ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު

ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަކީ، ކުށާއި އަދަބާ ބަޔާންކުރާ މައިގަނޑު އަސާސީ ޤާނޫނެވެ. މިޤާނޫނު އެކުލަވާލުމުގެ މަސައްކަތް ފެށުނީ، 2009 ވަނަ އަހަރުއެވެ. ރައްޔިތުންގެ މަޖިލީހުން މިޤާނޫނުގެ ބިލު ފާސްކުރެއްވީ، 1 އޭޕްރީލް 2014 ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާ އެބިލު ތަޞްދީޤު ކުރެއްވީ 13 އޭޕްރިލް 2014 ވީ އާދީއްތަ ދުވަހުއެވެ.

ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށުމަށް ތައްޔާރު ވުމަށް، 12 މަސްދުވަހުގެ މުއްދަތެއް ލިބުނެވެ. މިމުއްދަތުގެ ތެރޭގައި، އެޤާނޫނަށް ޤާނޫނު ތަންފީޒުކުރާ އިދާރާތައް އަހުލުވެރި ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން، ޔޫއެންޑީޕީގެ އެހީގެ ދަށުން މަޝްރޫޢެއް ހިންގިއެވެ. މަޝްރޫޢުގެ ނަމަކީ “ޕީނަލް ކޯޑު ރޯލްއައުޓް ޕްރޮޖެކްޓް” އެވެ. މިމަޝްރޫޢުގެ ލޯކަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައިވެއެވެ.

ޕީނަލްކޯޑުގެ ރޯލްއައުޓް ޕްރޮޖެކްޓު ރޭވިފައި އޮތް ގޮތަކީ، ލީޑް ކޮންސަލްޓަންޓެއްގެ ގޮތުގައި އަޅުގަނޑު، އެޓަރނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރާ ގޮތަށެވެ. އެމަސައްކަތަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 3 މުވައްޒަފުން، އޭޖީ އޮފީހުން 3 މުވައްޒަފުން، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން 5 އޮފިސަރުން ވީއްލާ ގޮތަށެވެ. ޕްރޮޖެކްޓުގެ މަސައްކަތް ހިންގާނީ މިދެންނެވި 11 މީހުންގެ މައްޗަށް އެކުލެވޭ ޓީމެއްގެ އެހީތެރިކަމާއެކުއެވެ. އަޅުގަނޑާ އެކު މިޕްރޮޖެކްޓުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަކީ؛

  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު އާދަމް މުޙައްމަދު
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު ނޫރުއްސަލާމް އަބޫބަކުރު
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އާމިނަތު އަރީޖު ޙުސައިން
  • އެޓަރނީ ޖެނެރަލްގެ އޮފީހުން، ސްޓޭޓް އެޓަރނީ އަލްއުސްތާޛާ ޝީޒާ ޝަރީފް
  • އެޓަރނީ ޖެނެރަލްގެ އޮފީހުން، ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ
  • އެޓަރނީ ޖެނެރަލްގެ އޮފީހުން އަލްއުސްތާޛާ މަރްޔަމް ޝާނީ
  • މޯލްޑިވްސް ޕޮލިސް ސަރިވސްއިން ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް، އަލްއުސްތާޛު ޙަސަން ޝިފާޢުއެވެ.

ޕްރޮޖެކްޓުގެ އިދާރީ މަސައްކަތް ކޮށްދެއްވީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޞަފޫރާ އަބޫބަކުރެވެ. މީގެ އިތުރުން އަޅުގަނޑުމެންނަށް ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވި، ޢުމުރުން އެންމެ 17 އަހަރުގެ ލުޔާނާ ޢަބްދުލްވާޙިދު(ނޯނާ) އެވެ. .

ފުލުސް އޮފީހުން 5 އޮފިސަރުން ފޮނުވަން އެދުމުން ފޮނުއްވީ 5 މީހުންނާ އެކަށީގެންވާ ވަރުގެ މުރާލި އެއް އޮފިސަރެވެ. މިއިން ކޮންމެ މެންބަރަކުވެސް މިޕްރޮޖެކްޓުގައި މަސައްކަތް ކުރެއްވީ ނުހަނު އިޚްލާޞްތެރިކަމާއެކު ކަމަށް ކަމޭ ހިއްތައިވައިގެންނެވެ. ޕްރޮޖެކްޓު ކާމިޔާބު ކަމާއެކު ނިންމާލުމުގައި މިހުރިހާ ބޭފުޅުން ވަކިވަކިންނާއި ޓީމެއްގެ ގޮތުން ކުރެއްވި އާދަޔާ ޚިލާފު ފެންވަރު ރަނގަޅު މަސައްކަތްތައް ފާހަގަ ކުރަމެވެ.

ޕީނަލް ކޯޑު ރޯލްއައުޓް ޕްރޮޖެކްޓުގައި ޤާނޫނުލްޢުޤޫބާތާބެހޭ އެތައް ގިނަ ކަރުދާސްތަކާއި، ޕްރެޒެންޓޭޝަންތަކާއި، މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށްފައިވާނެއެވެ. އެޕްރޮޖެކްޓުގެ ރިޕޯޓުގައި، މަސައްކަތް ނިމުމަށްފަހުވެސް އެތަކެތި އެއް ތަނަކުން ލިބޭނޭގޮތް ކަށަވަރު ކުރުމަށްޓަކައި ވެބްސައިޓެއް ހަދައި، އެ ވެބްސައިޓުގައި ޝާއިޢު ކުރަން ނިންމާފައިވާނެއެވެ. ވެބްސައިޓެއް ހެދިވެސްމެއެވެ. ނަމަވެސް، މިހާރު އެވެބްސައިޓު ފެންނާކަށް ނެތެވެ.

އެހެންކަމުން، އަޅުގަނޑު ޤަޞްދުކުރީ، އަޅުގަނޑު އަތުގައި ހުރި ހުރިހާ މަޢުލޫމާތެއް، މިދާއިރާ ދިރާސާ ކުރާ މީހުންގެ ލާބައާއި މަންފާއަށް ދޫކޮށްލުމަށެވެ. މިޕޭޖުގައި އަޅުގަނޑަށް ވީ ވަރަކުން އެހުރިހާ މަޢުލޫމާތެއް އަޅަމުން ގެންދާނަމެވެ. އޭރު އުފެއްދި ގޮތަށް އެއްވެސް އުނިއިތުރެއް ނުގެނެހެވެ. އެލިޔުންތައް މިހާރު ޤާނޫނަށް ގެނެވިފައިވާ ބަދަލުތަކާ އެއްގޮތް ނުވެދާނެއެވެ. ދިރާސާ ކުރައްވާ މީހުން އެކަމަށް ސަމާލުވެވެޑައިގަތުން އެދެމެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments