ދުވުން (އިންޓަވަލް ޓްރެއިނިންގ) – ވަރުބަލި ފިލުވުން

ފެބްރުވަރީ 5, 2021

ކުރީގެ މަޒުމޫނުގައި ބަލައިލީ އިންޓަވަލް ޓްރެއިނިންގެ ސްޕްރިންޓު ހިމެނޭ ބަޔަށެވެ. ސްޕްރިންޓު ކޮށްގެން ހިތުގެ ހިނގުމަށް ގެންނަ ބަދަލެއްގެ ސަބަބުން މުޅި ޖުމްލަ މީހާގެ ފިޓްނަސް ކުރިއަރުވާ ގޮތުގެ ފަލްސަފާއަށެވެ. އެއާ ގުޅޭ މަސައްކަތުގެ މާޙައުލުގެ ދަރުސަކީ، އެކަމެއް ކުރަން އޮންނަ ގަޑީގައި، އެހެން ހުރިހާ ކަމެއް ދޫކޮށްލާފައިވާ، އެވަގުތަކު ކުރަން އޮންނަ ކަމަކަށް އިސްކަންދިނީމާ ނަތީޖާ ނެރެވޭ މިންވަރު ރަނގަޅުވާނެކަމަށް ބުނާ ފިލާވަޅެވެ.

އިންޓަވަލް ޓްރެއިނިންގް ސެޝަނެއްގެ ދެވަނަ ބަޔަކީ ދެ ސްޕްރިންޓް ދޭތެރޭގައި އޮންނަ ވަރުބަލި ފިލުވުމުގެ ބައެވެ. މިއީވެސް، މުޅި ޓްރެއިނިންގެ މުހިންމު ބައެކެވެ. ވަރުބަލި ނުފިލުވައި ކިތަންމެ ބާރަކަށް ސްޕްރިންޓް ކުރިޔަކަސް ޖުމްލަ ފިޓްނަސް ރަނގަޅެއް ނުވާނެއެވެ. ހުސް ސްޕްރިންޓަށް މޮޅުވުމަކީ ބޭކާރު ކަމެކެވެ. ވަރުބަލި ފިލުވަންވެސް މޮޅުވާންޖެހެއެވެ.

އިންޓަވަލް ޓްރެއިނިންގެ ބާނީ ކޯޗު ވާރލްޑަމަރ ގެރްޝަލަރއާއި ސައިކޮލޮޖިސްޓު ހޭންސް ރެއިންޑެލްގެ ހޯދުމަކީ، ހަށިގަނޑުގެ ލޭގެ ހިނގުން ކުއްލިއަކަށް މަތިކޮށް ދަށްކުރުމަކީ، (ހިތުގެ މަސްތަކަށް ވަކި ހަމައަކުން ޝޮކް ދިނުމަކީ) މުޅި ޖުމްލަ މީހާގެ ދުޅަހެޔޮކަމަށް ވަރަށް އަވަހަށް ކުރިއެރުން ހޯދައިދޭ ކަމެއް ކަމަށެވެ. މިއީ، ކޮންމެ ފެންވަރެއްގެ ދުވުންތެރިއަކަށް ވިޔަސްވެއެވެ. މިނަތީޖާ ނެރުމަށްޓަކައި، ހިތުގެ ހިނގުން، ސްޕްރިންޓު ކޮށްގެން، 170-180 އަށް އެރުވުމަށްފަހު، އަލުން ސްޕްރިންޓު ކުރުމުގެ ކުރިން 120 އަށް ހިތުގެ ހިނގުން ތިރި ކުރަންޖެހެއެވެ.

ހިތަކީ މަސްލްއެއް – ޒިންމާއަކީ ލޭ ޕަމްޕު ކުރުން

ހިތަކީ، އޭގެ ޒާތުގައި ލޭ ޕަމްޕު ކުރުމުގެ ޒިންމާ ހަވާލުވެފައިވާ މަސްގަނޑެކެވެ. އެހެން މަސްތަކެކޭވެސް އެއްފަދައިން، ހިތުގެ މަސްތައްވެސް ވަރުގަދަވަނީ ކަސްރަތު ކުރީމައެވެ. ހިތް ވަރުގަދަ ކުރަން ހަދަނީ ކާޑިއޯ ވަސްކިއުލަރ ކަސްރަތެވެ. މޭމަތީގެ މަސްތައް ވަރުގަދަ ކުރުމަށް ހަދަނީ ޕުޝްއަޕްސްއެވެ. ބުރަކަށީގެ މަސްތައް ވަރުގަދަ ކުރުމަށް ހަދަނީ ޕުލްއަޕްސްއެވެ. ހަމަ އެގޮތަށެވެ.

އިންޓަވަލް ޓްރެއިނިންގައި، ހިތުގެ ހިނގުން މަތިކޮށް ތިރިކުރަން ސްޕްރިންޓް ކުރާއިރު، ވަރުބަލި ފިލުވާ ގަޑީގައި، މިނިޓަކު 120 އަށް ހިތުގެ ހިނގުން ތިރިކުރުމަކީ ސްޕްރިންޓް ކުރުމެކޭ އެއްފަދަ، ނުވަތަ އެއަށްވުރެވެސް މުހިންމު ކަމެކެވެ. ދެ ސެޓުގެ ދޭތެރޭގައި ވަކި ވަގުތެއް (މިސާލަކަށް 1 މިނިޓު ނުވަތަ 2 މިނިޓު) ހަމަކޮށްފައި ހިތުގެ ހިނގުން ތިރިނުވަނީސް އަލުން ސްޕްރިންޓް ކޮށްފިނަމަ، ހިތުގެ މަސްތަކުގެ ނަޒަރުން ބަލާއިރު ވަރުބައްޔެއް ނުފިލައެވެ. ވަރުބަލި ނުފިލަނީސް އަލުން ސްޕްރިންޓް ކޮށްފިނަމަ، ހިތުގެ މަސްތަކަށް ފެންނާނީ ހުސް ސްޕްރިންޓެވެ. ލިބެންވާ ޝޮކެއް ނުލިބެއެވެ. ޝޮކު ނުލިބި، މަސްތައް ވަރުގަދައެއް ނުވެއެވެ. އިންޓަވަލް ޓްރެއިނިންގައި ވަރުބަލި ފިލުވުން ކަމަށް ބަލަނީ ހިތުގެ ހިނގުން މިނިޓަކު 120 އަށް ތިރިވުމުންނެވެ. މީހާގެ ފިޓްނަސް ރަނގަޅުވާ ވަރަކަށް، ހިތުގެ ހިނގުން 180 އިން 120 އަށް ވެއްޓެން ނަގާ ވަގުތު އަވަސްވެއެވެ.

ހުސް ސްޕްރިންޓް ޖަހާނަމަ، ހިތުގެ މަސްތައް ހުންނާނީ އަބަދު މަސައްކަތް ކޮށްކޮށެވެ. އެހިސާބުން މަސްތައް އޯވަރޓްރެއިންވެ، އިންޖަރީވާން ފަސޭހަވެއެވެ. އަލަށް ދުވަން ފަށާ މީހުން އަވަހަށް އިންޖަރީވަނީ މިކަހަލަ ބައެއް ކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ.

ދުވާލަކު 14 ގަޑިއިރު މަސައްކަތް ކުރާ ރޮބޮޓުން

މަސައްކަތުގެ މާޙައުލުގައިވެސް ހަމަ އެގޮތެވެ. މަސައްކަތް ކުރަން ބޭނުންކުރާ މައިގަނޑު ގުނަވަނަކީ ސިކުނޑިއެވެ. ސިކުނޑިއަކީވެސް މަސްލްއެކެވެ. އެހެން މަސްތަކެކޭވެސް އެއް ގޮތަށް، ސިކުނޑިއަށްވެސް ވަރުބަލި ފިލުވަން ވަގުތު ނުދީ އަބަދު ސްޕްރިންޓް ކުރާނަމަ، އެކަށީގެންވާ ފެންވަރެއްގެ މަސައްކަތެއް ނުކުރެވޭނެއެވެ. އޯވަރޓްރެއިންވެ، އިންޖަރީވުން އޮންނާނީ ދާދި ގާތުގައެވެ. އިންޓަވަލް ޓްރެއިނިންގ ސެޝަނެއް ހުސް ސްޕްރިންޓް ސެޝަނަކަށް ބަދަލު ވެއްޖެނަމަ، އެކަމުން ނަތީޖާއެއް ނުލިބޭ ފަދައިން، 24 ގަޑިއިރުގެ ތެރޭގައި ވަރުބަލި ފިލުވުމެއް ނެތި 14 ގަޑިއިރު، ނުވަތަ 18 ގަޑިއިރު މަސައްކަތް ކުރާނަމަ، މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ނުނެރެވޭނެއެވެ.

ޖެހިޖެހިގެން ކޮންމެ ދުވަހަކު ސާދަ ފަނަރަ ގަޑިއިރު މަސައްކަތް ކުރާކަމަށް ބައެއް މީހުން ފަޚުރުވެރިކަމާއެކު ބުނެއެވެ. އަޅުގަނޑުގެ ނަޒަރުގައި އެއީ އެހާ މޮޅު ކަމެއް ނޫނެވެ. މަސައްކަތް ކުރަން ބޭނުންކުރަނީވެސް ހަށިގަނޑުގެ އެނަރޖީ ސިސްޓަމްތަކާއި މަސްތަކެވެ. ވަޒީފާ އަދާކުރާއިރުވެސް، ސްޕްރިންޓަކަށްފަހު ވަރުބަލި ފިލުވަން ޖެހެއެވެ. ސިކުނޑިއަށް އަރާމުކުރަން ވަގުތު ނުދީ އަބަދު “ޖެހިފައި” ހުރުމަކީ، ދިގު މުއްދަތަކަށް ބަލާއިރު އުފެއްދުންތެރި ކަމެއް ނޫނެވެ. ސުވާލަކީ، ސްޕްރިންޓެއްގައި ދެވޭނީ ކިހާ ހިސާބަކަށްތޯއެވެ. ގިނަ ދުވަސް ވަންދެން ރަނގަޅު ނަތީޖާ ނެރެވޭ މަސައްކަތެއް ކުރަން ބޭނުންނަމަ، އަރާމުކޮށް ވަރުބަލި ފިލުވުމަކީ، މަސައްކަތް ކުރުމަށްވުރެ މާ މުހިންމު ކަމެކެވެ.

އަޅުގަނޑުމެންނަކީ އިންސާނުންނެވެ. މެސިނެއް، ރޮބޮޓެއް ނޫނެވެ. ހަށިގަނޑުގެ އެނަރޖީ ސިސްޓަމްތަކާއި މަސްތައް މަސައްކަތް ކުރުމަށް ތަރުތީބުކޮށްފައި އޮތް ނިޒާމަށް ނުތަކާވަރަށް މަސައްކަތް ކުރާނަމަ، އެސިސްޓަމް ފެއިލިވާނެއެވެ. އެއީ، މާތްﷲ އިންސާނުންގެ ހަށިގަނޑު އުފައްދަވާފައި އޮތް ގޮތެވެ. މާތްﷲގެ ކުޅަދުންވަންތަކަމެވެ. ތިޔަ ބައި މީހުންގެ ހަށިގަނޑުގައިވެސް މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެކިތައް ލައްވާފައި ހުރިކަމަށް ވަޙީ ކުރައްވާފައިވަނީ އެހެންވެއެވެ. ވިސްނާ ފިކުރު ކުރާ މީހުންނަށް ޢިބުރަތަކަށެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments