!ދުވުމުގައި ޕޭސް ކުރުން – 1.25 މިލިއަން ޑޮލަރުގެ ސުވާލެއް

މާރިޗު 12، 2021 . ހުކުރު

ދިގު ދުވުމަށް ފަރިތަކުރާ މީހެއްގެ ތަމްރީނު ބެހިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ، އިންޓަވަލް ޓްރެއިނިންގް ، ޕޭސް ރަން (މިއަދުގެ މައުޟޫޢު) އަދި ލޯންގް ރަންއެވެ. ލޯންގް ރަންއަށް ލޯންގް ސްލޯ ޑިސްޓަންސް (އެލް.އެސް.ޑީ) އޭވެސް ކިޔައެވެ. އެލް.އެސް.ޑީގައި ދުވާނީ ރޭހުގައި ދުވާނެ ވަރަށްވުރެ މަޑުން، ގިނައިރުއެވެ. ބޭނުމަކީ، ބުންވަރު އިތުރުކުރުމާއި، ހަކަތައިގެ ގޮތުގައި ސަރުބީ އަންދަން ހަށިގަނޑަށް ދަސްކޮށްދިނުމެވެ.

ދުވުމުގައި ޕޭސްކުރުމަކީ މިލިއަން ޑޮލަރުގެ ސުވާލެކެވެ. އިތިއޯޕިއާގެ ހައިލީ ގަބްރީ ސަލާސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މެރެތަން ދުވުންތެރިޔާއެވެ. އޭނާގެ ކެރިއަރުގައި، އިތިއޯޕިއާގެ 61 ޤައުމީ ރެކޯޑާއި 27 ދުނިޔޭގެ ރެކޯޑު މުގުރާލިއެވެ. މީގެ ތެރޭގައި 2 މެރެތަން ރެކޯޑު ހިމެނެއެވެ. 2008 ވަނަ އަހަރުގެ ދުބާއީ މެރެތަންގައި، ހައިލީ ގަބްރީ ސަލާސީއަށް، އޭނާގެ އަމިއްލަ ދުނިޔޭގެ މެރެތަން ރެކޯޑު މުގުރާލަން، ރޭސް އިންތިޒާމުކުރި ކުންފުނިން 1.25 މިލިއަން ޑޮލަރު ހުށަހެޅިއެވެ. މިއީ، 2 ގަޑިއެއްހައިއިރުގެ ދުވުމަކަށް ރަނގަޅު އިނާމެކެވެ. އޭނާއަށް، އެކަން ކާމިޔާބު ނުވެ، މިލިއަން ޑޮލަރު ގެއްލުނީ 27 ސިކުންތު ޕޭސް ނުކުރެވިގެންނެވެ.

ދުވުމުގައި ޕޭސް ކުރުމޭ ބުނަނީ، ފެށުނީއްސުރެ ނިމެންދެން އެއްވަރެއްގައި ދުވުމަށެވެ. އެއީ ދަސްކުރަންޖެހޭ ހުނަރެކެވެ. ދުވުމުގައާއި ޢާންމު ދިރިއުޅުމުގައިވެހެވެ. ދުވުމުގައި ޕޭސް ކުރުން (ނުވަތަ އެއް ވާނެއްގައި، އެއްވަރަކަށް ދުވުން) ގެ މާނައަކީ، ރޭހުގެ ދިގުމިން (މިސާލަކަށް، 5 ނުވަތަ 10 ކިލޯ މީޓަރު) އަށް، މީހާގައި ހުރި ބުންވަރު، އެއްވަރަކަށް ބަހާލުމެވެ. އަލަށް ދުވާ މީހުންނަށް އެންމެ ގިނައިން ހެދޭ ގޯހަކީ، ރޭހުގެ ފެށޭ ގަޑީގައި މާ ބާރަށް ދުއްވައި ގަނެވުމެވެ. ދިރާގު ބްރޯޑްބޭންޑް ރޭހުގައި މިމަންޒަރު ވަރަށް ސާފުކޮށް ފެންނާނެއެވެ. 80% މީހުން ފަށާނީ ވަރަށް ބާރަށެވެ. މެދުތެރެއިން ވަރުބަލިވެގެން ހިނގަންޖެހޭހާ ބާރަށެވެ. ނިންމަން ދާއިރު، ހިތްވަރު ކޮށްފައި (ފޮޓޯއަށް އަރާފާނެތީ) ދުވާނެއެވެ. މިއީ، ދުވުމުގެ ރަނގަޅު ސްޓްރެޓެޖީއެއް ނޫނެވެ.

ދުނިޔޭގެ ދިގު ދުވުމުގެ ރެކޯޑުތަކަށް ބަލާއިރު، 1500 މީޓަރުން ފެށިގެން މެރެތަންއާ ހަމައަށް، ހުރިހާ ރެކޯޑެއްގައިވެސް، ރޭހުގެ ފަހު ބައި ދުވެފައިހުރީ، ކުރީ ބަޔަށްވުރެ ބާރެވެ. މާނައަކީ، އަބަދުވެސް، ރޭސް ފަށަނީ ދުވަން ޤަޞްދުކުރާ ވަރަށް، ނުވަތަ އެއަށްވުރެ މަޑުންނެވެ. މެދާ ހަމައަށް ދިއުމުން، ހަށިގަނޑުގައި ބުންވަރާއި ހަކަތަ ހުރި ވަރެއް ބެލުމަށްފަހު، ބާކީ ހުރި ރާސްތާއަށް، ހަށިގަނޑުގެ ހަކަތަ ބަހާލައިގެން، ރޭސް ނިމޭއިރު އެއްކޮށް ވަރުބަލިވާ ވަރު ބަލައިގެން ދުވަނީއެވެ. މިއީ ވަރަށް ހުނަރުވެރި ދުވުންތެރިންނަށް ނޫނީ ނުވާ ކަމެކެވެ. ނަމަވެސް، މިއީވެސް ދަސްކުރެވޭ ހުނަރެކެވެ.

ޕޭސް ކުރަން ދަސްކުރަން ހަދަންޖެހޭ ތަމްރީނަކީ، ވަކި ސްޕީޑެއްގައި، ކުރު ރާސްތާތައް ދުވަން ފަރިތަކުރުމެވެ. ވަކި އިސްޕީޑެއްގައި ދުވަން ބޭނުންކުރަންޖެހޭ ހަކަތައިގެ މިންވަރާއި، ފިޔަވަޅުގެ އަވަސްމިނާއި، ނޭވާ ލާންޖެހޭ ގޮތާ ދަސްކުރުމެވެ. މިކަން ފަރިތަކުރުމަށް މިތަމްރީނު ހަދާލެވިދާނެއެވެ. މިސާލަކަށް، ދުވާ ޓްރެކު ވަށާ 3 ބުރު ޖަހާށެވެ. ކޮންމެ ބުރެއް 3 މިނިޓުންނެވެ. ބައިބުރު 90 ސިކުންތުންނެވެ. ކޮންމެ ބުރެއް އެއްވަރަކަށް ދުވެވޭތޯ ބަލާށެވެ. 3 ބުރު ޖަހާފައި ދެ މިނިޓެއްހައިއިރު ވަރުބަލި ފިލުވާފައި އަނެއްކާވެސް ހަމަ އެވަރަށް ދުވެވޭތޯ ބަލާށެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ފަށާއިރު ބާރަށް ނުގޮސް، އެއްވަރަކަށް ދުވުމަށެވެ. ކޮންމެ ބުރެއް 180 ސިކުންތުންނެވެ. 185 ސިކުންތަށްވުރެ މަޑުނުވެ، 175 ސިކުންތަށްވުރެ ބާރު ނުވެވޭތޯ ބަލާށެވެ. (އެމީހެއްގެ ފިޓްނަސްއާއި އިސްޕީޑަށް ބަލައިގެން މިތަމްރީނުގެ ވަގުތުތައް ބަދަލުކޮށްލެވިދާނެއެވެ.) މިގޮތަށް، މަދުވެގެން ހަފްތާއަކު އެއްދުވަހު ތަމްރީނު ކުރާށެވެ. މިކަން ކުރެވޭނީ، އެޕޭހުގައި ހިފަހައްޓަން ބޭނުންވާ ކަންކަން ސިކުނޑިއަށް ވިސްނައިދީގެންނެވެ. ދުވުމަކީ، ހަމައެކަނި ހަށިގަނޑުން ކުރާ ކަމެއް ނޫނޭ އަޅުގަނޑު އަބަދުވެސް ބުނަނީ އެހެންވެގެންނެވެ.

2008 ދުބާއީ މެރެތެންގެ 4 މަސްދުވަސް ކުރިން، 30 ސެޕްޓެމްބަރ 2007 ގައި، އެއަހަރުގެ ބަރލިން މެރެތަންގައި، 2:04:27 އިން ދުވެ، ހައިލީ ގަބްރީ ސަލާސީ ވަނީ ދުނިޔޭގެ މެރެތަން ރެކޯޑު މުގުރާލާފައެވެ. ދުބާއީ ރޭހުގެ 9 މަސް ފަހުން، 28 ސެޕްޓެމްބަރ 2008 ދުވަހު އޮތް 2008 ބަރލިން މެރެތަންގައި އޭނާގެ އަމިއްލަ ރެކޯޑު އަލުން މުގުރާލިއެވެ. އެފަހަރު ދުވީ 2:03:59 އިންނެވެ. އެހެންކަމުން، އޭނާއަކީ، ރަނގަޅު ޕްލޭނަކާ އެއްކޮށް ދުވެފިނަމަ، ރެކޯޑު މުގުރާލެވޭވަރުގެ ފިޓްނަސް ހުރި ދުވުންތެރިއެކެވެ. ނަމަވެސް 1.25 މިލިއަން ޑޮލަރުގެ އިނާމު އޮތް ދުބާއީ ރޭސް އޭނާއަށް ނިންމުނީ، 2:04:53 ސިކުންތުންނެވެ. އޭނާއާ، 1.25 މިލިއަން ޑޮލަރާ ދެމެދު އޮތީ 27 ސިކުންތެވެ.

މެރެތަން ރޭހެއްގެ ދިގުމިނަކީ 42.2 ކިލޯ މީޓަރެވެ. މިއީ، މާލެ ވަށައި 8 ބުރެވެ. ހާފް މެރަތަންއަކީ 21.1 ކިލޯ މީޓަރެވެ. މެރަތަނަކަށްވަނީ، ދެ ހާފް މެރެތަން އެއްކޮށްލީމައެވެ.

2008 ދުބާއީ މެރެތަންގައި، ދުނިޔޭގެ ރެކޯޑު ހަދައި، 1.25 މިލިއަން ޑޮލަރު ހޯދުމަށްޓަކައި ގަބްރީ ސަލާސީގެ ޕްލޭނަކަށް ވެފައި އޮތީ، ރޭސް ދެބަޔަކަށް ބަހައި، ފުރަތަމަ ބައި 1 ގަޑިއިރާ 2 މިނިޓު 15 ސިކުންތުން ދުވުމެވެ. އެއަށްފަހު، ފަހު ބައި، އެއާ އެއްވަރަށް ނުވަތަ އެއަށްވުރެ ބާރަށް ދުވެފިނަމަ، ރެކޯޑު މުގުރާލައި، ފައިސާގެ އިނާމު ލިބޭނެއެވެ. ނަމަވެސް، އެދުވަހު އޭނާއަށް ރޭހުގެ ފުރަތަމަ ބައި ދުވެވުނީ 1 ގަޑިއިރާ 1 މިނިޓު 27 ސިކުންތުންނެވެ. މިއީ، އޭނާ ކަނޑައެޅި ޕޭހަށްވުރެ 48 ސިކުންތު ބާރު މިންވަރެކެވެ. ނަތީޖާއަކަށްވީ، ރޭހުގެ ފަހު ބައިގައި، އެވަރަށް ނުހިފެހެއްޓި، އިސްޕީޑު މަޑުވެގެން ގޮސް، އެންމެ ފަހުން ނިމުނު އިރު، 27 ސިކުންތު ލަސްވީއެވެ. އެއް މިލިއަން ޑޮލަރުގެ ގެއްލުމެކެވެ.

މިއީ، އަޅުގަނޑު އެންމެ ފަހުން ދުވި ރަސްމީ ހާފް މެރެތަންގެ ކިލޯ މީޓަރުތައް ދުވެފައި ހުރި ސިކުންތުތަކެވެ. އެއްވަރަކަށް، ފެށުނީއްސުރެ ނިމެންދެން ދުވުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތްކަމަށް، ދިރާސާތަކުން ދައްކައެވެ.

ދެމީހަކު އެއްކޮށް ދުވާއިރުވެސް، ޕޭސްކުރުމަކީ މުހިންމު ކަމެކެވެ. ދެމީހުން އެއްބަސްވާ ރަނގަޅު ޕޭހެއް ކަނޑައަޅަންޖެހެއެވެ. އެޕޭހަކީ އެކަކަށް މާ ބާރު، ނުކުޅަދާނަ ޕޭހެއްނަމަ، އޭނާއަކަށް ރޭހެއް ނުނިންމޭނެއެވެ. ޕޭސްކުރުމަކީ ހަމައެކަނި ދުވުންތެރިން ދަސްކުރަންޖެހޭ ކަމެއް ނޫނެވެ. އެހެން ކުޅިވަރުތަކުގައިވެސް ޕޭސް ކުރުމަކީ މުހިންމު ކަމެކެވެ. ފުޓުބޯޅައިގައިވެސް، ޓީމުގެ ބުންވަރު ހުރި ވަރެއް ނުބަލައި، ޓީމަށް ނުކުޅަދާނަ ސްޕީޑެއްގައި، މާ އަވަހަށް ކުޅޭ ސްޓައިލަކަށް ކުޅެން އުޅެއްޖެނަމަ، ފަހު ބައިގައި ވަރުބަލިވެ، އިދިކޮޅު ޓީމަށް ފުރުޞަތު ލިބޭނެއެވެ. ކްރިކެޓާއި، ވޮލީއާއި ބާސްކެޓުގައިވެސް ހަމަ އެހެނެވެ.

މިމިސާލު، ހަމަ މިގޮތަށް، ނުވަތަ މިއަށްވުރެ ބޮޑަށް ޢާންމު ދިރިއުޅުމާއި މަސައްކަތުގެ ޙަޔާތުގައިވެސް ފެނެއެވެ. ކޮވިޑް19 އާ ގުޅިގެން، މީގެ އަހަރެއްހައި ދުވަސް ކުރިން ފެށި އޮޕަރޭޝަނުގައިވެސް އަޅުގަނޑުމެނަށް ހެދުނީ ދިރާގު ރޭހުގައި މީހުން ހަދާ ގޯހެވެ. ފުރަތަމަ ހަފްތާގައި، ފުލުހުންނާއި ސިފައިން ނުކުމެ ގޭގެއަށް ފެން އުފުލައިދީ، އިންތިހާއަށް ވަރުބަލިވާ ވަރުގެ މަސައްކަތް ކުރަން ފެއްޓެވިއެވެ. ރަނގަޅު ހިތަކާއިގެންނެވެ. އޭރު، ފިހާރަތަކުގެ ޑެލިވަރީ ސިސްޓަމް މަސައްކަތް ނުކުރާތީއެވެ. ޕޭސް ކުރުމުގެ މުހިންމުކަމެއް އޭރު ވިސްނުނުހެނެއް ހިއެއް ނުވެއެވެ. ނަމަވެސް ފަހުން އެބައި ރަނގަޅު ކޮށްފިއެވެ. ސިފައިންނާއި ފުލުހުން މާބާރަށް ރޭސް ފަށައިގެން، މެދާ ހަމައިން ހުއްޓުމަކީ އަޅުގަނޑުމެންނަށް ރަނގަޅު ގޮތަކަށް ނުވާނެއެވެ.

ޖިނާއީ ޢަދުލުގެ ނިޒާމުގައިވެސް ޕޭސްކުރުމަކީ މުހިންމު ކަމެކެވެ. މިއީ ޓީމު އިވެންޓެކެވެ. ފުލުހުންނާއި ޕީޖީ އޮފީހާއި ކޯޓުތަކުން އެއް ޕޭހެއް ކަނޑައަޅައި، އެއަށް އެއްބަސްވާންޖެހެއެވެ. އެއްބަޔަކު މާ ހަލުއި ވެފައި އަނެއްބަޔަކު އެއާ އެއްވަރަށް ނުދާނަމަ، ހަލުއިކޮށްދާ މީހާ ގޮސް ރޭސް ނިންމާ ރޮނގުގައި މަޑުކޮށްގެން އިންނަންޖެހޭނީއެވެ. ރޭސް ނިމެން އޮތީ އެންމެން އެއްކޮށް ރޭސް ނިންމައިގެންނެވެ. ވީމާ، ޓީމުގެ އެކަކު އަވަހަށް ގޮސްގެން ވާނެ މޮޅެއް ނެތެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments