ކެތްތެރިކަން (ޕްރޮސެސް + ސާބިތުކަން) = ނަތީޖާ!

19 ފެބްރުވަރީ، 2021

އިއްޔެއަކީ ވަރަށް ތާރީޚީ ދުވަހެކެވެ. ނާސާއިން މާރސް (މިއްރީޚް) އަށް ފޮނުވި “ޕަރސިވިއަރަންސް ރޯވަރ” މާރސްގައި ޖައްސައިފިއެވެ. މިއީ، 1999 އިން ފެށިގެން މާރސްއަށް ޖައްސަން މަސައްކަތްކުރި 15 ފަހަރުގެ ތެރެއިން ކާމިޔާބުވި 9 ވަނަ ފަހަރެވެ. އެހެން ހުރިހާ ފަހަރުތަކުގައި ވީ ފެއިލެވެ. 2.7 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ޕަރވިސިއަރަންސް ރޯވަރ ރޮބޮޓު މާރސްއަށް ކުރި ދަތުރަކީ 7 މަހުގެ ދަތުރެކެވެ. އެރޮބޮޓެއް އެނބުރިއެއް ނާންނާނެއެވެ. އެރޮބޮޓުން އެއްކުރާ ތަކެތި އަނބުރާ ދުނިޔެއަށް ގެނެވޭނެކަމަށް ބެލެވެނީ 2030 ވަނަ އަހަރުގެ ތެރޭގައެވެ. އެހިސާބަށް އަޅުގަނޑުމެން ޖެހޭނީ ކެތްތެރިވެގެން ތިބޭށެވެ.

އަޅުގަނޑު، ޢުމުރުން 14 އަހަރުގައި، މާލޭ ފިޓްނަސް ކުލަބުގައި މަސައްކަތް ކުރަން ފެށިއިރު، ބޮޑީ ބިލްޑުކުރުމަކީ ވަރަށް ޒަމާނީ ކަމެކެވެ. މިއީ ބޮޑީ ބިލްޑަރު އަފްރާޙުއާއި މަޓޭމެންގެ ރަންޒަމާނެވެ. އޭރު، ޖިމަށް އަލަށް އަންނަ މީހުންގެ އެސެސްމަންޓު ހަދަމުން އަޅުގަނޑުގެ ބޭބެ ޙާމިދު ޢަބްދުލްޣަފޫރު ބުނާނެއެވެ. “އެއްދުވަހަކު ހެނދުނު ހޭލާފަ، ފެންސީ އައިޑިއާއެއް އައިސްގެން، މިއަދު ކޮށްލާނީ ބޮޑީ ބިލްޑޭ ހިތަށް އެރިޔަކަސް ބޮޑީ ބިލްޑެއް ނުކުރެވޭނެ” އެވެ. އަޅުގަނޑު ބޭބެކައިރިން ދަސްކޮށްގެން، ހަމަ އެޢިބާރާތުން މީހުންނަށް ކިޔައިދެމެވެ. ނަމަވެސް، އޭގެ ޙަޤީޤީ މާނައެއް އޭރަކު ނޭނގެއެވެ.

ކެތްތެރިކަމަކީ އޭގެ ޒާތުގައި އެކަނި އޮންނަ ސިފައެއް ނޫނެވެ. ކެތްތެރިވުމަށްޓަކައި ދެކަމެއް ފުރިހަމަވާންޖެހެއެވެ. ފުރަތަމަ ކަމަކީ ޕްރޮސެސްއެއް ނުވަތަ އެކަމެއް ކުރާނެ ގޮތެއް ކަނޑައެޅުމެވެ. ދެވަނަ ކަމަކީ އެޕްރޮސެސްއަށް (ކަންތައް ކުރަން ކަނޑައެޅި ގޮތަށް) އިތުބާރުކޮށް، ސާބިތުކަމާއެކު ދެމިހުރުމެވެ. މިދެސިފަ ފުރިހަމަނުވެއެއް ކެތްތެރިއެއް ނުވެވޭނެއެވެ. ކެތްތެރިވުމުގެ މާނައަކީ، ވަކި ކަމެއް ޙާޞިލުކުރުމަށް ކަމެއް ކުރަން ކަނޑައެޅުމަށްފަހު، އެކަމެއްގައި އިތުބާރާއެކު ސާބިތުވެ ހުރުމެވެ. އިނގިރޭސި ބަހުންނަމަ، ޕަރސިވިއަރަންސްއެވެ. މިއީ، އިންސާނީ ނަސްލު، ނަސްލެއްގެ ގޮތުގައި ޚާއްޞަވާ އެއް އަސާސީ ސިފައެވެ. ކާމިޔާބު ކޮންމެ މީހެއްގައި ހުންނަ ސިފައެކެވެ.

ނާސާގެ ރޮބޮޓަށް ޕަރސިވިއަރަންސްގެ ނަމުން ނަންދިނީ، އެކަމަށް ހުޅުވާލި މުބާރާތަކަށް ހުށަހެޅި 28 ހާސް ނަމުގެ ތެރެއިން، އެނަމަށް އެއްވަނަ ލިބިގެންނެވެ. އެނަން ހުށަހެޅީ، އެމެރިކާގެ ވަރޖީނިއާގެ ޢުމުރުން 13 އަހަރުގެ ދަރިވަރު، އެލެކްޒެންޑަރ މަތަރއެވެ. އޭނާ ނަން ޝަރަޙަކޮށްދިން މަޒުމޫނުގައި ލިޔެފައިވެއެވެ.

ފޮޓޯ: ބީބީސީ

“”ކިއުރިއޯސިޓީ”، “އިންސައިޓް”، “ސްޕިރިޓް”، “އޮޕޯޗިއުނިޓީ” (މީގެ ކުރިން މާރސްއަށް ފޮނުވި ރޮބޮޓުތަކަށް ދީފައިވާ ނަންތައް) އާމެދު ވިސްނާއިރު، މިއީ އިންސާނުންގައި ހުންނަ ޠަބީޢީ ސިފަތަކެކެވެ. އިންސާނުންނަކީ އަބަދުވެސް ކަންކަން ހޯދާ ބަލާހިތްވާ “ކިއުރިއަސް” ބައެކެވެ. ފުރުޞަތުތަކަށް، “އޮޕޯޗިއުނިޓީ” އަށް ބަލަބަލާ ތިބޭ ބައެކެވެ. އިތުރު މަޢުލޫމާތާއި “އިންސައިޓް” ހޯދައި، ހަނދާއި މާރސްއާއި އޭގެ ދުރުވެސް ހޯދައިގަތުމުގެ ރޫޙެއް، “ސްޕްރިޓެއް” ހުންނަ ބައެކެވެ. ނަމަވެސް، ނާސާގެ މިރޮބޮޓަކީ، އިންސާނީ ނަސްލުގެ ސިފަތައް ރަމްޒުކޮށްދޭ އެއްޗެއްކަމަށް ބަލައިފިނަމަ، އެނަންތަކުގައި އެންމެ މުހިންމު އެއް ސިފަ އެބަ މަދުވެއެވެ. އެއީ، ކެތްތެރިކަމާއެކު ސާބިތުވެ ހުރުމެވެ. ޕަރސިވިއަރަންސްއެވެ. އަހަރެމެން އިންސާނުން، މަޚްލޫޤުންގެ ގޮތުގައި، ހުންނަ އެއް ސިފައަކީ، ޙާލަތު ބަދަލުވާ ވަރަކަށް، އެޙާލަތަކަށް ހޭނުމެވެ. ކިތަންމެ އުނދަގޫ ދަތި ޙާލަތެއްވިޔަސްވެހެވެ. މާރސްއަށް ކުރާ ދަތުރުގައި، ގޮންޖެހުންތައް ހުންނާނެއެވެ. ނާކާމިޔާބާވެސް ކުރިމަތިލާންޖެހޭނެއެވެ. ނަމަވެސް، އަހަރެމެން ދާނީ ކުރިއަށެވެ. ޤައުމެއްގެ ގޮތުގައެއް ނޫނެވެ. އިންސާނީ ނަސްލު، ނަސްލެއްގެ ގޮތުގައި އަބަދުވެސް ދާނީ، ކެތްތެރިކަމާއި ސާބިތުކަމާއެކު މުސްތަޤުބަލަށް ހޭނި ކުރިއަރަމުންނެވެ.”

އިސްލާމީ ތާރީޚަށް ބަލާއިރު، ބަދުރު ހަނގުރާމައިގައި މުސްލިމުންގެ ތިބީ 317 ހަނގުރާމަވެރިންނެވެ. މުޝްރިކުންގެ 1300 މީހުންނެވެ. މުސްލިމުންގެ އޮތީ ސާފު ޕްލޭނެކެވެ. ޕްރޮސެސްއެކެވެ. އެއީ، ފުރިހަމަ އީމާންތެރިކަމާއި، ކެތްތެރިކަމާއެކު، ރަސޫލުﷲ (ޞ) ގެ އިރުޝާދުތައް، އަކުރުން އަކުރަށް، ރަނުން ރަނަށް ތަންފީޒުކުރުމެވެ. ނަތީޖާއަކީ، މުސްލިމުންނަށް ކާމިޔާބު ލިބުމެވެ. މުސްލިމުންގެ ތެރެއިން ޝަހީދުވީ 14 ޝަހީދުންނެވެ. މުޝްރިކުންގެ ތެރެއިން 70 އަށްވުރެ ގިނަ މީހުންނެވެ. ކެތްތެރިކަން (ޕްރޮސެސް + ސާބިތުކަން) = ނަތީޖާ!

އުޙުދު ހަނގުރާމައިގައި، މުސްލިމުންގެ 700 އެއްހައި މީހުންނެވެ. މުޝްރިކުންގެ 3000 އެއްހައި މީހުންނެވެ. މުސްލިމުންގެ ތެރެއިން އުޙުދު ފަރުބަދައިގެ މަތީގައި ދުނިދަނޑި ޖަހާ ބަޔަކު ބޭތިއްބެވިއެވެ. ރަސޫލުﷲ (ޞ) އެމީހުންނަށް ވަރަށް ސާފު އިރުޝާދެއް ދެއްވިއެވެ. ހަނގުރާމައިން ކާމިޔާބު ވިޔަސް، ނުވިޔަސް، ފަރުބަދަ ދޫކޮށްލާފައި ނުދިއުމަށެވެ. ހަނގުރާމަ ފެށިގެން، މުސްލިމުންނަށް ކާމިޔާބު ލިބުނުތަން ފެނި، ފަރުބަދަ މަތީގައި ތިބި މީހުން ޣަނީމާ މުދާ ނެގުމަށް ދުއްވައިގަނެވުނީއެވެ. އެހިނދު، ޚާލިދު ބުނި ވަލީދުގެ ވެރިކަމުގައި ތިބި މުޝްރިކުންގެ ބަޔަކު، މުސްލިމުންގެ ފަހަތުން ޙަމަލާދީ މުސްލިމުންނަށް ނިކަން ބޮޑު ނިކަމެތިކަމެއް ދިނެވެ. އެހަނގުރާމައިގައި މުސްލިމުންގެ 85 މީހުން ޝަހީދުވިއެވެ. މިއީ، ކެތްތެރިނުވެ، ޕްރޮސެސްއަށް އިތުބާރު ނުކުރެވުމުގެ ނަތީޖާއެކެވެ.

ހަމަ މި މިސާލު ކުޅިވަރުގައިވެހެވެ. މެންޗެސްޓަރ ޔުނައިޓެޑާއި ބެޔަރން މިއުނިކް، 1999 ވަނަ އަހަރުގެ ޗެމްޕިއަންސްލީގު ފައިނަލު މެޗެވެ. ފައިނަލް މެޗުގައި، 6 ވަނަ މިނިޓުގައި ބަޔަރން މިއުނިކުން ލަނޑެއްޖަހައި ލީޑު ހޯދިއެވެ. ޖަރުމަނުގެ ކުޅަދާނަ ގޯލްކީޕަރު އޮލިވަރ ކާން ގޯލުގައި ހުރެ، މޮޅަށް ކުޅެމުންދިޔައީވެސް ބަޔަރން މިއުނިކެވެ. ބަޔާރން ކުރީގައި އޮވެ މެޗު ނިމެންދާތީ، އިތުބާރު އޮތް މިންވަރުގެ ބޮޑުކަމުން، ކެޕްޓަން ލޮތަރ މަތައެސް، މެޗުގެ 80 ވަނަ މިނިޓުގައި ބަދަލުވެސް ކުރިއެވެ. ތަށި ޔަޤީންވެގެންނެވެ.

މެންޗެސްޓަރ ޔުނިއިޓެޑުގެ ޕްލޭނަކަށް ވެފައި އޮތީ، އެކުލަބުގެ އާދައިގެ މަތިން، މަތިން ބޯޅަ ޖަހައިގެން ކުޅުމެވެ. ކޯނަރުތަކާއި ހިލޭ ޖެހުންތަކުގައި ޑޭވިޑް ބެކަމްގެ ބޭނުން ކޮށްގެން ކާމިޔާބު ހޯދޭތޯ ބެލުމެވެ. އެޕްލޭނުގައި ސާބިތުކަމާއެކު ތިބުމެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 3 މިނިޓުގެ ފުރަތަމަ މިނިޓުގައި، ބެކަމް ނެގި ކޯނަރަކުން، ބަދަލު ކުޅުންތެރިޔާ ޓެޑީ ޝެރިންގްހަމް ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ 30 ސިކުންތު ފަހުން، އަނެއްކާވެސް، ބެކަމް ނެގި ކޯނަރެއްގައި ޓެޑީ ޝެރިންގްހަމް ބޮލުން ޖެހުމުން، ބަދަލު ކުޅުންތެރިޔާ ސޯޝަޔަރ ފައިން ޖަހައި ގޯލަށް ވައްދާލައިގެން، މެޗުގެ ނަތީޖާ ބަދަލު ކޮށްލިއެވެ. މެންޗެސްޓަރ ޔުނިއިޓެޑް ތަށި ކާމިޔާބު ކުރީއެވެ. ކެތްތެރިކަން (ޕްރޮސެސް + ސާބިތުކަން) = ނަތީޖާ!

ވަޒީފާގައިވެސް ކަމެއް ރަނގަޅު ކުރަން ބޭނުންނަމަ، ކުރާނެ ކަމެއް ކަނޑައަޅައި، އެކަމަކަށް އިތުބާރުކޮށް، ސާބިތުކަމާއެކު ދެމިހުރެއްޖެނަމަ، ނަތީޖާ ފެންނާނެއެވެ. ދަރިފުޅާއެކުވެސް އެހެނެވެ. ދަރިފުޅު ކުއްލިއަކަށް ދޯޅެއް ނުވާނެއެވެ. ވަކި ކަމެއް ކުރަން ރާވައިގެން، ކެތްތެރިކަމާއެކު ސާބިތުވެ ހުރުމުން ނަތީޖާ ފެންނާނެއެވެ. އާ ހުނަރެއް ހޯދަން މަސައްކަތް ކުރާއިރުވެސްއެވެ. އަޅުގަނޑު ބްލޮގް ލިޔަން ފަށައިގެން މިއުޅެނީ އަބަދު މާ މޮޅު އެއްޗެހިތަކެއް ލިޔެވޭނެ ކަމަކަށް ނޫނެވެ. ނަމަވެސް، މިކަމުގައި ސާބިތުވެ ހުރެއްޖެނަމަ، ކޮންމެވެސް ދުވަހަކުން މޮޅު ލިޔުންތެރިއަކަށް ވޭތޯއެވެ.

ހެނދުނު ހޭލައިގެން، މިއަދު ކޮށްލާނީ ބޮޑީ ބިލްޑޭ ހިތާ އަންނަ ޒުވާނާއަށް ޙާމިދު ޢަބްދުލްޣަފޫރު އެދެއްވާ ނަޞޭޙަތަކީ، ބޮޑީ ބިލްޑު ކުރަން ކެތްތެރިކަން ބޭނުންވާނެ ވާހަކައެވެ. ޕްރޮސެސްއެއް (ޖިމަށް ގޮސް، ވަކި ތަރުތީބަކުން ކަސްރަތުކޮށް، ކެއުމަށް ބަލައިގެން އުޅުން) ހޯދައި، އެޕްރޮސެސްއަށް އިތުބާރު ކުރަން ދަސްކުރަންޖެހޭ ވާހަކައެވެ. އެކަމުގައި ދުވަސްތަކެއް ވަންދެން ސާބިތުވެ ހުންނަންޖެހޭ ވާހަކައެކެވެ. މިއީ، މާ ގިނަ މީހުންގައި ހުންނަ ސިފައެއް ނޫނެވެ. ބަނޑުގައި ގޮޅި ޖަހާފައި ހުންނަން ހަމަ ކޮންމެ މީހަކުހެންވެސް ބޭނުންވެއެވެ. އެކަން ކުރެވެނީ ވަރަށް މަދު ބަޔަކަށެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments