި މީހުންނަށް ވަރަށް އާދައިގެ ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް، މިއާދަކާދަތައް އަށަގެންނެވިއްޖެނަމަ، ދުވުމަށް ހޭދަކުރައްވާ ގަޑިއެއްހައި އިރަކީ ވަރަށް އުފާވެރި ވަގުތު ކޮޅަކަށް ހެދިދާނެތީ، މިވާހަކަ ލިޔެލީއެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments